އަންހެން ކުދިން، ކޮތަރުފަދައެވެ.


އަންހެން ކުދިންނާއި ކޮތަރު، ބައިވެރިވާ ސިފަތަކެއް ވެ އެވެ. ކޮތަރުގެ ތަފާތު ބާވަތްތައް ވާ ފަދައިން އަންހެން ކުދިންގެ ވެސް ތަފާތު ބާވަތްތައް ވެ އެވެ. ކޮތަރުގެ ތެރޭގައި، ނަށާ ކޮތަރާއި، މަސްފަލަ ކަންނެތް ކޮތަރާއި، ސިޓީބަހާ ކޮތަރާއި، ޙަރަމްފުޅުގެ ކޮތަރު ހިމެނެ އެވެ.

ޖިސްމާނީ އޮނިގަނޑުގެ ބަލިކަށި ކަމުގައި ކޮތަރާއި އަންހެން ކުދިން ބައިވެ އެވެ.
ސިފަރީތި ކަމަކީ ވެސް ކޮތަރާއި އަންހެން ކުދިން ބައިވެރިވާ ސިފައެކެވެ.
އޯގާވެރިކަމަކީ ވެސް ކޮތަރާއި އަންހެން ކުދިން ބައިވެރިވާ ސިފައެކެވެ.
ހާލި ދެކެ ލޯބިވުމަކީ ވެސް ކޮތަރާއި އަންހެން ކުދިން ބައިވެރިވާ ސިފައެކެވެ.
އަވަހަށް އޮޅުވުމަކީ ވެސް ކޮތަރާއި އަންހެން ކުދިން ބައިވެރިވާ ސިފައެކެވެ.

ތިރީގައި މިވަނީ، ކޮތަރުގެ ބައެއް ވައްތަރުތަކާއި، އޭގެ ބައެއް ސިފަތަކެވެ.


ނަށާ ކޮތަރު

އެއީ، ސިފަރީތި ކޮތަރެކެވެ.
އޭގެ ބޭނުން ހިފެނީ މުނިފޫހި ފިލުވުމަށްޓަކަ އެވެ.
މިބާވަތުގެ ކޮތަރު ނަށާތަން ފެނުމުން މީހުން އުފާކުރެ އެވެ.
ނަމަވެސް އެއީ ކުޅޭކުޅޭ އެއްޗެކެވެ.
އޭގެ މަސްކެއުމަށް އެޔެއް ކަމަކު ނުދެ އެވެ.
އޮޅުކޮށްގެން ގެންގުޅޭކަށް ވެސް އެޔެއް ކަމަކު ނުދެ އެވެ.
ދުވަސްތަކާއެކު މުސްކުޅިވެ އޭގެ ޖިސްމާނީ ބާރު ދެރަވެ އެވެ.
އެއަށްފަހު ނެށުމަށް ނުކުޅެދެ އެވެ.
އެހިސާބުން އޭގެ ބޭނުން ކެނޑުނީ އެވެ.
އެއަށް ކާންދީގެން ގެންގުޅޭނެ މީހަކު ވެސް ނުވާނެ އެވެ.

ނަށާ ކޮތަރު ފަދަ އަންހެން ކުދިން އުޅެ އެވެ.
އެ ކުދިންގެ ބޭނުން ހިފޭނީ ހަމައެކަނި މުނިފޫހި ފިލުވުމަށެވެ.
ފޯނުން ގުޅައިގެން ވާހަކަދެއްކުމަށެވެ.
ނުވަތަ ކޮފީއަކަށް ގޮސްލުމަށެވެ.
ނުވަތަ އެފަދަ ކޮންމެވެސް އެހެން ކަމަކަށެވެ.
މިބާވަތުގެ އަންހެން ކުދިން، އިންނާކަށް ކަމަކު ނުދާނެ އެވެ.
ހަރުދަނާ ދިރިއުޅުމަކަށް ވެސް ކަމަކުނުދާނެ އެވެ.
ޒުވާން އުމުރުގައި މީހުންގެ ސަމާލުކަން މިބާވަތުގެ އަންހެން ކުދިންނަށް ލިބޭނެ އެވެ.
ނަމަވެސް އެސާހިތަކު، އެކަން ނިމިދާނެ އެވެ.
ނަށާ ކޮތަރަށް ޖެހޭ ހާލު ޖެހިދާނެ އެވެ.
ސަމާލުކަން ދޭނެ މީހަކު ނެތުމުން، ހިތްދަތިކަން ހިތަށް ވެރިވެދާނެ އެވެ.
ކުރިން ހީކުރި ކުށް ހީތައް ވަޔާއެކު ބުރައިގެން ހިނގައިދާނެ އެވެ.
މިބާވަތުގެ އަންހެން ކުދިންގެ ނިމުމަކީ، ނަށާ ކޮތަރުގެ ނިމުމެވެ.


މަސްފަލަ ކަންނެތް ކޮތަރު

މިބާވަތުގެ ކޮތަރުގެ ބޭނުން ހިފޭނީ އެންމެ ކަމެއްގަ އެވެ.
ކެއުމުގެ އުފާ ލިބިގަތުމުގަ އެވެ.
ނުވަތަ ކެއުމުގެ އެދުންވެރިކަން ޙާޞިލުކުރުމުގަ އެވެ.
މިބާވަތުގެ ކޮތަރުގެ ބުރުސޫރަ ރީއްޗެއް ނުވާނެ އެވެ.
ހީވާގިކަމާއެކު، ހަރަކާތްތެރިވާކަށް ވެސް ނޫޅޭނެ އެވެ.
ކިތަންމެ ގަހަނާއެއް އެޅިޔަސް، ބަލާހިތަކުން މީހަކު ނުބަލާނެ އެވެ.
ކާނާއެއްގެ ގޮތުގައި ބަނޑު ފުރާލުމަށްޓަކައި ނޫނީ މީހަކު އޭގެ ބޭނުމެއް ނުހިފާނެ އެވެ.

ބައެއް މުޖުތަމަޢުތަކުގައި މަސްފަލަ ކަންނެތް ކޮތަރު ފަދަ އަންހެން ކުދިން އުޅެ އެވެ.
ބައެއް މުޖުތަމަޢުތަކުގައި އެފަދަ އަންހެން ކުދިން ގިނަ އެވެ.
ބައެއް މުޖުތަމަޢުތަކުގައި އެފަދަ އަންހެން ކުދިން މަދެވެ.


ސިޓީބަހާ ކޮތަރު

މިބާވަތުގެ ކޮތަރު، އަގުހުރި ޚިދުމަތެއް ކޮށްދެ އެވެ.
އެއީ، ސިޓީ ހިފައިގެން ދުރު ހިސާބުތަކަށް އުދުހުމެވެ.
އަމިއްލަ ނަފުސާމެދު އަޅާލުމެއްނެތި އަނެކުންނަށް ޚިދުމަތްކުރެ އެވެ.
ނަމަވެސް އުމުރުން ދުވަސްވެ، އެކަން ނުކުރުވޭނެ ދުވަހެއް އާދެ އެވެ.
އެހިސާބުން ފެށިގެން އޭގެ ބޭނުން ކެނޑިދެ އެވެ.
އަމިއްލަ ނަފުސަށް އުފަލެއް އަރާމެއް ނުލިބި ހިތާމައާ ކުރިމަތިލާން ޖެހިދެ އެވެ.

ބައެއް އަންހެން ކުދިން، ސިޓީބަހާ ކޮތަރު ފަދަ އެވެ.
އެފަދަ އަންހެން ކުދިން އެހެން މީހުންގެ ޚިދުމަތުގައި އުޅެ އެވެ.
އެކަމުގައި އުޅޭއިރު، ތިމާގެ އަމިއްލަ ދިރިއުޅުމާމެދު ނުވިސްނަ އެވެ.
އެފަދަ އަންހެން ކުދިން، އަމިއްލަ އާއިލާ ބިނާކުރުމާމެދު ފިކުރެއްވެސް ނުކުރެ އެވެ.
އެހެން އުޅެނިކޮށް، އުމުރުން ދުވަސްވެ، ޚިދުމަތުގައި ނޫޅެވޭނެ ދުވަހެއް އާދެ އެވެ.
އެހިސާބުން ފެށިގެން އެކަނިވެރިވެދެ އެވެ.
އަޅާލާނެ މީހަކު ނެތިދެ އެވެ.
ޙަޔާތުގެ ފަހުކޮޅުގައި ހިތާމައާ ކުރިމަތިލާން ޖެހިދެ އެވެ.


ޙަރަމްފުޅުގެ ކޮތަރު

އެ ކޮތަރު އުދުހޭއިރު ރީއްޗެވެ.
ތިރިކޮށްލާއިރު ވެސް ރީއްޗެވެ.
ހިނގާފައި ދާއިރު ވެސް ރީއްޗެވެ.
ކޮތަރުތަކުގެ ތެރެއިން އެންމެ އަގުހުރި ކޮތަރަކީ އެއީ އެވެ.
އުމުރުން ދުވަސްވެ މުސްކުޅިވުމުން އަގު ދަށްނުވާ ކޮތަރަކީ ވެސް އެއީ އެވެ.
އެއްވެސް މީހަކު އެއަށް ގެއްލުމެއް ދޭކަށް ވެސް ނޫޅެ އެވެ.
ފައްސާލާކަށް ވެސް ނޫޅެ އެވެ.
ޝިކާރަކުރާކަށް ވެސް ނޫޅެ އެވެ.
ޖިސްމާނީ ގޮތުން އެއީ ބަލިކަށި ކޮތަރެކެވެ.
މާ މައްޗަށް އުދުހިގެން ނުދެވޭ ކޮތަރެކެވެ.
ނަމަވެސް އޭގެ ހައިބަތު ބޮޑެވެ.
ގަދަރު މަތިވެރި އެވެ.
އެންމެ ހިތްހަރު ފިރިހެނުން ވެސް އެއަށް ކަމޭހިތަ އެވެ.
އެންމެން އެއަށް ކާންދެ އެވެ.
އެންމެން އެއަށް ބަލަ އެވެ.
އެއަށް ލިބިފައިވާ ޚާއްޞަ ސިފަތައް ގިނަގުނަ އެވެ.
އެ ސިފަތައް ލިބިފައިވާ އެހެން ކޮތަރެއް ނެތެވެ.
އެކޮތަރަށް ލިބިފައިވާ އެންމެ ޚާއްޞަ ސިފައަކީ، ދީންވެރިކަމެވެ.
މާތް ﷲ ގެ ޙަރަމްފުޅުގައި ވާ ކަމެވެ.
އެކަލާނގެ ޙަޟުރަތަށް ކުއްތަން ވާ ކަމެވެ.
އެކަލާނގެ ރުހިވޮޑިގަންނަވާ މަގުގައި ވާ ކަމެވެ.
އެހެންކަމުން، އެކަލާނގެ އެ ކޮތަރަށް އަމާންކަމާއި ރައްކާތެރިކަން ދެއްވި އެވެ.

ބައެއް އަންހެން ކުދިން ޙަރަމްފުޅުގެ ކޮތަރު ފަދަ އެވެ.
އެފަދަ އަންހެން ކުދިން ދީންވެރިވާނެ އެވެ.
މާތް ﷲ ގެ ޙަޟުރަތަށް ކުއްތަންވާނެ އެވެ.
އެކަލާނގެ ރުހިވޮޑިގަންނަވާ މަގުގައި ފައިތިލަ ސާބިތުކުރާނެ އެވެ.
އެފަދަ އަންހެން ކުދިންގެ މައްޗަށް އެކަލާނގެ ރަޙުމަތްފުޅު ތަނަވަސްވެގެންވެ އެވެ.
އުމުރުން ދުވަސްވިޔަސް ރީތިކަމަކަށް ބަދަލެއް ނާންނާނެ އެވެ.
މުސްކުޅި ވިޔަސް އަގެއް ނުވެއްޓޭނެ އެވެ.
ގޭގައި އިނަސް ފާގަތިކަމާއި ތަނަވަސްކަން ދެމިގެންވާނެ އެވެ.
އާއިލާގެ އަފުރާދުން އޭނާއަށް މާތްކޮށް ހިތާނެ އެވެ.
އެމީހުންގެ ގާތުގައި އޭނާގެ ޢިއްޒަތާއި ގަދަރު މަތިވެރިވެގެންވާނެ އެވެ.


ތިބާ ނިސްބަތްވަނީ ކޮން ބާވަތަކަށް ހެއްޔެވެ؟

ކޮތަރުގެ ތަފާތު ބާވަތަތްތައް ވެއެވެ.
ވަކި އުމުރެއްގައި ބޭރުފުށުގެ ރީތިކަން ދައްކައިދޭ ކޮތަރެވެ.
އާޚިރަތާމެދު ފަރުވާކުޑަކޮށް، ދުނިޔޭގެ ދަޅަތަކަށް ހެއްލިގެންދާ ކޮތަރެވެ.
ޝިކާރަވެރިންގެ މަޅިފަތީގައި ޖެހޭ ކޮތަރެވެ.
ކަތިލައިގެން ކާލެވޭ މަސްފަލަ ކޮތަރެވެ.
މި ޙަޔާތުގައި ސިޓީ ބަހާދޭ ކޮތަރެވެ.
ވަކި މުއްދަތެއް ވަންދެން ޚިދުމަތްކުރާ ކޮތަރެވެ.
އަމިއްލަ އާއިލާ ބިނާކުރުމާމެދު ފަރުވާކުޑަކުރާ ކޮތަރެވެ.
އަދި، ޢިއްޒަތާއި ގަދަރު މަތިވެރިވެގެންވާ ޙަރަމްފުޅުގެ ކޮތަރެވެ.

އުޚުތުންނޭވެ!
ކޮތަރުގެ ތަފާތު ބާވަތްތައް ވެ އެވެ.
އަންހެން ކުދިންގެ ވެސް ތަފާތު ބާވަތްތައް ވެ އެވެ.
ފަހެ، ތިބާ ނިސްބަތްވަނީ އެއިން ކޮން ބާވަތަކަށް ހެއްޔެވެ؟