ޤަޠަރާބެހޭ ބައެއް އާންމު މަޢުލޫމާތު
ޤަޠަރަކީ، އެއް ޒަމާނެއްގައި، ގަލްފުގައި އޮތް އެންމެ
ފަޤީރު ޤައުމު ކަމުގައި ވިއެވެ. އެހެނަސް މިހާރު އެއީ،
ގަލްފުގައި އޮތް އެންމެ މުއްސަނދި ޤައުމެވެ. ސަރަޙައްދީ
ފެންވަރުގައްޔާއި، ބައިނަލްއަޤުވާމީ ފެންވަރުގައި ކުރަން
ބޭނުންވާ ކަންތައްތައް ކުރުމަށް ޤަޠަރުން ޚަރަދުކުރަނީ، އެ
ޤައުމަށް ލިބިފައިވާ ޤުދުރަތީ ގޭހުގެ މުއްސަނދިކަމުންނެވެ.
އެގޮތުން، އަފުޣާނިސްތާނަށް ޞުލްޙަވެރިކަން ގެނައުމުގައި
ޤަޠަރުން ވަނީ ބައިވެރިވެފައެވެ. އަދި ވޯލްޑްކަޕް 2022 އެ
ޤައުމުގައި ބޭއްވުމުގެ ޝަރަފު ވެސް ވަނީ ޙާޞިލުކޮށްފައެވެ.
އެހެނަސް ޤަޠަރުން ކުރާ ހުރިހާ ކަންކަމަކަށް ޢަރަބި
ލީޑަރުންގެ ތަރުޙީބެއް ނުލިބެއެވެ. އެފަދަ ކަންކަމުގެ
މިސާލެއްގެ ގޮތުން، ޣައްޒާގެ ޙަމާސް ޖަމާޢަތަށް
އެހީވުމާއި، މިޞްރާއި ސީރިއާގެ އިސްލާމީ ޖަމާޢަތްތަކަށް
ވާގިވެރިވުން ހިމެނެއެވެ.
ތެލުގެ މުއްސަނދިކަން
ބޭނުންކޮށްގެން، ޤަޠަރުގެ ރައްޔިތުންނަށް އެ ޤައުމުގެ
ސަރުކާރުން އެތައް ޚިދުމަތްތަކެއް ހިލޭ ފޯރުކޮށްދެއެވެ.
އަދި ހިލޭ ފޯރުކޮށްނުދެވޭ ޚިދުމަތްތަކުގައި ކައްތިރި
ވިއްދައި، ރައްޔިތުންގެ ޖީބަށް ލުއިކޮށްދެއެވެ.
އެހެންކަމާއެކު ވެސް ދާޚިލީ ހަމަނުޖެހުންތަކެއްގެ އުނދަގޫ
މިހާރު ވަނީ ޤަޠަރަށް ކުރިމަތިވެފައެވެ. އަދި ޤަޠަރުގައި
ދިރިއުޅޭ ބިދޭސީންނާމެދު ޢަމަލުކުރާ ގޮތުން، އިންސާނީ
ޙައްޤުތަކާބެހޭ އޯގަނައިޒޭޝަންތަކުން ވެސް ޤަޠަރު
ސަރުކާރަށް ފާޑުކިޔަމުންދެއެވެ.
އަސާސީ
މަޢުލޫމާތު:
އާބާދީ: 1.9 މިލިއަން.
އޭރިއާ:
11437 އަކަ ކިލޯ މީޓަރު.
ޤައުމީ ބަސް: ޢަރަބި ބަސް.
ރަސްމީ ދީން: އިސްލާމް ދީން.
ފިރިހެނުންގެ މެދުމިން
ޢުމުރު: 79 އަހަރު.
އަންހެނުންގެ މެދުމިން ޢުމުރު: 78
އަހަރު.
ފައިސާ: ޤަޠަރު ރިޔާލު.
ޤަޠަރުގެ
އަމީރު:
ޤަޠަރުގެ މިހާރުގެ އަމީރަކީ، އައްޝައިޚު
ތަމީމު ބްނު ޙަމަދު އާލު ޘާނީ (الشيخ تميم بن حمد آل ثاني)
އެވެ. އެމަނިކުފާނު ވެރިކަން ލިބިވަޑައިގަތީ، ބައްޕާފުޅުގެ
އަތްޕުޅުން، ޞުލްޙަވެރި ގޮތެއްގައެވެ. 2013 ވަނަ އަހަރު
ޖޫން މަހުގެ ތެރޭގައި، ބައްޕާފުޅުގެ ވެރިކަން
އެމަނިކުފާނަށް ނަޤުލުވީ، ސިލްމީ ގޮތެއްގައެވެ. ޤަޠަރުގެ
އަމީރުކަމުގެ އިތުރުން، ޤައުމުގެ އިސް އެތައް މަޤާމުތަކެއް
އެމަނިކުފާނު ފުރުއްވައެވެ. އޭގެ ތެރޭގައި، ޢަސްކަރިއްޔާގެ
ވެރިކަމާއި، އޮލިމްޕިކް ކޮމިޓީގެ ރައީސްކަން ވެސް
ހިމެނެއެވެ. އަދި މިހާރު ވަނީ ޢަސްކަރިއްޔާގެ އިތުރު
މަޤާމުތަކަށް ވެސް އިސްވެވަޑައިގެންފައެވެ.
ޤަޠަރުގެ އަމީރު ތަމީމު ތަޢުލީމު ޙާޞިލުކުރެއްވީ، އޭނާގެ
ބައްޕާފުޅު ފަދައިން، އިނގިރޭސިވިލާތުންނެވެ. އޭނާ
ކިޔަވާވިދާޅުވީ، އިނގިރޭސިވިލާތުގެ (شيربورن) (Sherborne)
އާއި، (هارو) (Harrow) ސްކޫލްގައެވެ. އޭނާ ގުރެޖްއޭޓްވެ
ވަޑައިގެންނެވީ، އިނގިރޭސިވިލާތުގެ (ساندهرست) (Sandhurst)
ރޯޔަލް ޢަސްކަރީ އެކަޑެމީންނެވެ.
މީޑިއާ:
ޤަޠަރުގެ ސަރުކާރުން ހިންގާ، އަލްޖަޒީރާ ޗެނަލަކީ،
ބައިނަލްއަޤުވާމީ މަސްރަޙުގައި އެ ޤައުމުގެ ޝާނާއި
ޝައުކަތު އުފުލައިލި ވަސީލަތެކެވެ. ޚާއްޞަކޮށް މީޑިއާގެ
މައިދާނުގައެވެ.
ޢަރަބި އިސްލާމީ ދުނިޔޭގައިވާ
ޙައްސާސީ އެތައް މައުޟޫޢުތަކެއް، އަލްޖަޒީރާއިން
ގެނެސްދެމުން ގެންދަނީ، އެއްވެސް ޖެހިލުމެއްނެތިއެވެ.
އެހެނަސް، ޤަޠަރަށާއި، ޤަޠަރުގެ އަވަށްޓެރި ގަލްފުގެ
ޤައުމުތަކަށް، އަލްޖަޒީރާއިން ފާޑުކިޔައި
އާޑަގޮވަމުންނުދާކަން ފާހަގަކޮށްލަންޖެހެއެވެ. ބައެއް
ޢަރަބި ޤައުމުތަކާބެހޭ ގޮތުން އަލްޖަޒީރާއިން ގެނެސްދޭ
ކޮންޓެންޓްތަކުގެ ސަބަބުން، އެ ޤައުމުތަކުގެ ދާޚިލީ
ކަންތައްތަކާ ބެހޭ ކަމުގެ ތުހުމަތު، އަލްޖަޒީރާގެ މައްޗަށް
ވަނީ ކުރެވިފައެވެ. އަދި އެ ޤައުމުތަކުގެ ތެރޭގައި
ގަޑުބަޑު އުފައްދަން މަސައްކަތްކުރާ ކަމުގެ ތުހުމަތު ވެސް
ވަނީ އެ ޗެނަލުގެ މައްޗަށް ކުރެވިފައެވެ.
ޤަޠަރުގައި ނެރޭ ހުރިހާ ނޫސްތަކެއް ވަނީ، ވެރިކަންކުރާ
ޢާއިލާއާ ގުޅިފައެވެ. އެހެންކަމުން، ސަރުކާރުގެ ދާޚިލީ
ސިޔާސަތާއި، ޚާރިޖީ ސިޔާސަތަށް ފާޑުކިއުމަކީ، އެ
ނޫސްތަކުން ކުރާ ކަމެއް ނޫނެވެ.
ޤަޠަރުގެ
ރައްޔިތުންނަށް ވަކި ޙުދޫދެއްގެ ތެރޭގައި ނޫނީ،
އިންޓަރނެޓްގެ ޚިދުމަތް ލިބުނަ ނުދިނުމަށް އެ ޤައުމުގެ
ސަރުކާރުން މަސައްކަތްކުރެއެވެ. އެގޮތުން، އިސްލާމްދީނާ
ޚިލާފު އެއްޗެހި ކަމަށް ސަރުކާރުން ޤަބޫލުކުރާ އެއްޗިއްސާ
ހަމައަށް ރައްޔިތުން ވާޞިލުވުން މަނާކުރެއެވެ. ޚާއްޞަކޮށް،
ބަދުއަޚުލާޤީ ޢަމަލުތައް ދައްކައިދޭ އިބާޙިއްޔަ
ވެބްސައިޓްތަކެވެ.
މުހިންމު ތާރީޚުތަކެއް:
މީލާދީން 18 ވަނަ ޤަރުނު:
ޤަޠަރުގެ އައްސޭރި ފަށަށް
ހިޖުރަކުރި ބަޔަކު، އެތާނގައި ވަޒަންވެރިވިއެވެ. އެތާނގައި
އެމީހުން ކުރި މައިގަނޑު މަސައްކަތްތަކަކީ،
މަސްވެރިކަމާއި، ރަންމުތް ނެގުމާއި، ވިޔަފާރިކުރުމެވެ.
އެތާނގައި އެމީހުން ޤާއިމުވެ ތިބޭނެ ރަށްތަކެއް
އުފެއްދިއެވެ.
1916:
ޤަޠަރުގެ ޚާރިޖީ ސިޔާސަތު،
އިނގިރޭސިން ބެލެހެއްޓުމަށް އެއްބަސްވެ، އޭގެ ބަދަލުގައި
ޤަޠަރުގެ އަމްނުއަމާންކަން އިނގިރޭސީން ބެލެހެއްޓުމަށް
އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ.
1939:
ޤަޠަރުގެ ބިމުން ތެޔޮ ހޯދުނެވެ. އެހެނަސް ދެވަނަ
ބޮޑުހަނގުރާމަ ފެށުމުގެ ސަބަބުން، އޭގެ ބޭނުންހިފުން
ފަސްވެގެންދިޔައެވެ. ތެޔޮ ފެނުމުން، ކުރިން ކުރަމުން
ގެންދިޔަ މަސްވެރިކަމާއި، ރަންމުތް ނެގުމުގެ މަސައްކަތް
ހުއްޓުނެވެ.
1971:
މިއަހަރުގެ ސެޕްޓެމްބަރު
މަހުގެ 3 ވަނަ ދުވަހު، ޤަޠަރަށް މިނިވަންކަން ލިބުނެވެ.
1972:
ޤަޠަރުގައި ވެރިކަންކުރަމުންދިޔަ ޢާއިލާގެ
ތެރޭގައި އުފެދުނު ދެބަސްވުންތަކެއްގެ ތެރޭގައި،
އައްޝައިޚު ޙަމަދު ބްނު ޚަލީފާ އާލު ޘާނީ (الشيخ خليفة بن
حمد آل ثاني) ވެރިކަމަށް އިސްވެވަޑައިގަތެވެ.
1990:
މި އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި، ޢިރާޤުން ކުވައިތު
ހިފިއެވެ. އެކަމާ ގުޅިގެން، ޤަޠަރުގެ ބިމުން ބިދޭސި
ޢަސްކަރިއްޔާއަށް ޖާގަދިނެވެ. އަދި ކުވައިތު
މިނިވަންކުރުމުގައި ޤަޠަރުގެ ޢަސްކަރިއްޔާއިން
ބައިވެރިވިއެވެ.
1995:
އައްޝައިޚު ޙަމަދު ބްނު
ޚަލީފާ އާލު ޘާނީ (الشيخ حمد بن خليفة آل ثاني) އޭނާގެ
ބައްޕާފުޅުގެ ވެރިކަން ނިމުމަކަށް ގެންނަވައި، ވެރިކަމަށް
އިސްވެވަޑައިގަތެވެ. އެކަން ކުރެއްވީ، ބައްޕާފުޅު ޤައުމުން
ބޭރުގައި ހުންނަވަނިކޮށް ގެންނެވި (ލޭ އޮހޮރުވުމެއް ނެތް)
ހުދު އިންޤިލާބަކުންނެވެ.
1996:
ޤަޠަރުގެ އަމީރު
ހޭދަކުރައްވާ މުސްތަޤިއްލު ޗެނަލެއްގެ ގޮތުގައި،
އަލްޖަޒީރާ އުފެދުނެވެ.
2001:
ޤަޠަރާއި
ސަޢޫދިއްޔާއާ ދެމެދުގައިވާ އަދި ޤަޠަރާއި ބަޙުރައިނާ
ދެމެދުގައިވާ ސަރަޙައްދީ ރޮނގުގެ މައްސަލަ، ޤަޠަރުން
ޙައްލުކުރިއެވެ.
2005:
ޤަޠަރުގެ ފުރަތަމަ
ދުސްތޫރު ތަންފީޒުކުރަން ފެށުނެވެ. އޭގައި، ޑިމޮކްރެޓިކް
އިޞްލާޙުތަކެއް ހިމެނިފައި ވިއެވެ.
2013:
އައްޝައިޚު ޙަމަދު ބްނު ޚަލީފާ އާލު ޘާނީ (الشيخ حمد بن
خليفة آل ثاني) ގެ ވެރިކަމަށްފަހު، އޭނާގެ ދަރިކަލުން
އައްޝައިޚު ތަމީމު ބްނު ޙަމަދު (الشيخ تميم بن حمد)
ޤަޠަރުގެ ވެރިކަމަށް އިސްކުރެވުނެވެ.
ތާރީޚު: 5
ޖޫން 2017
މަޢުލޫމާތުގެ މަޞްދަރު:
http://www.bbc.com/arabic/middleeast-39114086