ނަހީކުރެއްވުމުން ތަކުލީފުކުރެއްވޭ ކަންތައް


އަމުރާއި ނަހީގެ ބައެއް ތަފާތު:

އަމުރަކީ، ކަމެއް ކުރުމަށް އެންގުމެވެ.
ނަހީކުރުމަކީ، ކަމެއް ދޫކޮށްލުމަށް އެންގުމެވެ.

ކަންކަން ވާޖިބުކުރައްވާފައިވަނީ، އަމުރުންނެވެ. އެކަމަކު އަމުރުގައި ވާޖިބު ނޫން އެހެން ޙުކުމެއް ވެދާނެއެވެ.
ކަންކަން ޙަރާމްކުރައްވާފައިވަނީ، ނަހީންނެވެ. އެކަމަކު ނަހީގައި ޙަރާމް ނޫން އެހެން ޙުކުމެއް ވެދާނެއެވެ.

އަމުރުގެ ޞީޣާއަކީ، "ކުރޭ" (افعل) އެވެ.
ނަހީގެ ޞީޣާއަކީ، "ނުކުރޭ" (لا تفعل) އެވެ.

ޖިންނީންނާއި އިންސީނަށް އެންމެ ފުރަތަމަ ކުރެވުނު ފާފަ އަކީ، ޖިންނީންގެ ބައްޕައާއި، އިންސީންގެ ބައްޕަ އުރެދުނު އުރެދުމެވެ. ޖިންނީންގެ ބައްޕަ ކަމުގައިވާ އިބްލީސް އުރެދުނީ އަމުރަކަށެވެ. އެއީ، މާތް ﷲ، އާދަމުގެފާނަށް ސަޖިދަކުރުމަށް ކުރެއްވި އަމުރެވެ. އިންސީންގެ ބައްޕަ ކަމުގައިވާ އާދަމުގެފާނަށް އުރެދިވަޑައިގެންނެވުނީ، ނަހީއަކަށެވެ. އެއީ، މާތް ﷲ، އެކަލޭގެފާނަށް ނަހީކުރައްވާފައިވާ ގަހުން ފަރިއްކުޅުއްވުމެވެ. އެއަށްފަހު، އެކަލޭގެފާނު ތައުބާވެވަޑައިގަތެވެ.

އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ މަޞްދަރަކީ، ބޮޑާކަމާއި ބާރުގަދަކަމެވެ.
ނަހީތަކަށް އަރައިގަތުމުގެ ކުށުގެ މަޞްދަރަކީ، އާންމު ގޮތެއްގައި ޝަހުވަތްތެރިކަމާއި، މުހުތާދެވެ.

މާތް ﷲ ރަސޫލުބޭކަލުން ފޮނުއްވެވުމުގެ މަޤުޞޫދަކީ، އެކަލާނގެ ޙަޟުރަތަށް ޠާޢަތާއި ކިޔަމަންތެރިކަން އަދާކުރުމެވެ. އެކަން ކުރެވޭނީ، އެކަލާނގެ އަންގަވާ އަމުރުތަކަށް ކިޔަމަންގަނެ، އެއާ އެއްގޮތަށް ޢަމަލުކޮށްގެންނެވެ. އަމުރުތަކަށް ކިޔަމަންގަތުން ފުރިހަމަވުމަށްޓަކައި، ނަހީތަކުން އެއްކިބާވުން ލާޒިމުވެއެވެ. އެހެންކަމުން، މާތް ﷲ އަންގަވާފައިވާ އަމުރުތަކަށް ކިޔަމަންނުވެ، އެކަލާނގެ ނަހީކުރައްވާފައިވާ ކަންކަމުން އެއްކިބާވާ މީހަކީ، އެކަލާނގެ ޙަޟުރަތަށް ކިޔަމަންގަންނަ މީހެއް ނޫނެވެ. އޭނާއަކީ، އެކަލާނގެ ޙަޟުރަތަށް އުރެދޭ މީހެކެވެ. މިއާ ޚިލާފަށް، އެކަލާނގެ ނަހީކުރައްވާފައިވާ ކަންކަމުން އެއްކިބާނުވެ، އެކަލާނގެ އަންގަވާފައިވާ އަމުރުތަކަށް ކިޔަމަންވާ މީހަކީ، އެކަލާނގެ ޙަޟުރަތަށް ކިޔަމަންގަންނަ އުރެދޭ މީހެކެވެ.


ތަކުލީފުކުރެއްވޭ ކަން:

ޢަމަލަކާ ނުލައި ތަކުލީފެއް ނުވާނެއެވެ. ނަހީކުރެއްވުމުން ތަކުލީފުކުރެއްވޭ ކަމަކީ، އެކަމެއް ނުކޮށް ދޫކޮށްލަންޖެހޭ ކަމެކެވެ. ނުވަތަ އެކަމެއް ކުރުން ހުއްޓާލަންޖެހޭ ކަމެކެވެ.

މި ބާބުގައި، ނަހީއާމެދު ޢިލްމުވެރިންގެ އެތައް ރައުޔެއް ވެއެވެ. އެއީ:

1. ނަހީކުރެއްވުމުން ތަކުލީފުކުރެއްވޭ ކަމަކީ، ނަހީކުރެއްވޭ ކަން ނުކުރުމެވެ. ކަމެއް ނުކުރުމަކީ، ކަމެކެވެ.
2. ނަހީކުރެއްވުމުގައި ތަކުލީފުކުރެއްވޭ ކަމަކީ، ނަހީކުރެއްވޭ ކަމުގެ އިދިކޮޅެވެ. މިސާލަކަށް، "ޙަރަކާތް ނުކުރާށެވެ!" މިހެން ބުނެފިނަމަ، އޭގެ މާނައަކީ، "ޙަރަކާތްކުރުމާ އިދިކޮޅު ކަން ކުރާށެވެ!"
3. ނަހީކުރެއްވުމުގައި ތަކުލީފުކުރެއްވޭ ކަމަކީ، ކަން ނަފީކުރުމެވެ. "ޙަރަކާތް ނުކުރާށެވެ!" މިހެން ބުނާއިރު، ތަކުލީފުކުރެވޭ ކަމަކީ، "ނުކުރާށެވެ!" އެވެ. އެއީ، ޙަރަކާތެއް ނެތުމެވެ.
4. ނަހީކުރައްވާފައިވާ ކަންކަމަށް ޢަމަލުކުރުމުގައި، ޝަރުޠެއް ވެއެވެ. އެއީ، ނަހީކުރައްވާފައިވާ ކަން ނުކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް ނިޔަތްގަތުމެވެ.


ކަމެއް ނުކުރުމަކީ ކަމެއް ކަމުގެ ދަލީލުތައް:

(نثر البنود على مراقي السعود، ج 1) އެވެ، ކިޔާ ފޮތުގައި، އައްސަބަކީ ވަނީ މި މައުޟޫޢުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި، ކަމެއް ނުކުރުމަކީ ކަމެއް ކަމުގެ ތިން ދަލީލު ވެއެވެ. އެ ތިން ދަލީލަކީ:

(وَقَالَ الرَّسُولُ يَا رَبِّ إِنَّ قَوْمِي اتَّخَذُوا هَٰذَا الْقُرْآنَ مَهْجُورًا)
އަލްފުރުޤާން: 30

މާނައީ، "ރަސޫލާ ވިދާޅުވިއެވެ. އޭ އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، ތިމަންއަޅާގެ ޤައުމުގެ މީހުން، މި ޤުރުއާނަކީ އެއްކިބާކޮށްލެވިފައިވާ އެއްޗެއް ކަމުގައި ހަދައިފޫއެވެ."

މި އާޔަތުގައިވާ (مَهْجُورًا) "އެއްކިބާކޮށްލެވިފައިވާ އެއްޗެއް ކަމުގައި ހެދުން"، އެއީ ދޫކޮށްލެވިފައިވާ އެއްޗެއް ކަމުގައި ހެދުމެވެ. އާދޭހެވެ. އެމީހުން ކުރި ކަމަކީ، ކީރިތި ޤުރުއާން ދޫކޮށްލުމެވެ.

އަބޫޖުޙައިފާގެ އަރިހުން ވާރިދުވެފައިވާ ޙަދީޘްފުޅެއްގައި ވެއެވެ.

(قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: أَيُّ الأَعْمَالِ أَحَبُّ إِلَى اللَّهِ؟ قَالَ: فَسَكَتُوا، فَلَمْ يُجِبْهُ أَحَدٌ، قَالَ: هُوَ حِفْظُ اللِّسَانِ)
ރިވާކުރެއްވީ: އަލްބައިހަޤީ.

މާނައީ، "ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ﷲ ގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލުތަކަކީ ކޮބައިތޯއެވެ؟" އަބޫޖުޙައިފާ ވިދާޅުވިއެވެ. (އިތުރުއެކަލޭގެފާނު މި ސުވާލު ކުރެއްވުމުން) ފަހެ، އެންމެ ބޭކަލުން ހަމަހިމޭނުން ތިއްބެވޫއެވެ. ފަހެ، އިތުރުއެކަލޭގެފާނަށް އެންމެ ބޭކަލުވެސް ޖަވާބެއް ނުދަންނަވައެވެ. (ދެން) އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "އެއީ ދޫ ރައްކާތެރިކުރުމެވެ.""

(قال قائل من المسلمين والنبي صلى الله عليه وسلم يعمل بنفسه في بناء المسجد: لَئِنْ قَعَدْنَا وَالنّبِيّ يَعْمَلُ ... لَذَاكَ مِنّا الْعَمَلُ الْمُضَلّلُ)

މާނައީ، "(ނަބަވީ) މިސްކިތް ބިނާކުރެއްވުމުގެ މަސައްކަތްޕުޅު، ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އަމިއްލަފުޅަށް ކުރައްވަނިކޮށް، އަޞްޙާބުބޭކަލަކު ޅެންބަހުން ވިދާޅުވިއެވެ. "ނަބިއްޔާ މަސައްކަތްޕުޅު ކުރައްވަނިކޮށް ތިމަންމެން އިށީނދެއްޖެނަމަ، އެއީ ތިމަންމެންގެ ފުށުން ކުރެވޭ ތިމަންމެން މަގުފުރައްދާނެ ޢަމަލެވެ.""

މި ޅެންބައިތުގައިވާ (قَعَدْنَا) "ތިމަންމެން އިށީނދެއްޖެނަމަ" ގެ މުރާދަކީ، މިސްކިތް ބިނާކުރުމުގެ މަސައްކަތް ނުކޮށް އިށީނދެއްޖެނަމައެވެ.

ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. "ނަހީކުރެއްވުމުގައި ތަކުލީފުކުރެއްވޭ ކަމަކީ، ނަހީކުރެއްވޭ ކަމާ އިދިކޮޅު ކަން ކުރުމެވެ."


ނުކުރާކަން ނުކުރުމުގެ މައްޗަށް ބިނާވާ ކަންކަން:

"އަލްމަންހަޖުލް މުންތަޚަބި" (المنهج المنتخب) އެވެ، ކިޔާ ޅެމުގައި، އައްޝައިޚުއް ޒަޤާޤު ހައްދަވާފައިވާ ޅެންބައިތުތަކެއްގައި، މި މައުޟޫޢުގެ މައްޗަށް އަލިއަޅުވާލާފައި ވެއެވެ. އޭގައި އޭނާ ބަޔާންކުރައްވާފައިވާ މައްސަލައަކީ، މަންފާ ޙާޞިލުކުރުމުގެ ކުޅަދާނަކަން ލިބިފައިވާ މީހަކު، މަންފާ ހޯދުން ދޫކޮށްލުމެވެ. އޭނާ އެކަން ދޫކޮށްލިކަމީ، އޭނާ ކުޅަ ޢަމަލެއް ފަދަ ކަމެއްތޯއެވެ؟ ނުވަތަ ނޫންތޯއެވެ؟ މި ދެ ޙާލަތުންކުރެ ކޮންމެ ޙާލަތެއްގެ މައްޗަށްމެ، ކަމެއް ބިނާވެއެވެ.

މީގެ މިސާލަކީ، ފެނުގެ ތަނަވަސްކަން ލިބިފައިވާ މީހެއްގެ މިސާލެވެ. އޭނާ ބޯން ބޭނުންވާ ވަރަށްވުރެ އިތުރަށް އޭނާގެ އަތުގައި ފެން އެބަހުއްޓެވެ. ފެންބޮވައިގެންފައިވާ މީހަކަށް އޭނާ ފެން ނުދިނުމުގެ ސަބަބުން އެ މީހާ މަރުވިއެވެ. ފެން ނުދިނުމަކީ، އޭނާ ކުރި ޢަމަލެއް ކަމަށް ބަލައިފިނަމަ، އެ މީހާގެ މަރުގެ ދިޔައަށް އޭނާ ޖާމިނުވާންޖެހޭނެއެވެ. ފެން ނުދިނުމަކީ، އޭނާ ކުރި ޢަމަލެއް ނޫން ކަމަށް ބަލައިފިނަމަ، އެ މީހާގެ މަރުގެ ދިޔައަށް އޭނާ ޖާމިނުވާކަށެއް ނުޖެހޭނެއެވެ.

މިފަދަ ދެވަނަ މިސާލަކީ، ތިމާގެ ދަނޑަށް ފެންދިނުމަށްފަހު، އިތުރުވާ ފެން، އަވަށްޓެރިޔާގެ ދަނޑަށް ނުދިނުމެވެ. އެކަމުގެ ސަބަބުން އަވަށްޓެރިޔާގެ ދަނޑުގައިވާ ގޮވާންތައް ހަލާކުވެއެވެ. މި ޙާލަތުގައި ފެން ނުދިން މީހާ، އޭނާގެ އަވަށްޓެރިޔާގެ ދަނޑުން ހަލާކުވި ގޮވާމަށް ޖާމިނުވާންޖެހޭނެތޯއެވެ؟ ނުވަތަ ނޫންތޯއެވެ؟ މި މިސާލުގައި ވެސް، ނުކުރިކަން ނުކުރިކަމީ، ކުރި ކަމެއް ކަމަށް ބެލުމުގެ ފުރުޞަތާއި، އެއީ ނުކުރާ ކަމެއ ކަމަށް ބެލުމުގެ ފުރުޞަތު އެބައޮތެވެ.

މިފަދަ ތިންވަނަ މިސާލަކީ، ހެކިސާބިތުކޮށްދޭ ލިއުން ނުދިން މީހެއްގެ މިސާލެވެ. އޭނާ އެ ލިއުން ނުދިނުމުގެ ސަބަބުން ބަޔެއްގެ ޙައްޤު ގެއްލުނެވެ. އެމީހުންގެ ޙައްޤާމެދު އޭނާ ޖާމިނުވާންޖެހޭނެތޯއެވެ؟ ނުވަތަ ނޫންތޯއެވެ؟

މިފަދަ ހަތަރުވަނަ މިސާލަކީ، ޔަތީމު ކުދިންތަކެއްގެ މުދާ ބަލަހައްޓަން ޙަވާލުކުރެވިފައިވާ މީހެއްގެ މިސާލެވެ. އޭނާ އެ މުދާ ނުބެލެހެއްޓުމުގެ ސަބަބުން، އެ މުދަލުން ލިބެންޖެހޭ މަންފާއެއް ނުލިބުނެވެ. މި ޙާލަތުގައި ލިބުނު ގެއްލުމަށް އޭނާ ޖާމިނުވާންޖެހޭނެތޯއެވެ؟ ނުވަތަ ނޫންތޯއެވެ؟

މިފަދަ ފަސްވަނަ މިސާލަކީ، ސަވާރީއެއްގެ ގޮތުގައި ބޭނުންކުރާ ޖަނަވާރެއް ބެލެހެއްޓުން ޙަވާލުކުރެވުނު މީހެއްގެ މިސާލެވެ. އެ ޖަނަވާރު ކާން ބޭނުންވާ ހުއިތައް އޭނާއާ ޙަވާލުކުރެވުނެވެ. އެހެނަސް އޭނާ އެ ޖަނަވާރަށް އެ ހުއި ކާންދިނުމުގެ ޢަމަލެއް ނުކުރެއެވެ. އެކަމުގެ ސަބަބުން އެ ޖަނަވާރު މަރުވިއެވެ. މި ޙާލަތުގައި އެ ޖަނަވާރުގެ މަރާމެދު އޭނާ ޖާމިނުވާންޖެހޭނެތޯއެވެ؟ ނުވަތަ ނޫންތޯއެވެ؟

މި ބާބުގައި ހިމަނައިލެވިދާނެ މިފަދަ އެތައް މައްސަލަތަކެއް ވެއެވެ. މި މައްސަލަތަކުގައި ޚިލާފު އުފެދިފައިވަނީ، ކަމެއް ނުކުރުމަކީ، ކަމެއް ކުރުންތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގައެވެ. މި ބާބުގައި ވާރިދުވެފައިވާ ޞައްޙަ ރައުޔު ބުނާ ގޮތުގައި، ކަމެއް ނުކުރުމަކީ، ކަމެއްކުރުމެވެ. ކީރިތި ޤުރުއާނުންނާއި، ނަބަވީ ސުންނަތުންނާއި، ބަހަވީ ޢިލްމުން އެކަން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. އެހެންވީމާ، ކުރަންޖެހޭ ކަމެއް ނުކުރުމުގެ ސަބަބުން ލިބޭ ގެއްލުމާމެދު، އެކަން ނުކުރި މީހާ ޖާމިނުވާންޖެހޭނެއެވެ.