ޤަޠަރުގެ އެތެރެހަށްޓަށް ނަޒަރެއް


ޤަޠަރުގެ ކުރީގެ އަމީރު ޙަމަދު ބްނު ޚަލީފާ އާލު ޘާނީ ވެރިކަން ދޫކޮށްލެއްވީ، އެމަނިކުފާނުގެ ޞިއްޙީ ޙާލަތު ތަންނުދޭތީ ކަމަށް ބުނެވެއެވެ. އެހެނީ، އެމަނިކުފާނުގެ ހަށިކޮޅުގައި ވަނީ އެންމެ ކިޑްނީއެކެވެ. އަދި ވެރިކަން ދޫކޮށްލެއްވިއިރު، އެމަނިކުފާނުގެ ހަށިކޮޅުގެ ބަރުދަން ލުއިވެ، ހަށިކޮޅަށް އައިސްފައިވާ ބަދަލުތަކުގެ މައްޗަށް ބިނާކޮށް ބައެއް ފަރާތްތަކުން މިރައުޔަށް ބުރަވެއެވެ. 1997 ވަނަ އަހަރު އެމަނިކުފާނުގެ ހަށިކޮޅުގައި ކިޑްނީއެއް އިންދިކަމަށް ވެސް ވަނީ އަޑުއަރާފައެވެ. އެހެނަސް، ޤަޠަރުގެ މުޢުތަބަރު ފަރާތްތަކުން ނަންހާމަ ނުކުރުމަށްއެދި މަޢުލޫމާތުދޭ ގޮތުގައި، ބައްޕާފުޅުގެ ވެރިކަން ތަމީމަށް ނަޤުލުވީ ތަރުތީބުކޮށްގެން ރޭވިފައިވާ ފުރިހަމަ އިންތިޒާމެއްގެމަތިންނެވެ. އެކަމުގެ މޭސްތެރިއަކީ، ތަމީމުގެ މުރާލި މަންމާފުޅު، އައްޝައިޚާ މޫޒާއެވެ. އެކަމަނާއަކީ، ޙަމަދުގެ ދެވަނަ އަނބިކަނބަލުންނެވެ. އަދި ޤަޠަރުގެ ސަރުކާރާ އިދިކޮޅު ކުރީގެ ޙަރަކާތުގެ އިސް ލީޑަރެއް ކަމަށްވާ ނާޞިރު ބްނު ޢަބްދުﷲ އަލްމުސްނިދުގެ ދަރިކަނބަލެކެވެ.

ޞުލްޙަވެރިކަމާއެކު ޤަޠަރުގެ ވެރިކަން ބަދަލުވެގެންދިޔައިރު، ޤަޠަރުގެ ޚާރިޖީ ސިޔާސަތު ބަދަލުވެގެން ނުދާނެ ކަމަށް އޭރުވެސް ސިޔާސީ މުޙައްލިލު ދިޔައީ ބުނަމުންނެވެ. އެހެނަސް މެދުއިރުމަތި ދިރާސާކުރާ ވޮޝިންޓަނުގެ ސަންތުތަކުން ބުނަމުންގެންދިޔައީ، އެކަމުގެ ސަބަބުން ޤަޠަރުގެ ޚާރިޖީ ސިޔާސަތަށް، އެ ސަރަޙައްދުގެ ޤައުމުތަކުން ގޮންޖެހުންތަކެއް ކުރިމަތިކުރުވާނެ ކަމަށެވެ. ޞުލްޙަވެރިކަމާއެކު ވެރިކަން ބަދަލުވެގެންދިޔައިރު، ޤައުމުގެ ސިޔާސަތު ބައްޓަންކުރުމުގައި އިސްދައުރެއް އަދާކުރައްވާ ދެ ޝަޚުޞިއްޔަތެއް މަސްރަޙުން ނުފެންނާނެކަން ވަނީ ކަށަވަރުވެފައެވެ. އެއީ، ދެ ޙަމަދެވެ. ޤަޠަރުގެ އަމީރު ޙަމަދު ބްނު ޚަލީފާއާއި، ބޮޑުވަޒީރު ޙަމަދު ބްނު ޖާސިމު (الشيخ حمد بن جاسم) އެވެ. ޤަޠަރާއި ހުޅަނގުގެ ޤައުމުތަކާ ދެމެދުގައިވާ ގުޅުންތަކުގެ މުގޫވަނީ އެ ދެ ބޭފުޅުންގެ އަތްޕުޅުގައެވެ.

މިކަން ބަޔާންކޮށްދެއްވަމުން ޔޫއެސްއޭގެ ފުންނާބުއުސް ސިޔާސީ މުޙައްލިލު، ސައިމަން (سايمون هندرسون) ވިދާޅުވެފައި ވެއެވެ. "ޤަޠަރުގެ ޚާރިޖީ ސިޔާސަތު ކަނޑައަޅުއްވަނީ، ޤަޠަރުގެ އަމީރާއި، ޤަޠަރުގެ ބޮޑުވަޒީރެވެ." އެހެންކަމުން ޤަޠަރުގެ ސިޔާސީ މަސްރަޙުގައި ދެ ޙަމަދު ނެތުމަކީ، އެޤައުމުގެ ސިޔާސީ ބުރަދަނަށް ވަރަށް ބޮޑު ލޮޅުމެއް ނައިސް ނުދާނެ ކަމެއް ކަމަށް ބެލެވުނެވެ. އަލަށް އަމީރުކަމަށް އިސްކުރެވުނު 33 އަހަރުގެ ޒުވާން ތަމީމު ބަރޯސާވެވަޑައިގަންނަވާނީ އޭނާގެ ބައްޕާފުޅު ދެއްވާ ނަސޭހަތްޕުޅުގެ މައްޗަށް ކަމާމެދަކު ޝައްކެއްނެތެވެ. އެހެނަސް އެކަންވެސް ވާންއޮތީ، ބައްޕާފުޅު ޤައުމުގައި ވެރިކަމާ ކައިރީގައި ހުންނެވުމަށް އިޚުތިޔާރުކުރައްވައިފިނަމައެވެ. ފަހުން ހާމަވެގެންދިޔަ ގޮތުގައި އެމަނިކުފާނު އިޚުތިޔާރުކުރެއްވީ އެމަގެއް ނޫނެވެ!

އޭރު ސިޔާސީ މުޙައްލިލުން ބުނަމުން ގެންދިޔައީ، ލީބިޔާއާއި، ސީރިޔާއާއި، މިޞްރު ފަދަ ޤައުމުތަކުގެ މައްޗަށް ނުފޫޒު ފޯރުވުމަށްޓަކައި ޤަޠަރުން ހަމައެކަނި ފައިސާ ހޭދަކުރާކަމަށްވަނީނަމަ، ޤަޠަރުގެ ދައުރު އެ ޤައުމުތަކުގައި އިނދަޖެހޭނެ ކަމަށެވެ. ސީރިޔާގެ މަސްރަޙުން ޤަޠަރު އެއްފަރާތްވެއްޖެނަމަ، އެ ޤައުމުގައި ޤަޠަރުގެ ދައުރު އަދާކުރާނީ ސަޢޫދިއްޔާއިން ކަމަށެވެ. އެހެނީ އޭރުވެސް ސަޢޫދިއްޔާއިން ދިޔައީ، ސީރިޔާގ ރައީސް ބައްޝާރުލް އަސަދާ ދެކޮޅުވެރި ފަރާތްތަކަށް ވާގިވެރިވަމުންނެވެ. މިޞްރުގެ މަސްރަޙުން ޤަޠަރު އެއްފަރާތްވެއްޖެނަމަ، ޤަޠަރުގެ ދައުރު އަދާކުރާނެ ކަމަށް ބެލެވޭ ޤައުމަކީ ޔޫއޭއީ ކަމަށެވެ. މިޞްރުގެ މަސްރަޙުގައި ޤަޠަރާ ވާދަވެރި ޤައުމަކީ، ޔޫއޭއީ ކަމަށްވާތީއެވެ. މިޞްރުގެ އިޚުވާނުލް މުސްލިމީން ޖަމާޢަތް ނެގެހެއްޓުމުގައި ޤަޠަރު އަދާކުރަމުންދިޔައީ ވަރަށް ބޮޑު ދައުރެކެވެ. އެދުވަސްވަރު ލީބިޔާގެ މަސްރަޙުގެ މުސްތަޤުބަލާމެދު އެއްޗެއް ބުނެވޭވަރަށްވުރެ އެމަސްރަޙުގެ މަންޒަރު ނުސާފެވެ.

އޭރު ޤަޠަރުގެ ޚާރިޖީ ސިޔާސަތަށް ކަޅިއަޅަމުންދިޔަ އެންމެ ނުރައްކާތެރި އެއް މާރިދަކީ، އީރާނެވެ. ޤަޠަރާއި އީރާނާ ދެމެދުގައި 150 ކިލޯމީޓަރުގެ ދުރުރާސްތާއެއް ވީކަމުގައިވިޔަސް، އެ ދެ ޤައުމު ބައިވެރިވާ ޤުދުރަތީގޭހުގެ މާސިންގާ ބިޔަ ޚަޒާނާއެއް ވެއެވެ. އީރާނާމެދު ޤަޠަރުގެ ޚާރިޖީ ސިޔާސަތު ބަދަލުވެއްޖެނަމަ، ޤަޠަރުގެ ޒުވާން އަމީރުގެ ކިބައިން، އީރާނު ބޮޑު ބަދަލަކުން ބަދަލުހިފާނެކަން ކަށަވަރެވެ. އެކަމުގެ ބިރަށްޓަކައި، ޒުވާން އަމީރު ތަމީމު، އީރާނާއެކު ގުޅުން ދެމެހެއްޓެވުމަކީ މަޖުބޫރުކަމެކެވެ.

ބައްޕާފުޅުގެ ވެރިކަން ޞުލްޙަވެރިކަމާއެކު ތަމީމަށް ލިބިވަޑައިގެންނެވި ނަމަވެސް، ޤަޠަރުގެ ވެރިކަން ނަގުލުވުމުގެ ތާރީޚީ ސަގާފަތަކީ އެޔެއް ނޫނެވެ. 1995 ވަނަ އަހަރު، ތަމީމުގެ ބައްޕާފުޅު ވެރިކަމަށް އިސްވެވަޑައިގަތީ ޞުލްޙަވެރި ގޮތަކަށް ނޫނެވެ. އޭރު ޤަޠަރުގެ އަމީރުކަމުގައިވާ އެމަނިކުފާނުގެ ބައްޕާފުޅު (ތަމީމުގެ ކާފާފުޅު) ބޭސްފަރުވާކޮޅަކަށް ސްވިޓްޒްލޭންޑަށް ވަޑައިގެންނެވި ދަނޑިވަޅެއްގައި، ބައްޕާފުޅުގެ ޣައިރު ހާޒިރުގައި ގަދަބާރުން ވެރިކަމަށް އިސްވެވަޑައިގަތީއެވެ. އޭގެ ކުރިން ވެސް ވެރިކަމަށް އިސްވުމުގެ ސަގާފަތު އޮތީ އެގޮތަށެވެ. އެކަމުގެ ސަބަބުން، ޤަޠަރުގެ ވެރިކަންކުރާ "އާލު ޘާނީ" ދަރިކޮޅުގެ އަފުރާދުންގެ މެދުގައި ވަނީ، ދެކޮޅުވެރިކަމާއި، ދެބަސްވުމާއި، ފިތުނަފަސާދަ އުފެދިފައެވެ. އެ ދަރިކޮޅުގެ އަފުރާދުންގެ ޢަދަދު އެތައް ހާހަކުން ގުނާލެވެއެވެ. އެހެންކަމުން އެއީ، ޤަޠަރުގެ ނިސްބަތުން ބަލާއިރު، ކުޑަ ދަރިކޮޅެއް ކަމުގައި ނުވެއެވެ.

ތަމީމަށް ވެރިކަމަށް ވަޑައިގެންނެވުނީ، އެމަނިކުފާނުގެ މަންމާފުޅުގެ ބާރާވެސް އެކުގައެވެ. އެމަނިކުފާނު ތަޢުލީމު ޙާޞިލުކުރެއްވީ، އިނގިރޭސިވިލާތުގެ ސަންޑްހަރސްޓް (ساندهرست)، (Sandhurst) ރޯޔަލް ޢަސްކަރީ އެކަޑެމީންނެވެ. އެމަނިކުފާނަކީ، ނުހަނު ހީވާގި މުރާލި ބޭފުޅެކެވެ. ކަންކަމަށް ފަރުވާ ބަހައްޓަވާ ހަރުދަނާ ބޭފުޅެކެވެ. އެހެންކަމުން، ޤަޠަރުގެ ވެރިކަމަށް އެންމެ އެކަށޭނަ ބޭފުޅަކީ، އެމަނިކުފާނު ކަމަށް މަންމާފުޅު ދެކެވަޑައިގަތެވެ. އެމަނިކުފާނުގެ ބައްޕާފުޅު ޙަމަދު ކޮންޓްރޯލްކުރައްވަމުން ގެންދެވީ އެކަމަނާއެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި، ޙަމަދުގެ ވެރިކަން ޞުލްޙަވެރިކަމާއެކު ތަމީމަށް ނަޤުލުވީ ވެސް އައްޝައިޚާ މޫޒާގެ ނުފޫޒު ގަދަކަމުންނެވެ.

ސަރުކާރުން ކުރާ ނޭދެވޭ ކަންތައްތައް އިޞްލާޙުކުރުމަށްޓަކައި ޚިޔާލުފާޅުކުރުމުގެ ފުރުޞަތެއް ޤަޠަރަކު ނެތެވެ. ވެރިކަމުގެ ނިޒާމާ ދެކޮޅަށް ޙަރަކާތްތެރިވުމުގެ ފުރުޞަތެއް ސަރުކާރަކުން ނުދެއެވެ. އެހެނަސް ފާއިތުވެދިޔަ ޤަރުނުގެ ފަސްދޮޅަހުގެ އަހަރުތަކުގެ ތެރެއިން ފެށިގެން، އިޞްލާޙަށް ގޮވާލާ ބަޔަކު ޤަޠަރުގެ މުޖުތަމަޢުން ވަނީ ފާޅުވެފައެވެ. އެއީ ގިނަ ބަޔެއް ނޫނެވެ. އެމީހުން ހިތްވަރާއެކު ކުރި މަސައްކަތްތަކުން ހެޔޮ ނަތީޖާތަކެއް ވަނީ ޙާޞިލުވެފައެވެ. މިހާރުވެސް އިޞްލާޙަށް ގޮވާލާ ޤަޠަރުގެ ޙަރަކާތެއް އެބައޮތެވެ. ޢަރަބި ޤައުމުތަކުން ޤަޠަރާ ގުޅުން ކަނޑާލުމުން އެ ޙަރަކާތުން ވަނީ ޤަޠަރުގެ އެތެރޭގެ ޙާލަތާބެހޭ ގޮތުން ވާހަކަދައްކާފައެވެ. އެ ޙަރަކާތުން ބުނާ ގޮތުގައި، ޢަރަބި ޤައުމުތަކުގެ މަޠުލަބުތަކަށް، ޤަޠަރުގެ އަމީރު ދެއްވާނީ ބީރުކަންފަތްޕުޅެކެވެ. އެމަނިކުފާނު ޙިމާޔަތް ހޯއްދަވާނީ، އީރާނުންނެވެ. އެނޫން ގޮތެއް އެމަނިކުފާނުގެ ކުރިފުޅުމަތީގައި ނުވެސް ނެތެވެ. އެހެނީ އީރާނާ ގުޅުން ކަނޑުއްވާލައްވައިފިނަމަ، އީރާނުން ނުވަތަ އީރާނު އަޑީގައި އޮވެގެން އެމަނިކުފާނު އަވަހާރަކޮށްލުމަކީ ވެސް ދުރު ކަމެއް ނޫނެވެ.

ޤަޠަރު ސަރުކާރާ އިދިކޮޅު ޙަރަކާތުން ބުނާ ގޮތުގައި، ޤަޠަރު ހަންމަތަކުރެވެން އޮތް ހަމައެކަނި ޙައްލަކީ، ޢަސްކަރީ ޙައްލެވެ. ދައުޙާގައި އޮތް ވެރިކަމުގެ ނިޒާމު މުލުން ލުހެލައިގެން ނޫނީ، ޢަރަބި ޤައުމުތަކަކަށް ސަލާމަތެއް ނެތެވެ. އިދިކޮޅު ޙަރަކާތުން ޤަޠަރުގެ ސަރުކާރު ސިފަކުރަނީ، ޓެރަރިސްޓު އިރުހާބީ ނިޒާމެއްގެ ގޮތުގައެވެ. އެކަމަށްޓަކައި ދައްކާ އެއް ޙުއްޖަތަކީ، ޤަޠަރާ ގުޅުން ކަނޑާލި ޤައުމުތަކުން ތައްޔާރުކުރި ޤަޠަރުގައި ތިބި 59 ޓެރަރިސްޓުންގެ ލިސްޓުގައި، އެ ޤައުމުގެ ކުރީގެ ދާޚިލީ ވަޒީރުގެ ނަންފުޅު ހިމެނިފައިވާ ކަމެވެ. އިދިކޮޅު ޙަރަކާތުން ތުހުމަތުކުރާ ގޮތުގައި، ތުރުކީވިލާތާއި، އީރާނާއި، ޤަޠަރަކީ، ޒަޔަނިސްޓް ޞިހުޔޫނީ އެޖެންޑާއެއް ގެންގުޅޭ ތިން ޤައުމެކެވެ. އަދި އީރާނުން ދެކޭ ގޮތުގައި، ޤަޠަރަކީ އެ ޤައުމުގެ ޕްރޮވިންސެކެވެ.

ދާޚިލީ މައްސަލަތަކާއި، ޚާރިޖީ މުޞީބާތްތައް ޤަޠަރަށް ކުރިމަތިވެފައިވާ ކަމަށް، މީގެ ތިން އަހަރުކުރިން (15 ފެބްރުއަރީ 2014 ގައި) ބީބީސީއާ ޙަވާލާދީ ޤަނާތުލްޢާލަމް އޮންލައިނުން ބުނެފައި ވެއެވެ. އަދި ޤަޠަރުގެ ވެރިން ބޭނުންވާ ފަދައިން އެ ޤައުމަކީ މެދުއިރުމަތީގައިވާ ބޮޑު ބާރަކަށް ވުމަށް ހުރަސްއެޅިފައިވަނީ އޭގެ ސަބަބުން ކަމަށް ވެސް އެ ނޫހުން ބުނެފައި ވެއެވެ. ޤަޠަރަކީ، ސަރަޙައްދީ ބާރަކަށް ވުމަކީ، ޤަޠަރުގެ ކުރީގެ އަމީރު، ޙަމަދާއި، މިހާރުގެ އަމީރު ތަމީމުގެ ވަރަށް ބޮޑު އުންމީދެކެވެ.

ސަރަޙައްދީ ބާރަކަށް ވުމަށްޓަކައި ޤަޠަރުން ކުރި އެންމެ މުހިންމު އެއްކަމަކީ، ޢަރަބި ޤައުމުތަކަށް އައި އިންޤިލާބީ މޫސުމުގައި، ޓިއުނީޝިއާއާއި، ލީބިޔާއާއި، މިޞްރާއި، ސީރިއާގެ އިސްލާމީ ޖަމާޢަތްތަކަށް ވާގިވެރިވުމެވެ. އެކަމުގެ ނަތީޖާ ޤަޠަރަށް ޙާޞިލުވީ އުންމީދުކުރި ގޮތާ މުޅިން ޚިލާފަށެވެ. އެހެނީ އެކަމުގެ ސަބަބުން، ގަލްފުގައިވާ އެހެން ޢަރަބި ޤައުމުތަކާ ޤަޠަރާ ދެމެދުގައި ޚިލާފު އުފެދި، ގުޅުން ގޯސްވިއެވެ. އަދި ހުޅަނގުގެ ރަޙުމަތްތެރި ޤައުމުތަކާ ޤަޠަރާ ދެމެދުގައި އޮތް ގުޅުމަށް ވެސް ބުރޫއެރިއެވެ.

ޤަޠަރަށް ކުރިމަތިވި މައްސަލަތަކާ ވިދިގެން، މިހާރު ވަނީ ކުރިއަށްވުރެ ބޮޑަށް، އެ ޤައުމުގެ ދާޚިލީ ކަންތައްތައް ގޯސްވެފައެވެ. ސަރުކާރާއި، ޤައުމުގެ ސަގާފީ ދީނީ ހަމަތައް ހިފަހައްޓާ ބައެއް އޮއިވަރުތަކާ ދެމެދުގައި ވަނީ ދެކޮޅުވެރިކަން އުފެދިފައެވެ. ޤަޠަރަކީ، ޑިމޮކްރެސީއާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތް ޤައުމެއް ނޫނެވެ. ޤަޠަރުގެ އިދިކޮޅު ފަރާތްތަކުން މިހާރު އަޑުއުފުލަމުންދަނީ ފާޅުގައެވެ. އެ ފަރާތްތަކުގެ ނަޒަރުގައި، އެ ޤައުމުގެ ސަރުކާރުން ދަނީ، ޤައުމުގެ ދީނީ ސަގާފީ އަގުތައް ފަނާކުރަމުންނެވެ. އަދި ހުޅަނގުގެ ސަގާފަތާއި، ހުޅަނގުގެ ބިދޭސި ތަޢުލީމީ މުއައްސަސާތައް ހުރިގޮތަށް ޤަޠަރަށް ނަގުލުކުރަމުންނެވެ.

ޤަޠަރަށް ލިބިފައިވާ ނަސީބަކީ، ނުފޫޒު ގަތުމަށާއި، ސަރަޙައްދީ ބާރަކަށް ވުމަށްޓަކައި ބިލިއަނުން ހޭދަކުރާއިރު ވެސް، ބައިތުލްމާލު ހުސްނުވާ ކަމެވެ. 2022 ވަނަ އަހަރު ޤަޠަރުގައި ވޯލްޑްކަޕް ބޭއްވުމަށްޓަކައި ކުރާ ހޭދައަކީ ވެސް ކުޑަ ހޭދައެއް ނޫނެވެ. ހަމައެކަނި އެކަމަށްޓަކައި 200 ބިލިއަން ޑޮލަރަށްވުރެ މަތީ ޢަދަދެއް ހޭދަކުރަންޖެހެއެވެ.

ޤަޠަރު ރައްޔިތުން ސަރުކާރުދެކެ ރުޅިއަންނަ ކަންތައްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މުހިންމު އެއްކަމަކީ، ޤަޠަރުގެ ކުރީގެ އަމީރުގެ އަނބިކަނބަލުން، މިހާރުގެ އަމީރުގެ މަންމާފުޅު، އައްޝައިޚާ މޫޒާ، ސަރުކާރުގެ ކަންކަމުގެ ތެރެއަށް ވެދެވަޑައިގަންނަވާ ކަމެވެ. އެކަމަނާ އިސްވެހުންނަވައިގެން، ޤަޠަރު ފައުންޑޭޝަނަށް އެތައް ބިލިއަން ޑޮލަރެއް ހޭދަކުރެވެއެވެ. އެކަމުގެ ބޭނުމަކީ، ބައިނަލްއަޤުވާމީ ފެންވަރުގައި، ޤަޠަރުގެ މޫނުމަތި ރީތިކުރުމެވެ. އެހެނަސް އެއީ ޤަޠަރު ރައްޔިތުން ރުހޭ ކަމެއް ނޫނެވެ.

އައްޝައިޚާ މޫޒާއާއި އެކަމަނާގެ ދަރިކަނބަލުން ވަނީ، 2008 ވަނަ އަހަރު، ޤަޠަރުގެ އިސްލާމީ ފަންނުގެ ދާރުލްއާސާރު ހުޅުވައިދެއްވާފައެވެ. ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ނާދިރު އާސާރީ އެއްޗެހި އެތާނގައި ވެއެވެ. އެތަން ހިންގުމާއި ބެލެހެއްޓުމަށް ވެސް ބޮޑު ހޭދައެއް ކުރެވެއެވެ.

ޤަޠަރު ރައްޔިތުން ފާޅުކުރަމުންގެންދާ ނުރުހުމުގެ ޝުޢޫރުތައް ކުޑަކުރުމަށްޓަކައި ވެސް ޤަޠަރު ސަރުކާރުން މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެފަދަ އެއް މަސައްކަތަކީ، ޢަރަބި ބަހާއި އިނގިރޭސި ބަހުން ބްރޯޑްކާސްޓްކުރަމުން ގެންދިޔަ، ރޭޑިއޯ ސްޓޭޝަނުގެ މަސައްކަތްތައް ހަނިކުރުމެވެ. އަދި ދައުޙާގެ ފިލްމު އުފައްދާ މުއައްސަސާއިން އެތައް މުވައްޒަފުންނެއް ވަކިކޮށް، މަސައްކަތްތައް މަދުކޮށް، ޚަރަދުތައް ކުޑަކުރުމެވެ.

ޤަމުމަށް ބޭނުންވާ ކާނާގެ ބާވަތްތައް ޤައުމުގައި އުފެއްދުމަށްޓަކައި، ޤަޠަރުން ހިންގި ދަނޑުވެރިކަމުގެ މަޝްރޫޢަކީ ނާކާމިޔާބު މަޝްރޫޢެކެވެ. އެ މަޝްރޫޢު ހިންގުމަށްޓަކައި އެތައް ބިލިއަން ޑޮލަރެއް ހޭދަކުރެވުނެވެ. އެހެނަސް އެ މަޝްރޫޢު ނާކާމިބުވުމުން ސަރުކާރުން ވަނީ އެ މަޝްރޫޢު ކުރިއަށް ގެންދިއުން ހުއްޓާލާފައެވެ. އެ މަޝްރޫޢު ހިންގުމަށްޓަކައި ބޭނުންވާ ފެން އުފެއްދުމަކީ، މަރަށް މަތީ ދަރަޖައަކަށް ދުނިޔޭގެ ޖައްވަށް ކަރބަން ބޭރުވެގެންދާ ކަމެކެވެ. އެކަމުގެ ސަބަބުން، ޤައުމުގެ އާބާދީގެ ނިސްބަތުން ބޮލަކަށް ޖެހޭ ކަރބަންގެ މިންވަރު އެންމެ މަތި ޤައުމަކީ، ޤަޠަރު ކަމުގައި ވެގެންދެއެވެ. އެކަމަށްޓަކައި ދުނިޔޭގެ ޤައުމުތަކުގެ ނުރުހުން ޤަޠަރާ ކުރިމަތިވެއެވެ. އެ މަޝްރޫޢު ނާކާމިޔާބުވީ މިފަދަ އެތައް ސަބަބުތަކަށްޓަކައެވެ.

މިހާރު ޤަޠަރުގެ ދާޚިލީ ޙާލަތު ވަނީ ވަރަށް ނާޒުކު ފައްތަރެއްގެ މަތީގައެވެ. ބޮޑު ބާރަކުން ބާރެއް އަޅައިފިނަމަ، އާލު ޘާނީ ދަރިކޮޅުގެ ވެރިކަން ނިމުމަކަށް އައުމަކީ ދުރުކަމެއް ނޫނެވެ. އެ ދަރިކޮޅުގެ ވެރިކަން ދެމެހެއްޓުމަށްޓަކައި، ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު ގުޅުން ދަމަހައްޓަންޖެހެއެވެ. ޤަޠަރާއި ޔޫއެސްއޭއާ ދެމެދުގައިވާ ގުޅުމުގެ ސިއްރަކީ ވެސް އެއީއެވެ.


މަޞްދަރު:
https://www.radiosawa.com/a/potential-changes-in-qatar/226161.html
جريدة اليوم السابع: المعارضة القطرية: إيران تغتال "تميم" إذا رضخ للخليج.. ولابد من عزله عسكريا
9 ޖޫން 2017
http://www.alalam.ir/news/1566188