ހިތާ ސަލާމްކުރާށެވެ!


ރަމަޟާންމަހު ....
ހިތުން ހަސަދަވެރިކަން ފިލުވައިލާށެވެ!
ރަޙުމަތުގެ ދޮރުކޮޅުތަކުގައި ޓަކިދޭށެވެ!
އަވަށްޓެރިންނަށް އޯގާވެރިވާށެވެ!
ހިލޭ މީހުންނަށް ހިތްހެޔޮކުރާށެވެ!
ހިތުގައިވާ ސާފު އޭރިޔާތަކުގައި ގޮވާންކުރާށެވެ!
ނުސާފު އޭރިޔާތައް ދުރަށްލާށެވެ!

ރަމަޟާންމަހު ....
ހިތާ ސަލާމްކުރާށެވެ!
އަމިއްލަ ނަފުސަށް ހިނިތުންވާށެވެ!
ޒަމީރާއެކު ސުލްހަވެރިވާށެވެ!
ހިތާމަތަކުން މިންޖުވާށެވެ!
ކަންބޮޑުވުމުގެ ދޫނިތައް ދުރަށް އުދުއްސައިލާށެވެ!

ރަމަޟާންމަހު ....
ނަފުސު ތަރުތީބުކުރާށެވެ!
ގެންގުޅޭ ތަކެތި ހަމަޖައްސާށެވެ!
ދުރުގައިވާ ހުވަފެންތައް ކައިރިކުރާށެވެ!
ހެޔޮކަމުގެ މަގަށް ފިޔަވަޅުތައް ސީދާކުރާށެވެ!
ހަވާނަފުސަށް ހެއްލިގެން ދިއުމަށް ފުރަގަސްދޭށެވެ!

ރަމަޟާންމަހު ....
ވަސްވާސްތަކާ ދެކޮޅަށް ޖިހާދުކުރާށެވެ!
ހަށިގަނޑަށްވުރެ ކުރިން ހިތް ދޮވެލާށެވެ!
އަތަށްވުރެ ކުރިން ދޫ ދޮވެލާށެވެ!
ރޯދަ ފަސާދަކޮށްލަނިވި ކޮންމެ ކަމެއް އެއްފަރާތްކުރާށެވެ!
ބައެއް ރޯދަވެރިންނަށް ރަމަޟާންމަހު، ޙާޞިލުވަނީ އެންމެ ދެކަމެކެވެ.
އެއީ ބަނޑުހައިހޫނުކަމާއި، ފެންބޮވައިގަތުމެވެ.
ތިބާ، އެ މީހުންގެ ތެރޭގައި ނުހިމެނޭށެވެ!

ރަމަޟާންމަހު ....
ހެޔޮކަންތައް ކުރުމަށް އަވަސްވާށެ!
ނުބައިކަންތައް ކުރުމުން ދުރުހެލިވާށެވެ!
ކަނާތުން ކުރާ ހެޔޮކަން، ވާތަށް ނާންގާށެވެ!
ޣީބަބުނުމުން އެއްކިބާވާށެވެ!
އެއީ މުޅަމަސް ކެއުންފަދަ ކަމެކެވެ.
އެކަންކުރާ މީހާ، އޭނާގެ އަޚާގެ މުޅަމަހުން ރޯދަވީއްލާފަދަ އެވެ!!!

ރަމަޟާންމަހު ....
ކުށްހީތައް ހީކުރުމަށް ޚަބަރުދާރުވާށެވެ!
ތިބާއަށް ގެއްލުމެއްދިން މީހަކަށްވެސް ދެރަގޮތެއް ވުމަށް ނޭދޭށެވެ!
ނަމަނަމަ އެއްވެސް މީހަކަށް އަނިޔާވެރި ނުވާށެވެ!
އަނިޔާވެރިކަން، ޤިޔާމަތްދުވަހުން ވާނީ އަނދިރިތަކެއް ކަމުގަ އެވެ.

ރަމަޟާންމަހު ....
ރަމަޟާން މަހު އެންމެނަށް މަޢާފުކުރާށެވެ!
ތިބާގެ ހަނދާންތަކުގައި ލައްގަނޑުތައް ޖެއްސި މީހުންނަށެވެ.
ތިބާގެ ޚިޔާލާއި ފިކުރު ކިލަނބުކުރި މީހުންނަށެވެ.
ތިބާގެ އިޙުސާސްތަކަށް ޒަޚަމްކުރި މީހުންނަށެވެ.
އެންމެނަށް މަޢާފުކޮށް، ހިތްހަމަޖައްސައިލާށެވެ!

ރަމަޟާންމަހު ....
ތަސާމުޙުގެ ތަޅުދަނޑިން ހިތް ހުޅުވައިލާށެވެ!
ތިބާއާއި އަނެކުންނާ ދެމެދުގައިވާ ހުރަސްތައް ވެސް ނެއްތައިލާށެވެ!
އަނެކުންނަށް މާމެލާމެލީގެ ގުލްދަސްތާތައް ވެދުންކުރާށެވެ!
ތިބާއާއި އަނެކުންނާ ދެމެދުގައި ފާލަންތައް އަޅާށެވެ!

ރަމަޟާންމަހު ....
ކުރިންއައި ރަމަޟާންމަހެއްގައި ތިބި ބަޔެއްގެ މަތިން ހަނދާންކުރާށެވެ!
އެމީހުންނެއް މިހާރަކު ނެތެވެ.
ހުވަފެންތަކެއް ފަދައިން އެމީހުން ހިނގައްޖެ އެވެ.
އެމީހުން ދިޔައީ ހިތާމަވެރި ޒިކުރާތަކެއް ދޫކޮށްފަ އެވެ.
އެ ޒިކުރާތައް ތިބާގެ ހަނދާނަށް އަންނަ ހިނދު، ތިބާވެސް ހިތާމަކުރާނެ އެވެ.
އެމީހުން ދިޔައީ އުފާވެރި ޒިކުރާތަކެއް ދޫކޮށްފަ އެވެ.
އެ ޒިކުރާތައް ތިބާގެ ހަނދާނަށް އަންނަ ހިނދު، ތިބާވެސް އުފާކުރާނެ އެވެ.

ރަމަޟާންމަހު ....
ތިބާގެ ނަފުސާއެކު މުޙާވަރާކުރާށެވެ!
ތިބާގެ ނަފުސުގެ ފުން ހިސާބުތަކަށް ފީނާށެވެ!
ތިބާގެ އަސްލު ހަގީގަތް ހޯދަން މަސައްކަތްކުރާށެވެ!
ދުނިޔޭގެ ދަޅަތަކަށް ހެއްލިގެން ދިއުމަށް ނަފުސު ދޫކޮށްނުލާށެވެ!
އެކަމަށްޓަކައި، ތިބާގެ އަމިއްލަ ނަފުސަށް އުޒުރުވެރިވާށެވެ!
އެފަދަ ކޮންމެ ކަމަކުން ސަލާމަތްވުމަށް ނަފުސު ތަރުބިއްޔަތުކުރާށެވެ!

ރަމަޟާންމަހު ....
އީމާންކަމުގެ އެންމެ ކުޑަމިންވަރުގައި ވެސް ހިފެހެއްޓޭތޯ ބަލާށެވެ!
އެންމެންގެ މަތިން ހަނދާންކުރާށެވެ!
އެންމެނަށް ހެޔޮދުޢާ ކުރާށެވެ!
އެންމެންގެ ކިބައިން ނުބައިކަން ފިއްލެވުމަށް ދަންނަވާށެވެ!
އެންމެންގެ ރޯދައަކީ މަޤުބޫލު ރޯދަކަމުގައި ލެއްވުމަށް ވެސް އުންމީދުކުރާށެވެ!

ރަމަޟާންމަހު ....
ހަނދާނުގެ ޑައިރީ ހުޅުވައިލާށެވެ!
ދުވަސްތައް ހިނގައިދިޔަ ގޮތް ބަލާށެވެ!
މިވުޖޫދުގައި މިހާރު ނެތް ބަޔެއްގެ މަތިން ހަނދާންކުރާށެވެ!
އެމީހުންނަށް ހެޔޮދުޢާކުރާށެވެ!
ދުރުގައިވާ މިތުރުންގެ މަތިން ވެސް ހަނދާންކުރާށެވެ!
ހިތްހެޔޮކަމާއެކު އެމީހުންނާ ގުޅައި، ހާލުބަލާށެވެ!
އެމީހުންގެ ގާތަށް ޒިޔާރަތްކުރެވޭތޯ ބަލާށެވެ!
އެމީހުން އަތުވެދާނެ ކަމަށް އިންތިޒާރު ނުކުރާށެވެ!
ނުވަތަ އެމީހުނާ ބައްދަލުވެދާނެ ކަމަށް ވެސް ހީކޮށްގެން ނުހުންނާށެވެ!

ރަމަޟާންމަހު ....
ހިތާމަވެރި ހަނދާންތައް ހަނދާނުން ފޮހެލެވޭތޯ ބަލާށެވެ!
ހެޔޮކަމެއް ކޮށްދިނީމާ، މީހަކު ދިން ތެޔޮ ހަމެއްގެ ވާހަކަ ނުދައްކާށެވެ!
އެ ވާހަކައިން ކުރާނޭ ފައިދާއެއް ނެތްކަން ދަންނާށެވެ!
ހިތާމައިގެ ޖަލުގައި ކަސްތޮޅުއެޅި ހައްޔަރުވެގެން ނުހުންނާށެވެ!
ހިތްދަތިކަމުގެ ހަންމުށިން ތިބާގެ ގައިގައި ނުތަޅާށެވެ!
ތިބާއަށް އިހާނެތިކޮށް ހިތި އެންމެނަށް މަޢާފުކުރާށެވެ!
ތިބާގެ ކާމިޔާބަށް ހުރަސްއެޅި މީހުންނެވެ.
ތިބާގެ އަގުވައްޓާލި މީހުންނެވެ.
ތިބާއަށް ގޯނާކުރި މީހުންނެވެ.
ތިބާ ބަދުނާމުކޮށް ވާހަކަދެއްކި މީހުންނެވެ.
ދިރިހުއްޓައި ތިބާގެ ގައިން މުޅަމަސް ކޭ މީހުންނެވެ.
ހެޔޮހިތުން އެ އެންމެނަށް މަޢާފުކުރާށެވެ!

ރަމަޟާންމަހު ....
ތިބާގެ ދެލޯ މަރައިލާށެވެ!
އޭރުން، ލޮލަށް ފެނުމުގެ ނިޢުމަތުގެ ބޮޑުކަން އެނގޭނެ އެވެ.
އޭރުން، ކަށްވަޅުގެ އަނދިރިކަން ވެސް އިޙުސާސްކުރެވޭނެ އެވެ.
އޭރުން، އެތަނގައިވާ އެކަނިވެރިކަން ވެސް ތަޞައްވުރުކުރެވޭނެ އެވެ.
ދުނިޔެ ދޫކޮށްފައި ދިޔަ އަހަރެމެންގެ މިތުރުންނެވެ.
އެމީހުންގެ ހިތާމަ ބިމަށްވެސް ނުފެތެ އެވެ.
އެމީހުންގެ ޒަޚަމް އުޑަށްވެސް ނުތަކަ އެވެ.
ތިބާގެ ދުރުމިއަށް އޭގެ މަލަ ފެނުނަސް ހިތާމައިން ފޯވާވަރު ވާނެ އެވެ.
އެމީހުންގެ އުފާވެރި ޒިކުރާތަކެއްވެސް ވި އެވެ.
ނަމަވެސް ހިތާމައިގެ ފަނިފަކުސަ އެ ޒިކުރާތައް ކައިފި އެވެ.
އެމީހުންގެ ހިތާމަތަކުގެ ކުރިމަތީގައި ނުރޯން ހުއްޓަސް ރޮވޭނެ އެވެ.
ރުއިމަކީ، އެމީހުންގެ މައްޗަށް ކުރެވޭ ހެޔޮ ދުޢާއެއް ކަމުގައިވާނެ ނަމަ އެވެ.

ރަމަޟާންމަހު ....
ދެން އަންނަ ރަމަޟާންމަހާ ބައްދަލުކުރަން އުންމީދުކުރާށެވެ!
ކުރިމަގުގައި އިތުރު ހެޔޮކަންތައް ކުރަން ޢަޒުމުކަނޑައަޅާށެވެ!
ނަމަވެސް މިއީ ތިބާއަށް އެންމެ ފަހު ރަމަޟާންމަސް ކަމަށް ވެސް ވެދާނެ އެވެ!
ރަމަޟާންމަހަކީ، ރޯދި ބަރަކާތުގެ މޫސުމެވެ.
ފާއިތުވެއްޖެ ހިނދުކޮޅެއް އަނބުރާ ނުލިބޭނެ އެވެ.
ވަގުތު ފާއިތުނުވަނީސް ފުރުޞަތުގެ ބޭނުން ހިފާށެވެ!