އިސްބަސް


بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
الْحَمْدُ للهِ رَبِّ اْلعَالَمِيْن، وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ اْلأَنْبِيَاءِ وَالْمُرْسَلِيْن، وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْن. أَمَّا بَعْدُ:

ބަޙުރު އީމަޖައްލާގެ ހަތް ވަނަ ޢަދަދު ވެސް ތިޔަ ބޭފުޅުންނާ މި ބައްދަލުކުރަނީ، ދިވެހި ލިޔުންތެރިކަމާއި އަދަބިއްޔާތު ތަރައްޤީކުރުމުގެ ސިލްސިލާގެ ބޮޅެއްގެ ގޮތުގައެވެ. ޒަމާނީ ވަސީލަތްތަކަށް، ދިވެހި ލިޔުންތެރިކަމާއި އަދަބިއްޔާތު އަހުލުވެރިކުރެވޭތޯ ކުރެވެމުންދާ މި މަސައްކަތުގެ އެންމެ ޚާއްޞަ އެއް މީޒާއަކީ، ތިމާވެށްޓާ ރައްޓެހިކަމެވެ. އާދޭހެވެ. ތިމާވެށްޓަށް ގެއްލުންހުރި ކަމެއް ކަމުގައިވާ ކަރުދާސް ބޭނުންކުރުމަކީ، ފެށުނީއްސުރެ މި މަޖައްލާއިން ކުރާ ކަމެއް ނޫނެވެ.

މި މަޖައްލާގެ މި ޢަދަދުގެ މަޒުމޫނުގެ ބައިގައި ގެނެސްދީފައިވާނީ، ކުރިން ގެނެސްދެވިފައި ނުވާ ބާވަތެއްގެ ލިޔުންތަކެކެވެ. އެއީ ނަޘްރެވެ، ކިޔާ ފުރޭފާއި، ޅެމެވެ، ކިޔާ ފުރޭފާ ދެމެދުގައިވާ އެއްޗެކެވެ. ބައެއް ފަރާތްތަކުން އެއަށް އާޅެމުގެ ނަން ދީ، އެއީ ޅެމުގެ ބާވަތެއް ކަމަށް ހަދަން އުޅެއެވެ. އެހެނަސް ޅެމަށްވުރެ ބޮޑަށް އެބާވަތުގެ ފުރޭފު ގާތްކުރަނީ، ހާސަރާއެވެ. ފެންނަފެނުމުގައި، ހާސަރަކީ، ނަޘްރާއި، ޅެމާ ދެމެދުގައިވާ އެއްޗެކެވެ. ނަޘްރުގެ ބައެއް ސިފަތަކާއި، ޅެމުގެ ބައެއް ސިފަތައް އޭގައި ވެއެވެ. އެ ލިޔެވެނީ، ނަޘްރު ލިޔާ ވައްޓަފާޅިއަށެވެ. އަދި ޅެމުގައި ފާޅުކުރެވޭ ފަދަ ޝުޢޫރުތައް އޭގައި ފާޅުކުރެވެއެވެ. ދުނިޔޭގެ ބައެއް ބަސްބަހުން އެފަދަ ލިޔުންތަކަކީ ޅެން ކަމުގައި ބެއްޔަސް، ދިވެހި ބަހުގެ އިމުގެ ތެރޭގައި އެއީ ޅެން ކަމުގައި ބެލެވޭކަށެއް ނެތެވެ. ދިވެހި ޅެންވެރިކަން މާބޮޑަށް ތަރައްޤީވެ ކުރިއަރާފައި ވާތީއެވެ.

ދިވެހި ބަސްފޮތުގައި، ހާސަރަށް ދެ މާނައެއް ދީފައި ވެއެވެ. އެއް މާނައިގައި އެއީ، "މާނައެއް ނެތް ބަސްތަކެއް" އެވެ. އަނެއް މާނައިގައި އެއީ، "ތާކުންތާކު ނުޖެހޭ ވާހަކަ" އެވެ. އަޅުގަނޑުގެ ނަޒަރުގައި، ހާސަރުގެ މި ދެ މާނައިންކުރެ މާނައެއް ރަނގަޅެއް ނޫނެވެ. އެހެނީ، އަޅުގަނޑުމެން ހާމަކުރާ ހާސަރުތަކަކީ، އޭގައި މާނައެއް ނެތް ބަސްތަކެއް ނޫނެވެ. އަދި އެއީ ތާކުންތާކު ނުޖެހޭ ވާހަކަތަކެއް ވެސް ނޫނެވެ. ކިއެއްތޯއެވެ. އަޅުގަނޑުމެންގެ ހާސަރުތަކަކީ، އަޅުގަނޑުމެންގެ ހިތްތަކުގެ ޢުމުޤުން އުފެދިގެން އަންނަ ޝުޢޫރުތަކެކެވެ.

ދިވެހި ބަސްފޮތުގައި، ކުށް ހިމެނޭ ކަމާއި، އޭގައި ހުރިހާ މާނަތަކެއް ނުހިމެނޭ ކަމާއި، އަދި ހުރިހާ ލަފުޒުތަކެއް ވެސް ނުހިމެނޭކަން މިތާނަގައި ފާހަގަކުރަމެވެ. މިކަން މި ފާހަގަކުރަނީ، އެއަށް ފަނާކުރަނިވި ފާޑުކިއުމުގެ ރޫޙެއްގައެއް ނޫނެވެ. އެކަމަކު، އެ އިތުރަށް ތަރައްޤީކުރުމުގެ ވިސްނުމާއި ފިކުރު އާލާކޮށް ދިރުވައި ދެމެހެއްޓުމުގެ މާތް މަޤުޞަދުގައެވެ. ދިވެހި ބަސްފޮތުން އަޅުގަނޑުމެންނަށް ގިނަގުނަ މަންފާތައް ޙާޞިލުވާކަމީ، ވަންހަނާވެފައިވާ ކަމެއް ނޫނެވެ. އެ ބަސްފޮތް އުފައްދަވައި ތަރައްޤީކުރައްވަމުން ގެންދަވާ ފަރާތްތަކަށް ނިމުމެއް ނެތް ޝުކުރާއި ތަޢުރީފު ޙައްޤެވެ.

މި މަޖައްލާގެ އެހެން ޢަދަދުތަކެކޭ ވެސް އެއްފަދައިން، ވާހަކައާއި، ޅެމާއި، ފޫހިފިއްލިތައް މި ޢަދަދުގައި ވެސް ހިމަނާފައި ވާނެއެވެ. މި ޢަދަދަކީ ވެސް ލާބައާއި މަންފާ ހުރި ޢަދަދެއް ކަމުގައި، މާތް ﷲ ލައްވާށިއެވެ! އާމީން!