"އުޚުއްވަތްތެރިންގެ ކަންބޮޑުވުން ޤަޠަރަށް ފަހުމުވެއެވެ."
ބައެއް ޢަރަބި ޤައުމުތަކާއި ޤަޠަރާ ދެމެދުގައި
އުފެދިފައިވާ މައްސަލައަށް ޙައްލެއް ހޯދުމުގެ މަސައްކަތް
ހުއްޓާނުލާނެ ކަމަށް ކުވައިތުން ބުނެއެވެ. ކުވައިތުން ބުނާ
ގޮތުގައި، "ގަލްފުގެ އުޚުއްވަތްތެރި ޤައުމުތަކުގެ
ބިރުވެތިވުމާއި ކަންބޮޑުވުން ފަހުމުކޮށް ދެނެގަތުމަށް"
ޤަޠަރު ވަނީ ތައްޔާރަށެވެ. މިކަން ހާމަކުރީ، ކުވައިތުގެ
ޚާރިޖީ ވަޒީރު އައްޝައިޚު ޞަބާޙުލް ޚާލިދު އައްޞަބާޙު
(الشيخ صباح الخالد الصباح) އާ ޙަވާލާދީ، ކުވައިތުގެ
ނިއުސް އޭޖެންސީ (ކޫނާ) އިންނެވެ.
ކޫނާއިން
ނަގުލުކުރި ގޮތުގައި ކުވައިތުގެ ޚާރިޖީ ވަޒީރު ވިދާޅުވަނީ،
"ޤަޠަރުގެ އެއްބަނޑުއެއްބަފާ އަޚުން (އިސްވެރިން)
ތިއްބެވީ، އެހެން ޢަރަބި ޤައުމުތަކުގެ އެއްބަނޑުއެއްބަފާ
އަޚުން (އިސްވެރިން) ކަންބޮޑުވެވަޑައިގަންނަވާ ކަންކަމުގެ
ޙަޤީޤަތް ދެނެވަޑައިގެންނެވުމަށާއި، ޞުލްޙަވެރި ޙައްލެއް
ހޯދުމަށްޓަކައި ކުރެވޭ މަތިވެރި މަސައްކަތްތަކަށް
އެއްބާރުލުން ދެއްވައި، ސަރަޙައްދުގެ އަމްނާއި
އިސްތިޤުރާރު ދެމެހެއްޓެވުމަށް ތައްޔާރަށްކަން" ކުވައިތުން
ކަށަވަރުކޮށްދެއެވެ.
ކުވައިތުން ޤަޠަރާ ގުޅުން
ކަނޑައެއް ނުލައެވެ. އެ ދެ ޤައުމުގެ ދެމެދުގައިވާ
ޑިޕްލޮމެޓިކް ގުޅުން ދެމެހެއްޓުމަށާއި، އެހެން ޤައުމުތަކާ
ޤަޠަރާ ދެމެދުގައި އުފެދިފައިވާ މައްސަލަ
ޙައްލުކުރުމަށްޓަކައި މެދުވެރިއެއްގެ ދައުރު އަދާކުރުމަށް
ކުވައިތުން މަސައްކަތްކުރެއެވެ. ކުވައިތުން ބޭނުންވަނީ،
"ގަލްފުގެ ގުޅިލާމެހިފައިވާ އެއްބައެއްވަންތަ ކުޑައިގެ
ދަށުގައި" އެ މައްސަލަ ޙައްލުކުރުމަށެވެ.
ކުވައިތުގެ ޚާރިޖީ ވަޒީރު ވިދާޅުވަނީ، މައްސަލަ
ޙައްލުކުރުމަށްޓަކައި އެ ޤައުމުން ކުރަމުންގެންދާ
މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ. އުޚުއްވަތްތެރި
ޤައުމުތަކުގެ މެދުގައި އުފެދިފައިވާ ދެބަސްވުންތަކުގެ
ސަބަބުތަކަށް މުލަވީ ފަރުވާއެއް ހޯދައި، ރެނދު
ބެއްދުމަށްޓަކައި އެ ޤައުމުން ކުރަމުންގެންދާ
މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދާނެ
ކަމަށެވެ.
މައްސަލަ ފެންމަތިވުމާ ވިދިގެން،
ކުވައިތުގެ އަމީރު އައްޝައިޚު ޞަބާޙުލް އަޙުމަދުލް
ޖާބިރުއް ޞަބާޙު (الشيخ صباح الأحمد الجابر الصباح)
މައްސަލަ ޙައްލުކުރެއްވޭތޯ އެ ޤައުމުތަކުގެ މެދުގައި
ކުރެއްވި އަވަސް ދަތުރުފުޅުތަކުން ކާމިޔާބީ ޙާޞިލެއް
ނުކުރެއްވުނެވެ. އެމަނިކުފާނު ދަތުރުފުޅުކުރެއްވި
ރަށްތަކަކީ، ސަޢޫދިއްޔާގެ ވެރިރަށް ރިޔާޟާއި، ޔޫއޭއީގެ
ވެރިރަށް އަބޫޡަބީއާއި، ޤަޠަރުގެ ވެރިރަށް ދައުޙާއެވެ.
މައްސަލަ ޙައްލުކުރެއްވުމަށްޓަކައި އެމަނިކުފާނު ވަނީ
އިންތިހާ ދަރަޖައަށް މަސައްކަތްކުރައްވާފައެވެ.
ޤަޠަރާ ބެހޭ ގޮތުން ކުވައިތުން ހާމަކުރި ވާހަކަތަކަށް
ރައްދުދެއްވަމުން، ޔޫއޭއީގެ ޚާރިޖީ ވަޒީރު އަންވަރު (أنور
قرقاش) ކުރައްވާފައިވާ ޓްވީޓެއްގައި ވެއެވެ. "އެއީ،
ބުއްދިއާއި ޙިކުމަތް އިސްކުރުމުގެ ފެށުންތޯއެވެ؟ އެހެން
ކަމަށް އުންމީދުކުރަމެވެ."
ޤަޠަރާއި އެ ޤައުމާ
ގުޅުންކަނޑާލި ޤައުމުތަކަށް އެންމެ ފުރަތަމަ ދަޢުވަތު
ދެއްވީ އެމެރިކާގެ ރައީސް ޓްރަމްޕެވެ. އޭނާ ދަޢުވަތު
ދެއްވީ، މައްސަލަ ޙައްލުކުރުމަށްޓަކައި އެ ޤައުމުތަކުން
އެމެރިކާގެ ވައިޓް ހައުސް އަށް އެއްވުމަށެވެ. އެހެނަސް 9
ޖޫން 2017 ވީ ހުކުރުދުވަހު އޭނާ ވިދާޅުވެފައިވަނީ،
ޤަޠަރަކީ "ވަރަށް މަތީ ދަރަޖައަކަށް" ޓެރަރިޒަމަށް
ވާގިވެރިވެ ހޭދަކުރާ ޤައުމެއް ކަމަށެވެ. އަދި ގަލްފުގެ
ޤައުމުތަކުން ޤަޠަރަށް ޕްރެޝަރު ކުރުމަށް އޭނާ ވަނީ
ބާރުއަޅުއްވާފައެވެ.
ސަޢޫދީ ޕްރެސް އޭޖެންސީ (Saudi
Press Agency) އިން ބުނެފައިވަނީ، ސަޢޫދީ ވަލީޢަހުދު
މުޙައްމަދު ބްނު ސަލްމާނު (محمد بن سلمان)، އެމެރިކާގެ
ޚާރިޖީ ވަޒީރު ރެކްސް ޓީލަރސަން (Rex Wayne Tillerson)
ފޯނުން ގުޅުއްވައި، ވާހަކަފުޅު ދެއްކެވި ކަމަށެވެ. އަދި
ދެބޭފުޅުން ވާހަކަފުޅު ދެއްކެވީ، ހައްދުފަހަނަޅައިދިއުމާއި
ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާބެހޭ ގޮތުން
ކަމަށެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު ޓީލަރސަން
ވަނީ، ސަޢޫދީ ޢަރަބިއްޔާއާއި އެހެން ޤައުމުތަކުން ޤަޠަރުގެ
މައްޗަށް އަޅާފައިވާ ޙިޞާރުކުރުމުގެ ފިޔަވަޅުތައް
ލުއިކުރުމަށް ގޮވާލައްވާފައެވެ. އޭނާ
ސިފަކުރައްވާފައިވަނީ، އެ ފިޔަވަޅުތަކަކީ އެމެރިކާއިން
އައިއެސްއާ ދެކޮޅަށް ދެމުންގެންދާ ޢަސްކަރީ ޙަމަލާތަކަށް
އޮތް ހުރަހެއް ކަމަށެވެ. އަދި އެ ފިޔަވަޅުތަކުގެ ސަބަބުން
ޤަޠަރުގެ ރައްޔިތުންނަށް ގިނަގުނަ ދަތިތައް ކުރިމަތިވާނެ
ކަމަށެވެ.
ޤަޠަރުގެ ޑިޕްލޮމެޓިކް ބޭފުޅަކާ
ޙަވާލާދެއްވައި، ރޮއިޓަރސް އިން ބުނެފައިވަނީ، "ގަލްފުގައި
އުފެދިފައިވާ މައްސަލަ އިން އަންގައިދެނީ، ގަލްފުގައި
އެމެރިކާގެ ދައުރު ޣާއިބުވެފައިވާ ކަމެވެ." އޭނާގެ ނަން
ރޮއިޓަރސް އިން ހާމަކޮށްފައެއް ނުވެއެވެ.
އޭނާ
ވިދާޅުވި ކަމަށް ބުނެވެއެވެ.
"މިއީ، ގަލްފުގައި
ޔުނައިޓެޑް ސްޓޭޓްސް ފެއިލްވެފައިވާ ކަމުގެ އެންމެ ބޮޑު
ދަލީލެވެ. މި މައްސަލައިން އެހެން ފަރާތްތަކަށް
އަންގައިދެނީ، ޔުނައިޓެޑް ސްޓޭޓްސްގެ ބައިވެރިންނާއެކު
ގުޅުން ބޭއްވުމަށް އެ ޤައުމަށް ނޭނގޭ ކަމެވެ."
ސަޢޫދިއްޔާއާއި، ބަޙުރައިނާއި، ޔޫއޭއީއާއި، މިޞްރުން،
ޤަޠަރުގެ މައްޗަށް ކުރަމުންގެންދާ ފިއްތުންތައް
އިތުރުކުރުމުގެ ގޮތުން، އެ ޤައުމުތަކުން ވަނީ، ޤަޠަރުގެ
އެތައް ބަޔަކު ހިމެނޭ ގޮތަށް ޓެރަރިސްޓުންގެ ކަޅު ލިސްޓެއް
ވެސް އެކުލަވާލާފައެވެ. އަދި އެ ލިސްޓުގައި ވަނީ، ޤަޠަރުގެ
އެތައް ޚައިރާތުގެ މުއައްސަސާތަކެއް ވެސް ހިމަނާފައެވެ.
ޤަޠަރާމެދު ކުރެވޭ އެފަދަ ތުހުމަތުތަކާމެދު، އެ
ޤައުމުން ވަނީ ވަރަށް ބޮޑަށް އިންކާރުކޮށްފައެވެ. ޤަޠަރުގެ
މުއައްސަސާތަކާއި، ޚައިރާތުގެ ޖަމާޢަތްތަކުން ޓެރަރިޒަމަށް
ވާގިވެރިވުން އެ ޤައުމުން ވަނީ ނަފީކޮށްފައެވެ.
ހިނގަމުންމިދާ ޖޫންމަހުގެ 5 ވީ ހޯމަދުވަހު،
ސަޢޫދިއްޔާއާއި، ޔޫއޭއީއާއި، ބަޙުރައިނާއި، މިޞްރުން،
ޤަޠަރާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލީ އެ ޤައުމުތަކުގެ
މެދުގައި ސައްލާކޮށް ރާވައިގެން އެޅި ފިޔަވަޅެއްގެ
ގޮތުގައެވެ. އެ ޤައުމުތަކުން އެ ފިޔަވަޅު އެޅީ، ޓެރަރިސްޓް
ޖަމާޢަތްތަކަށް ޤަޠަރުން ވާގިވެރިވާ ކަމަށާއި، އެ
ޤައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ޤަޠަރުން ވަންނަ
ކަމަށް ތުހުމަތުކޮށްފައެވެ. އެކަމުގެ ސަބަބުން ގަލްފުގައި
އުފެދުނު މައްސަލައަކީ، މީގެ އެތައް އަހަރެއްކުރިއްސުރެ
މިއަދާ ހަމައަށް ގަލްފުގައި އުފެދުނު އެންމެ ބޮޑު ސިޔާސީ
މައްސަލައެވެ.
ޤަޠަރާ ދެކޮޅަށް ފިޔަވަޅު އެޅި
ގަލްފުގެ ތިން ޤައުމުން ވަނީ، އެ ޤައުމުތަކުގެ އެއްގަމާއި،
ކަނޑާއި، ވައިގެ މަގުތައް، ޤަޠަރަށް ބަންދުކޮށްފައެވެ.
އަދި އެ ތިން ޤައުމުގައިވާ ޤަޠަރުގެ ރައްޔިތުންނާއި
ފަތުރުވެރިން، އެ ޤައުމުތަކުން ބޭރުވުމަށް އަންގައި،
އެކަމަށް ދެ ހަފުތާގެ ތެރޭގައި މުހުލަތެއް ދީފައެވެ.
ތާރީޚު: 11 ޖޫން 2017
މަޞްދަރު:
http://www.bbc.com/arabic/middleeast-40240092