ޙިކުމަތްތެރި ބަކަމޫނު


އެއް ސަހަރެއްގައި ހުރި ބަނބުކެޔޮ ގަހެއްގައި ބަކަމޫނެއް ދިރިއުޅުނެވެ. އެ ގަހުގެ ހިޔަލަށް އަންނަ މީހުން ކުރާ ކަންކަމަށާއި، ދައްކާ ވާހަކަތަކަށް، އެ ބަކަމޫނު ސަމާލުކަންދިނެވެ.

އެއްދުވަހަކު، ބަރު އެއްޗެއް އުފުލަން އުޅުނު މުސްކުޅިއަކަށް އެހީތެރިވެދިން ފިރިހެން ކުއްޖެއް، އެ ބަކަމޫނަށް ފެނުނެވެ.
އެއާ ޖެހިގެން އައި ދުވަހު، މަންމައާ އަރާރުންވި އަންހެން ކުއްޖެއް، އެ ބަކަމޫނަށް ފެނުނެވެ.

އެހެން ދުވަހަކު، އެ ގަހުގެ ހިޔަލުގައި މަޑުކޮށްލި ބަޔަކު އެކިއެކި ވާހަކަތައް ދެއްކިއެވެ.
އެއިން އެކަކު ބުންޏެވެ. ދުވަހަކުވެސް ތިމަންނަ ކުށެއް ނުކުރަމެވެ!!!
އެއިން އެހެން މީހަކު ބުންޏެވެ. ދުވަހަކުވެސް ތިމަންނަ ދޮގެއް ނަހަދަމެވެ!!!
އެ މީހުންގެ ތެރޭގައި ހުރި އަންހެނަކު ބުންޏެވެ. ފުޅަފެއްގެ މަތިން ފުންމާލި ބިޔަ އެތެއް، ތިމަން ދުށީމެވެ!!!

ދުވަސްތަކާއެކު އެ ފަދަ އެތައް ކަންކަމެއް އެ ބަކަމޫނަށް ފެނުނެވެ. އަދި އެ ފަދަ އެތައް ވާހަކަތަކެއް އެ ބަކަމޫނަށް އަޑުއިވުނެވެ.
އެއިން ކޮންމެ ކަމަކުން އެ ބަކަމޫނު ޢިބްރަތެއް ޙާޞިލުކުރިއެވެ.

ބަނބުކެޔޮ ގަހުގެ ހިޔަލުގައި މަޑުކޮށްލާ ދަތުރުވެރިން ކުރާ ކަންކަމަށް އެ ބަކަމޫނު ސަމާލުކަން ދިނެވެ. އަދި އެ މީހުން ދައްކާ ވާހަކަތައް، އެ ބަކަމޫނު ރަނގަޅަށް އަޑުއެހިއެވެ. އެ މީހުން ކުރާ ކަންކަމަށް އެ ބަކަމޫނު ފާޑެއް ނުކިޔައެވެ. އަދި އެ މީހުން ދައްކާ ވާހަކަތައް ތެދެއް ނުކުރެއެވެ. އަދި ދޮގެއް ވެސް ނުކުރެއެވެ.

ބަކަމޫނާ ޚިލާފަށް، އެ ގަހުގައި ދިރިއުޅޭ އެހެން ދޫނިތައް، އެ މީހުން ދައްކާ ހުރިހައި ވާހަކައެއް ތެދުކުރިއެވެ. އަދި އެ މީހުން ދައްކާ ވާހަކަތަކާއި ކުރާ ކަންކަމާ އެމުނިއެކުލެވި، ރާގުރާގަށް ލަވަކިޔައިދިނެވެ.

އެ ކަންކަން ހިނގަމުންދިޔައިރު، ބަކަމޫނު އިނީ ހަމަހިމޭނުންނެވެ.
މީހުން ދައްކާ ވާހަކަތަކާމެދު ފުންކޮށް ވިސްނައި ފިކުރުކުރުމަށެވެ.
މީހުން ކުރާ ކަންކަމުން ޢިބްރަތް ޙާޞިލުކުރުމަށެވެ.
އެ ގޮތުގައި ދުވަސްތަކެއް ފާއިތުވެގެންދިޔައިރު، އެ ގަހުގައި ދިރިއުޅޭ ދޫނިތަކުގެ ތެރެއިން އެންމެ ޙިކުމަތްތެރި ދޫންޏަކީ އެ ބަކަމޫނު ވެއްޖެއެވެ!


ވާހަކައިން ލިބޭ ޢިބްރަތް:

ބަސްމަދުކުރާށެވެ!
މީހުން ކުރާ ކަންކަން ރަނގަޅަށް ބަލާށެވެ!
މީހުން ދައްކާ ވާހަކަތައް ރަނގަޅަށް ކަނުލައި އަޑުއަހާށެވެ!
އެއާމެދު ފުންކޮށް ވިސްނައި ފިކުރުކޮށް، ޢިބްރަތް ޙާޞިލުކުރާށެވެ!
އެއީ ޙިކުމަތްތެރިކަން ލިއްބައިދޭނެ ކަމެކެވެ.


މަޞްދަރު:

البومة الحكيمة
https://www.chahrayar.com/2024/02/the-wise-owl-story.html