މިންޖުވާށެވެ!


އެ ދައްކާ ދަޅައަށް ހެއްލުނު މީހުންގެ ވާހަކައެވެ.
އެއަށްޓަކައި އެމީހުން ކުރި ކަންތައްތަކުގެ ވާހަކައެވެ.
އެމީހުންގެ ތެރޭގައި އަންހެނުންނާއި ފިރިހެނުން ވިއެވެ.
ބޮޑެތި މީހުންނާއި ކުޑަކުދިން ވެސް ވިއެވެ.

އެއަށްޓަކައި ފިރިހެނަކު މީހަކު މެރިއެވެ.
އެއަށްޓަކައި އެހެން މީހަކު ވައްކަންކުރިއެވެ.
އެއަށްޓަކައި އަންހެނަކު މާތް ﷲ އަށް ކުފުރުވިއެވެ.
އެއަށްޓަކައި އަންހެނަކާއި ފިރިހެނަކު ނަރަކައަށް ދިޔައެވެ.

ހިތުގައި އީމާންކަން އާރާސްތުވެފައިވި މުއުމިނެކެވެ.
އޭނާ އެއަށްޓަކައި ޖަނަވާރުގެ ދަރަޖައަށް ވެއްޓުނެވެ.
މަންމައާއި ބައްޕަގެ ޚިދުމަތުގައި ހުންނަންޖެހޭ ދަރިއެކެވެ.
އެ ދަރިފުޅު އެއަށްޓަކައި މަންމައާއި ބައްޕައަށް އުރެދުނެވެ.

އެކަކު އަނެކަކަށް ވަފާތެރިވި ދެ މިތުރުންނެވެ.
އެއަށްޓަކައި އެކަކު އަނެކަކު ޤަތުލުކުރިއެވެ.
ނުހަނު ލޯބިން އިނދެގެން އުޅުނު ދެމަފިރިންނެވެ.
އެއަށްޓަކައި އެ ދެމަފިރިން ވަރިވިއެވެ.

މަޢުޞޫމުކަމުން ފުރިފައިވި ކުޑަ ކުއްޖެކެވެ.
އެއަށްޓަކައި އެކުއްޖާ ބޮޑާވެ ކިބުރުވެރިވިއެވެ.
ޢިއްފަތުގެ ފޭރާމުގައިވި ތަޤުވާވެރި އަންހެނެކެވެ.
އެއަށްޓަކައި އެކަނބުލޭގެ ބަރަހަނާވިއެވެ.

ދުނިޔެއާއެވެ! ތިޔަ ފަތުރަނީ ކޮން ފިތުނަވެރިކަމެއް ހެއްޔެވެ؟
ފިރިހެނުންނޭވެ! ދުނިޔޭގެ ދަޅަތަކުން މިންޖުވާށެވެ!
އަންހެނުންނޭވެ! ދުނިޔޭގެ ވަސްވާސްތަކަށް ނުހެއްލޭށެވެ!
ކުޑަ ކުދިންނޭވެ! ދުނިޔޭގެ ކުލަތަކުގައި އެއްވެސް ޙަޤީޤަތެއް ނެތެވެ!!!