ކުރަހަން ދަސްކޮށްދޭ މިތުރާއޭ!


1.
ކުރަހަން ދަސްކޮށްދޭ ނަލަ މިތުރާއޭ!
އިނބަ ދެކެ ވާ ލޯބިން ހިތް އެބަ ކެކެޔޭ!
ހުރަހާއި ދިގަށް އޭގައި އުތުރިއަރާ،
ބާނި، ޅެމަށް ފިލިޖެހި އެބަ ބަދަލުވެޔޭ!
2.
ޤުދުރަތު ތިޔަ މޫނަށް ދިން ރީތިކަމުން،
އަހުރެންގެ ހިތަށް ވަޖިދުވުމޭ ވެރިމިވަނީ،
ހަނދު ފަރުދާވިޔަކަސް ކަޅުފޮއިރޭރޭ،
ޢިޝްޤުގެ ކަނޑުގައި ހިތް އެބަ ޣަރަޤުވެޔޭ!
3.
ރައުޔެއް ދޭށޭ ފަންނުގެ ބަހުރުވައިން!
ކުރަހާ ލެވިދާނޭހޭ މި ހިތުގެ ވިންދެއް؟
އައު ގޮތަކަށް ނޫނަސް މިތުރާގެ ފިހިން،
ކުރެހުން ދެކިލަން އެދިއެދި ރޫޙު ވެޔޭ!
4.
ކަމުދާނޭހޭ ހިތް ތަޞްވީރުކުރަން،
އަގުމަގު ނުމެކުރެވޭނެ ބަގީޗާއެއްހެން،
ސަމުގާގެ ޚިޔާލާތުގެ ކަށި ދިއުމަށް،
މި އެދުން ފުއްދައިދޭން ހިތް އެބަ އެދެޔޭ!
5.
މިތުރާގެ ބަހެއް އިއްވައިފިޔެ ދޭހަށް،
ތަރުތީލުވި ތަރުނީމެއް އަޑުއެހުމަށް،
ހިތުގައި ވީހައި ހުރިހާ ކެކުޅުމަކަށް،
އޭގެ ތަރާނާގައިމެ ޢިލާޖު ވެޔޭ.
6.
ފަންނާނެއްގެ ޚިޔާލާ އަދި ފިކުރަށް،
ދަންނާށެ އެހެން ނަޒަރެއް ވާނޭކަން!
އަންނާށެ ތިބާ ތަޙުލީލެއް ކޮށްލަން!
ފެންނާނެ އެހެން މަންޒަރު ވެސް ދެކިލަން!
7.
ބަދަލުތަކެއް ގެންނަން އެބަ ބޭނުންވޭ،
ޖަދަލު ތިބާ މިކަމުގަ ނުކުރުން އެދެމޭ،
ހަނދަކު އަލީގައިވާ ޖަންގައްޔެއް ހެން،
މާރީއްޗޭ އިސްތަށިތައް ކުރަހާލަން!
8.
ހުވަނދުގެ ވަސް ފަތުރައިލި ރުމާލެއް ހެން،
މިތުރާގެ ހިތާ މޭ ބައްޓަންކުރަމުން،
ނަވަކުން ދިއްލައިލި ސަމޭދާނެއްހެން،
މާހިތްގައިމޭ ކޯތާފަތް ކުރަހާލަން!
9.
ކޯރެއްގެ މަތީ އުދުހޭ ދޫންޏެއް ހެން،
ނޭފަތް ބުމަޔާއެކު ފިޔަލައި ސިފަކޮށް،
އާރެއް ހެން އުތުރިއަރާ ނޫރާނީ،
ކަޅިރަވަ ޖަޒުބާތާއެކު ކުރަހާލަން!
10.
އަހުރެންގެ ފިހިން ބަދަލުތަކެއް ގެނުވައި،
އަހުރެންނަށް ފެންނަ ތަފާތާއެކުގައި،
މަހުރަބުތަކަކުން އަދި ޤިންދީލު ހަދައި،
ކަހުރަބު ފިލަޔަކު ކުރަހަންހެ އަހާލަން؟
11.
ވިސްނާލާފަ ޖަވާބެއް މަ ދިނީމޭ،
އެއްވެސް ޙާލެއްގައި ބަދަލުނުވާނޭ،
ރަސް ޝަރުޠެއް މިތުރު ޤަބޫލުކުރަންޏާ،
ތިޔަހެން ކުރަހާލަން އެއްބަސް ވެވެޔޭ.
12.
ހިތުގައި ކުރަހައި ތިޔަ ތަޞްވީރު ތިބާ،
ރަންކުލައިން ފުންކޮށް ބިންވަޅުނެގުމާ،
އިތުރު ޝަރީކެއް ބައިވެރި ނުކުރުން މީ،
ކަނޑައެޅި ޝަރުޠު ކަމަށް އަހުރެންގެ ވެޔޭ!

2 ޖުލައި 1995 މ.

ނޯޓް: މި ޅެމުގެ ފިކުރާއި ޚިޔާލުގެ މަޞްދަރަކީ، މިޞްރުގެ ޝާޢިރެއް ކަމަށްވާ ޔާސިރު ޤަޠާމިޝް ހައްދަވާފައިވާ ޙަލަމަންތީޝީ ޅެމެކެވެ.