"ދެ ޤަރުނުގެ ދެމެދުގައި އަހަރެމެންގެ އުންމަތް"


ސަޢޫދީ ޢަރަބިއްޔާއާއި ބައެއް އެހެން ޤައުމުތަކުން، ޤަޠަރަށް ދަތިކުރުމަށްޓަކައި ފިޔަވަޅު އެޅިއިރު، އާންމުކުރެވުނު އެކައްޗަކީ، ޤަޠަރާ ގުޅިފައިވާ ޓެރަރިސްޓުންގެ ލިސްޓެކެވެ. އެ ލިސްޓުގެ 19 ވަނައިގައި ވަނީ، މުޅި ދުނިޔެއަށް މަޝްހޫރު އިސްލާމީ ޢިލްމުވެރިއެކެވެ. އެއީ، ފަޟީލަތުއްޝައިޚު އަލްޢައްލާމާ ޑރ. ޔޫސުފުލް ޤަރަޟާވީއެވެ. އޭނާގެ އަގުވައްޓައިލުމަށްޓަކައި ހެކިދެއްކުނު އެކައްޗަކީ، އޭނާ ލިޔުއްވާފައިވާ ފޮތެކެވެ. ފޮތުގެ ނަމަކީ، "އުއްމަތުނާ ބައިނަ ޤަރުނައިނި" (أُمَّتُنَا بَيْنَ قَرْنَيْنِ) އެވެ. މާނައަކީ، "ދެ ޤަރުނުގެ ދެމެދުގައި އަހަރެމެންގެ އުންމަތް" އެވެ. ފޮތުގެ ފުރަތަމަ ޗާޕުގެ އަހަރަކީ 1421 ހ. 2000 މ. އެވެ. ފޮތުގައިވަނީ، 270 ޞަފުޙާއެވެ. ފޮތް ނެރުނު ފަރާތަކީ، މިޞްރުގެ ވެރިރަށް ޤާހިރާގައިވާ ދާރުއްޝަރުޤެވެ. ފޮތުގެ އައިއެސްބީ ނަންބަރަކީ، X-0659-09-977 އެވެ.

މުޤައްދިމާއާއި، ޚާތިމާގެ އިތުރުން ހަތަރު ފަޞްލު ފޮތުގައި ވެއެވެ. މުޤައްދިމާއަށްފަހު، ފުރަތަމަ ފަޞްލުގައި އަލިއަޅުވައިލައްވާފައިވަނީ، އިންސާނީ ޙަޟާރަތު ޙާޞިލުކޮށްފައިވާ ބޮޑެތި ކާމިޔާބީތަކާއި، ވިހިވަނަ ޤަރުނުގައި އެއަށް އެރި ލޮޅުންތަކުގެ މައްޗަށެވެ. ދެވަނަ ފަޞްލުގައި އަލިއަޅުވައިލައްވާފައިވަނީ، ވިހިވަނަ ޤަރުނުގައި އިސްލާމީ އުންމަތް ޙާޞިލުކުރި ކާމިޔާބީތަކުގެ މައްޗަށެވެ. ތިންވަނަ ފަޞްލުގައި އަލިއަޅުވައިލައްވާފައިވަނީ، ވިހިވަނަ ޤަރުނުގައި އިސްލާމީ އުންމަތަށް ލިބުނު ނާކާމިޔާބީތަކުގެ މައްޗަށެވެ. ހަތަރުވަނަ ފަޞްލުގައި އަލިއަޅުވައިލައްވާފައިވަނީ، އެކާވީސްވަނަ ޤަރުނުގައި އިސްލާމީ އުންމަތާ ކުރިމަތިވާނެ ގޮންޖެހުންތަކުގެ މައްޗަށެވެ. އެއަށްފަހު ގެނެސްދެއްވާފައިވަނީ، ފޮތުގެ ނިމުން ނުވަތަ ޚާތިމާއެވެ.

ފޮތުގެ ދެވަނަ ފަޞްލުގައިވާ މައުޟޫޢުތަކުގެ ތެރެއިން އެއް މައުޟޫޢަކީ، "އިސްލާމީ ހޭލުންތެރިކަން ފެތުރުން" އެވެ. އެ މައުޟޫޢުގެ ދަށުގައި، އިސްލާމީ ހޭލުންތެރިކަމުން ޙާޞިލުވި މޭވާތަކުގެ ގޮތުގައި ކަންތައްތަކެއް ގެނެސްދެއްވާފައި ވެއެވެ. އެއިން ފުރަތަމަ މޭވާއަކީ، އިސްލާމީ ޤައުމުތަކުގައި އިސްލާމީ ޝަރީޢަތް ޤާއިމުކުރުމަށް ގޮވާލުން ކަމަށް ބަޔާންކުރައްވާފައި ވެއެވެ. ދެވަނަ މޭވާއަކީ، އިސްލާމީ ދެ ދައުލަތް އުފެދުން ކަމަށް ވިދާޅުވެފައި ވެއެވެ. ފޮތާއި ފޮތުގެ މުއައްލިފާ މެދު ނުރުހުން ފާޅުކުރެވޭ މައިގަނޑު ނުކުތާއަކީ މިއީއެވެ.

"ދެ އިސްލާމީ ދައުލަތް" މި ސުރުޚީގެ ދަށުގައި ލިޔުއްވާފައި ވެއެވެ.

"މި ހޭލުންތެރިކަމުގެ މޭވާ ނުވަތަ އޭގެ އުޖާލާ ދަލީލެއްގެ ގޮތުގައި، ދެ އިސްލާމީ އިންޤިލާބު ގެނެވުން ހިމެނެއެވެ. އެއިން ކޮންމެ އިންޤިލާބެއްމެ އުފައްދާފައިވަނީ، އިސްލާމީ ދައުލަތެކެވެ. ދިރިއުޅުމުގެ އެންމެހައި ކަންކަމެއްގައި، އެ ދެ ދައުލަތް ބިނާވެފައިވަނީ، މަންހަޖާއި ރިސާލަތުގެ ގޮތުންވެސް އިސްލާމްދީނުގެ މައްޗަށެވެ. ޢަޤީދާއާއި އަޅުކަމުގެ ގޮތުންނެވެ. އުޅުމާއި ގުޅުމާއި އަޚުލާޤުގެ ގޮތުންނެވެ. ޝަރީޢަތާއި މުޢާމަލާތުގެ ގޮތުންނެވެ. ފިކުރާއި ސަގާފަތުގެ ގޮތުންނެވެ. ފަރުދީ ޙަޔާތާއި، ޢާއިލީ ޙަޔާތާއި، މުޖުތަމަޢުގެ ޙަޔާތުގެ އިތުރުން، އިސްލާމީ އުންމަތް، އެހެން އުންމަތްތަކާއެކު ބާއްވާ ގުޅުންތައް ވެސް ބިނާވެފައިވަނީ، އިސްލާމީ މަންހަޖުގެ މައްޗަށެވެ.

ފުރަތަމަ އިންޤިލާބަކީ، އީރާނުގައި ގެނެވުނު އިސްލާމީ އިންޤިލާބެވެ. 1979 ވަނަ އަހަރު ގެނެވުނު އެ އިންޤިލާބުގެ ޤާއިދަކީ، އަލްއިމާމު އާޔަތުﷲ އަލްޚުމައިނީއެވެ. އެ އިންޤިލާބު ވަނީ، ފަސާދަކުރުމުގައި ހައްދުފަހަނަޅާފައިވާ އީރާނުގެ ޝާހުގެ ވެރިކަން ނިމުމަކަށް ގެނެސްފައެވެ. އެއީ، އިސްރާއީލާއެކު ނުހަނު ބަދަހި ގުޅުމެއް އޮތް ވެރިކަމެކެވެ.

އީރާނުގައި ޚުމައިނީ، އިސްލާމީ ދައުލަތެއް އުފެއްދެވީ، (المذهب الجعفري) ޖަޢުފަރިއްޔަ މަޒުހަބުގެ މައްޗަށެވެ. އެ ދައުލަތުގެ އިލްހާމާއި އަސަރު، ދުނިޔޭގައި ފެތުރެމުންދިޔަ އިސްލާމީ ހޭލުންތެރިކަމުގެ މައްޗަށް ފޯރާފައި ވިއެވެ. އަދި އޭގައި އުންމީދާއި ކާމިޔާބުގެ ރޫޙު އުފެއްދިއެވެ. ގިނަ ބަޔަކު ހީކޮށްފައިވަނީ، އެއީ މުސްތަޙީލު ކަމެއް ކަމަށެވެ.

ދެވަނަ އިންޤިލާބަކީ، ސޫދާނުގައި ގެނެވުނު އިސްލާމީ އިންޤިލާބެވެ. އެ އިންޤިލާބު ގެނެވުނީ، އީރާނުގެ އިންޤިލާބަށްފަހު ދިހަ އަހަރު ފަހުން، 1989 ވަނަ އަހަރުގައެވެ. އެ އިންޤިލާބު ވަނީ، އޭގެ ކުރިން ސިޔާސީ ޕާޓީތަކުން ވެރިކަންކުރުމުގެ ސަބަބުން ސޫދާނުގައި އުފެދިފައިވާ ހަމަނުޖެހުމާއި ގަޑުބަޑާއި ހައިޖާނުގެ ޙާލަތު ނިމުމަކަށް ގެނެސްފައެވެ."

"އުއްމަތުނާ ބައިނަ ޤަރުނައިނި" (أُمَّتُنَا بَيْنَ قَرْنَيْنِ) އެވެ، ކިޔާ ފޮތުގައިވާ މި ދެންނެވި ވާހަކަތަކަކީ، މިހާރު ޢަރަބި ޤައުމުތަކުގައިވާ ސަރުކާރުތަކަށް ހަޖަމުކުރަން ފަސޭހަ ވާހަކަތަކެއް ނޫނެވެ. އެއީ، މެދުއިރުމައްޗާއި އިސްލާމީ ޤައުމުތަކުގެ މެދުމިނުގެ އަހުލުވެރިންގެ ގާތުގައި ވެސް މަޤުބޫލު ވާހަކަތަކެއް ނޫނެވެ. އަދި އެއީ، ޢަރަބި އިސްލާމީ އުންމަތުގެ ސުންނަތްޖަމާޢަތުގެ މީހުންގެ މެދުގައި ވެސް ނުގަބޫލު ވާހަކަތަކަކަށް ވުން ގާތެވެ. ޚާއްޞަކޮށް، ޚުމައިނީ، އީރާނަށް ގެންނެވި އިންޤިލާބާއި، އުފެއްދެވި އިސްލާމީ ދައުލަތާބެހޭ ގޮތުން ވިދާޅުވެފައިވާ ބަސްފުޅުތަކެވެ. އެ ދައުލަތް ޤާއިމުވެފައިވާ މަޒުހަބު ކަމަށް ޑރ. ޤަރަޟާވީ ވިދާޅުވެފައިވާ މަޒުހަބަކީ، މުސްލިމުންގެ އާންމުން ދަންނަ މަޒުހަބެއް ނޫނެވެ. މުސްލިމުންގެ އާންމުން ދަންނަ ގޮތުގައި އީރާނުގައި ވަނީ، ޝީޢީ މަޒުހަބެވެ. އަދި އެއީ، މުސްލިމުންގެ ސުންނަތްޖަމާޢަތާ ޚިލާފު މަޒުހަބެކެވެ.

މިފަދަ ސަބަބުތަކަށްޓަކައި، ނަންގަނެވިދިޔަ ފޮތުން، ފަޟީލަތުއްޝައިޚު ޑރ. ޔޫސުފުލް ޤަރަޟާވީއާ ދެކޮޅަށް ހެކިދެއްކެއެވެ. އެ ފޮތަކީ، އޭނާގެ އަގުވައްޓާލުމަށްޓަކައި މިހާރު ހިންގޭ ޙަރަކާތުގައި ބޭނުންކުރެވޭ ވަސީލަތެކެވެ. މީގެ ކުރިންވެސް ވަނީ އޭނާގެ އަގުވައްޓައިލުމަށްޓަކައި އެތައް ޙަރަކާތްތަކެއް ހިންގިފައެވެ. މިޞްރުގެ "އަލްއިޚުވާނުލް މުސްލިމޫން" ޖަމާޢަތުގެ މެންބަރަކަށްވީތީ، އޭނާގެ މައްޗަށް އުފެދިފައިވާ ނުޤަބޫލުކަމެއް ވެއެވެ. އޭނާ ގެންގުޅުއްވާ ބައެއް ފިކުރުގެ ސަބަބުން އޭނާގެ މައްޗަށް އުފެދިފައިވާ ނުތަނަވަސްކަމެއް ވެއެވެ. އެހެނަސް އެއާ ނުބައްދަލު، ޤަދަރާއި، ކަރާމަތާއި، މަޤުބޫލުކަމާއި، ޝުހުރަތާއި، ހައިބަތު، މުޅި އިސްލާމީ އުންމަތުގައި އޭނާއަށް ލިބިވަޑައިގެންފައި ވެއެވެ. އޭނާ ކުރައްވާފައިވާ ޢިލްމީ މަސައްކަތްޕުޅުތަކުގެ ގިނަގުނަކަމުންނެވެ. ބުރަދަން ބޮޑު އެ މަސައްކަތްޕުޅުތަކުގެ ތެރެއިން، "އުއްމަތުނާ ބައިނަ ޤަރުނައިނި" (أُمَّتُنَا بَيْنَ قَرْنَيْنِ) އެވެ، ކިޔާ ފޮތުގެ ގިނަ މައުޟޫޢުތަކަކީ، މުސްލިމުންގެ މެދުގައި ނުހަނު މަޤުބޫލު މައުޟޫޢުތަކެކެވެ.


ތާރީޚު: 21 ޖޫން 2017
މަޞްދަރުތައް:
މެދުއިރުމަތީގެ މީޑިއާތަކާއި، ސޯޝަލް މީޑިއާ.
"އުއްމަތުނާ ބައިނަ ޤަރުނައިނި" (أُمَّتُنَا بَيْنَ قَرْنَيْنِ)