އަމާނާތުގެ މާނަ
"އަމާނާތް" އަކީ ނަމެކެވެ. އޭގެ އަޞްލަކީ، ޢަރަބި
ބަހުގެ "އަލްއަމާނާ" (الأمَانَة) އެވެ. ދިވެހިބަސްފޮތުގައި
އަމާނާތުގެ ދެ މާނައެއް ވެއެވެ. އެއިން އެއް މާނައަކީ،
"މީހުންގެ އަތުގައި ދުވަސްކޮޅަކު ރައްކާކޮށްފައި
ބެހެއްޓުމަށްޓަކައި މީހުން ބަހައްޓާ ތަކެތި" އެވެ. އަނެއް
މާނައަކީ، "ޚިޔާނާތުގެ އިދިކޮޅު" އެވެ. "އަމާނާތް" ގެ
ނަންއިތުރަކީ، "އަމާނާތްތެރި" އެވެ.
ޢަރަބި
ބަހުގައި "އަމާނާތް" ނުވަތަ "އަލްއަމާނާ" (الأمَانَة) ގެ
ބަހަވީ މާނައަކީ، "ޚިޔާނާތުގެ އިދިކޮޅު" އެވެ. ދިވެހި
ބަހުގައި ޚިޔާނާތުގެ އެއް މާނައަކީ، "ތިމާގެ
ހަވާލުގައިހުރި އަނެކެއްގެ އެއްޗެއްގައި ޖެހޭޖެހުން" އެވެ.
އަނެއް މާނައަކީ، "ކަމަކަށް ނުވަތަ އެއްޗަކަށް
ތެދުވެރިނުވާ ނުވުން" އެވެ.
ޢަރަބި ބަހުގައި
"އަލްއަމާނާ" (الأمَانَة) އަކީ، "އަމުނަ" (أَمُنَ) އާއި
"އަމިނަ" (أمِنَ) ގެ މަޞްދަރެވެ. "އަމުނަ" (أَمُنَ) ގެ
މާނައަކީ، "އަމާނާތްވެއްޖެ" އެވެ. "އަމިނަ" (أمِنَ) ގެ
މާނައަކީ، "އަމާންވެއްޖެ" އެވެ. ނުވަތަ "އަމާންކަން
ލިބިއްޖެ" އެވެ. އޭގެ މަފުޢޫލު ނަމަކީ، "މައުމޫނު" (مأمون)
އެވެ. މައުމޫނުގެ މާނައަކީ، "އަމާންކަން ލިބިގެންވާ މީހާ"
އެވެ.
ޢަރަބި ބަހުގައި "އަލްއަމާނާ" (الأمَانَة)
އަކީ، މަޞްދަރެއް ކަމުގައި ވިޔަސް، މަޖާޒީ މާނައިގައި
އެއްޗިއްސަށް "އަމާނާތް" ނުވަތަ "އަލްއަމާނާ" (الأمَانَة)
އޭ ކިޔައެވެ. މިސާލަކަށް، ރައްކާކުރުމަށްޓަކައި މީހެއްގެ
އަތުގައި ބާއްވާ އެއްޗަކީ، އަމާނާތެކެވެ. އެހެންކަމުން
އަމާނާތަކީ، ރައްކާކުރަން ބާއްވާ އެއްޗިއްސަށް ކިޔާ ނަމެއް
ކަމުގައި ވަނީ ވެފައެވެ. އަލްއަންފާލު ސޫރަތުގެ 27 ވަނަ
އާޔަތުގައި އަމާނާތް ބަޔާންކުރައްވާފައިވަނީ މި
މާނައިގައެވެ. އެ އާޔަތުގައި ވެއެވެ.
(يَا أَيُّهَا
الَّذِينَ آمَنُوا لَا تَخُونُوا اللَّهَ وَالرَّسُولَ
وَتَخُونُوا أَمَانَاتِكُمْ وَأَنتُمْ تَعْلَمُونَ)
މާނައީ، "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ﷲ އަށާއި،
ރަސޫލާއަށް ތިޔަބައިމީހުން ޚިޔާނާތްތެރި ނުވާށެވެ! އަދި
ތިޔަބައިމީހުންގެ އަމާނާތްތަކަށް، އެނގިއެނގިތިބެ
ތިޔަބައިމީހުން ޚިޔާނާތްތެރި ނުވާށެވެ!"
އަދި
އަލްއަޙުޒާބު ސޫރަތުގެ 72 ވަނަ އާޔަތުގައި ވެއެވެ.
(إِنَّا عَرَضْنَا الْأَمَانَةَ عَلَى السَّمَاوَاتِ
وَالْأَرْضِ وَالْجِبَالِ فَأَبَيْنَ أَن يَحْمِلْنَهَا
وَأَشْفَقْنَ مِنْهَا وَحَمَلَهَا الْإِنسَانُ ۖ إِنَّهُ
كَانَ ظَلُومًا جَهُولًا)
މާނައީ، "ހަމަކަށަވަރުން،
އުޑުތަކަށާއި، ބިމަށާއި، ފަރުބަދަތަކަށް ތިމަންރަސްކަލާނގެ
އަމާނާތް (އެބަހީ: ތަކުލީފުތައް) ހުށަހެޅުއްވީމެވެ. ފަހެ،
އެ ތަކެތި އެކަން އުފުލުމުން އެއްކިބާވެ މަނާވެގަތެވެ.
އަދި އެކަމާމެދު އެތަކެތި ބިރުވެތިވިއެވެ. އަދި އިންސާނާ
އެ އަމާނާތް އުފުލިއެވެ. ހަމަކަށަވަރުން، އެ އިންސާނާވީ
އަނިޔާވެރި، ތަންދޮރު ނުދަންނަ މީހަކު ކަމުގައެވެ."
އިޞްޠިލާޙީ މާނައިގައި އަމާނާތަކީ، އެ ޙައްޤެއް
އަދާކޮށް، އަދި އެއަށް ރައްކާތެރިވާންޖެހޭ ކޮންމެ
ޙައްޤެކެވެ."
އަލްކަފަވީ (الكفوي) ވިދާޅުވެފައި
ވެއެވެ.
"އަޅުތަކުންގެ މައްޗަށް
ފަރުޟުކުރައްވާފައިވާ ނަމާދާއި، ރޯދައާއި، ޒަކާތާއި ދަރަނި
އަދާކުރުން ފަދަ ކޮންމެ ކަމަކީ އަމާނާތެކެވެ. އެއިން
އެންމެ ކަށަވަރުކަންބޮޑު އަމާނާތަކީ، ރައްކާކުރަން
ބަހައްޓާ އެއްޗިއްސެވެ. އެފަދަ އެއްޗެހީގެ ތެރެއިން އެންމެ
ކަށަވަރުކަން ބޮޑު އަމާނާތަކީ، ސިއްރުތައް
ވަންހަނާކުރުމެވެ."
އިސްލާމީ ޝަރުޢުގައި އަމާނާތުގެ
ދެ މާނައެއް ވެއެވެ. އެއީ، ޢާންމު މާނައަކާއި، ޚާއްޞަ
މާނައެކެވެ.
އިސްލާމީ ޝަރުޢުގައިވާ އެންމެހައި
އަމުރުތަކާއި ނަހީތައް، އަމާނާތުގެ ޢާންމު މާނައިގައި
ހިމެނެއެވެ. މިކަމުގެ ދަލީލަކީ، އަލްއަޙުޒާބު ސޫރަތުގެ 72
ވަނަ އާޔަތެވެ. އިބްނު ކަޘީރު (ابن كثير) ވަނީ،
އެއާޔަތުގައިވާ (الأمانة) ގެ ތަފުސީރުގައި
ސަލަފުއްޞާލިޙުގެ ޢިލްމުވެރިން ވިދާޅުވެފައިވާ އެތައް
ބަސްފުޅުތަކެއް ގެނެސްދެއްވާފައެވެ. އެއަށްފަހު
އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ.
"މި ހުރިހައި
ބަސްފުޅުތަކެއްގެ މެދުގައި ތަޢާރުޟެއް ނެތެވެ.
ކިއެއްތޯއެވެ. އެއީ އިއްތިފާޤުވާ ބަސްފުޅުތަކެކެވެ. އެ
ބަސްފުޅުތައް ރުޖޫޢުވަނީ، ތަކުލީފަށެވެ. އަމުރާއި ނަހީ،
އޭގެ ޝަރުޠާއެކު ޤަބޫލުކުރުމަށެވެ. އެއާ އެއްގޮތަށް
ޢަމަލުކޮށްފިނަމަ، ސަވާބު ލިބެއެވެ. އެއާ
ޚިލާފުވެއްޖެނަމަ، އަޒާބު ލިބެއެވެ. އިންސާނާގެ
ޟަޢީފުކަމާއި، ޖާހިލުކަމާއި، އަނިޔާވެރިކަމާއެކު ވެސް،
އޭނާ ވަނީ އަމާނާތެއްގެ ގޮތުގައި އެ ގަބޫލުކޮށްފައެވެ.
މާތް ﷲ ހިންމަވައިދެއްވައިފި މީހަކަށް މެނުވީ، އެއަށް
އަމާނާތްތެރިއެއް ނުވެވެއެވެ. އެކަމަށްޓަކައި އެދި
ދަންނަވަންޖެހެނީ، އެކަލާނގެ ވާގިފުޅަށެވެ."
އައްޠަބަރީ (ابن جرير الطبري) ވިދާޅުވެފައި ވެއެވެ.
"އަމާނާތުގެ މާނަ ބުނެދޭ އެންމެ ޞައްޙަ ބަސްފުޅުގައި
ވެއެވެ. މި މަޤާމުގައި (މި އާޔަތުގައިވާ) އަމާނާތުގެ
މާނައަކީ، ދީނުގައިވާ އަމާނާތުގެ އެންމެހައި މާނަތަކާއި،
މީސްތަކުންގެ އަމާނާތްތަކެވެ. އެހެނީ، (عَرَضْنَا
الأمَانَةَ) "ތިމަންރަސްކަލާނގެ އަމާނާތް (އެބަހީ:
ތަކުލީފުތައް) ހުށަހެޅުއްވީމެވެ." މި ވަޙީބަސްފުޅުގައި
އަމާނާތުގެ ބައެއް މާނަތައް މާތް ﷲ ޚާއްޞަކުރައްވާފައެއް
ނުވެއެވެ."
އަލްޤުރުޠުބީ (القرطبي) ވިދާޅުވެފައި
ވެއެވެ.
"ޞައްޙަ ރައުޔުގައި އަމާނާތް ވަނީ ދީނުގެ
ހުރިހާ ކަމެއްގައި އާންމުވެފައެވެ. މިއީ، ޢިލްމުވެރިންގެ
ޖުމްހޫރުގެ ރައުޔެވެ."
މާތް ﷲ ވަޙީކުރައްވާފައި
ވެއެވެ.
(وَالَّذِينَ هُمْ لِأَمَانَاتِهِمْ
وَعَهْدِهِمْ رَاعُونَ)
އަލްމުއުމިނޫން: 8
މާނައީ، "އަދި އެއުރެންނީ އެއުރެންގެ އަމާނާތްތަކަށާއި
އެއުރެންގެ ޢަހުދުތަކަށް ރައްކާތެރިވާ މީހުންނެވެ."
އައްޝިންޤީޠީ (محمد الأمين الشنقيطي) ވިދާޅުވެފައި
ވެއެވެ.
"މާތް ﷲ ތިބާއާ ޙަވާލުކުރައްވާފައިވާ
އެންމެހައި ކަންކަމާއި، ތިބާ ރައްކާތެރިވުމަށް އެކަލާނގެ
އަންގަވާފައިވާ އެންމެހައި ކަންކަމެއް، އަމާނާތުގެ
ތެރޭގައި ޝާމިލުވެއެވެ. އެކަލާނގެ
ރުއްސަވައިވޮޑިނުގަންނަވާ ކަންކަމުން ތިބާގެ ގުނަވަންތައް
އެއްކިބާކޮށް ރައްކާތެރިކުރުމާއި، ތިބާއާ ޙަވާލުކުރެވޭ
މީހުންގެ ޙައްޤުތަކަށް ރައްކާތެރިވެ އެ ޙައްޤުތައް
ބެލެހެއްޓުން ވެސް އޭގެތެރޭގައި ހިމެނެއެވެ."
ރައްކާތެރިވުމަށާއި، ނަގައިނުލުމަށާއި،
ޚިޔާނާތްތެރިނުވުމަށް އިސްލާމީ ޝަރުޢުގައި ނައްޞުން
ބަޔާންކުރައްވާފައިވާ ކަންކަން، އަމާނާތުގެ ޚާއްޞަ
މާނައިގެ ތެރޭގައި ހިމެނެއެވެ. ޢިލްމުވެރިންގެ ފޮތްފޮތާއި،
ފިޤުހު ޢިލްމުގެ ފޮތްފޮތުގައި އެ އަމާނާތްތައް
ބަޔާންވެފައި ވެއެވެ. ޚާއްޞަ އަމާނާތުގެ މުރާދައަކީ،
އަނެކުންގެ ޙައްޤުތަކުގެ ތެރެއިން، އިންސާނާ އެއަށް
ރައްކާތެރިވެ އަދާކުރުން ވާޖިބުވެގެންވާ އެންމެހައި
ޙައްޤުތަކެކެވެ. އޭގެ މަޝްހޫރު ތިން ބާވަތެއް ވެއެވެ.
ފުރަތަމަ ބާވަތުގެ ތެރޭގައި ހިމެނެނީ، ވަދީޢާއާއި،
ޤަރުޟު ފަދަ ޢަޤުދުން ކަށަވަރުވެ ސާބިތުވެފައިވާ މާލީ
ޙައްޤުތަކެވެ. ނުވަތަ ޢަޤުދެއްގެ މައްޗަށް ބިނާވެފައިނުވާ
އެއްޗިއްސެވެ. އޭގެ މިސާލަކީ، ހޮވާ އެއްޗިއްސާއި، މީހުންގެ
އަތުން ގެއްލިފައި ވަނިކޮށް ފެންނަ އެއްޗިއްސެވެ.
މީހެއްގެ ޙަވާލުގައިވާނެ އަމާނާތުގެ ބާވަތްތަކެއް،
"ކުވައިތުގެ ފިޤުހު އެކުމާފާނު" (الموسوعة الفقهية
الكويتية) ގައި ވެއެވެ.
1. އޭގެ އަޞްލު މަޤުޞަދަކީ
އަމާނާތް ކަމުގައިވާ ޢަޤުދު: މީގެ މިސާލަކީ، ވަދީޢާއެވެ.
އެއީ، މީހެއްގެ އަތުގައި ރައްކާކުރުމަށްޓަކައި ބާއްވާ
އެއްޗެވެ. ކޮންމެ ވަދީޢާއަކީ، އަމާނާތެކެވެ. ކޮންމެ
އަމާނާތަކީ، ވަދީޢާއެއް ނޫނެވެ.
2. އޭގައި އަމާނާތް
ހިމެނިފައިވާ ޢަޤުދު: މިބާވަތުގެ ޢަޤުދުގެ އަޞްލަކީ
އަމާނާތެއް ނޫނެވެ. އެކަމަކު އަމާނާތް އަންނަނީ އެއާ
ތަބާވެގެންނެވެ. މީގެ މިސާލަކީ، އިޖާރާއާއި، ޢާރިޔާއާއި،
މުޟާރަބާއާއި، ވަކާލާއާއި، ޝަރިކާއާއި، ރަހުނެވެ.
3. ޢަޤުދެއްގެ މައްޗަށް ބިނާވެފައިނުވާ އަމާނާތް: މީގެ
މިސާލަކީ، ހޮވާ އެއްޗިއްސެވެ. ނުވަތަ އަވަށްޓެރިޔާގެ
މުދަލުގެ ތެރެއިން ވަޔާއެކު ތިމާގެ ގޯތިގެދޮރަށް ވާޞިލުވާ
އެއްޗިއްސެވެ. އެފަދަ އެއްޗިއްސަށް ކިޔަނީ ޝަރުޢީ
އަމާނާތެވެ.
ދެވަނަ ބާވަތުގެ ތެރޭގައި ހިމެނެނީ،
މީހުންގެ ސިއްރުތައް ރައްކާކުރުމެވެ.
ކީރިތި
ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައި
ވެއެވެ.
(إِنَّ مِنْ أَعْظَمِ الْأَمَانَةِ عِنْدَ
اللهِ يَوْمَ الْقِيَامَةِ، الرَّجُلَ يُفْضِي إِلَى
امْرَأَتِهِ، وَتُفْضِي إِلَيْهِ، ثُمَّ يَنْشُرُ
سِرَّهَا)
ރިވާކުރެއްވީ: މުސްލިމު (1437)
"ޤިޔާމަތްދުވަހު ﷲ ގެ ޙަޟުރަތުގައި އެންމެ ބޮޑުވެގެންވާ
އަމާނާތްތަކުގެ ތެރެއިން އެއް އަމާނާތަކީ، ފިރިމީހާ އޭނާގެ
އަނބިމީހާއަށް ހާމަވެ އެއްދާންކޮށް، އަދި އެކަނބުލޭގެ
އޭނާއަށް ހާމަވެ އެއްދާންކޮށް، ދެން އެކަނބުލޭގެ ސިއްރު
އޭނާ ބޭޒާރުކުރުމެވެ."
މި ޙަދީޘްފުޅުން އެނގޭ
ގޮތުގައި، އަނބިމީހާގެ ސިއްރުތައް ހިފެހެއްޓުމަކީ،
ފިރިމީހާގެ މައްޗަށް އޮތް އަމާނާތެކެވެ.
އެހެން
ޙަދީޘްފުޅެއްގައި ވެއެވެ.
(إِذَا حَدَّثَ الرَّجُلُ
بِالْحَدِيثِ ثُمَّ الْتَفَتَ: فَهِيَ أَمَانَةٌ)
ރިވާކުރެއްވީ: އަބޫދާވޫދު (4868) އާއި، އައްތިރުމިޛީ
(1959).
މާނައީ، "މީހަކު (ސިއްރެއްގެ ގޮތުގައި)
ވާހަކައެއް ދެއްކުމަށްފަހު ފަސްދީފިނަމަ، އޭނާ އެ ދެއްކި
ވާހަކައަކީ އަމާނާތެކެވެ."
ތިންވަނަ ބާވަތުގެ
ތެރޭގައި ހިމެނެނީ، މަސްއޫލިއްޔަތުތަކާއި، ވަޒީފާތަކެވެ.
ވަޒީފާތަކުގެ ތެރޭގައި އާންމު ވަޒީފާތަކާއި، ޚާއްޞަ
ވަޒީފާތައް ހިމެނެއެވެ. މަސްއޫލިއްޔަތާއި، ވަޒީފާއަކީ،
ޙައްޤު ގޮތުގައި ޢަދުލުވެރިކަމާއެކު އަދާކުރަންޖެހޭ
އަމާނާތެކެވެ. މިސާލަކަށް ވެރިކަމުގެ މަސްއޫލިއްޔަތަކީ
އަމާނާތެކެވެ. ނިޔާކަނޑައެޅުމުގެ ވަޒީފާއަކީ އަމާނާތެކެވެ.
މުއައްސަސާއެއްގައި އަދާކުރާ ވަޒީފާއަކީ އަމާނާތެކެވެ.
މީހަކު އޭނާގެ ޢާއިލާ ބެލެހެއްޓުމުގެ މަސްއޫލިއްޔަތު
އަދާކުރުމަކީ އަމާނާތެކެވެ. މި މޭރުމުން، އެންމެހައި
މަސްއޫލިއްޔަތުތަކާއި، ވަޒީފާތަކަކީ އަމާނާތްތަކެކެވެ.
އަބޫހުރައިރަތުގެފާނުގެ އަރިހުން ރިވާވެފައިވާ
ޙަދީޘްފުޅެއްގައި ވެއެވެ.
(إِذَا ضُيِّعَتِ
الأَمَانَةُ فَانْتَظِرِ السَّاعَةَ، قَالَ: كَيْفَ
إِضَاعَتُهَا يَا رَسُولَ اللَّهِ؟ قَالَ: إِذَا أُسْنِدَ
الأَمْرُ إِلَى غَيْرِ أَهْلِهِ فَانْتَظِرِ السَّاعَةَ)
ރިވާކުރެއްވީ: އަލްބުޚާރީ (6496)
މާނައީ، "ﷲ ގެ
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
އަމާނާތް ނަގާލެވިއްޖެނަމަ، ޤިޔާމަތަށް
އިންތިޒާރުކުރާށެވެ! އަޞްޙާބުބޭކަލުން ދެންނެވިއެވެ. ﷲ ގެ
ރަސޫލާއެވެ! އެ ނަގައިލެވޭނީ ކިހިނަކުންތޯއެވެ؟
އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ކަންކަން،
އެކަންކަމުގެ އަހުލުވެރިން ނޫން މީހުންނާ
ޙަވާލުކުރެވިއްޖެނަމަ، ފަހެ، ޤިޔާމަތަށް
އިންތިޒާރުކުރާށެވެ!"
ޚުލާޞާ
ލިޔެވިދިޔަ
ނުކުތާތަކަށް ބަލާއިރު އަމާނާތުގެ މާނަތަކުގެ ތެރޭގައި،
މީހެއްގެ އަތުގައި ދުވަސްކޮޅަކު ރައްކާކޮށްފައި
ބެހެއްޓުމަށްޓަކައި މީހަކު ބަހައްޓާ އެއްޗާއި،
ޚިޔާނާތުގެ އިދިކޮޅާއި،
އަމާނާތްތެރިވުމާއި،
ރައްކާކުރުމަށްޓަކައި މީހެއްގެ އަތުގައި ބާއްވާ އެއްޗާއި،
މާތް ﷲ ގެ ޙަޟުރަތުން އައިސްފައިވާ ތަކުލީފުތަކާއި،
އަދާކުރަންޖެހޭ ކޮންމެ ޙައްޤަކާއި،
ރައްކާތެރިވާންޖެހޭ
ކޮންމެ ޙައްޤަކާއި،
މާތް ﷲ، އެކަލާނގެ އަޅުތަކުންގެ
މައްޗަށް ފަރުޟުކުރައްވާފައިވާ އަޅުކަމާއި،
ސިއްރު
ވަންހަނާކުރުމާއި،
އިސްލާމީ ޝަރުޢުގައިވާ އެންމެހައި
އަމުރުތަކާއި ނަހީތަކާއި،
ދީނުގައިވާ އަމާނާތުގެ
އެންމެހައި މާނަތަކާއި،
މީހުންގެ އަމާނާތްތަކާއި،
ދީނުގެ ހުރިހާ ކަމެއްގައި އާންމުވެފައިވާ އަމާނާތްތަކާއި،
އަޙުދުތަކާއި،
މާތް ﷲ ރުއްސަވައިވޮޑިނުގަންނަވާ
ކަންކަމުން ގުނަވަންތައް އެއްކިބާކޮށް ރައްކާތެރިކުރުމާއި،
ތިމާއާ ޙަވާލުކުރެވޭ މީހުންގެ ޙައްޤުތަކަށް ރައްކާތެރިވެ
އެ ޙައްޤުތައް ބެލެހެއްޓުމާއި،
ރައްކާތެރިވުމަށާއި،
ނަގައިނުލުމަށާއި، ޚިޔާނާތްތެރިނުވުމަށް އިސްލާމްދީނުގައި
އަންގަވާފައިވާ ކަންކަމާއި،
އިންސާނާ އެއަށް
ރައްކާތެރިވެ އަދާކުރުން ވާޖިބުވެގެންވާ އެންމެހައި
ޙައްޤުތަކާއި،
އެފަދަ ޙައްޤުތަކުގެ ތެރެއިން
ވަދީޢާއާއި، ޤަރުޟު ފަދަ ޢަޤުދުން ކަށަވަރުވެ
ސާބިތުވެފައިވާ މާލީ ޙައްޤުތަކާއި،
ޢަޤުދެއްގެ މައްޗަށް
ބިނާވެފައިނުވާ ހޮވާ އެއްޗިއްސާއި،
މީހުންގެ އަތުން
ގެއްލިފައި ވަނިކޮށް ފެންނަ ތަކެތި ފަދަ އެއްޗިއްސާއި،
އިޖާރާއާއި، ޢާރިޔާއާއި، މުޟާރަބާއާއި، ވަކާލާއާއި،
ޝަރިކާއާއި، ރަހުނާއި،
އަވަށްޓެރިޔާގެ މުދަލުގެ
ތެރެއިން ވަޔާއެކު ތިމާގެ ގޯތިގެދޮރަށް ވާޞިލުވާ
އެއްޗިއްސާއި،
މީހުންގެ ސިއްރުތަކާއި،
އަނބިމީހާގެ
ސިއްރުތައް ފިރިމީހާ ބޭޒާރުނުކުރުމާއި،
ފިރިމީހާގެ
ސިއްރުތައް އަނބިމީހާ ބޭޒާރުނުކުރުމާއި،
މީހަކު
ސިއްރެއްގެ ގޮތުގައި ދައްކާ ވާހަކައާއި،
މަސްއޫލިއްޔަތުތަކާއި،
އެކިއެކި ވަޒީފާތަކާއި،
ވަޒީފާތައް އެ ވަޒީފާތަކަށް އަހުލުވެރިވެފައިވާ މީހުންނާ
ޙަވާލުކުރުމާއި،
ޢާއިލާ ބެލެހެއްޓުން ފަދަ ކަންކަން
ހިމެނެއެވެ.