99 ވަނަ ފަންގިފިލާގައި


ވަގުންގެ ދެ މީހަކު ވަގަށްނެގި އައިސް އަލަމާރިއެއް، ފޮރުވުމަށްޓަކައި އެމީހުންގެ ގުދަނަކަށް ގެންދިޔައެވެ. އެ ގުދަން ހުންނަނީ އުސް ޢިމާރާތެއްގެ ސަތޭކަވަނަ ފަންގިފިލާގައެވެ. ކަންދިމާވި ގޮތުން އެ ރޭ ދަންވަރު، އެ ޢިމާރާތުގެ ހުރިހާ ލިފްޓެއް ވަނީ މަރާމާތަށް ބަންދުކުރެވިފައެވެ. އެހެންކަމުން، އެ ދެ މީހުން އެ އައިސްއަލަމާރި ގުދަނަށް ގެންދަންޖެހުނީ ސިޑިންނެވެ.

ނުހަނު ބުރަ މަސައްކަތުން އެ ދެ މީހުން އެ އައިސްއަލަމާރި އެ ޢިމާރާތުގެ 99 ވަނަ ފަންގިފިލާއަށް އެރުވިތަނާ އެ ދެ މީހުންކުރެ އެކަކު ބުންޏެވެ.

"އުފާވެރި ޚަބަރަކާއި ހިތާމަވެރި ޚަބަރެއް ދެން ހެއްޔެވެ؟"

އަނެކަކު ބުންޏެވެ.

"އުފާވެރި ޚަބަރަކީ ކޮބައިހެއްޔެވެ؟"

ފުރަތަމަ ވަގު ބުންޏެވެ.

"އުފާވެރި ޚަބަރަކީ، މިހާރު 99 ވަނަ ފަންގިފިލާއަށް މި އައިސްއަލަމާރި އެރުވިފައިވާ ކަމެވެ. ދެން އަރަން އޮތީ އެންމެ ފަންގިފިލައެކެވެ."

ދެވަނަ ވަގު ބުންޏެވެ.

"ހިތާމަވެރި ޚަބަރަކީ ކޮބައިހެއްޔެވެ؟"

ފުރަތަމަ ވަގު ބުންޏެވެ.

"އެ ޚަބަރަކީ، އަހަރެމެން ދެމީހުންނަށް، މި އައިސްއަލަމާރި މި އެރުވުނީ އަހަރެމެންގެ ގުދަން ހުރި ޢިމާރާތް ނޫން އެހެން ޢިމާރާތަކަށް ކަމުގައި ވީކަމެވެ!"