ފައިވާނުގެ އަޞްލުން ފިލާވަޅެއް


އެއްޒަމާނެއްގައި ވަރަށް ޢިއްޒަތްތެރި ރަސްކަލަކު އުޅުއްވި އެވެ. އެ މަނިކުފާނުގެ ރަސްކަންކުރައްވަމުން ގެންދެވީ ވަރަށް ބިޔަ ސަހަރެއްގަ އެވެ. އެއްދުވަހަކު އެ ސަހަރުގެ އެއްކޮޅުން އަނެއްކޮޅަށް އެމަނިކުފާނު ފައިމަގުގައި ހިންގެވި އެވެ. އެރަށުގެ މަގުތަކުގައި، އަޑިގުޑަންތަކާއި ކުނިބުނިތައް ގިނަ އެވެ.

ރަސްގެފާނު އެނބުރި ގަނޑުވަރަށް ވަޑައިގެންނެވި އިރު، ދެފައިތިލަފުޅު ވަނީ ޒަޚަމްވެ ދުޅަވެފަ އެވެ. މިހެންވެ، އެ ސަހަރުގެ ހުރިހާ މަގެއްގައި ޖަނަވާރުގެ ހަމުން ދޫލަ އެޅުމަށް ރަސްގެފާނު އަމުރުކުރެއްވި އެވެ. ނަމަވެސް ރަސްގެފާނުގެ ވަޒީރަކު އެއަށްވުރެ ލުއިފަސޭހަ، ޚަރަދުކުޑަ ގޮތެއް އެބައޮތް ކަމަށް ދެންނެވި އެވެ. އެގޮތަކީ ރަސްގެފާނުގެ ފައިތިލަފުޅުގެ ދަށުގައި ބޭއްވޭވަރުގެ ހަންކޮޅެއް ތައްޔާރުކުރުމެވެ. ރަސްގެފާނު އެ ގޮތް ޤަބޫލުކުރައްވައި، ވަޒީރު ވިދާޅުވި ފަދަ ދެ ހަންކޮޅު ތައްޔާރުކުރުމަށް އަމުރުކުރެއްވި އެވެ. އެ ދެ ހަންކޮޅަކީ ފައިވާނުގެ އަޞްލު ކަމަށް ބުނެވެ އެވެ.
<><><><><>

ކަންކަމާމެދު ފުންކޮށް ވިސްނުން ބުއްދިވެރި އެވެ. ތިމާއަށް ވިސްނޭ ގޮތަށްވުރެ މޮޅު ގޮތެއް އެހެން މީހަކަށް ވިސްނިދާނެ އެވެ. ތިމާގެ ރައުޔަށްވުރެ، އެހެން މީހެއްގެ ރައުޔު ތަންފީޒުކުރަން ވެސް ފަސޭހަވެދާނެ އެވެ. ވަޒީރުގެ މޮޅު ބުއްދި އަށް ރަސްގެފާނު ދޫދެއްވިހެން، އަނެކުންގެ މޮޅު ވިސްނުމާއި ފިކުރަށް ޖާގަދޭށެވެ!

މަޞްދަރު: http://www.alhnuf.com