ޢަރަބި ޤައުމުތަކަކުން ޤަޠަރާ ގުޅުން ކަނޑާލުން


ގަލްފުގެ ޤައުމުތަކުގެ ތެރެއިން ޤަޠަރާ ގުޅުން ކަނޑާލި ހަތަރު ޤައުމަކީ، ސަޢޫދިއްޔާއާއި، ބަޙުރައިނާއި، ޔޫއޭއީއާއި ޔަމަނެވެ. އޭގެ އިތުރުން، މިޞްރާއި، ލީބިޔާގެ އިރުމަތީ ސަރުކާރުން ވެސް ވަނީ ޤަޠަރާއެކު އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލާފައެވެ. އެ ޤައުމުތަކުން ނެރެފައިވާ ރަސްމީ ބަޔާންތަކުގައި ޤަޠަރާ ގުޅުން ކަނޑާލި ސަބަބެއް ކަމަށް ބުނެފައި ވަނީ، "ޤަޠަރުން (އެ) ޤައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމާއި، ޓެރަރިޒަމަށް ވާގިވެރިވުން" ކަމަށެވެ.

ޤަޠަރުގެ ޚާރިޖީ ވުޒާރާއާ ޙަވާލާދީ، އަލްޖަޒީރާ އިން ބުނެފައިވަނީ، ސަޢޫދިއްޔާއާއި، މިޞްރާއި، ޔޫއޭއީއާއި، ބަޙުރައިނުން، ޤަޠަރާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލީތީ ހިތާމަކުރާ ކަމަށެވެ. ޤަޠަރުގެ ޚާރިޖިއްޔާއިން ބުނެފައިވަނީ، "އެ (ޑިޕްލޮމެޓިކް ގުޅުން ކަނޑާލުމުގެ) އިޖުރާއާތުތައް ޖަސްޓިފައި ނުކުރެވޭނެ ކަމަށެވެ. އަދި އެ ބިނާވެފައިވަނީ، އެއްވެސް އަސާސެއް ނެތް ދޮގު ބުހުތާނުގެ މައްޗަށް ކަމަށެވެ."

ޤަޠަރާ ދެކޮޅަށް ޢަރަބި ޤައުމުތަކަކުން ފިޔަވަޅު އެޅީ، ޤަޠަރުގެ އަމީރު، ތަމީމު ބްނު ޙަމަދު އާލު ޘާނީ (تميم بن حمد آل ثاني) މިދިޔަ މަހުގެ ތެރޭގައި ވިދާޅުވި ކަމަށް ބުނެވޭ ބަހެއްގެ ސަބަބުންނެވެ. އެމަނިކުފާނު ވިދާޅުވި ކަމަށް ބުނެވެނީ، އީރާނާ ޢަދާވާތްތެރިވުމަކީ، ޙިކުމަތްތެރި ކަމެއް ނޫން ކަމަށެވެ. އެމަނިކުފާނު ވަނީ، އީރާނާ ދެކޮޅުވެރިވުން ނެގެހެއްޓެވުމަށް ދެކޮޅުހައްދަވާފައެވެ.

އެހެނަސް އޭގެފަހުން، ޤަޠަރުގެ ރަސްމީ މީޑިއާއިން ބުނެފައިވަނީ، ޤަޠަރުގެ އަމީރު ވިދާޅުވި ކަމަށް އަޑުއެރި ބަހުގެ ޞައްޙަކަން ނަފީކޮށްފައެވެ. އެއާއެކު، ބުނެފައިވަނީ، އެ ޤައުމުގެ ހެކްކުރެވުނު ކަމަށެވެ. އެހެނަސް، ސަޢޫދިއްޔާއާއި، އިމާރާތުގެ މީޑިއާގެ ވަސީލަތްތަކުން ވަނީ، ޤަޠަރުގެ މައްޗަށް މީޑިއާގައި ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އެއަށްފަހު، އެ ޤައުމުތަކުގެ ރަސްމީ މީޑިއާތަކުން ވަނީ، ޤަޠަރުގެ ސަރުކާރާ ގުޅުން ކަނޑާލިކަމުގެ ރަސްމީ ބަޔާންތައް ޝާއިޢުކޮށްފައެވެ.

މިޞްރުގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ:

"ޤަޠަރާއެކު އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލުމަށް މިޞްރުގެ ސަރުކާރުން ނިންމީ، މިޞްރާ ދުޝްމަންވުމުގެ މަގުގައި ޤަޠަރުން ގަދަފައި ވިއްދާފައިވާތީއެވެ. އަދި ޤަޠަރުން ޓެރަރިސްޓު ޖަމާޢަތްތަކަށް ވާގިވެރިވުން ހުއްޓުވުމަށްޓަކައި ކުރި ހުރިހައި މަސައްކަތެއް ނާކާމިޔާބުވުމުންނެވެ. އެފަދަ ޖަމާޢަތްތަކުގެ ކުންނުގައިވާ ޖަމާޢަތަކީ، އިޚުވާނުންގެ އިރުހާބީ ޖަމާޢަތެވެ. އެ ޖަމާޢަތުގެ އިސް ވެރިންނަށް ޤަޠަރުން ޙިމާޔަތްދެއެވެ. މިޞްރުގެ އަމްނާއި ސަލާމަތާ ދެކޮޅަށް ދީފައިވާ ޓެރަރިސްޓް ޙަމަލާތަކަކާ ގުޅިގެން އެމީހުންގެ މައްޗަށް ވަނީ، ނިޔާތަކެއް ކަނޑައެޅިފައެވެ. އެފަދަ ބަޔަކަށް ޙިމާޔަތް ދިނުމުގެ އިތުރުން، ޤަޠަރުން ވަނީ، މިޞްރާއި، ގަލްފުގެ ޤައުމުތަކުގެ ދާޚިލާ ކަންތައްތަކުގެ ތެރެއަށް ވެސް ވަދެގެންފައެވެ. ޢަރަބީންގެ ޤައުމިއްޔަތުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާތެރި ސިފައެއްގައެވެ."

ސަޢޫދީ ސަރުކާރާ ޙަވާލާދީ، އެ ޤައުމުގެ ރަސްމީ މީޑިއާއިން ބުނެފައިވަނީ، "ޤަޠަރާއެކު އޮތް ޑިޕްލޮމެޓިކް ގުޅުންތަކާއި، ޤުންޞުލީ ގުޅުންތައް ކަނޑާލުމަށް ސަޢޫދީ ސަރުކާރުން ނިންމީ، ބައިނަލްއަޤުވާމީ ޤާނޫނުގެ ދަށުން ލިބިގެންވާ ސިޔާދިއްޔަ ޙައްޤުތަކުގެ ބޭނުންހިފުމަށާއި، ހައްދުފަހަނަޅައިދިއުމާއި ޓެރަރިޒަމްގެ ނުރައްކަލުން ޤައުމު ޙިމާޔަތްކުރުމަށްޓަކައި" ކަމަށެވެ. ސަޢޫދިއްޔާއިން ވަނީ، އެއްގަމު މަގުންނާއި، ކަނޑު މަގުންނާއި، ވައިގެ މަގުން، ސަޢޫދީއާއި ޤަޠަރާ ދެމެދުގައިވާ ދަތުރުފަތުރުކުރުމުގެ ހުރިހައި މަގުތަކެއް ބަންދުކޮށްފައެވެ. އަދި ސަޢޫދިއްޔާގެ ސަރަޙައްދުގައި ހިމެނޭ ކަނޑާއި، ޖައްވާއި، އެއްގަމުން ޤަޠަރުގެ އުޅަނދުފަހަރު ދަތުރުކުރުން ވެސް މަނާކޮށްފައެވެ.

ސަޢޫދިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޤަޠަރަކީ، ޓެރަރިސްޓް ޖަމާޢަތްތައް އުނގަށް ލައިގެން އުޅޭ ޤައުމެއް ކަމަށެވެ. އެފަދަ ޖަމާޢަތްތަކުގެ ތެރޭގައި، އިޚުވާނުލްމުސްލިމީން ޖަމާޢަތާއި، ދާޢިޝް (އައިއެސް) އާއި، އަލްޤާޢިދާ ހިމެނޭ ކަމަށެވެ. އަދި ސަޢޫދިއްޔާގެ އަލްޤަޠީފު މުޙާފަޡާގައި، އީރާނުގެ މަދަދާއެކު ޙަރަކާތްތެރިވާ ޓެރަރިސްޓް ޖަމާޢަތްތަކުގައި ވެސް ކައްތިރި ވިއްދައި އެ ޖަމާޢަތްތަކަށް ވާގިވެރިވާ ކަމަށެވެ.

ބަޙުރައިނުން ޤަޠަރާ ގުޅުން ކަނޑާލިކަން އިޢުލާންކޮށް، އެ ޤައުމުގެ ރަސްމީ މީޑިއާއިން އާންމުކުރި ބަޔާނެއްގައި ބުނެފައި ވެއެވެ. "ބަޙުރައިނުން ޤަޠަރާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލީ، ބަޙުރައިނުގެ ޤައުމީ ސަލާމަތަށްޓަކައެވެ." ޤަޠަރުގައިވާ ބަޙުރައިނުގެ ޑިޕްލޮމެޓިކް ބޭފުޅުން އަނބުރާ ގެންދިޔަ ކަމާއި، ބަޙުރައިނުގައިވާ ޤަޠަރުގެ އެންމެހައި ޑިޕްލޮމެޓިކް ބޭފުޅުން އެ ޤައުމުން ބޭރުވުމަށް 48 ގަޑިއިރުގެ މުހުލަތެއް ދިން ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. އަދި އެ ބަޔާން އާންމުކުރިތާ 24 ގަޑިއިރުގެ ތެރޭގައި، ޤަޠަރުގެ އެއްވެސް އުޅަނދަކަށް ވައިގެ މަގުންނާއި، ކަނޑުމަގުން ބަޙުރައިނަށް ދަތުރުފަތުރު ކުރުމުގެ މަގުތައް ވަނީ ބަންދުކޮށްފައެވެ. އަދި ބަޙުރައިނުގައިވާ ޤަޠަރުގެ ރައްޔިތުންނާއި، ޤަޠަރުގެ ފަތުރުވެރިން 14 ދުވަހުގެ ތެރޭގައި އެ ޤައުމުން ބޭރުވުމަށް ވެސް ވަނީ އަންގާފައެވެ.

ޔޫއޭއީއިން ޤަޠަރާ ގުޅުން ކަނޑާލިކަން އިޢުލާންކުރީ އެ ޤައުމުގެ ރަސްމީ މީޑިއާއިންނެވެ. އެ ޤައުމުން ބުނެފައިވަނީ، "ޤަޠަރާއެކު އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލައި، ޤަޠަރުގެ ރައްޔިތުން އެ ޤައުމަށް ވަނުން މަނާކޮށް، އެ ޤައުމުގައިވާ ޤަޠަރުގެ ރައްޔިތުންނާއި ފަތުރުވެރިން އެ ޤައުމުން ބޭރުވުމަށް 14 ދުވަހުގެ މުހުލަތެއް ދީފައިވާ ކަމަށެވެ. މި ފިޔަވަޅުތައް އަޅަންޖެހުނީ، ޤައުމީ ސަލާމަތާ ގުޅުންހުރި ސަބަބުތަކަކަށްޓަކައި ކަމަށެވެ."

ޔަމަނުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "އިންޤިލާބީ ޙޫޘީންނަށާއި، ހަރުކަށި ޖަމާޢަތްތަކަށް ޤަޠަރުން ވާގިވެރިވެ، އެ ފަރާތްތަކާއެކު މުޢާމަލާތުކުރަމުންދާކަމީ، މިހާރު ފާޅުކޮށް އެނގެން އޮތް ކަމެއް ކަމަށެވެ."

ލީބިޔާގެ އިރުމަތީ ސަރުކާރުގެ ޚާރިޖީ ވަޒީރު (محمد الدايري) ވިދާޅުވެފައިވަނީ، "އެ ސަރުކާރުން ވަނީ، ސަރަޙައްދުގެ އެކުވެރި އެހެން ޤައުމުތަކުން ޢަމަލުކުރި ގޮތަށް ޢަމަލުކޮށް، ޤަޠަރާއެކު އޮތް ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލުމަށް ނިންމާފައި ކަމަށެވެ."

އީރާނުގެ ރައީސް އޮފީހުގެ މުދީރުގެ ނައިބު (حسن روحاني) ވިދާޅުވެފައިވަނީ، ގަލްފުގެ ބައެއް ޤައުމުތަކުންނާއި، މިޞްރުން ޤަޠަރާ ގުޅުން ކަނޑާލުމަކީ، މެދުއިރުމަތީގެ މައްސަލަ ޙައްލު ކުރުމަށް ދުވަހަކުވެސް އެހީތެރިވެދޭނެ ކަމެއް ނޫން ކަމަށެވެ.

އީރާނުގެ ތަޖުރިބާކާރު ޑިޕްލޮމެޓިކް ބޭފުޅެއް ކަމަށްވާ ޙަމީދު އަބޫޠާލިބީ (حميد ابوطالبي) ވިދާޅުވެފައިވަނީ، "ގުޅުން ކަނޑާލުމާއި، ސަރަޙައްދީ ރޮނގު ބަންދުކުރުމުގެ ޒަމާން ފާއިތުވެގެން ހިނގައްޖެ ކަމަށެވެ. އެފަދަ ކަންކަމަކީ މިހާރު މައްސަލަ ޙައްލުކޮށްދޭނެ ޞައްޙަ މަގު ނޫން ކަމަށެވެ. މައްސަލަ ޙައްލުކުރުމަށްޓަކައި ވާހަކަދެއްކުން ފިޔަވައި އެހެން އިޚުތިޔާރެއް މި ޤައުމުތަކަށް ނެތް ކަމަށެވެ."

މި މޭމުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވެފައި ވެއެވެ.

"މި ހިނގި ކަމަކީ، ކަނޑި ނެށުމުގެ އައްވަލު ނަތީޖާކަން ކަށަވަރެވެ."

މި ޢިބާރާތަކީ، ދާދިފަހުން ސަޢޫދިއްޔާއަށް އެމެރިކާގެ ރައީސް ޓްރަމްޕް ކުރެއްވި ޒިޔާރަތަށް ކުރައްވާފައިވާ އިޝާރާތެއް ކަމަށް ބުނެވެއެވެ.

ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު (مولود جاويش أوغلو)، ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރާއެކު ބޭއްވި ނޫސް ކޮންފަރެންސެއްގައި ވިދާޅުވެފައި ވެއެވެ.

"ހިނގަމުންމިދާ ކަންކަމުން އެންމެންގެ ހިތްތަކަށް ހިތާމަވެރިކަން ވެރިވެއްޖެއެވެ. އެންމެހައި ޙާލަތުތަކުގައި ވެސް، ވާހަކަދެއްކުން ދެމިއޮންނަންވާނެއެވެ. އެ ދެބަސްވުންތަކަށް ޙައްލެއް ހޯދިދާނެއެވެ. އެ ދެބަސްވުންތައް ޙައްލުކުރުމަށްޓަކައި، ދެވެން އޮތް ހުރިހާ އެހީތެރިކަމަކާއި ވާގިވެރިކަމެއް ދިނުމަށް ތިމަންމެން (ތުރުކީވިލާތުން) މިތިބީ ތައްޔާރަށެވެ."


ތާރީޚު: 5 ޖޫން 2017
މަޞްދަރު:
http://www.bbc.com/arabic/middleeast-40155690