އީރާން


އީރާނުގެ އިނގިރޭސި ނަމަކީ، (Iran) އެވެ. ޢަރަބި ނަމަކީ، (ايران) އެވެ. އީރާނުގެ ރަސްމީ ނަމަކީ، އިނގިރޭސި ބަހުން އިސްލާމިކް ރިޕަބްލިކް އޮފް އީރާން (Islamic Republic of Iran) އެވެ. ޢަރަބި ބަހުން ޖުމްހޫރިއްޔަތު އީރާން އަލްއިސްލާމިއްޔާ (جمهوريّة إيران الإسلاميّة) އެވެ. ފާރިސީ ބަހުން ކިޔަނީ، (جمهوری إسلامی ايران) (Jomhuri-ye Eslāmi-ye Irān) އެވެ. ވިހިވަނަ ޤަރުނުގެ ކުރީކޮޅާ ހަމައަށް އެ ގައުމަށް ކިޔާފައިވަނީ ފާރިސްކަރަ އެވެ. އިނގިރޭސި ބަހުން (Persia) އެވެ. ޢަރަބި ބަހުން (فارس) އެވެ. އީރާނަށް، ޖުމްހޫރިއްޔަތު އީރާން އަލްއިސްލާމިއްޔާގެ ނަން ދެވުނީ، ޝާހު މުޙައްމަދު ރިޟާ ބަހުލަވީ ގެ ވެރިކަން ނިމުމަކަށް ގެނައި (1979 ވަނަ އަހަރުގެ) އިސްލާމީ އިންޤިލާބަށްފަހު، އަލްއިމާމު އާޔަތު ﷲ ޚުމައިނީ އަށް ވެރިކަމުގެ އާރާއިބާރު ލިބިވަޑައިގަތުމުންނެވެ.

އީރާން އޮންނަނީ، އޭޝިއާގަ އެވެ. އީރާނާ އިންވެގެން އިރުމަތީގައިވަނީ، ޕާކިސްތާނާއި އަފުޣާނިސްތާނެވެ. އުތުރުގައިވަނީ ތުރުކުމަނިސްތާނާއި ޤުޒުވީން ކަނޑާއި އަރުމީނިއާ އާއި އަޒުރަބައިޖާނެވެ. ހުޅަނގުގައިވަނީ ތުރުކީވިލާތާއި ޢިރާޤެވެ. ދެކުނުގައިވަނީ، ޢަރަބި ކަނޑުއޮޅި އާއި ޢުމާން ކަނޑުއޮޅި އެވެ.

ޢަރަބި ކަނޑުއޮޅިއަށް ކުރިން ކިޔަނީ ފާރިސީ ކަނޑުއޮޅި އެވެ. މި ކަނޑުއޮޅީގެ ނަން ފާރިސީ ކަނޑުއޮޅީގެ ނަމަށް ބަދަލުވެގެން ދިޔައީ، ޖަމާލު ޢަބްދުއްނާޞިރު، މި ކަނޑުއޮޅިއަކީ ޢަރަބި ކަނޑުއޮޅި (الخليج العربي) ކަމަށް ވިދާޅުވި ފަހުންނެވެ. އޭނާގެ މި ޢަމަލަކީ، ޢަރަބި ޤައުމުތަކާއި އިރާނާ ދެމެދުގައި ޢަދާވާތްތެރިކަމާއި، ދުޝްމަނުކަމުގެ އަލިފާން ރޯކޮށްލި ނޭއްގާނީ ޢަމަލެއް ކަމުގައި ނޫނީ ނުވެ އެވެ.

ނަން

"އީރާން" މިނަމުގެ އަޞްލަކީ، "އާރީ" އެވެ. މީގެ ގިނަ ގޮތަކީ، "އާރީން" އެވެ. އާރީ ގަބީލާތައް ފާރިސްކަރައިގެ ހުޅަނގުގައި ވަޒަންވެރިވެފައިވަނީ، މީލާދުގެ ކުރީގެ 2000 ވަނަ އަހަރުގަ އެވެ. އޭރު އެސަރަހައްދުގައި އޮތީ އާޝޫރީންގެ ވެރިކަމެވެ.

އާރީ ގަބީލާތަކުއް އެސަރަހައްދުގައި ވަޒަންވެރިވެ، ފާރިސީ ދައުލަތް ގާއިމުކުރި އެވެ. އެ ދައުލަތުގެ އެންމެ އާރާއި ބާރު ގަދަ ދުވަސްވަރެއް ކަމަށްވީ، މީލާދުގެ ކުރީގެ 55 ވަނަ އަހަރުހައި ތަނެވެ. އެއީ ކޫރަސް ރަސްގެފާނުގެ ޒަމާނެވެ. އެއަށްފަހު ވެރިކަމަށް އިސްވީ ނަން މަޝްހޫރު ދާރާ (ދެވަނަ) އެވެ. ދެން ޚަޝަޔާރްޝާ (އެއްވަނަ) އެވެ.

އޭރު ފާރިސްކަރައިގެ އިމުގެ ތެރޭގައި، ތިރި މިޞްރު (ނުވަތަ ނީލަކޯރުގެ ޑެލްޓާ) އާއި، ޔޫނާނާއި، ކުޑަ އޭޝިއާ (މިހާރުގެ ތުރުކީ ވިލާތުގެ އޭޝިއާ ގައި ވާ ބައި) އާއި، މިހާރުގެ ޕާކިސްތާނުގެ ސަރަހައްދާއި، ތުރުކިސްތާނުގެ ސަހަރަހައްދު ހިމެނެ އެވެ.

ފާރިސީ ދައުލަތަކީ ވަރަށް ބޮޑަށް ތަރައްގީވެފައިވާ ދައުލަތެއް ކަމުގައިވި އެވެ. ފާރިސީން މަގުހެދި އެވެ. ޕޯސްޓްގެ ޚިދުމަތް ގާއިމުކުރި އެވެ. ވިޔަފާރިއަށް ހިތްވަރުދިނެވެ. އަތުލިއުމުގެ ފަންނު ތަރައްގީކުރި އެވެ. ބާބިލީ ޙަޟާރަތާއި، ފިރުޢައުނީ ޙަޟާރަތާއި، އާޝޫރީ ޙަޟާރަތާއި، ލީދީ ޙަޟާރަތް ގުޅުވައި އެކަތިގަނޑަކަށް ހަދަން މަސައްކަތްކުރި އެވެ. ނަމަވެސް މީލާދުގެ ކުރީގެ ހަތަރުވަނަ ޤަރުނުގައި، އެލެގްޒެންޑަރ ދަ ގްރޭޓް، ފާރިސީންގެ ދައުލަތް ވައްޓާލި އެވެ. އެއަށްފަހު މީލާދުގެ ކުރީގެ ތިންވަނަ ޤަރުނުގައި، ފާރިސީން ވަނީ، ޔޫނާނީ އިސްތިޢުމާރުން މިނިވަންވެ، އަމިއްލަ އާރާއި ބާރު ވަރުގަދަކޮށްފަ އެވެ.... މީލާދީން ހަތްވަނަ ޤަރުނުގައި މުސްލިމުން، ފާރީސީން ބަލިކޮށްފުމަށްދާންދެން، ފާރީސީން ވަނީ ހަތަރު ޤަރުނު ވަންދެން ރޫމީންނާއެކު ހަނގުރާމަކޮށްފަ އެވެ.


ދީންތައް

އީރާނަކީ މުސްލިމު ގައުމެކެވެ. އެ ގައުމުގައި ކުރިން އޮތީ މުސްލިމުންގެ ސުންނަތް ޖަމާޢަތުގެ މަޒުހަބެވެ. މީގެ މާނައަކީ، އެ ޤައުމުގައި ކުރިން ތިބީ ސުންނީ މުސްލިމުންނެވެ. އެ ގައުމުގައި ޝީޢީ މަޒުހަބު ފެތުރީ އިސްމާޢީލުއް ޞަފަވީ އެވެ. މީލާދީން ހަވަނަ ޤަރުނުގެ ކުރީކޮޅުގައި އޭނާ އެކަންކުރީ ޝީޢީ މަޒުހަބަށް ނުވަންނަ މީހުން މަރާނެ ކަމަށް އިންޒާރުދީ ބިރުދައްކައިގެންނެވެ.

މިހާރު އީރާނުގައި އަޣުލަބިއްޔަތު ލިބިފައިވަނީ، ޝީޢީ މުސްލިމުންނަށެވެ. އީރާނުގެ އަބާދީގެ 90 އިންސައްތައަކީ ޝީޢީ މުސްލިމުންނެވެ. މިހާރު ސުންނީ މުސްލިމުންގެ ނިސްބަތަކީ، 8 އިންސައްތަ އެވެ. ސުންނީ މުސްލިމުންގެ ބޮޑުބައި ތަމްސީލުކުރަނީ، ކުރުދީ މުސްލިމުންނާއި، ބައްލޫޝީ މުސްލިމުންނެވެ. އީރާނުގެ އާބާދީގެ 2 އިންސައްތައަކީ، ޣައިރު މުސްލިމުންނެވެ. އެމީހުންގެ ތެރޭގައި، ބަހާއީންނާއި، މަންދާއީންނާއި، ހިންދީންނާއި، ޔަޒީދީންނާއި، ޔާރްސާނީންނާއި، މަޖޫސީންނާއި، ޔަހޫދީންނާއި، ނަޞާރާއިން ހިމެނެ އެވެ.


ބަސްތައް

އީރާނުގައި ޖުމުލަ 110 ބަހުން ވާހަކަދައްކާ މީހުން މީހުން އުޅެ އެވެ. އެއިން މުހިންމު ބަސްތަކަކީ، ފާރީސީ އާއި، ކުރުދީ އާއި، ޢަރަތްބާއި، ބައްލޫޝީ އާއި، އަޒުދަރީ އެވެ. ރަސްމީ ބަހަކީ ފާރިސީ ބަހެވެ.

އީރާނުގެ ރަސްމީ ބަންދު ދުވަސްތައް

10 ފެބްރުއަރީ: އިންޤިލާބު ދުވަސް
19 މާރޗް: ތެލުގެ ދުވަސް
21 މާރޗް: ނައިރޯޒު ޢީދު ދުވަސް
1 އޭޕްރީލް: އިސްލާމީ ޖުމްހޫރީ ދުވަސް
2 އޭޕްރީލް: ތިމާވެށީގެ ދުވަސް
1 މެއި: މަސައްކަތްތެރިންގެ ދުވަސް
5 ޖޫން: އީރާނާ އިދިކޮޅު އިންޤިލާބީ ދުވަސް
1 މުޙައްރަމް: ހިޖުރީ އާ އަހަރު ފެށޭ ދުވަސް
10 މުޙައްރަމް: ޢާޝޫރާ ދުވަސް
27 ރަޖަބް: އިސްރާއާއި މިޢުރާޖު ފާހަގަކުރާ ދުވަސް
1 ޝައްވާލް: ފިޠުރު ޢީދު ދުވަސް
10 ޛުލްޙިއްޖާ: އަޟުޙާ ޢީދު ދުވަސް
18 ޛުލްޙިއްޖާ: ޣަދީރު ޢީދު ދުވަސް
ރަމަޟާން މަހުގެ ފަހު ހުކުރު: ބައިނަލްއަޤުވާމީ ޤުދުސް ދުވަސް


ތާރީޚު

100000 މކ. (މީލާދުގެ ކުރީގެ އެއްލައްކަ އަހަރު): އެޒަމާނުގެ އާސާރީ ތަކެތި އީރާނުގެ ހުޅަގު ސަރަޙައްދުގައިވާ ފަރުބަދަތަކުން ފެނިފައިވެ އެވެ.
8000 މކ. އީރާނުގައި އަވަށްތައް ހަދައިގެން މީހުން ވަޒަންވެރިވެ ދަނޑުވެރިކަންކުރި އެވެ.
6000 މކ. ޖަނަވާރު ގެންގުޅުމާއި، ދަނޑުވެރިކަން ތަރައްގީވަމުންދިޔަ އެވެ.
5000 މކ. އަތުމަސައްކަތާއި ފަންނީ މަސައްކަތްތައް ބަނގުރާ ހެދުމުގެ މަސައްކަތް ތަރައްގީވަމުންދިޔަ އެވެ.
3900 މކ. ސިޔާލިކް (Sialk) ރަށް ބިނާކުރެވުނެވެ. އެއީ އީރާނުގެ އުސްބިމުގައި ބިނާކުރެވުނު ފުރަތަމަ ރަށެވެ. އެރަސް ބިނާކުރެވުނީ ކާޝާން ކައިރީގަ އެވެ.
1500-800 މކ. މެދުތެރޭ އޭޝިއާއިން މީހުން އީރާނަށް ހިޖުރަކުރި އެވެ. އެއީ މީދީންނާއި ފާރިސީންނެވެ. އެމީހުން ވަޒަންވެރިވީ، އީރާނުގެ ދެކުނުގަ އެވެ. ފުރަތަމަ އެމީހުން ތިބީ އާޝޫރީންގެ ވެރިކަމުގެ ދަށުގަ އެވެ. ފަހުން އެމީހުން އާޝޫރީންގެ މައްޗަށް ގަދަވެގަނެ، އާޝޫރީން ގިއްގަޅުވާލި އެވެ.
1000 މކ. ފާރިސީންގެ ނަބިއްޔާ ޒާރާދަޝްތު ވަޑައިގެންނެވި އެވެ. ދެ އިލާހަކު ވޮޑިގެންވާ ކަމުގެ ފިކުރު އެންމެ ފުރަތަމަ އުފެދިގެން އައީ އެކަލޭގެފާނުގެ އަރިހުންނެވެ. އެއީ ހެޔޮކަމުގެ އިލާހާއި، ނުބައިކަމުގެ އިލާހެވެ. އިސްލާމީ ބަހުން ބުނާނަމަ، ﷲ އާއި އިބްލީހެވެ.
559-530 މކ. ކިސްރާ ޤޫރަޝް (ކޫރޫޝް) ބައިނަލްއަޤުވާމީ ފުރަތަ ފާރިސީ ދައުލަތް ޤާއިމުކުރި އެވެ.
539 މކ. ބާބިލީން، ކިސްރާ ޤޫރަޝްއަށް ސުލްހަވެރިކަމާއެކު ބޯލަނބައި ކިޔަމަންވި އެވެ. އެއީ އޭނާގެ ދޫދިނުން ބޮޑު ސިޔާސަތުގެ ސަބަބުންނެވެ. ބާބިލީންގެ އަނިޔާވެރިކަމުން އޭނާ ޔަހޫދީން މިނިވަންކުރި އެވެ.
529 މކ. ޤޫރަޝް ނިޔާވި އެވެ.
521 މކ. ކިސްރާ ދާރާ ވެރިކަމަށް އިސްކުރެވުނެވެ.
550-334 މކ. ފާރިސީންގެ ދައުލަތަކީ، ދުނިޔޭގެ ބޮޑު ބާރު ކަމުގައި ދެމިއޮތެވެ. އެމީހަކު އުޅޭނެ ދީނަކަށް އުޅުމުގެ މިނިވަންކަން އެންމެ ފުރަތަމަ ދިނީ ފާރިސީންގެ އާރާއިބާރުގަދަ މި ދައުލަތުގަ އެވެ. މި ދައުލަތުގައި ޤާނޫނާއި ޤަވާޢިދު ހަދާފައިވި އެވެ. ވަކި ނިޒާމެއްގެ ދަށުން އިންތިޒާމުކޮށްފައިވާ ލަޝްކަރެއް ވެސް ބިނާކުރި އެވެ.
334 މކ. އެލެގްޒެންޑަރ ދަ ގްރޭޓް، ފާރިސްކަރައާ ހަމަލަދީ، ފާރިސީން ބަލިކުރި އެވެ.
323 މކ. އެލެގްޒެންޑަރ ދަ ގްރޭޓް ނިޔާވި އެވެ.
323 މކ. ފާރިސްކަރައިގައި ސަލްޖޫޤީ ދައުލަތް އުފެދުނެވެ. މި ދައުލަތް ނިސްބަތްވަނީ، ސަލޫޤަށެވެ. އޭނާއަކީ، އެލެގްޒެންޑަރ ދަ ގްރޭޓްގެ ލަޝްކަރުގެ ޤާއިދެކެވެ.
310 މކ. ކިސްރާ ހުރުމުޒު (ދެވަނަ) ވެރިކަމަށް އިސްވި އެވެ.
274 މކ. ފާރިސްކަރައިގައި މާނީ ފާޅުވި އެވެ. އޭނާއަކީ، ހުރިހައި ދީންތަކާއި މަޒުހަބުތަކާއި ފަލްސަފާތައް އެއްކުރި ޝަޚުޞިއްޔަތެކެވެ.
247 މކ. ފާރިސްކަރައިގައި އަރުޝަކީންގެ ދައުލަތް އުފެދުނެވެ.
224 މކ. ފާރިސްކަރައިގައި ސާސާނިންގެ ޒަމާން ފެށުނެވެ.
28 މ. މަޒުދަކު ފާޅުވި އެވެ. އޭނާއަކީ، ފައިސާއާއި މުދަލާއި އަންހެނުންނަކީ އެންމެންގެ އެއްޗެއް ކަމަށް ގޮވާލި މީހެކެވެ. އޭނާ ފާޅުވީ ކިސްރާ ޤުބާދުގެ ޒަމާނުގަ އެވެ. އޭރު ފާރިސްކަރައިގައި ތިބި ބޮޑުންގެ ނުފޫޒު ކުޑަކުރުމުގެ މަޤުޞަދުގައި، މަޒުދަކުގެ ގޮވާލުމަށް ޤުބާދު އިޖާބަދިނެވެ. އޭނާއަކީ، ދުނިޔޭގައި އުފެދުނު ފުރަތަމަ ކޮމިއުނިސްޓް ފިކުރުގެ އަހުލުވެރިޔާ ކަމަށް ބެލެވެ އެވެ. އޭނާގެ ފިކުރުގެ ސަބަބުން ފަޤީރު ދަނޑުވެރިންނާއި މުއްސަނދި ކަމުވޮށިވެގެންވާ މީހުންނާ ދެމެދުގައި ކޯޅުމާއި އަރާރުވުމުގެ ވަރުގަދަ ފިތުނައެއް އުފެދުނެވެ.
531-579 މ. ކިސްރާ އަނޫޝިރުވާން ވެރިކަމަށް އިސްވެ، މަޒުދަކުގެ ފިތުނަވެރިކަން ނިމުމަކަށް ގެނަ އެވެ.
570 މ. ކީރިތި ރަސޫލާ صلى الله عليه وسلم ދުނިޔެއަށް ވަޑައިގެންނެވި އެވެ.
622 މ. ކީރިތި ރަސޫލާ صلى الله عليه وسلم މައްކާއިން މަދީނާއަށް ހިޖުރަކުރެއްވި އެވެ. އެއީ އިސްލާމީ ޙަޟާރަތުގެ ފެށުން ކަމަށް ބެލެވެ އެވެ.
642 މ. މުސްލިމުން، ފާރިސީންގެ މައްޗަށް ގަދަވެގަތެވެ. އެއަށްފަހު، ފާރިސީން އިސްލާމްދީން ޤަބޫލުކޮށް، އިސްލާމީ ދައުލަތުގެ ހިޔާވަހިކަމުގެ ދަށަށް އައެވެ.
661 މ. ޢަލީގެފާނު ޤަތުލުކުރެވި، ސުންނީންނާއި ޝީޢީންގެ މެދުގައި ޚިލާފު އުފެދުނެވެ. ފާރިސްކަރައަކީ ޝީޢީ ދައުލަތަކަށްވީ އޭގެ 900 އަހަރު ފަހުންނެވެ. ނަމަވެސް އެއީ އީރާނުގެ ތާރީޚުގައި ވަރަށް މުހިންމު ހާދިސާއެކެވެ.
661-750 މ. އުމަވީ ދައުލަތުގެ ޒަމާނުގައި، ފާރިސީން ޢަރަބި އަކުރުން ލިޔަންފެށި އެވެ. މިއަދާ ހަމައަށް ވެސް އީރާނުގައި ބޭނުންކުރަނީ ޢަރަބި އަކުރެވެ.
680 މ. ޢަލީގެފާނުގެ ދަރިކަލުން ޙުސައިނުގެފާނު، ކަރުބަލާގެ މައިދާނުގައި ޝަހީދުކޮށްލެވުނެވެ. އެކަލޭގެފާނު ޝަހީދުކުރީ އުމަވީންނެވެ.
696 މ. ޢަރަބި ބަހަކީ އިސްލާމީ ދައުލަތުގެ ރަސްމީ ބަސް ކަމުގައިވި އެވެ.
750 މ. އުމަވީ ދައުލަތް ވައްޓާލައި، ޢައްބާސީ ދައުލަތް އުފެއްދުމުގައި ފާރިސީން ބައިވެރިވި އެވެ. އިސްލާމީ ޚިލާފަތު، ދިމަޝްޤުން ބަޣުދާދަށް ބަދަލުވި އެވެ.
750-1258 މ. ޢައްބާސީ ދައުލަތުގެ ސަރުކާރު ހިންގުމުގެ ނިޒާމުގެ ތެރެއަށް ފާރިސީ ގޮތްތައް ވަދެ މޫލި އެވެ.
840-1206 މ. ފާރިސީންގެ ތެރެއިން ފުންނާބު އުސް އިސްލާމީ ޢިލްމުވެރިންތަކެއް ފާޅުވި އެވެ. އޭގެތެރެގައި ސީބަވައިހި އާއި، ޚުވާރިޒަމި އާއި އައްރާޒީއާއި، އަލްފިރުދައުސީ އާއި، އިބްނުސީނާ އާއި، އަލްޣަޒާލީ އާއި، ޢުމަރުޚައްޔާމު ހިމެނިވަޑައިގަންނަވަ އެވެ.
820-1220 މ. މި މުއްދަތުގައި، އިސްލާމީ ދައުލަތުގެ އާރާއި ބާރު، ފާރިސީންގެ މައްޗަށް ކުޑަވަމުން ދިޔަ އެވެ. އެއާއެކު ފާރިސީންގެ ތެރޭގައި ކުދިކުދި ދައުލަތްތައް ވެސް އުފެދެމުންދިޔަ އެވެ.
1220 މ. މުޣޫލުންގެ ގަބީލާތަކުގެ މީހުން ގޮވައިގެން އައިސް ޖަންކީޒުޚާން، ފާރިސްކަރައަށް އަރައިގަތެވެ. އީރާނުގެ އެއްފަރާތުން އަނެއް ފަރާތަށް ޖަންކީޒުޚާނު ދިޔައިރު، މުޅި ފާރިސްކަރަވަނީ ސުންނާފަތިކޮށްފަ އެވެ. އެތައް މިލިއަން ބަޔަކު ޤަތުލުކޮށް، އެތައް ރަށެއް އަންދައި، އެތައް މުދަލެއް އޭނާ ފޭރިގަތެވެ.
1227 މ. ޖަންކީޒުޚާނު ނިޔާވި އެވެ. އަދި އޭނާގެ ދައުލަތް އޭނާގެ ދަރީންގެ މެދުގައި ބަހާލެވުނެވެ.
1258-1353 މ. މުޣޫލުންގެ ވެރިޔާ، ހުލާކޫޚާން (هولاكو خان) ބަޣުދާދަށް އަރައިގަނެ، އެތައްހާސް ބަޔަކު ޤަތުލުކުރި އެވެ. ގަނޑުވަރުތަކާއި މިސްކިތްތައް އަންދާލި އެވެ. ޢައްބާސީ ދައުލަތުގައި ބިނާކުރެވުނު މަޝްހޫރު، ބަޣުދާދުގެ ލައިބްރަރީ ވެސް ސުންނާފަތިކޮށް، އެތާނގައިވާ ފޮތްތައް އަންދާލި އެވެ. ތަތާރުންނޭ ކިޔެނީ އެމީހުންނަށެވެ.
1267 މ. ހުލާކޫ، ނިޔާވި އެވެ.
1207-1292 މ. ހައިބަތުހުރި އިސްލާމީ ޢިލްމީ ޝަޚުޞިއްޔަތުންތަކެއް ފާޅުވި އެވެ. އޭގެތެރޭގައި، ޖަލާލުއްދީނުއްރޫމީ އާއި، ނުޞައިރުއްދީނުއްޠޫސީ އާއި، އައްސަޢުދީ ފަދަ ބޭބޭކަލުން ހިމެނިވަޑައިގަނެ އެވެ.
1295 މ. ހުލާކޫ ގެ ކާފަ ދަރި، ޣާޒާންޚާން ވެރިކަމަށް އިސްވި އެވެ. އޭނާއަކީ، މުޣޫލުންގެ ވެރިންގެ ތެރެއިން އިސްލާމްވި ފުރަތަމަ ޝަޚުޞިއްޔަތެވެ. އޭނާގެ ޒަމާނުގައި ވެރިރަށް ތަބްރީޒުގެ ހުރިހައި ކަމެއް ވަނީ އިސްލާމީ ފާރިސީ ކުލައިން ފެވިފަ އެވެ.
1304 މ. ޣާޒާންޚާން އަވަހާރަވި އެވެ. އެއަށްފަހު އޭނާގެ އަޚު، އުލްޖީތޫ ވެރިކަމަށް އިސްކުރެވުނެވެ. އޭނާ ކުޑައިރު ނަޞާރާދީނަށް ތަޢުމީދު ކުރެވުނެވެ. ނަމަވެސް ފަހުން އޭނާ އިސްލާމްދީން އިޚުތިޔާރުކުރި އެވެ.
1316 މ. އުލްޖީތޫ އަވަހާރަވި އެވެ.

މިދުވަސްވަރު، އުފެދުނު ޢާލިމުންނާއި ޝާޢިރުންގެ ތެރޭގައި، ކަމާލުއްދީން ފާރިސީ އާއި ޙާފިޡުއްޝީރާޒީ ހިމެނިވަޑައިގަންނަވަ އެވެ. ޙާފިޡުއްޝީރާޒީ އަކީ، އީރާނުގެ އެހާރާއި މިހާރާއި މުސްތަޤުބަލުގެ ޝާޢިރެވެ. އޭނާގެ ޅެންވެރިކަން ފަނޑުކޮށްލާ ވަރުގެ ޅެންވެރިއެއް، މިއަދާ ހަމައަށް ވެސް އިސްލާމީ ދުނިޔެއިން ފާޅެއް ނުވެ އެވެ.


ފައިސާ

އީރާނުގެ ފައިސާ އަކީ، ރިޔާލެވެ.