ނުކުޅަދާނަ "ކަމުގެ" ތަކުލީފުގެ މަޒުހަބުތައް
"ނުކުޅަދާނަ "ކަމުގެ" ތަކުލީފު" (التكليف بالمُحال)
އާމެދު ޢިލްމުވެރިންގެ މެދުގައިވާ ޚިލާފު އުފެދި،
ދޭހަތަފާތުވެފައި ވެއެވެ. "ނުކުޅަދާނަ ކަމުގެ ތަކުލީފު"
(التكليف بالمحال) ޖާއިޒުވޭތޯ ބެލުމުގެ ބާބުގައި،
ޢިލްމުވެރިން ވަނީ ތިން މަޒުހަބަކަށް ބެހިފައެވެ.
ފުރަތަމަ މަޒުހަބު:
މިއީ ޖުމްހޫރުގެ މަޒުހަބެވެ. މި
މަޒުހަބުގެ ޢިލްމުވެރިން ވިދާޅުވަނީ، "ނުކުޅަދާނަ ކަމެއް
ކުރުމުގެ ތަކުލީފު" (التكليف بالمحال) ޞައްޙަނުވާނެ
ކަމަށެވެ. އޭގެ ޒާތުގައި މުޙާލުވި ކަމުގައިވިޔަސް، އަދި
މަނާވުމުގެ ސަބަބުން މުޙާލުވި ކަމުގައިވިޔަސް ޞައްޙަނުވާނެ
ކަމަށެވެ.
އޭގެ ޒާތުގައި މުޙާލު ތަކުލީފަކީ
ބުއްދީގެ ގޮތުން ބަލާއިރު، ހުއްދަވާނެ ތަކުލީފެއް ނޫނެވެ.
އެހެނީ އެއީ، އޭގެ ޒާތުގައި ނުކުރެވޭނެ ކަމެއް ކުރުމަށް
ޖެއްސޭ ތަކުލީފެކެވެ. އޭގެ މިސާލަކީ، (ދޮނާއި ކަޅު
އެކުއެކީގައި ހުރުން ފަދަ) ދެ ފުށުއެރުން ޖަމާކުރުމެވެ.
ނުވަތަ މީހެއްގެ މައްޗަށް ކަމެއް ވާޖިބުކޮށް، ހަމަ އެހިނދު
އޭނާގެ މައްޗަށް އެކަން މަނާކުރުމެވެ.
"މަނާވެގެންވާ ކަމެއް ކުރުމުގެ ތަކުލީފު" (التكليف
الممتنع) ނުވަތަ މަނާވުމުގެ ސަބަބުން މުޙާލު ތަކުލީފަކީ،
އޭގެ ޒާތަށް ބަލާއިރު އަދާކުރެވިދާނެ ތަކުލީފެވެ.
އެހެނަސް، އެ ތަކުލީފު އަދާކުރުމުގެ ކުޅަދާނަކަން
މުކައްލަފަށް ލިބިގެނެއް ނުވެއެވެ. އެ އަދާކުރުމުގެ
ޝަރުޠެއް އުނިވާތީއެވެ. ނުވަތަ އެ އަދާކުރުން މަނާކުރާ
ކަމެއް ވާތީއެވެ. މީގެ މިސާލަކީ، މީހަކު މަތިންދާބޯޓެއް
ފަދަ ވަސީލަތަކާ ނުލައި، ޖައްވުގައި އުދުހުމެވެ. އަދި
މީހަކު ބިޔަ ފަރުބަދައެއް އުފުލުމެވެ.
އިބްނުލް
ޙަނަފީ (ابن نجيم الحنفي) ވިދާޅުވެފައި ވެއެވެ.
"ޢިލްމުވެރިންގެ ޖުމްހޫރުގެ ރައުޔުގައި، މިބާވަތުގެ
ތަކުލީފުތައް ވަނީ ނަފީކުރެވިފައެވެ."
ކީރިތި
ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައި
ވެއެވެ.
(فَأْتُوا مِنْهُ مَا اسْتَطَعْتُمْ)
ރިވާކުރެއްވީ: އަލްބުޚާރީ އާއި މުސްލިމު.
މާނައީ،
"ފަހެ، އެއިން ތިޔަބައިމީހުންނަށް ކުޅަދާނަވެގެންވީ
މިންވަރެއް އަދާކުރާށެވެ!"
މި ޙަދީޘްފުޅާމެދު
ކިތާބުލްއުއްމުގައި ޝާފިޢީގެފާނު ވިދާޅުވެފައި ވެއެވެ.
"ތިޔަބައިމީހުންގެ މައްޗަށް އޮތީ، ކުޅަދާނަވެގެންވީ
މިންވަރަކަށް ޢަމަލުކުރުމެވެ. އެހެނީ، މީސްތަކުންގެ
މައްޗަށް ތަކުލީފުކުރެއްވިގެންވަނީ، އެމީހުންނަށް ކުރުމަށް
ކުޅަދާނަވެގެންވާ މިންވަރަށެވެ."
މުޢުތަޒިލާ
(المعتزلة) އިންގެ ރައުޔުގައި، "ނުކުޅަދާނަ ކަމެއް
ކުރުމުގެ ތަކުލީފު" (التكليف بالمحال) އަކީ،
މުސްތަޙީލުކަމެކެވެ. އެމީހުންގެ މި ރައުޔު
ބިނާކޮށްފައިވަނީ، މާތް ﷲ ގެ ޙަޟުރަތުން ކަނޑައަޅުއްވާނީ
އެންމެ މޮޅުއިތުރު ގޮތް ކަމުގެ އަސާސުގެ މައްޗަށެވެ.
އައްޝައުކާނީ (الشوكاني) ތަރުޖީޙުކުރައްވާފައިވަނީ،
"ނުކުޅަދާނަ ކަމެއް ކުރުމުގެ ތަކުލީފު" (التكليف بالمحال)
އަކީ، މުސްތަޙީލު ކަމެއް ކަމަށް ބުނާ ރައުޔެވެ.
އިރުޝާދުލްފުޙޫލި (ارشاد الفحول) އެވެ، ކިޔާ ފޮތުގައި
އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ.
""ނުކުޅަދާނަ ކަމެއް
ކުރުމުގެ ތަކުލީފު" (التكليف بالمحال) އަކީ،
ޢިލްމުވެރިންގެ ޖުމްހޫރުގެ އަރިއަހުގައި ހުއްދަ ތަކުލީފެއް
ނޫނެވެ. ޙައްޤު ގޮތަކީ އެއީއެވެ. އެ ތަކުލީފު އަދާކުރުން
މުސްތަޙީލުވެފައިވަނީ، އޭގެ ޒާތުގައި ކަމަށްވިޔަސް، ނުވަތަ
އެ ތަކުލީފު އަދާކުރުން މަނާކުރާ ކަމެއް މެދުވެރިވުމުގެ
ސަބަބުން ކަމަށް ވިޔަސް، އެ ތަކުލީފު ހުއްދައެއް
ނުވާނެއެވެ."
"ނުކުޅަދާނަ ކަމެއް ކުރުމުގެ
ތަކުލީފު" (التكليف بالمحال) ޞައްޙަނުވާނެ ކަމަށް
ޢިލްމުވެރިންގެ ޖުމްހޫރު ދައްކަވާފައިވާ ދަލީލުތައް
ތިރީގައި މިވަނީއެވެ.
(لَا يُكَلِّفُ اللَّهُ
نَفْسًا إِلَّا وُسْعَهَا)
އަލްބަޤަރާ: 286
މާނައީ، "ﷲ، އެއްވެސް ނަފުސަކަށް، އެ ނަފުސަކަށް
ކުޅަދާނަވެގެންވާ މިންވަރަކަށް މެނުވީ ތަކުލީފެއް
ނުޖައްސަވައެވެ."
(رَبَّنَا وَلَا تُحَمِّلْنَا مَا
لَا طَاقَةَ لَنَا بِهِ)
އަލްބަޤަރާ: 286
މާނައީ، "އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް
އެކަމަކަށް ކުޅަދާނަވެގެންނުވާ ކަމެއް އުފުލުމަށް
އަޅަމެންނަށް ނުޖައްސަވާނދޭވެ!"
"ނުކުޅަދާނަ ކަމެއް
ކުރުމުގެ ތަކުލީފު" (التكليف بالمحال) ޞައްޙަވާނެ ނަމަ، އެ
ތަކުލީފު އަދާކުރެވެންޖެހޭނެއެވެ. އެ ތަކުލީފު
އަދާކުރުމަކީ، ބުއްދީގެ ގޮތުން ބަލާއިރު ކުރެވޭނެ ކަމެއް
ނޫނެވެ. ދެ ފުށުއެރުމެއް ޖަމާވުމަކީ، ބުއްދި ޤަބޫލުކުރާ
ކަމެއް ކަމުގައި ނުވާތީއެވެ. ކަޅު އެއްޗެއް ހުދު އެއްޗެއް
ކަމުގައި ނުވާނެތީއެވެ.
ދެވަނަ މަޒުހަބު:
މި
މަޒުހަބުގައި ހިމެނެނީ، އަޝްޢަރީންގެ ޖުމްހޫރާއި، ޝާފިޢީ
މަޒުހަބުގެ ގިނަ ޢިލްމުވެރިންނެވެ. މި މަޒުހަބުގެ
ޢިލްމުވެރިން ވިދާޅުވަނީ، "ނުކުޅަދާނަ ކަމެއް ކުރުމުގެ
ތަކުލީފު" (التكليف بالمحال) ގެ ދެ ބާވަތް ޖާއިޒު
ކަމަށެވެ.
މި މަޒުހަބުގެ ޢިލްމުވެރިން
ވިދާޅުވެފައިވަނީ، އޭގެ ޒާތުގައި މުޙާލު ތަކުލީފު ހުއްދަ
ކަމަށެވެ. މި ރައުޔުގެ ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ،
ދެ ފުށުއެރުން ޖަމާވުމަކީ ޖާއިޒު ކަމެއް ކަމަށެވެ.
މިކަމުގައި އެ ބޭކަލުން ދައްކަވާ ދަލީލަކީ، މާތް ﷲ،
ނޫޙުގެފާނަށް އަންގަވާފައިވާ ވަޙީބަސްފުޅެކެވެ.
(أَنَّهُ لَن يُؤْمِنَ مِن قَوْمِكَ إِلَّا مَن قَدْ
آمَنَ)
ހޫދު: 36
މާނައީ، "ކަލޭގެފާނުގެ ޤައުމުގެ
މީހުންގެ ތެރެއިން މިހާތަނަށް އީމާންވެގެންތިބި މީހުން
މެނުވީ، އީމާނެއް ނުވާނެތެވެ."
މި އާޔަތުން އެނގޭ
ގޮތުގައި، ނޫޙުގެފާނުގެ ޤައުމުގެ މީހުންގެ ތެރެއިން
އީމާންނުވި މީހުން އީމާނެއް ނުވާނެއެވެ. އެއާއެކު،
އެމީހުންނަކީ، އެކަލޭގެފާނު އެމީހުންނަށް އަންގަވާ
ކަންތައްތައް ތެދުކޮށް ޤަބޫލުކޮށް އެއަށް އީމާންވާންޖެހޭ
މުކައްލަފުންނެވެ. އެހެނަސް، މާތް ﷲ ގެ ވަޙީބަސްފުޅުގައިވާ
ގޮތުގެމަތިން ކަން ހިނގާނެތީ، ނޫޙުގެފާނަށް އީމާންނުވުމުގެ
ތަކުލީފަށް އެމީހުން އެބަ ހުށަހެޅެއެވެ.
މި
މަޒުހަބުގެ ޢިލްމުވެރިން ގެނެސްދެއްވާފައިވާ އަނެއް
ދަލީލަކީ، އަބޫލަހަބުގެ ޙާލަތެވެ. ކީރިތި މާތް ނަބިއްޔާ
ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެނެސްދެއްވި ރިސާލަތު
ތެދުކޮށް ޤަބޫލުކޮށް އެ ރިސާލަތަށް އީމާންވުމަކީ، އޭނާގެ
މައްޗަށް މާތް ﷲ ތަކުލީފުކުރައްވާފައިވާ ކަމެކެވެ.
އެހެނަސް، އޭނާ އީމާންނުވާނެ ކަމުގެ ޚަބަރު،
އިތުރުއެކަލޭގެފާނު ވަނީ ދެއްވާފައެވެ. އިތުރުއެކަލޭގެފާނު
އެ ޚަބަރު ދެއްވާފައި ވަނީ، މާތް ﷲ ގެ ޙަޟުރަތުން އެކަން
އެނގިވަޑައިގެންފައިވާތީއެވެ. މި މިސާލުގައި އަބޫލަހަބުގެ
މައްޗަށް ކުރައްވާފައިވާ ތަކުލީފުގައި ދެކަމެއް
އެބަހިމެނެއެވެ. އެއީ، ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ
ޢަލައިހި ވަސައްލަމަ ގެނެސްދެއްވި ރިސާލަތަށް
އީމާންވުމާއި، އެ ރިސާލަތަށް އީމާންނުވުމެވެ. މި
ތަކުލީފުގައި ފުށުއަރާ ދެ ކަމެއް އެބަ ޖަމާވެއެވެ.
"މަނާވެގެންވާ ކަމެއް ކުރުމުގެ ތަކުލީފު" (التكليف
الممتنع) އަކީ ޖާއިޒު ތަކުލީފެއްކަމަށް މި މަޒުހަބުގެ
ޢިލްމުވެރިން ދަލީލުދައްކަވަނީ، އަލްބަޤަރާ ސޫރަތުގެ 286
ވަނަ އާޔަތުންނެވެ.
(رَبَّنَا وَلَا تُحَمِّلْنَا
مَا لَا طَاقَةَ لَنَا بِهِ)
އަލްބަޤަރާ: 286
މާނައީ، "އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް
އެކަމަކަށް ކުޅަދާނަވެގެންނުވާ ކަމެއް އުފުލުމަށް
އަޅަމެންނަށް ނުޖައްސަވާނދޭވެ!"
ކުޅަދާނަވެގެންނުވާ
ކަމެއްގެ ތަކުލީފު ނުޖެއްސެވުމަށް އެދި ދުޢާ ދެންނެވޭކަން
މި އާޔަތުން ވަރަށް ޞަރީޙަކޮށް އެބަ އެނގެއެވެ. އެ
ބާވަތުގެ ތަކުލީފަކީ، "މަނާވެގެންވާ ކަމެއް ކުރުމުގެ
ތަކުލީފު" ކަމުގައި ވީނަމަ، އެއީ އޭގެ އަމިއްލަ ޒާތުގައި
ވެސް ނުވާނެ ތަކުލީފެކެވެ. އަދި އެ ތަކުލީފު
ނުޖެއްސެވުމަށް އެދި މާތް ﷲ ގެ ޙަޟުރަތުގައި ދުޢާ
ދަންނަވާކަށެއް ވެސް ނުޖެހުނީހެވެ.
މި މަޒުހަބުގެ
ބައެއް ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ.
(رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ)
މި އާޔަތުގައިވާ ފަދައިން މާތް ﷲގެ ޙަޟުރަތުގައި ދުޢާ
ދެންނެވުމަކީ، "މަނާވެގެންވާ ކަމެއް ކުރުމުގެ ތަކުލީފު"
(التكليف الممتنع) ޖާއިޒުކަމުގެ ދަލީލެކެވެ. މި ބާވަތުގެ
ތަކުލީފު ޖާއިޒުނުވާނަމަ، މާތް ﷲ ގެ ޙަޟުރަތުގައި
އެފަދައިން ދުޢާ ދަންނަވާކަށެއް ނުޖެހުނީހެވެ.
މި
މަޒުހަބުގެ ޢިލްމުވެރިންގެ ނަޒަރުގައި، މުސްތަޙީލު
ކަންކަން ތަކުލީފުކުރައްވާފައިވަނީ، މުކައްލަފުން
އިމްތިޙާނުކުރެއްވުމަށްޓަކައެވެ. އެމީހުން
މުޤައްދިމާތަކުގައި ހިފާތޯއެވެ. އެމީހުން އޭގައި
ހިފައިފިނަމަ، އެމީހުންނަށް ޘަވާބު ދެއްވުމަށްޓަކައެވެ.
ނޫންނަމަ، އެމީހުންގެ މައްޗަށް ޙައްޤުވެގެންވާނީ،
ޢަޛާބެވެ.
މި މަޒުހަބުގެ ޢިލްމުވެރިން އެތައް
ދަލީލުތަކެއް ދައްކަވާފައި ވެއެވެ. އެ ދަލީލުތަކުގެ
މައްޗަށް ފުންކޮށް ނަޒަރުހިންގައިލުމުން، އެއީ ޞައްޙަ
ދަލީލުތަކެއް ނޫންކަން އެނގެއެވެ. އެހެނީ، އަބޫޖަހުލު ފަދަ
މީސްމީހުންގެ މައްޗަށް އީމާންވުމުގެ ތަކުލީފު
ޖައްސަވާފައިވަނީ، ފުށުއަރާ ދެ ކަމެއް ޖަމާވުމުގެ
އިމުގެތެރޭގައެއް ނޫނެވެ. އެކަމަކު، އެ މީސްމީހުން
އީމާންނުވާނެތީ، އެކަން އެކަލާނގެ ދެނެވޮޑިގަންނަވަނީއެވެ.
ތިންވަނަ މަޒުހަބު:
މި މަޒުހަބުގެ ޢިލްމުވެރިން
ވިދާޅުވަނީ، އޭގެ އަމިއްލަ ޒާތުގައި މުސްތަޙީލު ތަކުލީފު
މަނާވުމެވެ. އެއީ ޒާތީ މުޙާލު (المُحال لِذَاتِهِ) ގެ
ތެރޭގައި ހިމެނޭ ކަންކަމެވެ. އޭގެ މިސާލަކީ، (ދޮނާއި ކަޅު،
އެކުއެކީގައި ހުރުން ފަދަ) ދެ ފުށުއެރުމެއް ޖަމާވުމެވެ.
އަލްއާމިދީ (الآمدي) އިޚުތިޔާރުކުރައްވާފައިވަނީ
މި މަޒުހަބެވެ.