ނުކުޅަދާނަ ތަކުލީފުގެ މައްސަލަ


"ނުކުޅަދާނަ ކަމުގެ ތަކުލީފު" (التكليف بالمحال) ގެ މައުޟޫޢަކީ، ދެނެގަތުމަށް ނުހަނު މުހިންމު މައުޟޫޢެކެވެ. އެއީ، މާތް ﷲ، އެކަލާނގެ އަޅުތަކުންގެ މައްޗަށް ތަކުލީފުކުރައްވާފައިވާ ކަންކަމުގެ އިންތައް ފަހުމްކޮށް ދެނެގަތުމަށްޓަކައެވެ. މި މައުޟޫޢުގެ މައްޗަށް ނަޒަރުހިންގައިލާއިރު، ގުޅުންހުރި ލަފުޒުތަކާއި، ޢިބާރާތްތައް ވާކަން އެނގެއެވެ. އޭގެ މެދުގައި ތަފާތުތަކެއް ވެސް ވެއެވެ. އެފަދަ ލަފުޒުތަކުގެ ތެރޭގައި، "އަލްމުމްތަނިޢު" (الممتنع) އާއި، "މާ ލާ ޔުޠާޤު" (مالا يطاق) އާއި، "އައްޝާއްޤު" (الشاق) ފަދަ ލަފުޒުތައް ހިމެނެއެވެ.

މާތް ﷲ ގެ ދީލަތިވަންތަކަން، އާންމު ގޮތެއްގައި އެންމެހައި އިންސާނުންގެ މައްޗަށް ތަނަވަސްވެގެންވެއެވެ. ޚާއްޞަކޮށް، މުސްލިމުންގެ މައްޗަށް މާބޮޑަށް ތަނަވަސްވެގެންވެއެވެ. އިންސާނުންނަށް ކުރުމަށް ކުޅަދާނަވެގެންނުވާ ކަމެއް، މާތް ﷲ، އިންސާނުންގެ މައްޗަށް ތަކުލީފުކުރައްވާފައެއް ނުވެއެވެ. އެކަލާނގެ ތަކުލީފުކުރައްވާފައި ވަނީ، އިންސާނުގެ ކުޅަދާނަކަމާ މުނާސިބުވެގެންވާ މިންވަރަށެވެ. މިކަން ޞަރީޙަ ބަސްފުޅުން ބަޔާންކުރައްވައި ވަޙީކުރައްވާފައި ވެއެވެ.

(لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا)
އަލްބަޤަރާ: 286

މާނައީ، "ﷲ، އެއްވެސް ނަފުސަކަށް، އެ ނަފުސަކަށް ކުޅަދާނަވެގެންވާ މިންވަރަކަށް މެނުވީ ތަކުލީފެއް ނުޖައްސަވައެވެ."

މި އާޔަތާމެދު އަލްޖައްޞާޞު (الجصاص) ވިދާޅުވެފައި ވެއެވެ.

"މި އާޔަތުގައި މާތް ﷲ އަންގަވާފައި އެވަނީ، އެއްވެސް މީހަކަށް ކުޅަދާނަވެގެންނުވާ ކަމެއް އެކަލާނގެ ތަކުލީފުކުރައްވާފައިނުވާ ކަމަށެވެ. އެއްވެސް މީހަކަށް ކުޅަދާނަވެގެންނުވާ ކަމެއް އެކަލާނގެ ތަކުލީފުކުރެއްވިނަމަ، ކުޅަދާނަވެގެންވާ މިންވަރުގެ ކަމެއް މެނުވީ ތަކުލީފުކުރެއްވި ކަމަކަށް ނުވާނެއެވެ. އިންސާނުންނަށް ކުރުމަށް ކުޅަދާނަވެގެންނުވާ ކަންކަން، މާތް ﷲ ގެ ދީލަތިވަންތަކަމުންނާއި، އެކަލާނގެ ފަޟުލުވަންތަވެރިކަމުން، އިސްލާމީ ޝަރީޢަތުގައި ވަނީ، ލުއިފަސޭހަކޮށްދެއްވާފައެވެ."

"ނުކުޅަދާނަ ކަމުގެ ތަކުލީފު" (التكليف بالمحال) ގެ މައުޟޫޢަކީ، މުތަޚައްޞިޞު ޢިލްމުވެރިންގެ މެދުގައި ވެސް ދޭހަތަފާތުވެފައިވާ މައުޟޫޢެކެވެ. އެއީ، މި މައުޟޫޢުގެ ކަވިކަމުންނާއި، ކަފިކަފިވުން ގިނަކަމުންނެވެ. އެކަންކަމުގެ ސަބަބުން ދޭހަތަފާތުވުމުގެ ތަނަވަސްކަން ވަނީ މި މައުޟޫޢުގެ މައްޗަށް ވެރިވެފައެވެ. އެހެންކަމުން މި މަޢުޟޫޢުގެ ތެރެއަށް ފީނި ބައެއް ފަރާތްތަކަށް ވަނީ، އޮޅުންބޮޅުން އަރާފައެވެ. އެފަދަ ފަރާތްތަކުން އެކުލަވާލައްވާފައިވާ ފޮތްފޮތުގައި ޞައްޙަ ނޫން މަޢުލޫމާތު ވަނީ ހިމެނިފައެވެ. އޭގެ އެއް މިސާލަކީ، ޢިލްމުވެރިންގެ މެދުގައި ދޭހަތަފާތުވެފައިވާ ބައެއް ކަންކަމަކީ، އިޖުމާޢީ ކަންކަން ކަމުގައި ދަޢުވާކުރެވިފައިވުމެވެ.

މިދެންނެވި ފަދަ މިސާލެއްގެ އިތުރު ތަފުޞީލެއްގެ ގޮތުން، "މަޢާލިމު އުޞޫލިލް ފިޤުހި ޢިންދަ އަހުލިއްސުންނަތި ވަލްޖަމާޢަތި" (معالم أصول الفقه عند أهل السنة والجماعة) ގައިވާ ނުކުތާއަކަށް އަލިއަޅުވައިލާނަމެވެ. އެ ފޮތުގައި ވެއެވެ.

"ނުކުޅަދާނަ ކަމުގެ ތަކުލީފު" (التكليف بالمحال) ބެހިގެންވަނީ ދެ ބަޔަކަށެވެ. އެއިން އެއްބަޔަކީ، އޭގެ ޒާތުގައި މުސްތަޙީލު ތަކުލީފެވެ. އޭގެ މިސާލަކީ، (ދޮނާއި ކަޅު އެކުއެކީގައި ހުރުން ފަދަ) ދެ ފުށުއެރުމެއް ޖަމާކުރުމެވެ. މިއީ، އިސްލާމީ ޝަރީޢަތުގައި އައިސްފައިވާ ކަމެއް ނޫނެވެ. މިފަދަ ކަމެއް ތަކުލީފުކުރުމަކީ ޢިލްމުވެރިންގެ އިޖުމާޢުގައި ހުއްދަ ކަމެއް ވެސް ނޫނެވެ. އެއީ، (لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا) މިހެން، މާތް ﷲ ވަޙީކުރައްވާފައި ވާތީއެވެ."

ނަންގަނެވިދިޔަ ފޮތުގައި ބަޔާންވެފައި ވިޔަސް) އެއީ، ޞައްޙަ ރައުޔެއް ނޫނެވެ. ޞައްޙަ ރައުޔަކީ، "ނުކުޅަދާނަ ކަމުގެ ތަކުލީފު" (التكليف بالمحال) ގެ މައުޟޫޢުގައި ޚިލާފު އުފެދި، ދޭހަތަފާތުވެފައިވާ ކަމަށް ބުނާ ރައުޔެވެ.

ބައެއް މުޞްޠަލަޙުގެ މާނަ:
ދޭހަވުމުގައި އުނދަގޫތަކެއް ކުރިމަތިވާ މުޞްޠަލަޙުތަކެއް، އުޞޫލު ޢިލްމުގެ ފޮތްފޮތުގައި ވެއެވެ. އެއިން ބައެއް މުޞްޠަލަޙުތައް ވަނީ، (فعل المكلف) ގެ މައުޟޫޢުގައެވެ. މުކައްލަފުގެ ނުކުޅަދާނަކަމާބެހޭ މައުޟޫޢުގައި ލިޔެވިފައިވާ އެކި ފޮތްފޮތުގައި ތަފާތު ސުރުޚީތައް ވެއެވެ. އޭގެތެރޭގައި، (التكليف بالمحال) އާއި، (التكليف بالممتنع) އާއި، (التكليف بما لا يطاق) ހިމެނެއެވެ.

މިދެންނެވި ސުރުޚީތަކުގެ މަފުހޫމުތައް ތަފާތު ކަމަށް ފޮތް ކިޔާ ފަރާތްތަކަށް އިޙުސާސްވެއެވެ. މިހެންވެ، އެ ފޮތްތައް ދިރާސާކޮށް، އެ ސުރުޚީތަކުގެ ރަނގަޅު މަފުހޫމު ގެނެސްދިނުމަށް މަސައްކަތްކުރީމެވެ. އެގޮތުން (الممتنع) އާއެކު، (مالا يطاق) އާއި (المحال) ގެ މަފުހޫމު ގެނެސްދިނީމެވެ. އަދި (المحال) އާއި (الشاق) ގެ ފަރަގު ބަޔާންކުރީމެވެ.

މާ ލާ ޔުޠާޤުގެ މަފުހޫމު:
ޢިލްމުވެރިންގެ ޖުމްހޫރުގެ ނަޒަރުގައި، (ما لا يطاق) އަކީ، ވުން މަނާވެގެންވާ ކަމަށް ކިޔޭ ނަމެކެވެ. އޭގެ ޝަރުޢީ ތަކުލީފުގެ ޖާއިޒުކަމާމެދު ޢިލްމުވެރިންގެ މެދުގައި ދޭހަތަފާތުވެފައި ވެއެވެ. މި ނުކުތާގެ މައްޗަށް ދެވަނަ ބައިގައި އަލިއަޅުވާލެވޭނެއެވެ.

އަލްމުޙާލުގެ މަފުހޫމު:
(المُحال) އަކީ، ކުރުމަށް ކުޅަދާނަވެގެން ނުވާ ކަމަށް ކިޔޭ ނަމެކެވެ. އެ ބެހިގެންވަނީ އެތައް ބަޔަކަށެވެ. އޭގެ ޝަރުޢީ ތަކުލީފުގެ ޖާއިޒުކަމާމެދު ޢިލްމުވެރިންގެ މެދުގައި ދޭހަ ތަފާތުވެފައި ވެއެވެ. ފަހުން އޭގެ މައްޗަށް އަލިއަޅުވައިލެވޭނެއެވެ.

އަލްމުމްތަނަޢުގެ މަފުހޫމު:
އަލްމުމްތަނަޢު (المُمتَنَع) އަކީ، "ކުރުމަށް ކުޅަދާނަވެގެން ނުވާ ކަން" (المُحال) އާއި، "ވުން މަނާވެގެންވާ ކަން" (ما لا يطاق) އަށް ކިޔޭ ނަމެކެވެ. ބައެއް ފަހަރު އަލްމުމްތަނަޢު (المُمتَنَع) އިން މާނަކުރެވެނީ، ކަމެއް ވުން މަނާވުމެވެ. ބައެއް ފަހަރު އެއިން މާނަކުރެވެނީ، ކަމެއް ތަކުލީފުވެފައިވުން މަނާވުމެވެ. އުޞޫލީ ޢިލްމުގެ ބައެއް އަހުލުވެރިން (المُمتَنَع) ބޭނުންކުރަނީ، (المُحال) ގެ މާނައިގައެވެ. އެހެންކަމުން (مُحال لِذَاتِهِ) ގެ ބަދަލުގައި އެއުރެން ބޭނުންކުރަނީ، (مُمتَنَع لِذَاتِهِ) އެވެ.

އަލްމުޙާލު ނުވަތަ އަލްމުމްތަނަޢުގެ ތެރޭގައި ހިމެނޭ ތަކުލީފުތައް ވަނީ ބައިތަކަކަށް ބަހާލެވިފައެވެ. އޭގެ ތަކުލީފާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދި، ދޭހަތަފާތުވެފައި ވެއެވެ. އޭގެ ބައިތައް ތިރީގައި މިވަނީއެވެ.

އާދަކާދައިގެ މުޙާލު:
އާދަކާދައިގެ މުޙާލު (المُحال العادي) އަކީ، އާންމު ގޮތެއްގައި ކުރުމުގެ ކުޅަދާނަކަން މީހުންނަށް ލިބިފައިނުވާ ކަންކަމެވެ. ނުވަތަ އެކަންކަން ކުރުމުގެ ކުޅަދާނަކަން މީހުންނަށް އާންމު ގޮތެއްގައި ނުލިބޭ ކަންކަމެވެ. މީގެ މިސާލަކީ، މީހަކު ފެންގަނޑެއްގެ މަތީގައި ހިނގުމެވެ. ނުވަތަ މީހަކު ޖައްވުގައި އުދުހުމެވެ.

ޙާލަތުގެ މުޙާލު:
ޙާލަތުގެ މުޙާލު (المُحال لعارض) އަކީ، ކުރިމަތިވެފައިވާ ޙާލަތެއްގެ ސަބަބުން ނުވަތަ ކަންކުރުން މަނާކުރާ ސަބަބެއް މެދުވެރިވެފައިވާތީ، ނުކުރެވޭނެ ކަންކަމެވެ. މި ބާވަތުގެ މުޙާލަށް އެތައް ނަންތަކެއް ދެވިފައި ވެއެވެ. އޭގެތެރޭގައި (الممتنع لغيره) އާއި، (الجائز العقلي) އާއި، (المستحيل لا لذاته) ފަދަ ނަންތައް ހިމެނެއެވެ.

މި ބާވަތުގެ މުޙާލުގެ މިސާލަކީ، އަބޫޖަހުލު އީމާންވުމެވެ. އޭނާ އީމާންވުމަކީ، ހަމައެކަނި އޭނާގެ ނަފުސަށް ބަލާއިރު، ބުއްދީގެ ގޮތުން ޖާއިޒު ކަމެކެވެ. އެހެނީ، އޭނާ އީމާންވުމާއި، އޭނާ އީމާންނުވުމަކީ، ބުއްދި ޤަބޫލުކުރާ ކަމެކެވެ. އެހެނަސް އެހެން ނަޒަރަކުން ބަލާއިރު، އޭނާ އީމާންވުމަކީ މުސްތަޙީލު ކަމެކެވެ. އޭނާ އީމާންނުވާނެތީ، މާތް ﷲ ގެ އަޒަލިއްޔަ ޢިލްމުފުޅުގައި (ދެނެވޮޑިގަތުމުގައި) ވަނީ، އޭނާ އީމާންނުވާނެ ކަމަށެވެ.

ޒާތީ މުޙާލު:
ޒާތީ މުޙާލު (المُحال لِذَاتِهِ) އަކީ، އޭގެ އަމިއްލަ ޒާތުގައި ވުން މަނާވެގެންވާ ކަމެވެ. މީގެ މިސާލަކީ، (ދޮނާއި ކަޅު، އެކުއެކީގައި ހުރުން ފަދަ) ދެ ފުށުއެރުމެއް ޖަމާވުމެވެ. ނުވަތަ ފާއިތުވެފައިވާ ކަމެއް އަނބުރާ ގެނެސް، އެކަމެއް ނެއްތައިލުމެވެ. މިބާވަތުގެ ކަންކަމަކީ، ވެދާނެ ކަމަށް ތަޞައްވުރުކުރެވޭނެ ކަންކަމެއް ނޫނެވެ. މި ބާވަތުގެ މުޙާލަށް، "ބުއްދީގެ މުޙާލު" (المُحال العقلي) ގެ ނަން ވެސް ދެވިފައި ވެއެވެ. (މި ބާވަތުގެ މުޙާލު ވާނީ، އޭގެ ޒާތުގައި ނުވަތަ ޙަޤީޤަތުގައި ނުވަތަ މަފުހޫމުގައި ވެސް ވުން މަނާވެފައެވެ.)

އިބްނުއްތިލިމްސާނީ (ابن التلمساني) އާއި އެނޫން ޢިލްމުވެރިން ވަނީ، "ނުކުޅަދާނަ ކަމުގެ ތަކުލީފު" (التكليف بالمحال) އާއި، "ނުކުޅަދާނަ ފަރާތުގެ ތަކުލީފު" (تكليف المحال) ގެ ތަފާތު ބަޔާންކުރައްވާފައެވެ. ޢިލްމުވެރިން ވިދާޅުވެފައިވަނީ:

"ނުކުޅަދާނަ ކަމުގެ ތަކުލީފު" (التكليف بالمُحال) އަކީ، އަމުރުކުރެއްވިގެންވާ ކަމަށް މުޙާލުވުން ރުޖޫޢުވުމެވެ.
"ނުކުޅަދާނަ ފަރާތުގެ ތަކުލީފު" (تكليف المُحال) އަކީ، އަމުރުކުރެއްވިގެންވާ ފަރާތަށް މުޙާލުވުން ރުޖޫޢުވުމެވެ.