މިޞްރުގެ ބޯދާ ބަހުގެ ބަލާޣާ (1)
ޔޫނާނީންގެ ފުށުން ވާރުތަވެފައިވާ ބަލާޣާ (Rhetoric) ގެ
ފިކުރުން ބާރު ލިއްބައިދެނީ، ވާހަކަދެއްކުންތެރިކަމުގެ
މޮޅުކަން އަބަދުވެސް، ފަޞާޙަތެރި ޢިބާރާތްތަކުގައި ވާނެ
ކަމަށެވެ. ބަސްނުބުނެ ހަނުހުރުމަކީ،
ބަސްމޮށުންތެރިކަމުގައިވާ ޚަލަލެއް ކަމަށެވެ. ނުވަތަ
އެކަމުގައިވާ އުނިކަމެއް ކަމަށެވެ.
އެހެނަސް ދުނިޔޭގެ ބިމުގައި ޤާއިމުވި ބިޔަ ޙަޟާރަތެއްގެ
ފުނަށް ނަޒަރު ހިންގައިލާއިރު، ކުޅަދާނަ
ވާހަކަދެއްކުންތެރިއެއް ކަމުގައި ވުމުގެ ބަދީލީ ރައުޔުތައް
ފެނިދެއެވެ. އެ ޙަޟާރަކީ، މިޞްރުގެ ބޯދާ ޙަޟާރަތެވެ. އެ
ޙަޟާރަތުގައި، ބަސްމޮށުންތެރިކަމުގެ ފަޞާޙަތްތެރިކަމަށް
ވަރަށް މަތިވެރި ދަރަޖައެއް ދެވިފައި ވިއެވެ. އެ
ޙަޟާރަތުގެ ބަހުގައިވާ ބަލާޣާ (Rhetoric) ގެ ހަމަތަކުން
އެނގޭ ގޮތުގައި، ހަނު ހުންނަންޖެހޭ ހިނދު، ހަނުހުރުމަކީ،
ބަލާޣާ (Rhetoric) ގެ ޟަރޫރަތެކެވެ. ހަނުހުރުމަށް އެ
ޙަޟާރަތުގައި ވަރަށް ބޮޑު އިޙުތިރާމެއް ދެވިފައި ވިއެވެ.
އެހެންކަމުން، މިޞްރުގެ ބޯދާ ޙަޟާރަތުގައި ބަލާޣާ
(Rhetoric) އެކުލެވިފައި ވަނީ، ބަޔާންކުރުމުގެ
ކުޅަދާނަކަމާއި، ހަނުހުރުމުގެ ޙިކުމަތްތެރިކަމުގެ
މައްޗަށެވެ.
މުޖުތަމަޢު އޮތްގޮތް ދަމަހައްޓައިދޭ އިޖުތިމާޢީ ސުލޫކު
ނެގެހެއްޓުމަށް، އެ ޙަޟާރަތުގެ ބަސްމޮށުންތެރިކަމާބެހޭ
ހަމަތައް ވަރަށް ބޮޑަށް ބާރުއަޅާފައި ވެއެވެ. އެއީ،
އާދަކާދައާއި މުޖުތަމަޢުގެ އަގުތަކަށް ރައްކާތެރިވާ
މުޖުތަމަޢެއް ކަމުގައި ވިއެވެ. ޔޫނާނީންނަށްވުރެ ބޮޑަށް
މިޞްރީންގެ ގާތުގައި ފަޞާޙަތްތެރި ބަސްމޮށުންތެރިކަމަކީ،
މުޖުތަމަޢު ބިނާކޮށް ނަގަހައްޓައިދޭ ބަސްމޮށުންތެރިކަމެވެ.
މުޖުތަމަޢަށް ފާޑުކިޔައި ގަޑުބަޑުއުފައްދާ
ބަސްމޮށުންތެރިކަމެއް ނޫނެވެ.
މިޞްރުގެ ބޯދާބަހުގެ ބަލާޣާ (Rhetoric) އާ ބެހޭގޮތުން
ކުރިން ކުރެވިފައިވާ މަދު ދިރާސާތަކެއް
މުނާޤަޝާކޮށްފައިވަނީ، އޭގައި ހިމެނޭ ބައެއް އަޚުލާޤީ
ބައިތަކާއި، ހަނުހުރުމުގެ މުހިންމުކަމެވެ. މި ދިރާސާގައި
އޭގެ މައްޗަށް އަލިއަޅުވައިލާނީ، ޢަމަލީގޮތުން އެ
މުޖުތަމަޢުގައި ހިމެނިފައިވާ ޖާދުވީ (ސިޙުރީ) ޢުންޞުރެއްގެ
ސިފައިގައެވެ. މިޞްރުގެ އިޖުތިމާޢީ ފޭރާމުގެ ވިއުގައިގެ
ތެރޭގައެވެ.
ޤަދީމީ މިޞްރުގެ ކޮންމެ ތަނަކުންމެ ފެންނަ އެއްޗެއް
ވެއެވެ. އެއީ، ޕިރަމިޑްތަކުގައި ކުރަހާފައިވާ
ކުރެހުންތަކެވެ. ނުވަތަ، ހައިރޯގްލިފް (Hieroglyph)
ނަޤުޝްތަކެވެ. އެއަށް މިޞްރު ފަންނު (الفن المصري) ވެސް
ކިޔައެވެ. ޤަދީމީ މިޞްރުގެ ސަގާފަތާބެހޭ ގޮތުން
ފެތުރިފައިވާ އާންމު ތަޞައްވުރުގައި އެމީހުންނަކީ،
އާދަޔާޚިލާފު (exotic) ބަޔެކެވެ. އެމީހުންނަކަށް އަޑެއް
ނުވެއެވެ. (voiceless) އެހެނަސް، އެމީހުންގެ
އިޢުތިޤާދުތަކާއި، އެމީހުން ވާހަކަދައްކައިއުޅުނު ގޮތާއި،
އެމީހުން ކިޔައިއުޅުނު ވާހަކަތަކަތަކެއް ވެއެވެ.
އެމީހުންގެ އެ ހުރިހައި ބަހަވީ އިންސާނީ އަރުތަތަކަކީ،
(ކުރިން) ހުޅަނގުގެ މީހުން އެމީހުންނާމެދު ދެކޭ ގޮތަށް
އޮތް ކަންތައްތަކެއް ނޫނެވެ.
ޔަޤީންވެ ކަށަވަރުވާ ކަމަކީ، އެފަދަ ވިއުގަވެތި
ސަގާފަތެއްގައި ވާހަކަދެއްކުންތެރިކަން ވަރަށް ބޮޑަށް
ކުރިއަރާފައިވާނެ ކަމެވެ. އެހެނަސް އެ ސަގާފަތުގެ ބަސް،
ފުންކޮށް ދިރާސާކުރެވިފައެއް ނުވެއެވެ. އެކަން ކުރެވިފައި
ނުވަނީ ވަރަށް ބޮޑު ދައްޗެއް ކުރިމަތިވެފައިވާތީ
ކަމާމެދަކު ޝައްކެއް ނެތެވެ. އެ ދައްޗަކީ، މިޞްރުގެ ބޯދާ
ބަހުގެ ލިޔުމުގެ ނިޒާމެވެ. އަދި ހަލާކުނުވެ ވާޞިލުވެފައިވާ
ލިޔެކިއުންތައް ހުރި ޙާލަތުގެ ދެރަކަމެވެ.
އެހެންކަމާއެކުވެސް، އަޅުގަނޑުމެން މިހާރު ވާޞިލުވެފައި
މިވަނީ، ހަމައެކަނި މިޞްރުގެ ބޯދާ ބަހުގެ ހިމޭންކަން
ފޫއަޅުވާލާ ހިސާބަކަށް ނޫނެވެ. ކިއެއްތޯއެވެ. އެ ބަހުގެ
ބަލާޣާ (Rhetoric) ގެ ބައެއް މިންގަނޑުތައް
ތަޙުޤީޤުކުރުމުގެ ތެރެއަށް މިވަނީ ވާޞިލުވެވިފައެވެ. މި
މަޒުމޫނުގައި މުނާޤަޝާކުރާނީ، ޤަދީމީ މިޞްރުގެ
މުޖުތަމަޢުގެ ސަގާފަތުގައި ޢަމަލުކުރެވުނު ބަލާޣާ
(Rhetoric) ގެ ބައެއް މިންގަނޑުތަކެވެ. އެ ރުޖޫޢަވަނީ،
މިޞްރުގެ ޤަދީމީ ރަސްކަމާއި، މެދުތެރޭ ރަސްކަމުގެ
ޒަމާނަށެވެ. އެއީ، މީލާދުގެ ކުރީގެ 3100 ވަނަ އަހަރާއި،
1550 ވަނަ އަހަރާ ދެމެދުގެ ޒަމާނެވެ.
ޤަދީމީ މިޞްރު ބަހުގެ ބަލާޣާ (Rhetoric) ގެ އަސާސީ
ހަމަތައް، މި ދިރާސާގައި ހިމެނޭ މުއްދަތުގެ ތެރޭގައި
ބިނާވެފައިވަނީ، މުޖުތަމަޢުގައި މީހާ ރަނގަޅު މީހަކަށް
ވުމުގެ މައްޗަށެވެ. އެއީ، އޭނާގެ ޚާއްޞަ ދިރިއުޅުމާއި،
އާންމު ދިރިއުޅުމުގައެވެ. ޖުމުލަ ގޮތެއްގައި މިޞްރު މީހުން
ވަނީ، ބަސް މަދު ކުރުމަށް ވަރަށް މަތިވެރި ދަރަޖައެއް
ދީފައެވެ. އެމީހުން އިޢުތިޤާދުގައި، ވާހަކަދެއްކުމަކީ،
ބަލައިލުމެއްނެތި ހިތުހުރި ގޮތަކަށް ކޮށްގެންވާނެ ކަމެއް
ނޫނެވެ. ވާހަކަނުދައްކައި ހަމަހިމޭނުން ތިބުމަށް އެމީހުން
ވަރަށް ބޮޑަށް ބާރުއަޅާފައި ވެއެވެ. އެމީހުންގެ
ނަޒަރުގައި، ވާހަކަނުދައްކައި ހަމަހިމޭނުން ތިބުމަކީ،
ބަލާޣާ (Rhetoric) އާ ގާތްކުރާ މޮޅުއިތުރު ކަމެކެވެ.
ރަނގަޅު މުވާޠިނަކު ބިނާކުރުމަށްޓަކައި ކަނޑައެޅުނު ބަހަވީ
ބަލާޣާ (Rhetoric) ގެ ހަމަތައް، މުޖުތަމަޢު އޮތް
ގޮތުގެމަތީގައި ދެމިއޮތުމުގެ ޙާލަތު ވަރުގަދަކޮށް
ހަރުދަނާކޮށްދިނެވެ. ބަލާޣާ (Rhetoric) ގެ ހަމަތަކުން
ޔޫނާނުގެ މުވާޠިނުންނަށް ކުރިމަތިވި ގޮންޖެހުމާއި،
ދުއްތުރާ، މިޞްރުގެ މުވާޠިނުންނަކަށް ކުރިމައްޗެއް
ނުވެއެވެ. ހައިބަވެތި ޤަދަރުވެރިންގެ ދުލުންނާއި،
އާދަކާދައިގެމަތިން ރައްޔިތުންނަށް އިއްވޭ ބަސްތައް،
އަކުރުން އަކުރަށް ނަގުލުކޮށް، ތަކުރާރުކުރަމުން
ގެންދިއުމަކީ، މިޞްރުގައި ވަރަށް މަތީ ދަރަޖައެއް ދީފައިވާ
ކަމެކެވެ. އެ މުޖުތަމަޢުގެ ހެޔޮލަފާ މުވާޠިނުން،
އިޖުތިމާޢީ މަޤާމާމެދު ސަމާލުވެތިބުމަކީ ޟަރޫރީކަމެކެވެ.
އެމީހުން ވާހަކަދައްކަންޖެހެނީ، ދަރަޖަތައް އޮޅުވާނުލައި
އިޖުތިމާޢީ މަޤާމަށް ރިޢާޔަތްކޮށްގެންނެވެ. ހަމައެފަދައިން
އެމީހުން ވާހަކަދައްކަންޖެހެނީ ތެދު ބަހުންނެވެ.
ހެޔޮލަފާ ރަނގަޅު މުވާޠިނަކު ބިނާކުރުމާބެހޭ
ބަސްމޮށުންތެރިކަމުގެ ހަމަތަކުގެ އިތުރުން، މީހަކު އޭނާގެ
ޚާއްޞަ ދިރިއުޅުމުގައި ވެސް ބަސްމަގު ރީތިކޮށް
ވާހަކަދައްކާނެ ބަލާޣާ (Rhetoric) ގެ ހަމަތަކެއް ވިއެވެ.
ވާހަކަދައްކާއިރު، ތަވާޟުޢުވެރިވުމާއި، ރުޅި މަތަކުރުމާއި،
އަބަދުވެސް ތެދު ބަހުން ވާހަކަދެއްކުން ފަދަ ކަންތައްތައް
އޭގެތެރޭގައި ހިމެނެއެވެ. ތެދު ބަހުން ވާހަކަދެއްކުމަށް
މިޞްރުގެ ބަލާޣާ (Rhetoric) ގެ ބަސްމޮށުންތެރިކަމުގައި
ބާރުއަޅާފައިވާ މިންވަރުން އެނގޭ އެއްޗަކީ، އެއީ ހަރުދަނާ
އަޚުލާޤެއްގެ މަތީގައި ބިނާވެފައިވާ އެއްޗެއްކަމެވެ.
ޙަޤީޤަތުގައި ވެސް އެއީ، ލާމަސީލު ހަމަތަކެކެވެ. ނަމަވެސް
ދުނިޔޭގެ އެހެން އުންމަތްތަކުގެ މީހުންނެކޭ އެއްފަދައިން،
އެމީހުންގެ ތެރޭގައި ވެސް، މުޖުތަމަޢުގެ ހަރުދަނާ އަގުތަކާ
ޚިލާފަށް ބައެއް މީހުން އުޅެފައިވާނެ ކަމަށް
ޤަބޫލުކުރެވެއެވެ.
މުޖުތަމަޢުގެ އަގުތަކަށް ވަރަށް ބޮޑަށް
ރައްކާތެރިވެގެންއުޅޭ މުޖުތަމަޢެއް ކަމުގައި ޤަދީމީ
މިޞްރުގެ މުޖުތަމަޢު ވިއެވެ. މިޞްރުގެ ދިގު ތާރީޚުގެ
ތެރޭގައި، ދިގު މުއްދަތެއް ވަންދެން ފާޅުވެފައިވާ ސަގާފީ
އެއްގޮތްވުމުގެ ސަބަބުން އުފެދިފައިވާ ކުށްހީއެއް ވެއެވެ.
އެއީ، ޤަދީމީ މިޞްރާ މެދު ވާހަކަދައްކާއިރު، އެ
ސަގާފަތުގައި ބަދަލުވުންތަކެއް ހިނގަމުން ނުދާ ކަމުގައި
ހީކޮށް، އެހެން ބުނުމެވެ. އެހެން ބުނެއުޅުމަކީ، އާންމު
ކަމެއް ކަމުގައި ވެފައިވިޔަސް، މިޞްރުގެ ޤަދީމީ
ސަގާފަތުގައި، ހަރުދަނާ ގޮތަކަށް އަތްފުނާއަޅައި ބަލާއިރު،
އެއީ ދާއިމީ ގޮތެއްގައި އެއްގޮތަކަށް ދެމިއޮތް ސަގާފަތެއް
ކަމުގައި ނުބުނެވޭނެއެވެ. ޚާއްޞަކޮށް އެ މުޖުތަމަޢުގެ
ބަހާއި، ބަހަވީ ކަންތައްތައް، ބަދަލުވުމެއް ނެތި، ދިގު
މުއްދަތެއް ވަންދެން ދެމިއޮތް ކަމުގައި ނުބުނެވޭނެއެވެ. އެ
މުޖުތަމަޢުގެ އަހުލުވެރިން ވާހަކަދައްކައިއުޅުނު ބަހަށް
މުލަވީ ބަދަލުތަކެއް އަންނަމުންދިޔައެވެ. ޒަމާނުގެ
ދުވަސްތަކާއެކު، ޤަދީމީ މިޞްރުގެ ބަސް، ތަރުކީބީ ބަހަކުން،
ތަޙުލީލީ ބަހަކަށް ފުރޮޅިގެންދިޔައެވެ. އަދި ބަހުގެ
ޤަވާޢިދަށް ވެސް މައި ބަދަލުތަކެއް އަޔެވެ. އޭގެ އިތުރުން
ބޭރު ބަސްބަހުގެ އަސަރު ވެސް ކޮންމެވެސް ވަރަކަށް
ކުރިއެވެ. އެހެންކަމުން، މީލާދުގެ ކުރީގެ 3100 ވަނަ
އަހަރުން ފެށިގެން، ޤަދީމީ މިޞްރުގެ ބަހުގެ ހަމަތަކާއި،
އޭގެ ބަލާޣާ (Rhetoric) އަށް ބަދަލެއް ނައިސް، މީލާދުގެ
ކުރީގެ 30 ވަނަ އަހަރާ ހަމައަށް ދެމިއޮތް ކަމަށް ބުނުމަކީ
ޞައްޙަ ބަހެއް ކަމުގައި ނުވާނެއެވެ. (މިޞްރުގައި
އިއްތިޙާދީ ރަސްކަމެއް ޤާއިމުކުރެވުނީ، މީލާދުގެ ކުރީގެ
3100 ވަނަ އަހަރުގައެވެ. މިޞްރު އަޅުވެތިކަމުގެ ތެރެއަށް
ވެއްޓުނީ މީލާދުގެ ކުރީގެ 30 ވަނަ އަހަރުހައި ތާނގައެވެ.)
މިޞްރު ބަހުގެ ބަލާޣާ (Rhetoric) އާ ބެހޭގޮތުން ކުރިން
ލިޔެވިފައިވާ ޢިލްމީ ލިއުންތައް، މައުޟޫޢު
ދިރާސާކޮށްފައިވަނީ، އިސްވެ ކަނޑައަޅާ ފަސްމަންޒަރެއްގެ
ކުރިމަތީގައެވެ. ފަހަރެއްގައި، އެކަން ހާމަކޮށްފައެއް
ނޯވެދާނެއެވެ. އެ ފަސްމަންޒަރަކީ، ޤަދީމީ މިޞްރުގެ
ތާރީޚުގެ އެއް ޒަމާނަކަށް ޞައްޙަ ކަމުގައި ބެލެވޭ ކަމެއް،
އެ ތާރީޚުގެ އެހެން ޒަނާނަކަށް ވެސް ޞައްޙަވާނެ ކަމުގައި
ބެލުމެވެ.
މީލާދުގެ ކުރީގެ 1550 ވަނަ އަހަރުހައި ތާނގައި އުފެދުނު
މިޞްރުގެ އައު ދައުލަތުގެ ޒަމާނުގައި، ބަހަވީ މުއައްޘިރާތު
ފާޅުކަން ބޮޑެވެ. އެހެންކަމުން އަޅުގަނޑު ވާނީ، ޤަދީމީ
ދައުލަތުގެ ޒަމާނާއި، މެދުތެރޭ ޒަމާނުގެ ދައުލަތުގެ
ޒަމާނުން މިބައި ވަކިކޮށްފައެވެ. މިބައި
ދިރާސާކުރަންޖެހޭނީ، އެ ދެ ބަޔާ ވަކިންނެވެ. ކުރީ ދެ
ދައުލަތުގެ ޒަމާނުގައި މިޞްރުގެ ސަގާފަތަކީ އޭގެ އަމިއްލަ
ޒާތުގެ އިމުގެ ތެރޭގައި ބަންދުވެފައިވާ ސަގާފަތެކެވެ.
މިޞްރުގެ ބޯދާ ބަހުގެ ބަލާޣާ (Rhetoric) އަކީ، މިއަދާ
ހަމައަށް ވެސް، މުޅިން ތަޙުޤީޤުކޮށް ދިރާސާކުރެވިފައިވާ
އެއްޗެއް ނޫނެވެ. ޤަދީމީ މިޞްރުގެ އަދަބިއްޔާތާބެހޭ
ގޮތުން، މިރިއަމް ލިޝްތިމް (Miriam Lichtheim) ލިޔުއްވި
ފޮތުގެ މުޤައްދިމާގައި، މިޞްރު ބަހުގެ ބަލާޣާ (Rhetoric)
އަށް އަވަސްކަޅިއަކުން އިޝާރަތެއް ކުރައްވާފައި ވެއެވެ.
އޭނާ ވިދާޅުވެފައިވަނީ، "(ޤަދީމީ) މިޞްރު ބަހުގައި ބަލާޣާ
(Rhetoric) އުފެދިގެން އަންނަނީ، ސީދާ ސާދާ ތެދުވެރި
(ޞަރީޙަ) ފިކުރުން ކަމަށެވެ. (އެއާ ޚިލާފަށް) ޔޫނާނީ
ބަހުގައި ބަލާޣާ (Rhetoric) ވަނީ، އެއީ، ޙައްޤު ނޫން
އަމާޒަކަށް (ނަހަމަ ގޮތުގައި) ވާޞިލުވުމަށްޓަކައި ވެސް
ބޭނުންކުރެވިދާނެ އެއްޗެއްގެ ގޮތުގައި ދޫކޮށްލެވިފައި
ކަމަށެވެ." ލިޝްތިމް ދެކެވަޑައިގަންނަވާ ގޮތުގައި،
މިޞްރުގެ ބޯދާ ބަހުގެ ބަލާޣާ (Rhetoric) ބިނާވެފައިވަނީ،
އަޚުލާޤީ ތަރަހައެއްގެ މަތީގައެވެ.
ރިޓޮރިކާ (Rhetorica) މަޖައްލާގެ ފުރަތަމަ ޢަދަދުގައި،
މިޞްރު ބަހުގެ ބަލާޣާ (Rhetoric) ގެ މައްޗަށް ތަންކޮޅެއް
ތަފުޞީލުކޮށް، މައިކަލް ފޮކްސް (Michael Fox) ވަނީ ނަޒަރު
ހިންގަވާފައެވެ. "މިޞްރުގެ ޤަދީމީ ބަލާޣާ" މި މައިގަނޑު
ނަމުގެ ދަށުގައި އޭނާ ލިއުއްވާފައިވާ މަޒުމޫނެއްގައެވެ.
ފޮކްސް ދިރާސާކުރައްވާފައިވަނީ، މިޞްރުގެ ޤަދީމީ
ދައުލަތާއި، މެދުތެރޭ ދައުލަތުގެ ފުރޭފުތަކެވެ. އޭނާ
ބޮޑަށް ބުރަވެވަޑައިގެންފައިވަނީ، "ޙިކުމަތްތެރި
އަދަބިއްޔާތު" (wisdom literature) ގެ ނަން ދެވިފައިވާ
ފުރޭފަށެވެ. ނުވަތަ "ތަޢުލީމުތައް" (instructions) ގެ ނަން
ދެވިފައިވާ ފުރޭފަށެވެ. ބަލާޣާ (Rhetoric)
މުޢާމަލާތުކުރުން އޭނާ ތަޞްނީފުކުރައްވާފައިވަނީ، (canons)
އުޞޫލުތަކަކަށެވެ. އެއީ:
1. ހަނުހުރުން.
2. ޝުޢޫރުތައް ފާޅުނުކޮށް ހިފެހެއްޓުން.
3. ވާހަކަދެއްކުމަށް އެކަށޭނަ ހިނދުކޮޅު ދެނެގަތުން.
4. ފަޞާޙަތްތެރިކަމާއެކު ވާހަކަދެއްކުން.
5. ތެދުބަހުން ވާހަކަދެއްކުން.
ސަގާފަތުގައިވާ އީތޯސް (ethos) ގެ އަގުތަކަކީ، މިޞްރުގެ
މުޢާމަލާތުކުރުންތަކުގައި އަސާސީ އެއްޗެއްކަން، ފޮކްސް
ވަނީ ފާހަގަކުރައްވާފައެވެ. އޭނާ
އެއްބަސްވެވަޑައިގެންފައިވާ ގޮތުގައި، "މިޞްރުގެ ބަލާޣާ
(Rhetoric) ގައި ޙުއްޖަތް ޤާއިމުކުރުމުގެ އަސާސީ މަގަކީ،
އީތޯސް (ethos) ގެ އަގުތަކެވެ." އޭނާ ވަނީ، ޤަދީމީ
މިޞްރުގެ މަޝްހޫރު ވާހަކައެއް ކަމުގައިވާ "ފަޞާޙަތްތެރި
ދަނޑުވެރިޔާގެ ވާހަކަ" ދިރާސާކުރައްވާފައެވެ. އެ
ވާހަކައަކީ، ނަންގަނެވިދިޔަ ފަސް އުޞޫލާ މުޅިން ޚިލާފު
ވާހަކައެކެވެ.
ފޮކްސްގެ މަޒުމޫނަށްފަހު، މިޞްރުގެ ބަލާޣާ (Rhetoric) އާ
ބެހޭގޮތުން، ދެ މުނާޤަޝާއެއް ޝާއިޢުކުރެވުނެވެ. އެ ދެ
މުނާޤަޝާ ޝާއިޢުކުރެއްވީ، ބަރބަރާ ލެސްކޯ (Barbara Lesko)
އާއި، ޖޯޖް ކެނެޑީ (George Kennedy) އެވެ. ލެސްކޯ
ލިއުއްވާފައިވަނީ، ފިރުޢައުނުންގެ ޒަމާނުގައި މިޞްރު
އަންހެނުންގެ މެދުގައި ބަލާޣާ (Rhetoric) އޮތް ގޮތުގެ
މައްޗަށް އަލިއަޅުވާލާފައިވާ މަޒުމޫނެކެވެ. ލެސްކޯ
ފަށްޓަވާފައިވަނީ، ފޮކްސް ވިދާޅުވެފައިވާ
އުޞޫލުތަކުންނެވެ. އެ އުޞޫލުތަކުގެ އަލީގައި އޭނާ
ދިރާސާކުރައްވާފައިވަނީ، އަންހެނުން ލިޔެފައިވާ
ސިޓީތަކެކެވެ. އެ ސިޓީތަކަކީ، ކާތިބަކަށް ކިޔައިދީގެން
އޭނާ ލައްވައި އެއުރެން ލިޔުއްވި ސިޓީތަކެއް ކަމުގައި ވެސް
ވެދާނެއެވެ. އެހެނަސް ފޮކްސް ވިދާޅުވެފައިވާ އުޞޫލުތަކަށް
އެޔެއް ނުފެތެއެވެ. މިކަމާމެދު ލެސްކޯ ވިދާޅުވެފައިވަނީ،
ބަލާޣާ (Rhetoric) ކިޔަވައިދޭ ކަމަށް ބެލެވޭ
މަދްރަސާތަކުގައި، އެ ސިޓީތައް ކިޔައިދިން އަންހެނުން
ތަމްރީނުވެފައި ނުވާ ކަމަށެވެ.
މިދެންނެވި އާދައިގެ ސިޓީތައް ފިޔަވައި، މިޞްރުގެ ބަލާޣާ
(Rhetoric) ގެ އެހެން މިސާލެއް ވެސް ލެސްކޯ
ގެނެސްދެއްވާފައި ވެއެވެ. އޭނާގެ މުނާޤަޝާ
ނިންމަވާލައްވާފައި ވަނީ، ލޯބީގެ ދެ ޅެމަކުންނެވެ. އެ ދެ
ޅެން ހަދާފައިވަނީ، މިޞްރުގެ އާ ދައުލަތުގެ ޒަމާނުގެ ދެ
އަންހެނެކެވެ. އޭނާއަށް ވާޞިލުވެވަޑައިގެންނެވުނު
ނަތީޖާއަކީ، މިޞްރުގެ ބަލާޣާ (Rhetoric) އާ ބެހޭގޮތުން
އޮޅުންފިލާފައިވާ ހަމަތަކާ، މިޞްރުގެ އަންހެނުން
ލިޔެފައިވާ ލިއުންތައް ތަބާނުވާ ކަމެވެ. އެ ހަމަތައް
ނަގާފައިވަނީ، ޖުމްލަ ގޮތެއްގައި ފިރިހެނުން ލިޔެފައިވާ
ލިއުންތަކުން ކަމެވެ.
ޖޯޖް ކެނެޑީ (George Kennedy) 1998 ވަނަ އަހަރު ލިއުއްވި
(Comparative Rhetoric) އެވެ، ކިޔާ ފޮތުގައި
ގެނެސްދެއްވާފައިވަނީ، މިޞްރުގެ ބަލާޣާ (Rhetoric) އާބެހޭ
ޚުލާޞާއެކެވެ. އޭނާ ވަނީ، ފޮކްސް ހާމަކުރައްވާފައިވާ،
މިޞްރުގެ ބަލާޣާ (Rhetoric) ގެ އުޞޫލުތައް
މުނާޤަޝާކުރައްވާފައެވެ. އަދި އޭނާ ވަނީ، "ޕްތާހްހޮޓަޕް" (Ptahhotp)
(بتاح حتب) ގެނެސްދެއްވި ތަޢުލީމުތަކާ ބެހޭގޮތުން
ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވާ ގޮތުގައި، އެ
ތަޢުލީމުތަކަކީ، މިހާތަނަށް އެނގިފައިވާ، އެންމެ ދުވަސްވީ
ބަލާޣާ (Rhetoric) ގެ ތަޢުލީމު ފޮތެވެ.
(ނޯޓް: ވިކިޕީޑިއާގައި ވެއެވެ. "ޕްތާހްހޮޓަޕް" (Ptahhotp)
(بتاح حتب) އަކީ، މީލާދުގެ ކުރީގެ 25 ވަނަ ޤަރުނުގެ
ފަހުކޮޅާއި، 24 ވަނަ ޤަރުނުގެ ކުރީކޮޅުގައި އުޅުނު ޤަދީމީ
މިޞްރުގެ އިސް މަސްއޫލުވެރިއެކެވެ. މިޞްރުގެ ފަސްވަނަ
ޚާންދާނުގެ އަށްވަނަ ރާޖާ ކަމުގައިވާ، "ޖަދު ކާ ރަޢު" (Djedkare
Isesi) (جد كا رع أسيس) ގެ ވަޒީރެއްގެ މަޤާމު އޭނާ
ފުރާފައި ވެއެވެ. އޭނާ، ރިވެތި އުޅުމާއި އަޚުލާޤާ ބެހޭ
ގޮތުން ލިޔެފައިވާ ފޮތަކީ، ވަރަށް މަޝްހޫރު ފޮތެކެވެ.)
ފޮކްސް އާއި، ލެސްކޯ އާއި، ކެނެޑީގެ މަސައްކަތްޕުޅުތަކަށް
ބަލާއިރު، މިޞްރުގެ ޙަޟާރަތުގައި އޮތް ބަލާޣާ (Rhetoric)
އަކީ، އާދައިގެ ފެންވަރެއްގައި އޮތް އެއްޗެއް ނޫންކަން
މޭރުންވެއެވެ. އެހެނަސް، ގިނަ ދިރާސާތަކާއި މުނާޤަޝާތައް
ބުރަވެފައިވަނީ، އެ ސަގާފަތުގެ އަދަބިއްޔާތަށް
އަލިއަޅުވާލުމުގެ މައްޗަށެވެ. ބަލާޣާ (Rhetoric) އަށް
ނަޒަރު ހިންމުގެ މައްޗަކަށް ނޫނެވެ.
މިޞްރުގެ ޤަދީމީ ދައުލަތުގެ ޒަމާނުއްސުރެ ބޭނުންކުރެވުނު
ވިޔައަކުރުގެ މާދަލާތައް، ވާން ޑަރ ވާލީ (Van der Walle)
ދިރާސާކުރައްވާފައި ވެއެވެ. އެއީ، ވަރަށް ބޮޑަށް
ޝައުޤުވެރިކުރުވަނިވި ދިރާސާއެކެވެ. އޭނާ ވިދާޅުވެފައިވާ
ގޮތުގައި، އޭގައިވާ ނަންބަރުތަކަކީ، މިޞްރު މީހުންގެ
ގާތުގައި، "ދީނީ މުޤައްދަސް އަގުތަކެއް ލިބިފައިވާ
އެއްޗެކެވެ." އޭނާ ބަޔާންކުރައްވާފައިވާ ގޮތުގައި،
މިޞްރުގެ ޤަދީމީ ދައުލަތުގެ ޒަމާނުގައި އެ މާދަލާތައް
ބަޔާންކުރެވެނީ، ޅެންބަހުންނެވެ.
ފަހުގެ ތާރީޚެއްގައި ރިންޑްސްބަރގް (Rendsburg) ވަނީ،
"ޣަރަޤުވި ނިޔަމީގެ ވާހަކަ" ނުވަތަ "ގެއްލުނު މާލިމީގެ
ވާހަކަ" ދިރާސާކުރައްވާފައެވެ. އޭނާ އެ ވާހަކަ
ދިރާސާކުރައްވާފައިވަނީ، އަދަބީ އެތައް އުސްލޫބަކުންނެވެ.
އެ ވާހަކައަކީ، މިޞްރުގެ އައު ދައުލަތުގެ ޒަމާނުގެ
ވާހަކައެކެވެ. ރިންޑްސްބަރގް ޚާއްޞަ އަހައްމިއްޔަތެއް
ދެއްވި އުސްލޫބުތަކުގެ ތެރޭގައި، ތަކުރާރުވުމާއި، ޖިނާސް
ފަދަ އުސްލޫބުތައް ހިމެނެއެވެ.
މިޞްރު ބަހުގެ ބަލާޣާ (Rhetoric) ގެ މުޢާމަލާތުތައް
ފަހުމްކޮށް ދެނެގަތުމުގައި، އަދަބީ ދިރާސާތަކުން
އެހީތެރިކަން ލިބޭނެ ކަމީ ޔަޤީންކަމެކެވެ. އެކަން
ކުރަންވާނީ، ބަހަވީ ފިޤުހުގެ ދިރާސާތަކާ އެކުގައެވެ.
ބަހަވީ ފިޤުހުގެ ދިރާސާގެ މިސާލަކީ، "މިޞްރު ބަހުން ޔޫނާނީ
ބަހަށް ނެގިފައިވާ ޢިބާރާތްތަކުގެ ދިރާސާ" އެވެ. އެއީ،
މިޞްރު ބަހާއި، ޔޫނާނީ ބަހާ ދެމެދުގައިވާ ގުޅުމާ
ބެހޭގޮތުން ކުރެވޭ ދިރާސާއެވެ. އެހެންކަމާއެކުވެސް،
މިޞްރުގެ ބަލާޣާ (Rhetoric) ގެ ފިކުރުން އެޒަމާނުގެ
ވާހަކަދެއްކުންތެރިންނަށާއި، ލިއުންތެރިންނަށް
އަސަރުކޮށްފައިވަނީ ކިހިނަކުންކަން ދެނެގަތުމަށް
ބޭނުންކަމަށް ވަނީނަމަ، އިތުރަށް ދިރާސާކުރަން
އެބަޖެހެއެވެ. އައު ދިރާސާތައް ވާންޖެހޭނީ، ބަލާޣާ
(Rhetoric) އަށް އަމާޒުކުރެވިފައިވާ ދިރާސާތަކެއް
ކަމުގައެވެ.