ތީރާނާއި ޞަނާފީރުގެ މައްޗަށް ނަޒަރެއް


ތީރާން (تيران) އާއި، ޞަނާފީރު (صنافير) އަކީ، ރަތްކަނޑާއި، ޢަޤަބާ ކަނޑުއޮޅި ގުޅޭ ހިސާބުގައިވާ ދެ ޖަޒީރާއެކެވެ. އެ ދެ ޖަޒީރާ، މިޞްރުން ސަޢޫދީ ޢަރަބިއްޔާއާ ޙަވާލުކުރަން އުޅުމުން، ބައެއް މީޑިއާތަކުން ޙަޤީޤަތް އޮޅުވާލަން މަސައްކަތްކޮށްފައި ވެއެވެ. އެކަމުގެ ސަބަބުން މިޞްރުގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް އެ ދެ ޖަޒީރާގެ ޙަޤީޤަތް ވަރަށް ބޮޑަށް އޮޅިގެންދިޔައެވެ. އަދި އިސްލާމީ ދުނިޔޭގެ ވަރަށް ގިނަ ބަޔަކަށް ވެސް އެ ދެ ޖަޒީރާގެ ޙަޤީޤަތް އޮޅިގެންދިޔައެވެ. ބައެއް މީޑިއާތަކުން ފެތުރި ދޮގު މަޢުލޫމާތުގެ ސަބަބުންނެވެ.

ދެ ޖަޒީރާގެ ނަމަށް ބަލާއިރު އެއީ، ޢަރަބިކަރައާ ގުޅިފައިވާ ދެ ޖަޒީރާކަން އެނގެއެވެ. އެ ދެ ޖަޒީރާއިންކުރެ ކޮންމެ ޖަޒީރާއަކަށް ދެވިފައިވާ ނަމަކީ، ޢަރަބި ނަމެކެވެ. ތީރާން (تيران) ގެ މާނައަކީ، ކަނޑުގެ ރާޅުތަކެވެ. އެއީ، ތީރު (تير) ގެ ދުއިނަމެވެ. ނުވަތަ ގިނަނަމެވެ. އެއީ، ސަޢޫދީ ޢަރަބިއްޔާގެ ތަބޫކު އަހުލުވެރިންގެ ބަހުގައިވާ ލަފުޒެކެވެ. އެ ލަފުޒު، "ލިސާނުލްޢަރަބް" އާއި، "އަލްމުޢުޖަމުލްވަސީޠު" ފަދަ ޢަރަބި ބަހުގެ މުޢުތަބަރު ބަސްފޮތްތަކުގައި ވެސް ވެއެވެ.

ތާޖުލްޢަރޫސް (تاج العروس) ނަމަކަށްކިޔާ ޢަރަބި ބަސްފޮތުގައި ވެއެވެ. "އައްޞުނާފިރު" (الصُّنَافِرُ) އަކީ، އެހެން އެއްޗަކާ ގަޑުބަޑުނުވެ ހުންނަ އެއްޗެވެ. "އައްޞުނާފިރާ" (الصُّنَافِرة) ވެސް ހަމަ އެފަދައެވެ. "އައްޞަނާފީރު" ނަމަކަށް ކިޔާ އަވަށެއް، މިޞްރުގެ ޤަލްޔޫބިއްޔާ ގައި ވާކަމަށް އަލްޙާފިޡު އިބްނު ޙަޖަރު ވިދާޅުވެފައި ވެއެވެ.

ޢަރަބި ބަސްފޮތްތަކުން އެނގޭ ގޮތުގައި، "ޞަންފަރަ" (صَنْفَرَ) އާއި، "ޞަންފަރާ" (صَنْفَرة) އަކީ، ޢަރަބި ބަހުގައި ހިމެނޭ ދެ ލަފުޒެކެވެ. މިހާރު "ޞަންފަރާ" އެވެ، ކިޔަނީ ހިލަކަރުދާހަށެވެ. "ޞަންފަރަ" ގެ މާނައަކީ، "ހިލަކަރުދާސް ލައި އޮމާންކޮށްފި" އެވެ.

ޞަނާފީރު (صنافير) އަކީ، (صنفر) ގެ ގިނަނަން ކަމަށާއި، އޭގެ އެއް މާނައަކީ، "އަޞްލު ނޭނގޭ އެތި" (އެ އެއްޗެއްގެ އަޞްލަކީ ކޮބައިކަން ނޭނގޭ އެތި) ކަމަށް ސަޢޫދީ ޢަރަބިއްޔާގެ އައްރިޔާޟު ނޫހުގެ 17467 ވަނަ ޢަދަދުގައި (20 އޭޕްރީލް 2017) ޝާއިޢުކޮށްފައިވާ މަޒުމޫނެއްގައި ވެއެވެ. އަދި "ޞަނާފީރު" ޖަޒީރާއަށް އެ ނަން ދެވިފައިވަނީ، އިހުޒަމާނުގައި އެ ޖަޒީރާގައި އުޅުނު ރަށްވެހިންގެ ބާވަތުން ކަމަށް ވެސް އެ މަޒުމޫނުގައި ވެއެވެ. އޭގައިވާ ގޮތުން އެމީހުންނަކީ، ޙިޖާޒުކަރައިގެ ޢަރަބީންގެ ތެރެއިން ވަކި ޤަބީލާއަކަށް ނިސްބަތްނުވާ ބަޔެކެވެ.

މިޞްރުގެ ސައިނާގެ އިރުމަތީ އައްސޭރިއާ، ތީރާން ޖަޒީރާއާ ދެމެދުގައިވާ ދުރުމިނަކީ، 6 ކިލޯމީޓަރެވެ. ތީރާނާއި، ޞަނާފީރާ ދެމެދުގައިވަނީ، 2.5 ކިލޯމީޓަރެވެ. ތީރާންގެ އޭރިޔާއަކީ، 80 އަކަކިލޯމީޓަރެވެ. ޞަނާފީރުގެ އޭރިޔާއަކީ، 33 އަކަކިލޯމީޓަރެވެ. އެ ދެ ޖަޒީރާގެ ސަބަބުން، ރަތްކަނޑާއި ޢަޤަބާ ކަނޑުއޮޅިއާ ދެމެދުގައި ތިން ނެރު އުފެދިފައި ވެއެވެ. ފުރަތަމަ ނެރަކީ، ސައިނާގެ އައްސޭރިއާ ތީރާން ޖަޒީރާއާ ދެމެދުގައި، ސައިނާއާ ކައިރީގައިވާ ނެރެވެ. އެ ނެރުގެ ފުން ހިސާބުތަކުގެ ފުންމިނުގައި 290 މީޓަރު ވެއެވެ. އެހެންކަމުން ކަނޑުމަގުން ދަތުރުފަތުރުތައް ކުރެވެނީ އެ ނެރުންނެވެ. ދެވަނަ ނެރަކީ، ސައިނާގެ އައްސޭރިއާ ތީރާން ޖަޒީރާއާ ދެމެދުގައި، ތީރާނާ ކައިރީގައިވާ ނެރެވެ. އެ ނެރުގެ ފުން ހިސާބުތަކުގެ ފުންމިނުގައި 73 މީޓަރު ވެއެވެ. ތިންވަނަ ނެރަކީ، ތީރާނާއި ޞަނާފީރާ ދެމެދުގައިވާ ނެރެވެ. އެ ނެރުގެ ފުން ހިސާބުތަކުގެ ފުންމިނުގައި ވަނީ އެންމެ 16 މީޓަރެވެ.

ތާރީޚުގެ މަޞްދަރުތަކުން އެނގޭ ގޮތުގައި، މީލާދީ ސަނަތުން 473 ވަނަ އަހަރު، ޢަރަބި ލީޑަރެއް ކަމުގައިވާ ޢަމްރު ޤައިސް (عمرو قيس) ގެ ބާރުގެ ދަށަށް އޭނާ ތީރާން ގެންގޮސްފައި ވެއެވެ. އޭގެ 25 އަހަރު ފަހުން، ބައިޒަންޓައިން އެމްޕަޔަރުގެ ދަށަށް އެ ޖަޒީރާ ގެންދެވިފައި ވެއެވެ. އަދި އެ ޖަޒީރާގެ ރަށްވެހިންނަށް އަމިއްލަ ވެރިކަމެއް ކުރުމުގެ ބާރު ދީ، އެ ޖަޒީރާއިން އިންޑިއާއަށް ގެންދާ ވިޔަފާރި މުދަލުން ވާރުނެގުނެވެ. ވާރު ދެއްކުމަށް އެ ޖަޒީރާގެ ރައްޔިތުން ދެކޮޅުހެދުމުން، މީލާދީ ސަނަތުން 534 ވަނަ އަހަރު، ބައިޒަންޓައިން އެމްޕަޔަރުގެ ބާރުގެ ދަށަށް އެ ޖަޒީރާ ގެންދެވިފައި ވެއެވެ. އެއަށްފަހު ކޮންމެވެސް ސަބަބުތަކެއް މެދުވެރިވެ، އެ ޖަޒީރާ ފަޅުވި ކަމަށް ބެލެވެއެވެ. އެހެނީ، އިސްލާމީ ތާރީޚުގައި އެ ޖަޒީރާގެ މީހުންގެ ވާހަކަ ބަޔާންވެފައެއް ނެތެވެ. މިހާރު ތީރާނުގައި ކުޑަ އެއާޕޯޓެއް ހަދާފައި ވެއެވެ. އެއީ، ޔޫއެންގެ ސަލާމަތީ ބާރުތަކުގެ ބޭނުންތަކަށްޓަކައި ހަދާފައިވާ އެއާޕޯޓެކެވެ.

23 ޑިސެމްބަރ 1928 ގައި، މިޞްރުގެ ހަނގުރާމައާބެހޭ ވަޒީރު، މިޞްރުގެ ޚާރިޖީ ވަޒީރަށް ފޮނުއްވާފައިވާ ސިޓީފުޅެއްގައި ވެއެވެ. "ޢަޤަބާ ކަނޑުއޮޅީގެ ކުރިމަތީގައި ރަތްކަނޑުގައިވާ ތީރާނާއި ޞަނާފީރަކީ، މިޞްރުގެ ދެ ޖަޒީރާކަން ނުވަތަ ނޫންކަން ސާފުކޮށްދެއްވުންއެދި، ޝުކުރުވެރިކަމާއެކު މަނިކުފާނުގެ އަރިހުގައި ދަންނަވަމެވެ. މިކަން ސާފުކުރުމަށް ބޭނުންވަނީ، ސަރަޙައްދު ބަލަހައްޓާ ބާރުތައް މެދުވެރިކޮށް، އެ ދެ ޖަޒީރާއިންކުރެ ކޮންމެ ޖަޒީރާއެއްގައި މިޞްރުގެ ދިދަ ޖެހުމަށްޓަކައެވެ."

އެ ސިޓީފުޅަށް ޖަވާބުދެއްވައި، 31 ޑިސެމްބަރ 1928 ގައި، މިޞްރުގެ ޚާރިޖީ ވަޒީރު ފޮނުއްވި ސިޓީފުޅެއްގައި ވެއެވެ. "ޢަޤަބާ ކަނޑުއޮޅީގެ ކުރިމަތީގައިވާ ތީރާނާއި ޞަނާފީރަކީ، މިޞްރުގެ ދެ ޖަޒީރާތޯ އޮޅުންފިލުވައިދިނުމަށް އެދިވަޑައިގެން، މިއަހަރުގެ 23 ޑިސެމްބަރުގައި މަނިކުފާނު ފޮނުއްވި ސިޓީފުޅުގެ ޖަވާބުގައި ދަންނަވަމެވެ. އެ ދެ ޖަޒީރާއިންކުރެ ޖަޒީރާއެއް (މިޞްރުގެ އިމުގެ ތެރޭގައި ހިމެނޭ ކަމަށް މިޞްރުގެ) ޚާރިޖީ ވުޒާރާގެ ފައިލުތަކުގައި ބަޔާންކޮށްފައި ނެތް ވާހަކަ ނުހަނު އިޙުތިރާމާއެކު ދެންނެވީމެވެ."

އިހުގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ތީރާނާއި ޞަނާފީރު، މިޞްރުގެ ބެލުމުގެ ދަށަށް ދިޔައީ، 1950 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި، ސަޢޫދީ ރަސްގެފާނު، ކިންގ ޢަބްދުލްޢަޒީޒު އާލު ސުޢޫދު މިޞްރަށް ފޮނުއްވި ފެކްސްއަކާ ވިދިގެންނެވެ. އެ ފެކްސް ފޮނުއްވީ، މިޞްރުގައި ހުންނަވާ ސަޢޫދީ ޢަރަބިއްޔާގެ ވަޒީރު މަންދޫބަށެވެ. އެ ފެކްސްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، އެ ދެ ޖަޒީރާ އެހެން ބަޔެއްގެ އަތްދަށަށް ހިނގައިދާނެތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި، މިޞްރުގެ ޢަސްކަރީ ބާރު އެ ދެ ޖަޒީރާގައި ވުމަކީ، އެ ކަންބޮޑުވުން ފިލައިގެންދާނެ ކަމެއް ކަމަށެވެ. މިޞްރުގެ ޢަސްކަރީ ބާރުތައް ތީރާނާއި ޞަނާފީރަށް ފޮނުވުނީ، އެ ފެކްސްއަށްފަހު، ދެ ޤައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުމެއްގެ ދަށުން ކަމަށް ބައެއް މަޞްދަރުތަކުގައި ވެއެވެ. ސަޢޫދީ ޢަރަބިއްޔާއިން ބޭނުންވީ، އިސްރާއީލާ ދެކޮޅަށް މިޞްރުން ކުރަމުން ގެންދިޔަ މަސައްކަތްތަކުގައި، މިޞްރަށް ވާގިވެރިވުމަށެވެ. އަދި އެއާއެކު، ޢަރަބި ޢަސްކަރިއްޔާއެއް މެދުވެރިކޮށް، އެ ދެ ޖަޒީރާ އިސްރާއީލުގެ އަތްދަށަށް ދިޔަނުދީ ސަލާމަތްކުރުމެވެ.

1956 ވަނަ އަހަރު، އިސްރާއީލުން ތީރާން ޖަޒީރާއަށް ވެރިވެގަތެވެ. އެއީ، މިޞްރާ ދެކޮޅަށް ކުރެވުނު ސައިނާ ހަނގުރާމައިގައެވެ. (އެ ހަނގުރާމައަށް އެތައް ނަންތަކެއް ދެވިފައި ވެއެވެ.) އެއަށްފަހު، 1967 ގައި އަނެއްކާ އިސްރާއީލުން އެ ޖަޒީރާއަށް ވެރިވެގަތެވެ. އިސްރާއީލުގެ ޢަސްކަރީ ބާރުތައް އެ ޖަޒީރާއިން ފައިބާ، އެ ޖަޒީރާ ދޫކޮށްލީ 1982 ވަނަ އަހަރުގައެވެ. އެއީ އިސްރާއީލާއި މިޞްރާ ދެމެދުގައި ވެވުނު މަޝްހޫރު ކޭމްޕް ޑޭވިޑްގެ އެއްބަސްވުމުގެ ދަށުންނެވެ.

އދ. ގައި ހުންނަވާ މިޞްރުގެ ދާއިމީ މަންދޫބު، 27 މޭ 1967 ގައި ލިޔުއްވާފައިވާ ޚިޠާބެއްގައި ވެއެވެ. "އެ ދެ ޖަޒީރާ (ތީރާނާއި ޞަނާފީރު) މިޞްރުގެ ސިޔާދަތުގެ ދަށަށް ނަޤުލުވެއްޖެ ކަމަށް ދަޢުވާކުރާކަށް މިޞްރު ދުވަހަކުވެސް މަސައްކަތްކޮށްފައެއް ނުވާނެއެވެ. މިޞްރުން ކަށަވަރުކޮށްދީފައިވާނެ އެންމެ ބޮޑު މިންވަރަކީ، އެ ދެ ޖަޒީރާ ދިފާޢުކުރުމުގެ މަސްއޫލިއްޔަތު މިޞްރުން އުފުލާކަމެވެ."

16 ނޮވެމްބަރ 1973 ގައި، އދ. އިން ބަލައިގެންފައިވާ ޗާޓުން އެނގޭ ގޮތުގައި، ޖޯގުރަފީ ގޮތުންނާއި، ބައިނަލްއަޤުވާމީ ޤާނުގައިވާ ގޮތުންނާއި، އދ. ގެ 3067 ނަންބަރު ޤަރާރުގައިވާ ގޮތުގެމަތިން އދ. ގެ ޖެނެރަލް އެސެމްބްލީން ފާސްކޮށްފައިވާ ކަނޑުތަކާބެހޭ ޤާނޫނުގެ އެއްބަސްވުމުގައިވާ ގޮތުގެމަތިން ބަލާއިރު، ތީރާނާއި ޞަނާފީރު ވަނީ، ސަޢޫދީ ޢަރަބިއްޔާގެ ސަރަޙައްދުގެ ތެރޭގައެވެ.

ދެ ޖަޒީރާ (ތީރާނާއި ޞަނާފީރު) އޮތީ، ސަޢޫދީގެ ސިޔާދަތުގެ ދަށުގައި ކަމަށާއި، 1950 ވަނަ އަހަރު އެ ދެ ޖަޒީރާ، މިޞްރުގެ ޙިމާޔަތުގެ ދަށުގައި ބޭއްވުނުނުކަން ވަނީ، 19 ޖެނުއަރީ 1982 ގައި، ނިއުޔޯކް ޓައިމްސްގައި ޝާއިޢުކޮށްފައިވާ މަޒުމޫނެއްގައި ވެސް ކަށަވަރުކޮށްދީފައެވެ. އަދި މިޞްރާއި ސަޢޫދީ ޢަރަބިއްޔާގެ ގުޅުން ރަނގަޅުކުރުމަށްޓަކައި، މިޞްރު ސަރުކާރުން އެ ދެ ޖަޒީރާ ސަޢޫދީ ޢަރަބިއްޔާއާ ޙަވާލުކޮށްފާނެތީ، އިސްރާއީލުން ކަންބޮޑުވާ ކަމަށް ވެސް އެ މަޒުމޫނުގައި ވެއެވެ. މިޞްރުން އެކަން ކުރިޔަ ނުދިނުމަށްޓަކައި، އެކަމަކީ، މިޞްރާއި އިސްރާއީލާ ދެމެދުގައިވާ އެއްބަސްވުމާ ޚިލާފުކަމެއް ކަމަށްބުނެ، އިސްރާއީލުން މިޞްރު ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރި ކަމަށް ވެސް އެ މަޒުމޫނުގައި ވެއެވެ.

1990 ވަނަ އަހަރު، މިޞްރުގެ ރައީސުލްޖުމްހޫރިއްޔާގެ 27 ނަންބަރު ޤަރާރަކީ، މިޞްރުގެ ކަނޑުގެ ސަރަޙައްދު ވަކިކޮށްދޭ ޤަރާރެވެ. އެ ޤަރާރުވަނީ، 18 ޖެނުއަރީ 1990 ގައި، މިޞްރުގެ ރަސްމީ ނޫހުގައި ޝާއިޢުކޮށްފައެވެ. ތީރާނާއި ޞަނާފީރު ވަނީ މިޞްރުގެ ކަނޑުގެ ސަރަޙައްދުގެ ތެރޭގައި ކަމަކަށް އެ ޤަރާރުގައި ނެތެވެ.

2016 ވަނަ އަހަރު އޭޕްރީލް މަހު މިޞްރު ސަރުކާރުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ތީރާނާއި ޞަނާފީރަކީ، މިޞްރުގެ ކަނޑުގެ ސަރަޙައްދުން ބޭރުގައިވާ ދެ ޖަޒީރާ ކަމަށެވެ. މިޞްރުން އެ ދެ ޖަޒީރާ ބަލަހައްޓަމުންގެންދިޔައީ 1950 ވަނަ އަހަރު، ސަޢޫދީގެ ކުރީގެ ރަސްގެފާނު، ކިންގ ޢަބްދުލްޢަޒީޒު އާލު ސަޢޫދުގެ އެދިވަޑައިގަތުމުގެމަތިން ކަމަށެވެ.

2016 ވަނަ އަހަރު އޭޕްރީލް މަހުގެ 8 ވަނަ ދުވަހު، މިޞްރާއި ސަޢޫދީން ސޮއިކުރި އެއްބަސްވުމަކީ، ތާރީޚީ އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގައި ސަޢޫދީ ޢަރަބިއްޔާއިން ސޮއިކުރެއްވީ، ދިފާޢީ ވަޒީރު އަލްއަމީރު މުޙައްމަދު ބްނު ސަލްމާނެވެ. މިޞްރުން ސޮއިކުރެއްވީ، ބޮޑުވަޒީރު ޝަރީފު އިސްމާޢީލެވެ. އެކަން ކުރެވުނު ރަސްމިއްޔާތުގައި، ސަޢޫދީ ރަސްގެފާނު، ކިންގ ސަލްމާން ބްނު ޢަބްދުލްޢަޒީޒާއި، މިޞްރުގެ ރައީސް ޢަބްދުލްފައްތާޙު އައްސީސީ ބައިވެރިވެވަޑައިގެންނެވިއެވެ. އެ އެއްބަސްވުން ތައްޔާރުކުރުމަށްޓަކައި، 6 އަހަރު ހޭދަވިއެވެ. އެ މުއްދަތުގެ ތެރޭގައި، ކަނޑުގެ ސަރަޙައްދީ ރޮނގު ކަނޑައަޅާ ދެ ޤައުމުގެ ކޮމިޓީ 11 ޖަލްސާ ބާއްވާފައި ވެއެވެ. އެ ކޮމިޓީން ވަނީ، ކަމާބެހޭ ހުރިހާ ލިޔެކިއުންތަކަކާއި، ހެކިތަކެއް ބަލައި މުރާޖަޢާކޮށްފައެވެ. އެ ކޮމިޓީގެ ފަންނީ ބޭފުޅުން ދެ ޤައުމުގެ ކަނޑުގެ ސަރަޙައްދީ ރޮނގު ކުރައްސަވާފައިވަނީ، އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ބޭނުންކުރައްވައިގެންނެވެ. އެހެންކަމުން އެ ކޮމިޓީން ކުރައްވާފައިވާ އަގުހުރި މަސައްކަތާމެދު ޝައްކު އުފެއްދޭނެ ޖާގައެއް ނެތެވެ. އެ ކޮމިޓީގެ މަސައްކަތުގެ މައްޗަށް ބިނާކޮށް، މިޞްރުގެ ސަރުކާރުން ނިންމާފައިވަނީ، ތީރާނާއި ޞަނާފީރަކީ، ސަޢޫދީ ޢަރަބިއްޔާގެ ކަނޑުގެ ސަރަޙައްދުގެ ތެރޭގައިވާ ދެ ޖަޒީރާ ކަމަށެވެ.

ނަންގަނެވިދިޔަ އެއްބަސްވުމުގައި ސޮއިކުރުމުން، މިޞްރުގެ ރައްޔިތުންގެ މެދުގައި އެއާ ދެކޮޅަށް އަޑުއުފުލުގެ ޙަރަކާތެއް ހިނގިއެވެ. ތީރާނާއި ޞަނާފީރު، ސަޢޫދީ ޢަރަބިއްޔާއަށް ދޫކޮށްލުމުން، މިޞްރުގެ ބައެއް ސިޔާސީ ފަރާތްތަކުން ބުނެފައިވަނީ، އެއީ މިޞްރުގެ ބިންތަކެއް ސަޢޫދީ ޢަރަބިއްޔާއަށް ދޫކޮށްލުން ކަމަށެވެ. އަދި އެއީ ސަޢޫދީ ޢަރަބިއްޔާއާއެކު މިޞްރު ސަރުކާރުން ހިންގި ވިޔަފާރީގެ މުޢާމަލާތެއް ކަމަށްވެސް އިދިކޮޅު ފަރާތްތަކުން ސިފަކޮށްފައި ވެއެވެ. އެފަދަ ފަރާތްތަކުން ދެއްކި ޙުއްޖަތަކީ، 1932 ވަނަ އަހަރު ސަޢޫދީ ޢަރަބިއްޔާ އުފެދުމުގެ ކުރިން، ތީރާނާއި ޞަނާފީރު، މިޞްރުގެ ބެލުމުގެ ދަށުގައި އޮތްކަމެވެ. އެ ދެ ޖަޒީރާ މިޞްރުގެ ބެލުމުގެ ދަށަށް ދިޔަ ގޮތުގެ ވާހަކަ އެފަރާތްތަކަކުން ނުދައްކައެވެ. އިދިކޮޅު ސިޔާސީ ފަރާތްތަކުގެ އިތުރުން، ބައެއް މީޑިއާތަކުން ވެސް މަސައްކަތްކުރަމުން ގެންދިޔައީ، ސަޢޫދީ ޢަރަބިއްޔާއާއި މިޞްރާ ދެމެދުގައި ހަމަނުޖެހުން އުފެއްދުމަށެވެ. މިޞްރުގެ ރައްޔިތުންނަށް ޙަޤީޤަތް އޮޅުވައިލުމަށެވެ. ސަރުކާރާ ދެކޮޅަށް މުޒާހަރާކުރުމަށް ނުކުތް ރައްޔިތުންގެ ލޭ ކައްކުވާލުމުގައި އެފަދަ މީޑިއާތަކުގެ ދައުރު ވަރަށްވެސް ބޮޑެވެ.

ޤަޠަރުގެ އަލްޖަޒީރާ މީޑިއާއިން ބުނެފައިވާ ގޮތުގައި، މިޞްރުން ސަޢޫދީ ޢަރަބިއްޔާއަށް ތީރާނާއި ޞަނާފީރު ދޫކޮށްލަނީ އިސްރާއީލުގެ މަޞްލަޙަތަށްޓަކައެވެ. އޭގެ އެއް ބޭނުމަކީ، ގަލްފު ކަނޑުއޮޅިއަށް ވަދެނިކުތުމުގެ ފުރިހަމަ މިނިވަންކަން އިސްރާއީލަށް ދިނުމެވެ. އަދި އެއީ، ސަޢޫދީ ވަލީ ޢަހުދު އަލްއަމީރު މުޙައްމަދު ބްނު ސުލްޠާނަށް އެމަނިކުފާނުގެ ބައްޕާފުޅަށްފަހު، ސަޢޫދީ ރަސްކަން ކަށަވަރުކޮށްދޭ ސެޓްފިކެޓެކެވެ. ހަމައެފަދައިން އެއީ، ފަލަސްޠީނުގެ ރައްޔިތުން، ސައިނާގައި ވަޒަންވެރިކުރުވުމުގެ މުޤައްދިމާ ވެސްމެއެވެ.

އިހުޒަމާނުގެ ޗާޓުތަކަށް ބަލާއިރު، ތީރާނާއި ޞަނާފީރަކީ، މިހާރުގެ ސަޢޫދީ ޢަރަބިއްޔާގެ ސަރަޙައްދުގެ ތެރޭގައިވާ ދެ ޖަޒީރާއެކެވެ. ފާއިތުވެދިޔަ ޒަމާންތަކުގެ ތެރެއިން އެއްވެސް ޒަމާނެއްގައި، އެ ދެ ޖަޒީރާއަކީ، މިޞްރުގެ ދެ ޖަޒީރާ ކަމަކަށް މިޞްރުގެ އެއްވެސް ސަރުކާރަކުން ދުވަހަކުވެސް ބުނެފައެއް ނެތެވެ. އެ ދެ ޖަޒީރާ މިޞްރުގެ ބެލުމުގެ ދަށަށް ދިޔައީ، ސަޢޫދީ ޢަރަބިއްޔާގެ ކުރީގެ ރަސްގެފާނު، ކިންގ ޢަބްދުލްޢަޒީޒުގެ އެދިވަޑައިގަތުމުގެމަތިންނެވެ. އެމަނިކުފާނު އެކަންކުރެއްވީ، އިސްރާއީލުގެ އަތްދަށުން އެ ދެ ޖަޒީރާ ސަލާމަތްކުރެއްވުމަށާއި، މިޞްރު ބާރުވެރިކުރެއްވުމަށްޓަކައެވެ. އެ ދެ ޖަޒީރާ މިޞްރުގެ ބެލުމުގެ ދަށުގައި އޮތްއޮތުން ނިމުމަކަށް އައިސްފައިވަނީ، 24 ޖޫން 2017 އެވެ. މި ތާރީޚުގައި އެ ދެ ޖަޒީރާވަނީ، އޭގެ އަޞްލަށް ރުޖޫޢުކުރެވި، ސަޢޫދީ ޢަރަބިއްޔާއާ ޙަވާލުކުރެވިފައެވެ.

<><><>

މަޞްދަރުތައް:
ވިކިޕީޑިއާ
އަލްޖަޒީރާ.ނެޓް
http://www.alriyadh.com/1148346