އަންހެން ކުދިން އާފަލު ފަދަ އެވެ.


ކޮންމެ އަންހެން ކުއްޖަކަށް ކުލައެއް ވެ އެވެ.
ކޮންމެ އަންހެން ކުއްޖަކަށް ބައްޓަމެއް ވެސް ވެ އެވެ.
ކޮންމެ އަންހެން ކުއްޖަކަށް ފިކުރެއް ވެސް ވެ އެވެ.
ކޮންމެ އަންހެން ކުއްޖަކަށް ޚާއްޞަ ޠަބީޢަތެއް ވެސް ވެ އެވެ.

އެއްއަންހެން ކުއްޖަކު އަނެއް އަންހެން ކުއްޖަކަށްވުރެ ރީއްޗެއް ނޫނެވެ.
ދޮން އަންހެން ކުދިން، ކަޅު އަންހެން ކުދިންނަށްވުރެ ރީއްޗެއް ނޫނެވެ.
ދިގު އަންހެން ކުދިން، ކުރު އަންހެން ކުދިންނަށްވުރެ ރީއްޗެއް ނޫނެވެ.
ލޫޅާފަތި އަންހެން ކުދިން، ފަލަ އަންހެން ކުދިންނަށްވުރެ ރީއްޗެއް ނޫނެވެ.
އިސްތަށިގަނޑު ފަން އަންހެން ކުދިން ވެސް ރީއްޗެވެ.
އިސްތަށިގަނޑު ބުޅި އަންހެން ކުދިން ވެސް ރީއްޗެވެ.
އެކި މީހުންނަށް ރީތިވާނީ އެކި ކުދިންނެވެ.
އެކި މީހުން އިސްކަން ދޭނީ ވެސް އެކި ކަހަލަ ކުދިންނަށެވެ.
ރީތި، ހުތުރަކީ، އެކި މީހުންގެ ގާތުގައި ތަފާތު އެއްޗެކެވެ.
ނަމަވެސް އެންމެ ރީތި ކުދިންނަކީ، އެންމެ އަޚުލާޤު ރަނގަޅު ކުދިންނެވެ.

އަޚުލާޤު ރަނގަޅު އަންހެން ކުދިން ފާހަގަކުރެވޭނެ އެވެ.
އެކުދިން އުޅޭ ގޮތުން އެއީ ކޮންކަހަލަ ކުދިންނެއްކަން އެނގޭނެ އެވެ.
އެކުދިންގެ މޫނު އަލިވާނެ އެވެ.
ރުޅިމަޑުވާނެ އެވެ.
ސާދާވާނެ އެވެ.
އުޅުމާއި ގުޅުން ވެސް ރީތިވާނެ އެވެ.
އަސްލުގައި އެންމެ ރީތިކުދިންނަކީ އެއީ އެވެ.
އެކުދިން ގުޅޭނީ އެކުދިން ފަދަ ރަނގަޅު އާފަލުތަކާ އެވެ.
ނުބައި ރަޙުމަތްތެރިންނަކީ، ފަނިފަކުސަ ފަދަ ބައެކެވެ.
ރަނގަޅު އާފަލެއްގެ ތެރެއަށް ފަންޏެއް ވަނުމަކީ ހިތާމަހުރި ކަމެކެވެ.
އެ ފަނި، މަޑުމަޑުން އެ އާފަލުގެ އެތެރެ ފާސިދުކުރަމުން ގެންދާނެ އެވެ.
އެންމެފަހުން އެ އާފަލު ވާނީ ނުބައިވެ، ފާސިދުވެފައިވާ އާފަލެއް ކަމުގަ އެވެ.
ފާސިދުވެފައި ވިޔަސް، އެއީ ވެސް އާފަލެކެވެ.
ނަމަވެސް އެ އާފަލު ވާނީ ލޭބޯ އާފަލެއް ކަމުގަ އެވެ.
އެ އާފަލުގެ ވަކިތައް، އެހެން އާފަލުތަކަށް ހަރާލާނެ އެވެ.
އެކަމުގެ ސަބަބުން އެހެން އާފަލުތައް ވެސް ފާސިދުވާނެ އެވެ.

ފާސިދު އާފަލު، ރަނގަޅު އާފަލުތައް ފާސިދުކުރަނީ ކީއްވެގެން ހެއްޔެވެ؟
ރަނގަޅު އާފަލެއް ފެނުމުން އެއަށް ހަސަދަވެރިވެވޭތީ އެވެ.
ތިމަންނާއަކީ، ފާސިދުވެފައިވާ އާފަލެއްކަން ވެސް އިޙުސާސްކުރެވޭތީ އެވެ.
އެހެންކަމުން، ފާސިދު އާފަލެއް، ރަނގަޅު އާފަލަކަށް ހެވެއް ނޭދޭނެ އެވެ.
ފާސިދު އާފަލު، ރަނގަޅު އާފަލަށް ގެއްލުންދޭން އުޅޭނެ އެވެ.
ވަސްވާސްދީ މަގުފުރައްދަން ވެސް އުޅޭނެ އެވެ.
ބުނާނެ އެވެ.
ތިމަންނާއަކީ، ރަނގަޅު އާރުކާޓީއެކެވެ.
އެކުވެރިންނަށް އަބަދުވެސް ހެޔޮ ގޮތްތައް އެދޭ މިތުރެކެވެ.
ފާސިދު އާފަލު، ރަނގަޅު އާފަލުތަކުގެ ބޯ ކާލާނެ އެވެ.
އަދި ރަނގަޅު އާފަލުތައް ފާސިދުކުރުމަށްފަހު، ފުރަގަސްދޭނެ އެވެ.
އާނއެކެވެ.
ރަނގަޅު އާފަލުތަކެއްގެ ތެރޭގައި ފާސިދު އާފަލެއް އޮވެދާނެ އެވެ.
އެއީ އެ ހުރިހާ އާފަލުތައް ފާސިދުކޮށްލާނެ އެއްޗެކެވެ.
އަނހިވަކާ ޖެހި އަނހިވައް ފާވާ ފަދައިންނެވެ.

ހަރުބަހެއްގައިވެ އެވެ.
"ފާސިދު އެންމެ އާފަލެއް މުޅި ވަށިގަނޑު ފާސިދުކޮށްލަ އެވެ."
އެހެންވީމާ، ފާސިދު އާފަލުތަކާ ދުރުހެލިވާން އެބަޖެހެ އެވެ.
އެކުވެރިކަން ބަދަހިކުރަންވާނީ ރަނގަޅު އާފަލުތަކާ އެވެ.
ފާސިދު އާފަލުތަކުގެ އަދަދާމެދު ނުވިސްނާށެވެ!
އެއީ ވަރަށް ގިނަ އެއްޗެއް ކަމުގައި ވެސް ވެދާނެ އެވެ.
ނަމަވެސް ބަކަރިއެއް ފަދައިން އެބައިގަނޑުގެ ތެރެއަށް ނުވަންނާށެވެ!
ކޮންމެ ފަރުބަދައަކަށް އޭގެ މަލަ ލިބިގެންވެ އެވެ.
ތިބާގެ މަލަ ވަނީ، ތިބާގެ ކުލައާއި، ބައްޓަމުގަ އެވެ.
ތިބާގެ ފިކުރާއި، ޠަބީޢަތުގަ އެވެ.
އެއީ، ފާސިދުވެފައިވާ އާފަލެއްގެ މަލަ ކަމުގައި ނަހަދާށެވެ!