އަލްމުޙާލާއި، އައްޝާއްޤު
އަލްމުޙާލު (المُحال) އާއި، އައްޝާއްޤު (الشاق) ގެ
މައްޗަށް އަލިއަޅުވައިލާނަމެވެ. (الشاق) ގެ މާނައަކީ،
އުނދަގޫކަމެވެ.
ހުރިހައި ޝަރުޢީ
ތަކުލީފުތަކެއްގައި، އުނދަގޫ ހިމެނިފައި ވެއެވެ. ތަފާތަކީ،
އެކިއެކި ތަކުލީފުތަކުގައިވާ އުނދަގުލުގެ ތަފާތެވެ.
ތަކުލީފުތައް އަދާކުރާއިރު، އެކި މުކައްލަފުންނަށް
އުނދަގޫވާ މިންވަރުގެ ތަފާތެވެ. އަދި އެކިއެކި
ޙާލަތުތަކުގައި އުނދަގޫވާ މިންވަރުގެ ތަފާތެވެ. ތަކުލީފަށް
ތަކުލީފުގެ ނަން ދެވިފައިވަނީ ވެސް އޭގައި އުނދަގޫ
ހިމެނޭތީއެވެ. އަލްމުޙާލު (المُحال) އާއި، އައްޝާއްޤު
(الشاق) ގެ ތަފާތު ދެނެގަތުމަށްޓަކައި، (الشاق) ގެ
ދަރަޖަތަކުގެ މައްޗަށް ބަލައިލާނަމެވެ.
ފުރަތަމަ
ދަރަޖައިގެ އުނދަގޫ:
މި ދަރަޖައިގައި ވަނީ، މީހަކަށް
ކުޅަދާނަވެގެންނުވާ ކަމެއް ކުރުމުގެ އުނދަގުލެވެ. މީގެ
މިސާލަކީ، ކޮޅަށް ތެދުވުމުގެ ކުޅަދާނަކަން ނެތުމުގެ
ސަބަބުން އިށީނދެގެން އިންނަ މީހަކު، ކޮޅަށް ތެދުވުމުގެ
ތަކުލީފެވެ. ނުވަތަ މީހަކު، ޖައްވުގައި އުދުހުމުގެ
ތަކުލީފެވެ. ނުވަތަ މީހަކު ފަރުބަދައެއް އުފުލުމުގެ
ތަކުލީފެވެ. މި ބާވަތުގެ ތަކުލީފަކީ، ބުއްދީގެ ގޮތުން
ޖާއިޒު ތަކުލީފު ކަމުގައި ވިޔަސް، އިސްލާމީ ޝަރުޢުގައި މި
ބާވަތުގެ ތަކުލީފު ވާރިދުވެފައެއް ނުވެއެވެ. ބައެއް
ޢިލްމުވެރިންގެ ނަޒަރުގައި، ޝަރުޢާއި ބުއްދި، މި ބާވަތުގެ
ތަކުލީފު މަނާކުރެއެވެ. މި ދިރާސާގައި މި ބާވަތުގެ
މައްޗަށް އަލިއަޅުވައިލެވޭނެއެވެ. އުޞޫލިއްޔަ ޢިލްމުވެރިން
މި ބާވަތުގެ ތަކުލީފަށް ދެއްވާފައިވާ ނަމަކީ،
"ކުޅަދާނަވެގެން ނުވާ ކަމެއް ކުރުމުގެ ތަކުލީފު" (التكليف
بما لا يطاق) އެވެ. ނުވަތަ "ނުކުޅަދާނަ ކަމެއް (މުސްތަޙީލު
ކަމެއް) ކުރުމުގެ ތަކުލީފު" (التكليف بالمحال) އެވެ.
ނުވަތަ "މަނާވެގެންވާ ކަމެއް ކުރުމުގެ ތަކުލީފު" (التكليف
الممتنع) އެވެ.
މިކަންކަމުގެ މައްޗަށް ބަލާއިރު
ބުނެވެންއޮތީ، މި ދަރަޖައިގެ ތަކުލީފަކީ، އޭގެ އުނދަގޫކަން
ބޮޑުކަމަށްޓަކައި، މުޙާލުގެ (ނުވަތަ މުސްތަޙީލުގެ)
މުރާދިފެއް ކަމަށެވެ. އެބަހީ، މި ބާވަތުގެ ތަކުލީފު
އަދާކުރުމަކީ، މުސްތަޙީލު ކަމެކެވެ.
ދެވަނަ
ދަރަޖައިގެ އުނދަގޫ:
މި ދަރަޖައިގައި ވަނީ، ތަކުލީފު
ލިބިގެންވާ މީހާއަށް ކުޅަދާނަވެގެންވާ ވަރުގެ
އުނދަގުލެކެވެ. އެހެނަސް، އޭނާ އެކަން ކޮށްފިނަމަ،
އޭނާއަށް ވަރަށް ބޮޑު އުނދަގުލެއް ކުރިމަތިވާނެއެވެ. މީގެ
މިސާލަކީ، އޭނާގެ ހަށިގަނޑުން ގުނަވަނެއް ބުރިކުރުމަށް
އަމުރުކުރުމެވެ. އިހުގެ ދީންތަކުގެ ޝަރުޢުގައި މި ބާވަތުގެ
ތަކުލީފުތައް ވީ ކަމުގައި ވިޔަސް، އިސްލާމީ ޝަރުޢުގައި މި
ބާވަތުގެ ތަކުލީފެއް ނެތެވެ.
އިސްލާމީ ޝަރުޢުގައި
މި ބާވަތުގެ ތަކުލީފު ނެތްކަމަށް، އަލްއަޢުރާފު ސޫރަތުގެ
157 ވަނަ އާޔަތުން ދަލީލުލިބެއެވެ.
(الَّذِينَ
يَتَّبِعُونَ الرَّسُولَ النَّبِيَّ الْأُمِّيَّ الَّذِي
يَجِدُونَهُ مَكْتُوبًا عِندَهُمْ فِي التَّوْرَاةِ
وَالْإِنجِيلِ يَأْمُرُهُم بِالْمَعْرُوفِ وَيَنْهَاهُمْ
عَنِ الْمُنكَرِ وَيُحِلُّ لَهُمُ الطَّيِّبَاتِ
وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ وَيَضَعُ عَنْهُمْ
إِصْرَهُمْ وَالْأَغْلَالَ الَّتِي كَانَتْ عَلَيْهِمْ)
އަލްއަޢުރާފު (7): 157
މާނައީ، "އެއުރެންނީ،
އުއްމިއްޔަ ނަބިއްޔާ ކަމުގައިވާ ރަސޫލާއަށް ތަބަޢަވާ
މީހުންނެވެ. އެ ރަސޫލާއީ، އެއުރެންގެ ގާތުގައިވާ
ތައުރާތާއި އިންޖީލުގައި (ރަސޫލާގެ ސިފަފުޅުތައް)
ލިޔެވިގެންވާތީ، އެއުރެން ދެކޭ ރަސޫލާއެވެ. އެކަލޭގެފާނު،
އެއުރެންނަށް ހެޔޮކަންތަކަށް އަމުރުކުރައްވަތެވެ. އަދި
ނުބައިކަންތައް އެއުރެންނަށް ނަހީކުރައްވަތެވެ. އަދި
ރަނގަޅު ތަކެތި އެއުރެންނަށް ޙަލާލުކުރައްވަތެވެ. އަދި
ނުބައިވެގެންވާ ތަކެތި އެއުރެންނަށް ޙަރާމްކުރައްވަތެވެ.
އަދި އެއުރެންގެ މައްޗަށް ހުރި ބުރަތަކާއި، އެއުރެންގައި
އެޅިފައިވާ ކަސްތޮޅުތައް ނެތިކުރައްވައި،
ލުއިކުރައްވަތެވެ."
(ތަފުސީރު ޢިލްމުވެރިޔާ)
އައްނަސަފީ (أبو البركات حافظ الدين النسفي) (رحمه الله)
ވިދާޅުވެފައި ވެއެވެ.
"މި އާޔަތުގައިވާ
(إِصْرَهُمْ) އަކީ، ބުރައެވެ. އެއީ އޭގެ ބުރަކަން
ބޮޑުކަމުން، އެ އުފުލާ މީހާ ޙަރަކާތްކުރުން މަނާކުރާ
އެއްޗެކެވެ. އޭގެ މުރާދަކީ، ދަތި އުނދަގޫ ތަކުލީފެވެ.
އެއީ، ތައުބާވުމަށްޓަކައި (އަމިއްލައަށް) އަމިއްލަ ނަފުސު
ޤަތުލުކުރުން ފަދަ ތަކުލީފެވެ."
ތިންވަނަ
ދަރަޖައިގެ އުނދަގޫ:
މި ދަރަޖައިގައި ވަނީ،
މުކައްލަފަށް ކުޅަދާނަވެގެންވާ ވަރުގެ އުނދަގުލެކެވެ.
އެހެނަސް މި ދަރަޖައިގެ އުނދަގޫ ހިމެނޭ ތަކުލީފު
އަދާކުރުމަކީ ނުހަނު ދަތި އުނދަގޫ ކަމެކެވެ. އެ ތަކުލީފު
ވަނީ، މުކައްލަފުންގެ މައްޗަށް މިންވަރުކުރައްވާފައެވެ. އެ
ތަކުލީފު އަދާކުރުމުގައި ކުރިމަތިވާ ތުރާލުގެ ބޮޑުކަމުން
ހިތްތަކަށް ނުތަނަވަސްކަން ވެރިވެދެއެވެ. އެއީ، އާދައިގެ
އުނދަގުލަކަށްވުރެ ބޮޑު ތުރާލެއް ކަމުގައި ވާތީއެވެ. މި
ދަރަޖައިގެ އުނދަގޫ ހިމެނޭ ތަކުލީފުތައް ދެ ބަޔަކަށް
ބެހިގެންވެއެވެ.
ޒާތުގައި ދަތި ތަކުލީފު:
މި
ބާވަތުގެ ތަކުލީފުގައިވާ އުނދަގޫ، އެ އަދާކުރާ ފަހަރު
ކުރިމަތިވެއެވެ. އޭގެ މިސާލަކީ، ރަމަޟާންމަހުގެ ފަރުޟު
ރޯދައެވެ. މި ބާވަތުގެ ތަކުލީފު އަދާކުރުމުގައި،
ލުއިފަސޭހަތައް ވަނީ ޝަރުޢުކުރައްވާފައެވެ. އޭގެ މިސާލަކީ،
ބަލި މީހާ އާއި، ދަތުރުވެރިޔާ އަށް ރޯދަ ހިފުމުގައި
ލުއިފަސޭހަ ގޮތްތަކެއް ޝަރުޢުކުރެއްވުމެވެ.
ޒާތުގައި ދަތިނޫން ތަކުލީފު:
މި ބާވަތުގެ ތަކުލީފަކީ،
އޭގެ ޒާތުގައި އުނދަގޫ ތަކުލީފެއް ނޫނެވެ. އެހެނަސް އެ
އަދާކުރުމުގައި ޢަމަލުކުރެވޭ ގޮތަކުން އެއީ އުނދަގޫ
އެއްޗެއް ކަމުގައި ވެދެއެވެ. މީގެ މިސާލަކީ، ސުންނަތްތައް
އަދާކުރުމެވެ. މީހެއްގެ ކިބައިގައިވާ ކުޅަދާނަކަމާ
ނުބައްދަލު ދަރަޖައަކަށް ސުންނަތްތައް އަދާކުރާނަމަ، އެއީ
އުނދަގޫ ކަމެއް ކަމުގައި ވެދެއެވެ. މި ބާވަތުގެ
ތަކުލީފުތައް އަދާކުރުމަށް އިސްލާމީ ޝަރުޢުގައި
މަގުދައްކަވާފައިވަނީ، އެކަށޭނަ މިންވަރަށެވެ. އެއީ،
ލުއިފަސޭހަކޮށްދެއްވުމުގެ ގޮތުންނެވެ.
ކީރިތި
ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައި
ވެއެވެ.
(خُذُوا مِنَ العَمَلِ مَا تُطِيقُونَ،
فَإِنَّ اللهَ لاَ يَمَلُّ حَتَّى تَمَلُّوا)
ރިވާކުރެއްވީ: އަލްބުޚާރީ.
މާނައީ، "އަޅުކަމުގެ
ޢަމަލުތަކުގެ ތެރެއިން ތިޔަބައިމީހުންނަށް
ކުޅަދާނަވެގެންވާ މިންވަރުގައި ހިފާށެވެ! ފަހެ،
ހަމަކަށަވަރުން ތިޔަބައިމީހުން އެކަލާނގެ ޙަޟުރަތަށް
އަޅުކަންކުރުން ހުއްޓާނުލާހައި ހިނދަކު، ﷲ ގެ
ފަޟުލުވަންތަވެރިކަން ތިޔަބައިމީހުންގެ މައްޗަށް
ތަނަވަސްވެގެންވެއެވެ."
މިނޫން ޢިބާރާތްތަކުން ވެސް
މި ޙަދީޘްފުޅު މާނަކުރެވިފައި ވެއެވެ. ތަފާތު މާނަތައް
ގުޅިފައިވަނީ، މި ޙަދީޘްފުޅުގައިވާ (حَتَّى) ގެ ތަފާތު
މާނަތަކާއެވެ.
އެހެން ޙަދީޘްފުޅެއްގައި ވެއެވެ.
(وَالْقَصْدَ الْقَصْدَ تَبْلُغُوا)
ރިވާކުރެއްވީ:
އަލްބުޚާރީ.
މާނައީ، "ޢަމަލުތަކުގެ ތެރެއިން
މެދުމިނުގައި ހިފަހައްޓާށެވެ! އޭރުން ތިޔަބައިމީހުންނަށް
މަޤުޞޫދު ޙާޞިލުވާނެއެވެ."
ހަތަރުވަނަ ދަރަޖައިގެ
އުނދަގޫ:
މި ދަރަޖައިގައި ހިމެނެނީ، ކުޅަދާނަވެގެންވާ
ވަރުގެ އުނދަގުލެވެ. އޭގެ ސަބަބުން މީހެއްގެ ނަފުސު
ވަރުބައްޔެއް ނުވާނެއެވެ. އަދި އެއީ އާދަކާދައިގެ ތެރޭގައި
ހިމެނޭ ކަމަކަށްވުރެ ބޮޑެއްވެސް ނުވާނެއެވެ. އެއީ
އުނދަގުލެއް ހިމެނޭ ތަކުލީފެއްގެ ގޮތުގައި ގުނެނީ،
ދުންޔަވީ ޙަޔާތުގައި އާންމުކޮށް ކުރަންޖެހޭ ކަންކަމުގެ
އިތުރުން ކުރަންޖެހޭ ކަމެއް ކަމުގައި ވާތީއެވެ. ބަހަވީ
ނަޒަރުން ބަލާއިރު، އޭގައި އުނދަގުލެއް ކަމުގައި
ބެލެވުނަސް، އެއީ ހިނގަމުންދާ އާދަކާދައިގެ ނަޒަރުން
ބަލާއިރު، އުނދަގުލެއް ނޫނެވެ. އެފަދަ އާދަކާދަތަކުގެ
މިސާލަކީ، ދިރިއުޅުމަށްޓަކައި ކުރާ އެކިއެކި
މަސައްކަތްތަކެވެ. ބުއްދީގެ އަހުލުވެރިންނާއި،
މަސައްކަތްތެރިންގެ ނަޒަރުގައި، ދިރިއުޅުމަށްޓަކައި
މަސައްކަތްނުކުރާ މީހާއަކީ، ކަންނެތް މީހެކެވެ. އިސްލާމީ
ޝަރުޢުގައި ތަކުލީފުކުރައްވާފައިވާ ކަންކަމުގެ ތެރެއިން
އާދަކާދައިގެ މަތިން ހިނގަމުންދާ ކަންކަމަށް ފަސްޖެހޭ މީހާ
އަކީ ވެސް އެފަދަ މީހެކެވެ.
ބަޔާންވިދިޔަ
ނުކުތާތަކުގެ މައްޗަށް ޚުލާޞާކުރުމުގެ ނަޒަރަކުން
ބަލާއިރު، ފުރަތަމަ ދަރަޖައިގެ އުނދަގޫ ހިމެނޭ ތަކުލީފަކީ،
މުޙާލު ތަކުލީފެވެ. އެއަށްފަހުގައިވާ ތިން ދަރަޖައިގެ
އުނދަގޫ ހިމެނޭ ތަކުލީފަކީ، މުޙާލު ތަކުލީފު ކަމަކަށެއް
ނުވާނެއެވެ. އެއިން ބައެއް ދަރަޖައިގެ އުނދަގޫ ކިތަންމެ
ބޮޑު ކަމުގައިވިޔަސް، އެ ވަނީ، ކުޅަދާނަވެގެންވާ އިމުގެ
ތެރޭގައެވެ. އެހެނަސް، އެއާ މެދުގައި ވެސް ފިޤުހީ ޚިލާފާއި
ދޭހަތަފާތުވުން އުފެދިފައި ވެއެވެ.