ޤަޠަރުގެ ދެކޮޅުނުޖެހޭ ދައުރުގެ ފަސް މަންޒަރު



މި މަޒުމޫނުގައި އަލިއަޅުވައިލާނީ، ޤަޠަރާއި އުޚުއްވަތްތެރި ޤައުމުތަކާ ދެމެދު އުފެދިފައިވާ މައްސަލައިގެ މައްޗަށެވެ. ބައިނަލްއަޤުވާމީ ގުޅުންތަކުގައި "ދެކޮޅުނުޖެހޭ ދައުރުގެ" ނަޒަރިއްޔާއިންނެވެ. މި ނަޒަރިއްޔާގެ އިމުގެތެރޭގައި، ދައުރުގެ މާނައެއް ވެއެވެ. އެއީ، ޤައުމެއްގެ ޚާރިޖީ ސިޔާސަތު އެކަށައަޅަންތިބޭ ބަޔަކު، އެ ޤައުމުގެ ވަށައިގެންވާ ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ ނިޒާމުގެ ތެރޭގައި، އެ ޤައުމުގެ ސަންތާމެދު ކުރާ އިޖުމާލީ ތަޞައްވުރެވެ.

އެ ދައުރު ކުރެހުމަށް ބޭނުންވާނެ ފުރަތަމަ ބަހާއަކީ، ޤައުމުގެ ޙަޤީޤީ އިމްކާނިއްޔަތާއި، ޙަޔަވީ މައިދާނުގެ ޙަޤީޤަތް ސާފުކޮށް ކަނޑައެޅުމެވެ. (މާސިންގާތޯ، ބިޔަތޯ، ސަރަޙައްދީ ފެންވަރުތޯ ނުވަތަ ކުޑަތޯ ބެލުމެވެ.) ޤައުމުގެ މުހިންމު ޢުންޞުރުތައް އަގުކޮށް ވަޒަންކޮށްގެން މައުޟޫޢީ ގޮތެއްގައި އެކަން ކަނޑައެޅިދާނެއެވެ. އެ ޢުންޞުރުތަކަކީ، ޤައުމުގެ އޭރިއާއާއި، ލޮކޭޝަނާއި، އާބާދީއާއި މީހުންގެ ޠަބީޢަތާއި، އިޤުތިޞާދީ ބާރާއި، ޢަސްކަރީ ބާރާއި، ތަންޒީމީ ބާރެވެ. (މިތާނގައި ތަންޒީ ބާރުގެ މާނައަކީ، ޤައުމު ހިންގުމުގެ އިދާރީ ތަޞައްރަފުފުދުމެވެ.)

ސިޔާސީ މުޙައްލިލަކު، ޤައުމެއްގެ ޙަރަކާތަށާއި، އެ ޤައުމުގެ ދަހިވެތި އުންމީދަށާއި، އެ ޤައުމުގެ ދައުރަށް ފާރަލައި ބަލަމުންދާއިރު، ގުޅިލާމެހިފައިވާ ތިން ކަމެއް ތަޙުލީލުކުރެވިދާނެއެވެ. އެއީ:

1. ޤައުމެއްގެ ގިއުގަނޑުގެ ތެރޭގައި، އެ ޤައުމުގެ ސިޔާސީ ޙާލަތު ސިފަކުރުން. (ސިފަކުރުން)
2. ޤައުމުގެ ޙާލަތު ޝަރަޙަކޮށް، އެ ޤައުމުގެ ހުޅުތައް ތަޝްޚީޞްކުރުން. (ޝަރަޙަކުރުން)
3. ނިމުން ނުވަތަ ނަތީޖާ ދެނެގަތުން. (ދެނެގަތުން)

މި ދެންނެވި ސިފަކުރުމާއި، ޝަރަޙަކުރުމާއި، ދެނެގަތުމުގެ އުސްލޫބުން، ސިޔާސީ މުޙައްލިލަކަށް ޤަޠަރުގެ ޙާލަތު ދިރާސާކުރެވިދާނެއެވެ.

މި މަޒުމޫނުގައި، ސިފަކުރުމާއި، ތަފުސީރުކުރުން ބިނާކުރާނީ، ޤަޠަރުގެ ސިޔާސަތުގައިވާ ދެކޮޅުނުޖެހޭ ދައުރުގެ މައްޗަށެވެ. ޤަޠަރުން ދައްކަމުން ގެންދަނީ، އެ ޤައުމަކީ، ހީވާގި މުސްތަޤިއްލު ޤައުމެއް ކަމަށެވެ. އެހެނަސް އެ ޤައުމުން މުސްތަޤިއްލު ކަމުގެ އެންމެ ދަށް ޝަރުޠުތައް ވެސް ޙާޞިލުކޮށްފައެއް ނުވެއެވެ. އެކަމުގެ ނަތީޖާއަކަށްވީ، "ދެކޮޅުނުޖެހޭ ދައުރު" ގެ އަނދަވަޅަށް މިއަދު ޤަޠަރު ވެއްޓުމެވެ.

އާދޭހެވެ. ފުށުއަރާ ކަންކަމުގެ ތެރޭގައި ދެމިއޮތުމަށް މިއަދު ޤަޠަރު ވަނީ ނުކުޅެދިފައެވެ. ފަލަސްޠީނުގައި ކައްތިރި ވިއްދާ ޙާލު، އިސްރާއީލާއެކު ބަދަހި ގުޅުމެއް ބޭއްވުމެވެ. ގަލްފުގެ ޤައުމުތަކާއެކު އެކުވެރިކަން ބާއްވާ ޙާލު، އީރާނަށް ސުވާސްތިކިއުމެވެ. ޢަރަބި ޤައުމިއްޔަތުގެ ލަވަކިޔާ ޙާލު، ތުރުކީވިލާތުގެ އެޖެންޑާ ތަންފީޒުކުރުމެވެ. ޓެރަރިޒަމާ ދެކޮޅުހަދާ ޙާލު، ޓެރަރިސްޓުންގެ ކަނދުފައްޗަކަށް ވުމެވެ.

ޤަޠަރަކީ، ޤައުމުން ލިބޭ އާމުދަނީގެ މައްޗަށް ބަރޯސާވާ ކުޑަކުޑަ ދައުލަތެކެވެ. އެ ދައުލަތް ހިންގަނީ، އާދަކާދައިގެމަތިން ވެރިކަން ވާރުތަވަމުންދާ "އަމީރިއްޔަ" ނިޒާމެކެވެ. އެ ދައުލަތަކީ، ދުބައި ފަދަ ތަރައްޤީގެ ނަމޫނާއެއް ކަމުގައި ހެދިދާނެއެވެ. އެހެނަސް އަމިއްލައަށް މަތިހަށިނަގައި، ނެތް ބުންވަރު ދައްކައި، ކުރިމަތިލީ މާބޮޑު ތަކުލީފެއް އަދާކުރުމަށެވެ. ހުރިހާ ޢަރަބި ޤައުމުތަކަކީ، ޖުމްހޫރީ ވެރިކަމުގެ ނިޒާމު އޮތް ޤައުމުތަކެއް ކަމަށް ހިތައި، އެ ޤައުމުތަކުގެ އަހުލުވެރިންނަށް، އެ ޤައުމުތަކުގެ ވެރިކަން ވައްޓާލާނެ އިންޤިލާބުތައް ގެންނަށް ދަސްކޮށްދިނުމުގެ ތަކުލީފެވެ! އިސްލާމީ އިއްތިޙާދެއް ޤާއިމުކުރުމުގެ ހުވަފެނެއްގެ ދަޅަމަތީގައެވެ! އެ އިއްތިޙާދުގެ ޚަލީފާއަކީ، ޤަޠަރުގެ އަމީރެވެ! އެމަނިކުފާނު އެ އުއްމަތުގެ އަފުރާދުންނާ މުޚާޠަބުކުރެއްވަނީ، ޤަޠަރުގެ ވެރިރަށް ދައުޙާގައިވާ "މުޙައްމަދު ބްނު ޢަބްދުލްވައްހާބު" މިސްކިތުގެ މިންބަރުންނެވެ! އެމަނިކުފާނުގެ ބަސްފުޅު، ދުނިޔޭގެ ކަންކޮޅުތަކުގައިވާ އުއްމަތުގެ އަފުރާދުންނާ ހަމައަށް ފޯރުކޮށްދެނީ އަލްޖަޒީރާ ޗެނަލުންނެވެ!

ޤަޠަރުން ދުވަހަކުވެސް ހިތަށްވެސް އަރުވާފައިނުވާ ކަންތައްތަކެއް ވެއެވެ. އެއީ:

ވަގުތީ މަޞްލަޙަތުތައް (އިސްރާއީލާއި އެމެރިކާއާ އެކު) ދާއިމަށް ދެމިނޯންނާނެ ކަމެވެ.

ދައުލަތެއްގެ ބަހާތަކެއް ނެތި، މާސިންގާ ބިޔަ ދައުރެއް އަދާކުރާ މަންޒަރު ދެއްކުމަށްޓަކައި، ބިލިއަނުން ހޭދަކުރާ ހޭދަކުރުމަށް ދިގު ޢުމުރެއް ނުލިބޭނެ ކަމެވެ.

ހަމަނުޖެހުން އުފައްދަން މަސައްކަތްކުރާ ޓީވީ ޗެނަލަކާއި، މަޖޫރީންގެ މީޑިއާއެއް ދުވަހަކުވެސް ޤައުމީ ބާރެއްކަމުގައި ނުވާނެ ކަމެވެ. ޚާއްޞަކޮށް އޭގައި ހިމެނޭ ކޮންޓެންޓްތަކުގެ ޖަޒުބާތުގައި ޖެހިފައިވަނީ، ޤަޠަރުގެ ފައިސާއާއި ވަސީލަތްތަކުން ބައިއަޅާ އިދިކޮޅު ދެ އޮއިވަރު ކަމުގައި ވާނަމައެވެ. (އެއީ، އަލްޖަޒީރާ ޓީވީ ޗެނަލުގެ ޙާލަތެވެ.) އެއިން އެއް އޮއިވަރު ތަމްސީލުކުރަނީ، މުސްލިމް ބްރަދަހުޑުގެ އިޚުވާނުންނެވެ. އަނެއް އޮއިވަރު ތަމްސީލުކުރަނީ، ޤައުމީ ފިކުރުގެ ތެރެއިން ބިކަތެޅޭ މީހުންނެވެ. ދައުޙާގައިވާ ޤަޠަރު ރިޔާލައިގެ މަސަންދުގެ މަތީގައި މެނުވީ، އެ ދެބައިމީހުންނަކު އެއްގަލަކަށް ނާރައެވެ.

ބަޔާންވެދިޔަ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، "ޤަޠަރުގެ ދެކޮޅުނުޖެހޭ ދައުރު" ގެ ފަސް މަންޒަރު ހާމަކުރެވިދާނެއެވެ.


ފުރަތަމަ މަންޒަރު:

ކޮންމެ މައްސަލައެއް ކުރިމަތިވާއިރަށް، ޤަޠަރު ދުއްވައިގަންނަނީ، އިސްރާއީލުގެ ވެރިރަށް ތަލްއަވީވަށެވެ! އެކަން ވަނީ، ޤަޠަރުގެ ކުރީގެ ޚާރިޖީ ވަޒީރު، ޙަމަދު ބްނު ޖާސިމުގެ ލީކްވުންތަކުން ކަށަވަރުވެފައެވެ. އޭނާ ހީކުރީ، އެމެރިކާ ހިޔަޅެއްގެ ހިޔަޅުވަންތަކަން ނެތަސް، އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ކީސެންޖަރ ކަމުގައި ވެވިދާނެ ކަމަށެވެ! ނަތީޖާއަކަށްވީ ކާޅުހިނގުން ވެސް ހިނގަން ނޭގި އެކޮޅުކޮޅުން ހިނގުމެވެ. ކިއެއްހެއްޔެވެ. ކުރީގެ ސަޢޫދީ ޚާރިޖީ ވަޒީރު ނަކަލުކުރަން އުޅެ، ޑިޕްލޮމެޓިކް ބަލާޣާތްތެރިކަމުގައި ދޫއޮޅުން ނޫން ކަމެއް އޭނާއަކަށް ނުކުރެވުނެވެ! ޤަޠަރުގެ ކުރީގެ ޙަމަދާއި، ފަހުގެ ޙަމަދުގެ މިޒާޖު މުޅީން އެއްގޮތެވެ. އާދޭހެވެ. އީރާނުގެ ދޫލައެއްގެ މަތީގައި ތިބެ، ތުރުކީ ކަބާބު ކާއިރު، ޢަރަބި ކަދުރާއި، ނީލަކޯރުގެ ފެނަކު އެއުރެންނަކަށް މީރުރަހައެއް ނެތެވެ!


ދެވަނަ މަންޒަރު:

ޤައުމުތަކާ ދެކޮޅަށް ތެދުވެ، އެ ޤައުމުތަކުގެ މައްޗަށް ދުޝްމަނުވާ މީހުންނަށް ޤަޠަރުން ޙިމާޔަތްދެއެވެ. އަދި ބައިނަލްއަޤުވާމީ ފެންވަރުގައްޔާއި، ޢަރަބި ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ޓެރަރިސްޓުންނަށާއި، ޓެރަރިސްޓު ޖަމާޢަތްތަކަށް މެހުމާންދާރީ އަދާކުރެއެވެ. މި މަޤާމުގައި ކުރަންޖެހޭ ކަމަކީ، ޓެރަރިސްޓުންގެ ނަންތައް ބަޔާންކޮށްފައިވާ ލިސްޓުތަކުގެ ޞައްޙަކަމާއި، އޭގައިވާ ކުށްތަކާމެދު ސުވާލު އުފެއްދުމެއް ނޫނެވެ. އެކަމަކު، ކުޑަކުޑަ ޤަޠަރަކީ، ބޮޑެތި ޢަރަބި ބާރުތަކަށް ގޮންޖަހާލެވިދާނެ ފަރާތެއްތޯ ނުވަތަ ނޫންތޯ ސުވާލު އުފެއްދުމެވެ. ބޮޑެތި ޢަރަބި ބާރުތައް ވަނީ، އެ ބާރުތަކާ އިދިކޮޅު ފަރާތްތަކުގެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި ޙިމާޔަތުގެ ކިއްލާތަކާއި ފާރުތައް ބިނާކޮށްފައެވެ. އަދި އދ. އިން ޤައުމެއްގެ ގޮތުގައި ޤަޠަރު ޤަބޫލުކުރުމުގެ މާއިހުއްސުރެ، އެ ޤައުމުތަކުގެ ދުޝްމިނުންނާ މުޢާމަލާތުކުރަން ފަރިތަވެފައެވެ.


ތިންވަނަ މަންޒަރު:

ސަޢޫދީ ޢަރަބިއްޔާ އާއި، ގަލްފުގެ ޤައުމުތަކުގައި އާރާސްތުވެފައިވާ ޢަސްކަރީ އިސްތިރާޖީ ޕްލޭންތަކަށް ޤަޠަރުން ލޮޅުންއަރުވަން މަސައްކަތްކުރެއެވެ. އެކަމުން ޤަޠަރަށް ޙާޞިލުވަނީ ކޮން ފޮނި މޭވާއެއްތޯއެވެ؟ އަދި ޢަރަބީންގެ އަމިއްލަވަންތަ ޝަޚުޞިއްޔަތުގެ މަލަތައް ނެއްތާލައި، ފާރިސީ މުއްލާއިންގެ އުނގަށް ވެއްޓެން އުޅެއެވެ. އެކަމުން ޤަޠަރަށް ލިއްބައިދެނީ ކޮން ޝަޚުޞިއްޔަތެއްތޯއެވެ؟ ހަމައެފަދައިން ޢަރަބީންގެ ދާއިމީ މަދަދުގާރު ކަމުގައިވާ މިޞްރަށް ފުރަގަސްދީފައި، ތުރުކީންގެ އަތްދަށުވުމުގެ ބޭނުމަކީ ވެސް ފަހެ، ކޮބައިތޯއެވެ؟


ހަތަރުވަނަ މަންޒަރު:

ލީބިޔާގެ އަހުލުވެރިން ވަނީ، ހިތިހިތާމައިން ފޯވެފައިވާ ރުއިމެއްގެ ތެރޭގައެވެ. ޝާމުކަރައިގެ އަހުލުވެރިން ވަނީ، އެއުރެންގެ ލޯތަކުން އޮހޮރެމުންދާ ލޭކަރުނައިގެ ސައިލެއްގެ ތެރޭގައެވެ. ޢިރާޤާއި ޔަމަނުގެ އަހުލުވެރިން ވަނީ، އެއުރެންގެ ބައިބައިވުމާއި ޒަޚަމްތަކަށް އެކަށޭނަ ފަރުވާއެއް ނުލިބި، މާޔޫސްކަމެއްގެ ތެރޭގައެވެ. ޢަރަބި އިސްލާމީ ދުނިޔެ މިފަދަ ހިތްދަތި ހިތާމަވެރި ޙާލެއްގައި އޮތްއިރު، ޤަޠަރުގެ ދީލަތި އަތް ހުޅުވާލެވިފައިވަނީ، އަނދިރީގައިވާ ކަންކަނުގައި ފިލާތިބި ފަރާތްތަކަކަށެވެ. ސިލްމާއި ސަލާމަތުގެ އައްސޭރީގައި ޢަރަބީންނަށް ހިންދެމިލާނެ ހިނދުކޮޅެއް ލިބުނަ ނުދިނުމަށްޓަކައެވެ.


ފަސްވަނަ މަންޒަރު:

ޤަޠަރު ޢިބްރަތް ލިބިގަންނަންޖެހޭ ތާރީޚީ ޙަޤީޤަތެއް ވެއެވެ. އެއީ ތާރީޚު އަބަދުވެސް ދައްކަމުންދާ ފިލާވަޅެކެވެ. އާދޭހެވެ. ބައެއް ޤައުމުތަކާ ކުރިމަތިވާ ގިނަ ގޮންޖެހުންތަކާއި މައްސަލަތައް ފަހަނަޅައިދަނީ، އެ ޤައުމުތަކަށް ލިބިފައިވާ އިމްކާނިއްޔަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައިގެންނެވެ. އެހެނަސް ބައެއް ޤައުމުތަކަކީ، ކުރިމަތިވާ އެންމެ ގޮންޖެހުމެއްގެ ސަބަބުން ވެސް އެ ޤައުމުގެ ނަން ކުއްރާހުން ފޮހެވިދާ ޤައުމުތަކެވެ.

އިހުގެ ޙިކުމަތްތެރިން ވިދާޅުވި ހަރުބަސް މިއޮތީއެވެ!

ދަންނާށެވެ! އެއީ އަލިފާނެވެ! އޭގެ އައްވަލު ކާނާއަކީ، އެއަށް ދަރުއެޅި މީހާއެވެ!!!


ތާރީޚު: 12 ޖޫން 2017 (17 ރަމަޟާން 1438)
މަޞްދަރު:
http://www.alriyadh.com/1601916