ބަދަލުވަމުންދާ ޅެންވެރިކަން
ބަދަލުވަމުންދާ ދުނިޔޭގައި ޅެމާއި ޅެންވެރިކަމުގެ
މަފުހޫމު ވެސް ދަނީ ބަދަލުވަމުންނެވެ. އެއްވެސް ކަމެއް
އެއް ގޮތަކަށް އަބަދު ނޯންނާނެ ކަމީ، ދުނިޔެ ދައްކަމުންދާ
ޙަޤީޤަތެކެވެ. ދިވެހި ޅެންވެރިކަމުގެ ތާރީޚަށް ބަލާއިރު
ވެސް މި ޙަޤީޤަތް ހާމަވެ އެވެ. އެކި ޒަމާންތަކުގައި އުޅުނު
ޅެންވެރިން ޅެން ހަދާފައިވަނީ، އެމީހުންގެ ޒަމާނުގައި
އެނގިފައިވާ ޅެންވެރިކަމުގެ އިމުގެ ތެރޭގަ އެވެ.
އެހެންކަމުން، ހުތްއަލިދީދީ ހެއްދެވި ޅެމެއްގެ އިމުގެ
ތެރޭގައި ހުއްޓިގެން ތިބުމަކީ ލާޒިމުކަމެއް ނޫނެވެ.
މިޒަމާނުގައި ޅެމުގެ އާ ބާވަތެއް ދިވެހި
ޅެންވެރިކަމުގެ ތެރެއަށް އުފަންވެފައި ވެ އެވެ. އެ
ބާވަތުގެ ޅަފަތުގައި އެއާމެދު ދެކެމުންދިޔައީ ނުރުހުމުގެ
ނަޒަރުންނެވެ. ކޮންމެ އާ އެއްޗެއްގެ ގޮތް ނޭނގޭއިރު
އެއާމެދު ދެކޮޅުހަދާ ބީދައިންނެވެ. އެއާމެދު ކުރިން
ދެކޮޅުހެދި ބައެއް ފަރާތްތަކުން މިހާރު ވަނީ، އެއީ ޅެމުގެ
ބާވަތެއް ކަމަށް ބަލައިގެންފަ އެވެ. އެހެނަސް އަދިވެސް
ބައެއް ފަރާތްތަކުން އެއީ ވަޒަން ބަހުރުވައިގެ ތެރޭގައި
ހިމެނޭ ޅެމުގެ ބާވަތެއް ކަމަކަށް ބަލައެއް ނުގަނެ އެވެ.
ޅެމުގެ ވަޒަނުގެ މަފުހޫމުވެސް ވަކިގޮތަކަށް ބައްޓަންވެ،
އެމީހުންގެ ހިތްތަކުގައި ބިންވަޅުނެގިފައިވާތީ އެވެ!
ޖަމާޢަތުގެ ޚަބަރުގެ އޭޕްރީލް 2013 ވަނަ ޢަދަދުގެ 17
ވަނަ ޞަފުޙާގައިވާ މަޒުމޫނެއްގައި ވެ އެވެ.
"އާޅެމަކީ، ވަޒަން ބަހުރުވައިގެ ތެރޭގައި ހިމެނޭ ބާވަތެއް
ނޫނެވެ. އެއަކަށް ވަޒަނެއް ނޯންނާނެ އެވެ. އިނގިރޭސި
ބަހުން އެބާވަތުގެ ތަކެއްޗަށް ކިޔަނީ، ފްރީ ލައިންސް އެވެ.
މާނައަކީ، މިނިވަން ފޮޅުވަތްތަކެވެ. އެއީ، ވަކި ވަޒަނަކަށް
ފެތިފައި ނުހުންނަ ޢިބާރާތްތަކެކެވެ."
އަލްފާޟިލް
ޢަބްދުﷲ ޞާދިޤު މިހެން ލިޔުއްވާފައިވަނީ، ޅެމުގެ ތެރެއަށް
"އާޅެމޭ ކިޔާ ބާވަތެއް ވެސް މިހާރު ވަނީ ތަޢާރަފުވެފައި"
ކަމަށް ބުނެވިފައިވާ ބަހަކާމެދު ޚިޔާލު
ފާޅުކުރައްވަމުންނެވެ.
ޢަރަބި ޅެންވެރިކަމުގެ
ނަޒަރުން ބަލާއިރު، ޅެމުގެ އާ ބާވަތަކީ، ވަޒަން
ބަހުރުވައިގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. އެއީ،
ވަޒަނަކަށް ފެތިފައިވާ އެއްޗެއް ކަމުގައި ވާތީ އެވެ.
އިނގިރޭސި ޅެންވެރިކަމުގެ ނަޒަރުން ބަލާއިރު އެއަށް
ވަޒަނެއް ނެތަތީ، ދިވެހި ޅެންވެރިކަން އެއާ ތަބާވާކަށެއް
ނުޖެހެ އެވެ. އެހެން ނަޒަރަކުން ބަލާއިރު، ދިވެހި
ޅެންވެރިކަން އިސްތިޢުމާރުކުރުމުގެ ޙައްޤު، އިނގިރޭސި
ޅެންވެރިކަމަށް ލިބިގެނެއް ނުވެ އެވެ. އިނގިރޭސި
ޅެންވެރިކަމަށްވުރެ ބޮޑަށް، ދިވެހި ޅެންވެރިކަމާ
ގުޅިފައިވަނީ ޢަރަބި ޅެންވެރިކަމެވެ. ދިވެހި
ޅެންވެރިކަމުގެ ތެރެއަށް އުފަންވާ އާ ބާވަތްތަކަށް ވަޒަން
ދިނުމަކީ މުސްތަޙީލު ކަމެއް ނޫނެވެ. އަދި ވަޒަނުގެ
މަފުހޫމު ބަދަލުކުރުމަކީ ވެސް ނުކުރެވޭނެ ކަމެއް ނޫނެވެ.
ޢަރަބި ޅެންވެރިކަމުން ފިލާވަޅެއް
ޢަރަބީންގެ އިހުގެ ޅެމާ ޚިލާފު ބާވަތެއްގެ ޅެމެއް،
ޢަރަބީންގެ ތެރެއަށް މިޒަމާނުގައި އުފަންވި އެވެ. އެއާމެދު
ނުރުހުން ފާޅުކޮށް ފާޑުކިޔުނެވެ. ބައެއް ފަރާތްތަކުން
އެއަށް ކީ ނަމަކީ، "ޤަޞީދަތު ނަޘްރު" (قصيدة نثر) އެވެ.
އެއީ، އޭގެ އެންމެ ހެޔޮ ޙާލުގައި ވެސް، ޅެމެއް ނޫން ކަމަށް
ބައެއް ފަރާތްތަކުން ބުނެފައި ވެ އެވެ. ބައެއް
ފަރާތްތަކުން ބުނެފައިވަނީ، އެއީ، ޅެންވެރިކަމުގެ އަސަރު
ހުރި، ނަޘްރުގެ ތެރޭގައި ހިމެނޭ ލިޔުމުގެ ބާވަތެއް
ކަމަށެވެ. އެހެނަސް އޭގައި ހިފެހެއްޓި ފަރާތްތަކުން އެއީ
ޅެން ކަމަށް ބުނަމުން ގެންދިޔަ އެވެ. އަދި އިހުގެ ޢަރަބި
ސަގާފަތުގައި އޭގެ އަސަރެއް ވޭތޯ ބެލި އެވެ. އެފަދަ
އަސަރެއް ފެނިއްޖެނަމަ، އެއިން ޙުއްޖަތް ދެއްކުމަށްޓަކަ
އެވެ.
އެކަން ކުރި ފަރާތްތަކުން ދެއްކީ މައިގަނޑު
ދެ އެއްޗެކެވެ. އެފަރާތްތަކުން ޙާޞިލުކުރަން ބޭނުންވި
މަޤުޞަދެއް، އެ ދޭތިންކުރެ އެއްޗަކުން ޙާޞިލެއް ނުވި އެވެ.
އެހެނަސް، އަލަން އުފަންވި ޅެމުގެ ބާވަތް ފަނޑެއް ނުވި
އެވެ. ދުވަސްތަކާއެކު އެއިން އިތުރުކުރިތައް ފަޅައި،
އެއަށް އިތުރު އާރޯކަމާއި ދިރުން ލިބުން ނޫން ކަމެއް ނުވި
އެވެ. އޭގެ ބާވަތްތައް ގިނަވެ، އެ ބާވަތްތައް
ތަޞްނީފުކުރުމުގެ ޝަރަފު ވެސް އެއަށް ވަނީ ލިބިފަ އެވެ.
ޅެމުގެ ތެރެއަށް އުފަންވި އާ ބާވަތް ނުވަތަ "ޤަޞީދަތު
ނަޘްރު" (قصيدة نثر) އަކީ، ޅެމުގެ ބާވަތެއްކަން
ބަޔާންކޮށްދިނުމަށްޓަކައި ދެއްކި ދޭތިންކުރެ އެކައްޗަކީ،
ކީރިތި ޤުރުއާނެވެ. އަނެކައްޗަކީ، ކީރިތި މާތް ނަބިއްޔާ
ޞައްލަ ﷲ ޢަލައިހި ވަސައްލަގެ ޝާޢިރު، ޙައްސާނު ބްނު
ޘާބިތު ވިދާޅުވެފައިވާ ބަސްފުޅެކެވެ. އެ ދޭތިންކުރެ
އެއްޗަކުން، ޅެމުގެ އާ ބާވަތަކީ ޅެންކަން ސާބިތުނުކުރެވުނު
ގޮތް ބަޔާންކުރަމުން ކުރިއަށް ދާނަމެވެ.
ކީރިތި
ޤުރުއާން
ކީރިތި ޤުރުއާނަކީ، ޅެން ކަމަށް، އިހުގެ
ބައެއް ޢަރަބިން ވަނީ ސިފަކޮށްފަ އެވެ. އެއީ، ކީރިތި
ޤުރުއާނުގައިވާ ބަހުގެ ރިވެތިކަމާއި، އޭގެ ބަހަވީ ފަންނުގެ
މަތިވެރިކަމަށްޓަކަ އެވެ. އޭގައިވާ ޙައިރާންކުރުވަނިވި
ބަހަވީ އިޢުޖާޒަށްޓަކަ އެވެ. މިހެންވެ، އެމީހުން އެއާ
އެއްފަދަކުރީ، އެމީހުންގެ ސަގާފަތުގައިވާ ބަހުގެ އެންމެ
މޮޅު ބާވަތާ އެވެ. އެއީ، ޅެމެވެ. އެމީހުން، ކީރިތި
ޤުރުއާނަކީ، ޅެން ކަމަށް ސިފަކުރީ ފަހަރެއްގައިވެސް އެއީ
ޅެން ކަމަށް އެމީހުން ހިތުގެ އަޑިން ޤަބޫލުކުރާތީއެއް
ނޫނެވެ. އަދި ވަކި ވަޒަނަކަށް ނުފެތޭ ޢިބާރާތްތަކެއް،
ޅެމަށް ވެދާނެ ކަމުގައި އެމީހުން ޤަބޫލުކުރާތީއެއް ވެސް
ނޫނެވެ.
ކީރިތި ޤުރުއާނަކީ، ޅެން ކަމަށް އެ
ޒަމާނުގެ ޢަރަބީން ޤަބޫލުކޮށްފައި ނުވާކަމުގެ ހެކިތައް
ވަރަށް ގިނަ އެވެ. އެއިން އެއް ހެއްކަކީ، ކީރިތި
ޤުރުއާނަކީ ޅެންތޯ ބެއްލެވުމަށްޓަކައި، ޅެންވެރިއަކު
ކުރެއްވި މުޤާރަނާއެކެވެ. އެ ޅެންވެރިއަކީ،
އަބޫޛައްރުގެފާނުގެ ބޭބެ އަނީސުގެފާނު (أنيس بن جنادة
الغفاري) އެވެ. ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި
ވަސައްލަމަ، ކިޔަވާވިދާޅުވާ ކީރިތި ޤުރުއާނަކީ، ޅެންތޯ
ބެއްލެވުމަށްޓަކައި، ޅެމާ، ކީރިތި ޤުރުއާނާ މުޤާރަނާ
ކުރެއްވި އެވެ. ކީރިތި ޤުރުއާނަކީ، ޅެން ނޫންކަން، އެ
މުޤާރަނާއިން އެކަލޭގެފާނަށް އެނގިވަޑައިގަތެވެ. މިކަން
ބަޔާންކުރައްވަމުން އަނީސްގެފާނު ވިދާޅުވެފައި ވެ އެވެ.
"ހުވާކުރައްވާފައި ވިދާޅުވަމެވެ. އިތުރުއެކަލޭގެފާނު
ކިޔަވާވިދާޅުވާ އެއްޗެހި، ޅެމުގެ ހަމަތަކުގެ މަތީގައި
ބަހައްޓަވައި، ޅެމުގެ ހަމަތަކަށް ފެތޭތޯ ތިމަންކަލޭގެފާނު
ބެއްލެވީމެވެ. ފަހެ، އެޔެއް، އެއްވެސް ބާވަތެއްގެ ޅެމަކާ
އެމުނިއެކުނުލެވެ އެވެ."
މިފަދަ އަނެއް ހެއްކަކީ،
ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އާ
ބެހޭ ގޮތުން، އަލްވަލީދު ބްނުލްމުޣީރާ (الوليد بن المغيرة)
އާއި، ޤުރައިޝުވަންހައިގެ މީހުންނާ ދެމެދުގައި ހިނގާފައިވާ
މުޙާވަރާއެކެވެ. އެ މުޙާވަރާގައި، ޤުރައިޝު ވަންހައިގެ
މީހުން ބުންޏެވެ.
"އިތުރުއެކަލޭގެފާނަކީ،
ޅެންވެރިއެކެވެ."
އަލްވަލީދު ބްނުލްމުޣީރާ
ބުންޏެވެ.
"އިތުރުއެކަލޭގެފާނަކީ، ޅެންވެރިއެއް
ނޫނެވެ. ޅެމުގެ ހުރިހައި ބާވަތެއް ތިމަންމެން ދަންނަމު
އެވެ."
މިފަދަ ހެކިތައް ހުރުމާއެކު، ކީރިތި
ޤުރުއާނަކީ ޅެމުގެ ބާވަތެއް ކަމުގައި ޢަރަބީން ޤަބޫލުކުރި
ކަމަށް ބުނެވޭނެ ޖާގައެއް ނެތެވެ. ކީރިތި ޤުރުއާނަކީ ޅެން
ކަމަކަށް ނުވަތަ އެއީ ޅެން ފަދަ އެއްޗެއް ކަމަކަށް އިހުގެ
ޢަރަބި ޅެންވެރިން ޤަބޫލުކޮށްފައެއް ނުވެ އެވެ. އަދި
އެމީހުންގެ ތަޢުލީމުޔާފުތާއިންނާއި ކަމުވޮށިވެގެންވާ
މީހުން ވެސް އެކަން ޤަބޫލުކޮށްފައެއް ނުވެ އެވެ.
އެހެންވީމާ، އަލަން އުފެދުނު ޅެމުގެ ބާވަތަކީ،
އިހުޒަމާނުގައި ވެސް ޢަރަބީންގެ ތެރޭގައިވާ އެއްޗެއް
ކަމަށް ބުނެ، އެކަމުގެ ޙުއްޖަތެއްގެ ގޮތުގައި ކީރިތި
ޤުރުއާން ދެއްކޭނެ ޖާގައެއް ނެތެވެ.
ޙައްސާނުގެ
ބަސްފުޅު
ޅެމުގެ ތެރެއަށް އަލަށް އުފަންވި
ބާވަތަކީ، އިހުޒަމާނުގައި ވެސް ޢަރަބީންގެ ތެރޭގައި އޮތް
އެއްޗެއް ކަމަށް ދެއްކުނު ދެވަނަ އެއްޗަކީ، މާތް ﷲ
ރުއްސުންލެއްވި ޙައްސާބު ބްނު ޘާބިތު (حسان بن ثابت) ގެ
ބަސްފުޅެކެވެ. އެކަލޭގެފާނު އެ ބަސްފުޅު ވިދާޅުވީ،
އެކަލޭގެފާނުގެ ތުއްޕުޅު ދަރިކަލުން، ޢަބްދުއްރަޙުމާނު
(عبدالرحمن) ވިދާޅުވި ބަސްފުޅަކާމެދުގަ އެވެ.
އެއްދުވަހަކު، އެ ދަރިކަލުންގެ އަތްޕުޅަށް ނުވަތަ
އިނގިލިފުޅަކަށް ކުޅަނދުރެއް ކަށިޖެހި އެވެ. ދެން
ކީރިތިކުރައްވަމުން ބައްޕާފުޅުގެ އަރިހަށް ވަޑައިގެން
އެވާހަކަ އަސަރާއެކު ދެންނެވި އެވެ.
(لَسَعَنِي
طَائِرٌ كَأَنَّهُ مُلْتَفٌّ فِي بُرْدَي حِبَرَة)
މާނައަކީ، "އަހުރެންގެ ގަޔަށް ސޫތްޕެއް ކަށިޖަހައިފި އެވެ.
އޭގައި ޔަމަނުގެ (ރޮނގުދެމި) ދެ ބުރުދާ އޮޅާފައިވާފަދަ
އެވެ."
ދަރިކަލުން މިހެން ދެންނެވުމުން، ޙައްސާނު
ބްނު ޘާބިތު ވިދާޅުވި ކަމަށް ބައެއް މަޞްދަރުތަކުގައި ވެ
އެވެ.
(يَا بُنَيَّ قُلْتَ الشِّعْرَ وَرَبُّ
اْلكَعْبَة)
މާނައަކީ، "ލޮބުވެތި ދަރިކަލުންނޭވެ!
ގެފުޅުވެރި ވެރިރަސްކަލާނގެ ގަންދެއްވައި ވިދާޅުވަމެވެ.
ދަރިކަލުން ތިޔަ ވިދާޅުވީ ޅެމެވެ."
ގެފުޅުގެ
ވެރިރަސްކަލާނގެ ގަންދެއްވައި ހުވާކުރެއްވި ކަމަކަށް،
ބައެއް މަޞްދަރުތަކުގައި ނުވެ އެވެ. އެފަދަ މުޢުތަބަރު
އެއް މަޞްދަރަކީ، އަލްކައްޝާފެވެ.
މި ބަސްފުޅުގެ
ދޭހަ އޮޅުންފިލުވައިދެއްވި އެއް ޢިލްމުވެރިއަކީ،
އައްޒަމަޚުޝަރީ އެވެ. އެކަލޭގެފާނަކީ، ޢަރަބި ބަހުގެ
ފުންނާބުއުސް ބަހަވީ ޢިލްމުވެރިއެކެވެ. އަލްއަޢުރާފު
ސޫރަތުގެ 70 ވަނަ އާޔަތް ތަފުސީރުކުރައްވަމުން، މިފަދަ
ބަސްފުޅުތަކާމެދު އެކަލޭގެފާނު ވިދާޅުވެފައި ވެ އެވެ.
(جعل المتوقع الذي لا بد من نزوله بمنزلة الواقع)
މާނައަކީ، "ޙަޤީޤީ ކަމަކަށް ވާނެކަން ކަށަވަރުވާ
ކަމެއް، ވެފައިވާ ކަމެއްގެ މަޤާމުގައި ލެއްވުމެވެ."
އެހެންވީމާ، ދަރިކަލުން ވިދާޅުވި ބަސްފުޅަކީ،
ޙަޤީޤަތުގައި ޅެމެއް ކަމަކަށް ޙައްސާނު ބްނު ޘާބިތު
ވިދާޅެއް ނުވެ އެވެ. އެކަލޭގެފާނުގެ ހިތްޕުޅުގައި އެހެން
ވިދާޅުވުމުގެ ޤަޞްދެއް ނެތެވެ. އަދި އެކަލޭގެފާނު އެހެން
ވިދާޅުވީ، އެކަލޭގެފާނުގެ ދަރިކަލުންނަކީ،
ޅެންވެރިއެއްކަން އެހެން މީހުންނަށް
ބަޔާންކޮށްދެވުމަށްޓަކައެއް ވެސް ނޫނެވެ. އެކަމަކު އެއީ،
އެވަގުތު ދަރިކަލުންގެ ޙާލަތު ހުރި ގޮތުގެ މައްޗަށް
ރިޢާޔަތް ކުރައްވައި، ދަރިކަލުން މޭފުޅާ
ކާރިކޮށްލެއްވުމަށްފަހު، ދަރިކަލުން
ހަމަޖައްސަވައިލެއްވުމަށްޓަކައި ވިދާޅުވި ބަސްފުޅެކެވެ.
ހާދިސާގެ ސިޔާޤަށް ބަލާއިރު، ދަރިކަލުން ވިދާޅުވި
ބަސްފުޅަކީ، ޙަޤީޤީ ޅެމެއް ކަމުގައި ވިދާޅުވި ކަމަކަށް
ދޭހައެއް ނުވެ އެވެ. ކުދިން ރޯއިރު، ނުވަތަ ކުދިން
ދެރަވެގެން އުޅޭއިރު، އެ ކުދިން ހަމަޖެއްސުމަށްޓަކައި
ރިވެތި ބަސްތައް ބުނުމަކީ މައިންބަފައިން ކުރާ ކަމެކެވެ.
އެހެންވީމާ، ޅެންވެރިކަމުގެ ތެރެއަށް އަލަށް އުފަންވި
ބާވަތަކީ، އިހުގެ ޢަރަބީންގެ ތެރޭގައިވާ ޅެމުގެ ބާވަތެއް
ކަމަށް ބުނެވޭކަށެއް ނެތެވެ. އަދި އެކަން ސާބިތުކޮށްދޭ
ހެއްކެއްގެ ގޮތުގައި، ޙައްސާނު ބްނު ޘާބިތު ވިދާޅުވި
ބަސްފުޅު ދެއްކޭނެ ޖާގައެއް ވެސް ނެތެވެ.
ބަސްފުޅުގެ ވަޒަން
ތުއްޕުޅު ޢަބްދުއްރަޙުމާނު
ވިދާޅުވި ބަސްފުޅަކީ، އިހުޒަމާނުގައި ޢަރަބީން ޅެންހެދި
ވަޒަންތަކުގެ ތެރެއިން ވަޒަނަކަށް ފެތިފައިވާ ބަސްފުޅެއް
ނޫނެވެ. އަދި އެއީ ޅެމުގެ އެހެން ވަޒަނަކަށް ފެތިފައިވާ
ބަސްފުޅެއް ވެސް ނޫނެވެ. އެ ބަސްފުޅުގައި ވަޒަނެއް ވާނަމަ،
އެއީ ސަމާޢީ ވަޒަނެކެވެ. އެކަލޭގެފާނު ވިދާޅުވީ:
(لَسَعَنِي طَائِرٌ كَأَنَّهُ مُلْتَفٌّ فِي بُرْدَي
حِبَرَة) މިހެންނެވެ. މި ބަސްފުޅުގައިވާ (بُرْدَي) ގެ
ބަދަލުގައި އެހެން ރިވާޔަތެއްގައި ވަނީ (بُرْدَتي) އެވެ.
މި ބަސްފުޅުގައި ސަމާޢީ ވަޒަނެއް ވާކަމަށް ބެލެވިދާނެ
އެވެ. އެ ވަޒަން ފާޅުވަނީ، ޅެން ކިޔާ ގޮތަށް ކިޔާއިރުގަ
އެވެ. އެ ވަޒަނަކީ، "ބަސްކިރަން ބަސްކިރަން
ބަސްތައްކިރަން، ބަސްކިރަން ބަސްތައްކިރަން ބަސްކިރަން"
އެވެ. ޢަރަބި ބަހުން ބުނާނަމަ، (فاعلن فاعلن مستفعلن فاعلن
مستفعلن فاعلن) އެވެ. ޢަރަބި ބަހުގެ ޤަވާޢިދާ އެއްގޮތަށް
ބަސްފުޅުގައި ފިލިޖަހައިގެން ކިޔާއިރު، މިވަޒަނަށް
ނުފެތޭނެ އެވެ.
އަނެއް ނުކުތާއަކީ، ބަސްފުޅުގައިވާ
ޝާޢިރީ ވަންތަކަމެވެ. ބަސްމަގު ރިވެތިކަމާއި،
ފުރިހަމަކަމާއި، ފަށުވިކަމާއި، އޭގައިވާ ޝާޢިރީ
މާނައަށްޓަކައި އެއީ، ޝާޢިރީ ބަސްފުޅެއް ކަމަށް
ސިފަކުރެވިދާނެ އެވެ. އެއާމެދު ވާހަކަދައްކަވާ ބައެއް
ފަރާތްތަކުން ދެކޭ ގޮތުގައި، ޙައްސާނު ބްނު ޘާބިތު
ވިދާޅުވި ބަސްފުޅުގެ މަޤުޞަދަކީ އެއީ ކަމަށް ވެދާނެ އެވެ.
އޭގެ މިސާލަކީ، "މިއީ ޝާޢިރީ ތަނެކެވެ." ނުވަތަ "އެއީ
ޝާޢިރީ އަޑެކެވެ." ނުވަތަ "މިއީ ނުހަނު ޝާޢިރީ
ބައްދަލުވުމެކެވެ." މިފަދަ ބަސްތަކެވެ. މި މޭރުމުން
ވިސްނާއިރު، ތުއްޕުޅު ޢަބްދުއްރަޙުމާނު ވިދާޅުވި
ބަސްފުޅަކީ ވެސް ނުހަނު ޝާޢިރީ ބަސްފުޅެކެވެ. އެކަމަކު
އެއީ، އިހުގެ ޢަރަބި ޅެމުގެ މިންގަނޑުން ބަލާއިރު ޅެމެއް
ނޫނެވެ.
ޅެމުގެ ޢުންޞުރާއި ތަރައްޤީ
ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އަކީ،
ޝާޢިރެއް ކަމަށް އިހުގެ ޢަރަބީން ސިފަކުރީ، އޭރު
އެމީހުންނަށް ޝިޢުރާއި ނަޘްރު ނުވަތަ ޅެމާއި ލިޔުން
ވަކިކުރެވިފައި ނުވާތީ ކަމަށް ބައެއް މީހުން ބުނެ އެވެ.
އެހެނަސް އެއީ، ޞައްޙަ ވާހަކައެއް ނޫނެވެ. ޖާހިލިއްޔަ
ޒަމާނުއްސުރެ، ޅެމަކީ ކޮން އެއްޗެއްކަން ޢަރަބީންނަށް ވަނީ
އެނގިފަ އެވެ. ޅެމެއްނަމަ، އޭގައި ހުންނަންޖެހޭނެ ކަމަށް
އެމީހުން ވަނީ ޝަރުޠުތަކެއް ކަނޑައަޅާފަ އެވެ. އެ
ޝަރުޠުތަކުގެ މިންގަނޑުން ބަލާއިރު، ކީރިތި ޤުރުއާން
އެއަކަށް ނުފެތެ އެވެ. ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ
ޢަލައިހި ވަސައްލަމަ އަކީ، ޅެންވެރިއެއް ކަމަށް އެމީހުން
ބުނީ، ފަހަރެއްގައިވެސް ކީރިތި ޤުރުއާނަކީ ޅެން ކަމުގައި
އެމީހުން ޤަބޫލުކުރާތީއެއް ނޫނެވެ. އެމީހުންގެ ގާތުގައި
ޅެމަކީ، ވަޒަނަކަށް ފެތިފައިވާ އެއްޗެކެވެ. އޭގައި
މިޔުޒިކެއް ވާނެ އެވެ. އެއީ، ރާގަކަށް ކިޔޭނެ އެއްޗެކެވެ.
އަދި ލަވައެއްގެ ސިފައިގައި ވެސް ކިޔޭނެ އެއްޗެކެވެ.
ޖާހިލިއްޔަ ޒަމާނުގައި ޢަރަބި ޅެންވެރިކަން
ބިނާވެފައިވަނީ، ފަސް ޢުންޞުރެއްގެ މައްޗަށެވެ. އެއީ،
ނިޔަތާއި، ލަފުޒާއި، ވަޒަނާއި، މާނައާއި، ޤާފިޔާ އެވެ.
މިއިން ޢުންޞުރެއް އުނިވެއްޖެ އެއްޗެއް، ޅެމަކަށް ނުވާނެ
އެވެ. މިސާލަކަށް މީހަކު ބުނި ބަހެއް ނުވަތަ ދެއްކި
ވާހަކައެއް ވަނީ ވަޒަނަކަށް ފެތިފަ އެވެ. އޭގައި
ޤާފިޔާއެއް ވެސް ވެ އެވެ. އެހެނަސް، އޭނާގެ ނިޔަތުގައި
ޅެމެއް ހެދުމުގެ ޤަޞްދު ނެތްކަމަށް ވަނީނަމަ، އެއީ ޅެމެއް
ކަމުގައި ނުވާނެ އެވެ. އަދި ޅެމެއް ހެދުމުގެ ނިޔަތުގައި
އަމުނާލާ ފަތިވަރެއްގައި އެހެން ޢުންޞުރެއް ނެތްކަމަށް
ވަނީނަމަ، އެއީ ވެސް ޅެމެއް ކަމުގައި ނުވާނެ އެވެ.
މި މިންގަނޑުން ބަލާއިރު، ކީރިތި ޤުރުއާނަކީ ޅެމެއް
ނޫނެވެ. އަދި ވަކި ވަޒަނަކަށް ފެތިފައިވާ ޙަދީޘްފުޅެއް
ވެސް ޅެމަކަށް ނުވާނެ އެވެ. ޅެމުގެ ޢުންޞުރުތަކުގެ
ތެރެއިން، "ނިޔަތް" އޭގައި ނުހިމެނޭތީ އެވެ.
މި
މިންގަނޑުން ބަލާއިރު، ޙައްސާނު ބްނު ޘާބިތުގެ ދަރިކަލުން
ޢަބްދުއްރަޙްމާނު ވިދާޅުވި ބަސްފުޅަކީ ވެސް ޅެމެއް ނޫނެވެ.
އެއީ، ޅެމެއް ވިދާޅުވުމުގެ ނިޔަތުގައި އެކަލޭގެފާނު
ވިދާޅުވި ބަސްފުޅެއް ކަމުގައި ނުވާތީ އެވެ. އަދި އޭގައި
ވަޒަނާއި ޤާފިޔާ ވެސް ނުހިމެނޭތީ އެވެ.
އިހުޒަމާނުގައި ޢަރަބި ޅެންވެރިންނަކީ، ހުރިހައި
ވަޒަންތަކަކަށް ޅެން ހެދި ބަޔެއް ނޫނެވެ. އެމީހުން ޅެން
ހަދާފައިވަނީ ވަކި ވަޒަންތަކަކަށެވެ. އަންދަލުސްގެ
މަޝްހޫރު އަދީބު އަދި މުއައްރިޚު، އައްޝަންތަރީނީ (علي بن
بسام الشنتريني) ވިދާޅުވެފައިވާ ގޮތުގައި ދެ ބާވަތެއްގެ
ވަޒަނެއް ވި އެވެ. އެއީ، "މުސްތަޢުމަލު" (مستعمل)
ވަޒަނާއި، "މުހުމަލު" (مُهمَل) ވަޒަނެވެ. އިހުގެ ޢަރަބި
ޅެންވެރިން ޅެން ހެދި ވަޒަންތަކަކީ، މުސްތަޢުމަލު
ވަޒަންތަކެވެ.
ޢަރަބި ޅެންވެރިން ހުރިހާ
ވަޒަންތަކަށް ޅެން ހަދާފައި ނުވާތީ، އެމީހުން ޅެން
ހަދާފައިނުވާ ވަޒަންތައް އިހުމާލުކޮށްލާކަށެއް ނުޖެހެ
އެވެ. މުހުމަލު ވަޒަންތަކަށް ޅެން ހެދުމުގެ ކުޅަދާނަކަން
ލިބިފައިވާ ބަޔަކަށް އެކަން ކުރުމުގެ ފުރުޞަތު އެބައޮތެވެ.
އަދި ޢަރަބީންގެ އިހުގެ ޅެންވެރިކަމަކީ، ޅެންވެރިކަމުގެ
ނިހާޔަތެއް ނޫނެވެ. އޭގެތެރޭގައި ނުހިމެނޭ އެހެން
ބާވަތްބާވަތުގެ ޅެންތައް އީޖާދުކުރުމުގެ ދޮރު ވަނީ
ހުޅުވިފަ އެވެ. ޖާހިލިއްޔަ ޒަމާނަށްފަހު އައި އިސްލާމީ
ޒަމާންތަކުގައި ވެސް ޅެމުގެ އާ ބާވަތްތައް އުފަންވެ،
ޅެންވެރިކަން ތަރައްޤީވަމުންދިޔަ އެވެ. އެހެނަސް، އެއިން
ޒަމާނެއްގައި އުފެދުނު އާ ބާވަތެއްގެ ޅެމަކީ، "އާޅެން"
ކަމަށް ބުނެ އެ ހިސާބުގައި ޅެމާއި ޅެންވެރިކަމެއް ނުހުއްޓެ
އެވެ.
ވަޅުޖެހުމާއި ދިރުން
މިޒަމާނުގައި
ވެސް ޅެމުގެ އާ ބާވަތްތައް އީޖާދުވެ އުފަންވަމުންދެ އެވެ.
އެކި ސަގާފަތުތަކުގައި އެޔަށް އެކިއެކި ނަންނަން ކިޔާފައި
ވެ އެވެ. ދިވެހި ސަގާފަތުގައި އެއަށް ކިޔާފައިވާ އެންމެ
މަޝްހޫރު ނަމަކީ، "އާޅެން" އެވެ. ޢަރަބި ޅެންވެރިކަމަށް
މިޒަމާނުގައި އުފަންވި ޅެމުގެ ބާވަތްތައް ބައެއް
ފަރާތްތަކުން ތަޞްނީފުކޮށް ބައިބަޔަށް ބަހާފައި ވެ އެވެ.
ހަމައެފަދައިން އެއަށް ކިޔުނު ނަންނަމާ މެދު ވެސް ޚިޔާލު
ފާޅުކުރެވި، އެންމެ އެދެވޭ ނަންނަން ދެނެގަތުމަށް
މަސައްކަތްކުރެވިފައި ވެ އެވެ.
ދިވެހި
ޅެންވެރިކަމުގެ ޤުލްޝަނަށް އުފަންވި އާޅެމާމެދު،
ބިނާކުރަނިވި ގޮތެއްގައި ޚިޔާލު ފާޅުކޮށް، ފާޑުކިޔައިގެން
ނޫނީ، އެޔެއް ތަރައްޤީ ނުކުރެވޭނެ އެވެ. އޭގައިވާ
ޅެންވެރިކަމަކީ ކޮބައިތޯ ބަލައި ބަހުސްކުރަންޖެހެ އެވެ.
އޭގައި އެކުލެވޭ މާނަތަކާއި، އޭގެ ވަޒަންތަކާއި، އޭގެ
ހަމަތަކަކީ ކޮބައިތޯ ބަލަންޖެހެ އެވެ. އޭގެ ޢާއިލާ
ހެދިބޮޑުވެގެންދާއިރު، އިތުރު ކުރިތައް ފަޅައި، އޭގެ
ބާވަތްތައް އުފެދިގެންދާނެ ކަމީ ވެސް ޤަބޫލުކުރެވޭ
ކަމެކެވެ.
ދިވެހި ޅެންވެރިކަމުގެ ވާދީއަށް ނަޒަރު
ހިންގައިލާއިރު ފެންނަނީ، ޅެމާއި ޅެންވެރިކަމުގެ މަފުހޫމު
ބަދަލުވަމުންދާ މަންޒަރެވެ. މައިގަނޑު ގޮތެއްގައި ދެ
ބަދަލެއް އަންނަކަން ފާހަގަކުރެވެ އެވެ. އެއް ބަދަލަކީ،
ހުތް ޢަލީ ދީދީ ހެއްދެވި ބާވަތުގެ އަލިޅެމަށް އަންނަމުންދާ
ހީނަރުކަމެވެ. އަނެއް ބަދަލަކީ، އަލަށް އުފަންވި އާ
ބާވަތުގެ ޅެމަށް އަންނަމުންދާ އާރޯކަމެވެ. އަލިޅެމަށް
އަންނަ އެންމެ ބޮޑު ހީނަރުކަމަކީ، ޅެމުގެ ގިންތީގައި
ނުހިމެނޭ، އެހެނަސް ވަޒަނަކަށް ފެތޭ އެއްޗެހިތަކެއް އޭގެ
ތެރޭގައި ގިނަވަމުންދާ ކަމެވެ. އާ ބާވަތުގެ ޅެމަށް އަންނަ
އާރޯކަމަކީ، ފޭރާންހެޔޮ ފަށުއި ޅެންތައް އޭގެތެރެއަށް
އިތުރުވަމުންދާ ކަމެވެ. އަދި ބައެއް ފުންނާބު އުސް
ޝާޢިރުން މިހާރު އެއަށް ބުރަވެވަޑައިގަންނަވާ ކަމެވެ.
ފެންނަ ފެނުމުގައި، ކުރީގެ ޅެން، ކުންނަށް
އެރުމަށްފަހު ތިރިއަށް ފައިބަމުންދަނީ އެވެ. ފަހުގެ ޅެން،
ކުންނަށް އަރަމުންދަނީ އެވެ. ދިވެހި ޅެންވެރިކަމުގެ
މުސްތަޤުބަލު އުޖާލާ ވާނީ، ފަހުގެ ޅެންވެރިކަމަށް
ޖާގަދެވިގެންނެވެ. އެއާއެކު، އިހުގެ ޅެންވެރިކަން
ވަޅުޖެހިގެންދިޔަނުދީ ދަމަހައްޓައިގެންނެވެ. އަދި ޅެމުގެ
އިހުގެ ބާވަތްތަކުގައިވާ މީޒާތަކުގެ ތެރެއިން ގެނެވެން
އޮތް މީޒާއެއް، ފަހުގެ ބާވަތްތަކުގެ ތެރެއަށް
ގެނެވިގެންނެވެ. ދިވެހި އަދަބިއްޔާތުގައިވާ އެންމެ
އަގުބޮޑު އެއް ތަރިކައަކީ، ޅެންވެރިކަމެވެ. ޅެންވެރިކަމަށް
އަންނަ ކޮންމެ އާރޯކަމަކާއި، އޭގެ ހެޔޮ އަސަރު ދިވެހި
އަދަބިއްޔާތުގެ އެހެން ގޮފިތަކަށް ވެސް ކުރާނެކަން
ޔަޤީނެވެ.
އުންމީދީ ޚާތިމާ
ފުންނާބުއުސް
ދިވެހި ޅެންވެރިޔާ، އައްޝާޢިރު އާދަމް ޢަބްދުއްރަޙުމާނު
(އުތީމު) "ޅެންވެރިންގެ ބަހާރު" ގައި (27 މާރޗް 2016 ވީ
އާދީއްތަ ދުވަހު) ވިދާޅުވެފައި ވެ އެވެ.
"އަޅުގަނޑަށް ވިސްނެނީ، ވަޒަނަކީ ޅެމަށް ބޭނުންވާ އެއްޗެއް
ކަމަށް. އާޅެމުގައި ވެސް އަކުރާއި ފިލީގެ ވަޒަނެއް ނެތަސް،
އަސަރާ، މީރުކަމާ، ރިހުން އުފައްދާ ބަސްމަގެއް
ހުންނަންޖެހޭ. އެ ބަސްމަގުން ފޯރުކޮށްދޭ ލައްޒަތަކީ،
ދަންނަވަން ނޭނގޭ އެކަމަކު މާނަވީ ވަޒަނެއް ކަމަށް
ބެލިދާނެ."
ޝާޢިރު ފާޅުކުރައްވާފައިވާ މި
ޚިޔާލުފުޅަކީ، ބުރަދަން ބޮޑު އުންމީދީ ޚިޔާލުފުޅެއް ކަމަށް
ދެކެމެވެ. ދިވެހި އާޅެމުގެ ވަޒަނުގެ މަފުހޫމު
ބަދަލުކޮށްލުމުގެ ފެށުން ކަމަށް މި ޚިޔާލުފުޅު ވެދާނެ
އެވެ. ވިދާޅުވެފައި އެވަނީ، ޅެމުގެ އާ ބާވަތުގައި
ހިމެނެންވީ ވަޒަންތަކުގެ ތެރެއިން އެއް ވަޒަނެވެ. އެ ނޫން
ވަޒަންތައް ވެސް ހިމަނާލެވިދާނެ އެވެ. ކުރުވަޒަނާއި،
ފަޅިވަޒަނާއި، އެނޫން ބާވަތްބާވަތުގެ ވަޒަންތަކެވެ.
މިހާރު އުންމީދުން ފުރެމުންދާ ޅެމަކީ، އަލަށް އުފެދުނު
ޅެމެވެ. އެއަށް "އާޅެން" ނޫން ނަމެއް ދޭން އެބަޖެހެ އެވެ.
އަލަށް އުފެދޭ ކޮންމެ ޅެމަކީ އާޅެން ކަމުގައިވާތީ އެވެ.
އެއީ، ވަޒަންބަހުރުވައިގެ ތެރޭގައި ހިމެނޭ އެއްޗެކެވެ.
ބަދަލުކޮށްލަންވީ މަފުހޫމުތަކެވެ. މިނިވަންވާންވީ،
ނުތަނަވަސްކަމުގެ އިސްތިޢުމާރުންނެވެ. ރުޖޫޢުވާންވީ ފުން
މާނަތަކަށެވެ. އަލަށް އުފެދޭ ޅެމުގެ ބާވަތްތަކާއެކު،
ޅެންވެރިންގެ ވާދީއަށް އާ ދިރުމެއް އަންނާނެ ކަމުގެ
އުންމީދު ވަރަށްވެސް ބޮޑެވެ. އޭގެ ވަޒަނަކީ، "ރާގުފުމޭ
އޮނު" ގެ ވަޒަން ކަމުގައި ވާތީ އެވެ! އޭގެ ލަޙުނަކީ، "ތިޔަ
މިތުރާ ލަވަކިޔަމުންދާ" އިރު އިވޭ ލަޙުނު ކަމުގައި ވާތީ
އެވެ! އަދި "ލަވަ ކިއުމީ މި ވުޖޫދުގެ ސިއްރު" ކަމުގައި
ވެސް ވާތީ އެވެ!!!