މަޣުރިބުކަރަ


މަޣުރިބުކަރައިގެ އިނގިރޭސި ނަމަކީ، މޮރޮކޯ (Morocco) އެވެ. ޢަރަބި ނަމަކީ، އަލްމަޣުރިބު (المغرب) އެވެ. މަޣުރިބުކަރައިގެ ރަސްމީ ނަމަކީ، އިނގިރޭސި ބަހުން ކިންގޑަމް އޮފް މޮރޮކޯ (Kingdom of Morocco) އެވެ. ޢަރަބި ބަހުން އަލްމަމްލަކަތުލް މަޣުރިބިއްޔާ (المملكة المغربية) އެވެ. ޒަމާނުއްސުރެ ދިވެހި ބަހުން ކިޔަނީ، މަޣުރިބުކަރަ އެވެ. ދިވެހީންގެ ހިތްތައް، މާތް ވެގެންވާ އިސްލާމް ދީނުގެ ހިދާޔަތުން އުޖާލާކޮށްދެއްވި މާތް ވަލީވެރިއާ، އަބުލްބަރަކާތު (ބަރަކާތުގެ ސާހިބާ) ޝަމްސުއްދީނު (ދީނުގެ އިރު) ޔޫސުފުލް ބަރުބަރީ އަކީ މަޣުރިބުކަރައިގެ ބޭކަލެކެވެ.

މަޣުރިބުކަރަ އޮންނަނީ، އެފްރިކާ ބައްރުގެ އެންމެ ހުޅަނގު އުތުރު ކަނުގަ އެވެ. މަޣުރިބުކަރައާ އިންވެގެން އިރު ދެކުނުގައި ވަނީ، އަލްޖީރިއާ (Algeria) އެވެ. ދެކުނުގައިވަނީ، ވެސްޓަރން ސަހަރާ (Western Sahara) އެވެ. މެދުކަނޑުގެ އަނެއްފަރާތުގައި ވަނީ ސްޕެއިން އެވެ. މަޣުރިބުކަރައަކީ، މަޣުރިބު ރީޖަންގެ ގައުމެކެވެ. އެގައުމުގެ އިތުރުން އެރީޖަންގައި ހިމެނެނީ، ޓިއުނީޝިއާ (Tunisia) އާއި، އަލްޖީރިއާ (Algeria) އާއި، މޮރިޓޭނިއާ (Mauritania) އާއި، ލީބިޔާ (Libya) އެވެ.

މަޣުރިބުކަރައާއި ޕޮލިސާރިއޯ ޖަބުހާ (جبهة البوليساريو)، (Polisario Front) އާ ދެމެދުގައި ވެސްޓަރން ސަހަރާގެ ބިމުގެ މިލްކުވެރިކަމާމެދު ދައުވާކުރެވެ އެވެ. މިހާރު އެބިމުގެ 80 އިންސައްތަ ވަނީ، މަޣުރިބުކަރައިގެ ބާރުގެ ދަށުގަ އެވެ. ޕޮލިސާރިއޯ އުފެދިފައިވަނީ، 1973 ވަނަ އަހަރު އަލްޖީރިއާގެ އެހީތެރިކަމާއެކުގަ އެވެ.


ނަން

މީލާދުގެ ކުރީގެ ފުރަތަމަ ޤަރުނުގައި، މެދު ކަނޑުގެ އައްސޭރީގައި ބަރުބަރީން ގައުމެއް އުފެއްދި އެވެ. އެ ގައުމުގެ ނަމަކީ، މަމްލަކަތު މަވަރީތަނިޔާ (مملكة مَورِيطَنيَة) އެވެ. އިނގިރޭސި ބަހުން، ބަރބަރ ކިންގޑަމް އޮފް މޮރިޓޭނިއާ (Berber kingdom of Mauretania) އެވެ. މޮރިޓޭނިއާގެ އަސްލަކީ "ކަޅު" ގެ މާނަ ދޭހަވާ ޔޫނާނީ ބަހެކެވެ. ދުވަސްކޮޅެއް ފަހުން މި ގައުމު ދެބަޔަށް ބައިވެގެންދިޔަ އެވެ.


އެއަށްފަހު، މިހާރުގެ މަޣުރިބު ކަރަ އޮތް ސަރަޙައްދަށް ޢަރަބީން، އަލްމަޣުރިބުލް އަޤުޞާ (المَغرِبِ الأَقصَى) ކިޔަން ފެށި އެވެ. އިނގިރޭސި ބަހުން ކިޔާ މޮރޮކޯ (Morocco) ގެ އަޞްލަކީ ސްޕެނިޝް ބަހުގެ (Marruecos) އެވެ. ނުވަތަ ފުށެތިކާލު (Portuguese) ބަހުގެ (Marrocos) އެވެ. މި ދެ ބަހުގެ އަޞްލަކީ ލެޓިން ބަހުގެ (Morroch) އެވެ. ލެޓިން ބަހުން މިކަން ކިޔާފައިވަނީ މުރާބިތީން (المرابطين) ގެ ދައުލަތުގެ ވެރިރަށް ކަމަށްވާ މައްރާކިޝް (Marrakesh) އަށެވެ. ޢަރަބި ބަހުން މުއްރާކުޝް (مُرّاكُش) ވެސް ކިޔަ އެވެ. ފާރިސީ ބަހާއި އުރުދޫ ބަހުން މިއަދާ ހަމައަށް ވެސް ކިޔަނީ، މައްރާކިޝް އެވެ. ތުރުކީ ބަހުން ކިޔަނީ "ފާސް" (Fas) އެވެ.

1962 ވަނަ އަހަރު އެކުލަވާލެވުނު މަޣުރިބުކަރައިގެ ދުސްތޫރުގައި، އެކަރައިގެ ރަސްމީ ނަމެއްކަމަށް ބުނެފައިވަނީ، އަލްމަމްލަކަތުލް މަޣުރިބިއްޔާ (المملكة المغربية) އެވެ.


ތާރީޚު

މަޣުރިބުކަރައިގެ ތާރީޚުގައި ވަރަށް ގިނަ ޙަޟާރަތްތައް ހިމެނިފައިވެ އެވެ. މީލާދުގެ 700000 (ހަތްލައްކަ) އަހަރު ކުރިން އާޝޫލީ ޙަޟާރަތް (الحضارة الآشولية) އެވެ. މީލާދުގެ 120000 (އެއްލައްކަ ވިހި ހާސް) އަހަރު ކުރިން މުސްތީރީ ޙަޟާރަތް (الحضارة الموستيرية) އެވެ. މީލާދުގެ 40000 (ސާޅީސް ހާސް) އަހަރު ކުރިން އާތީރީ ޙަޟާރަތު (الحضارة العاتيرية) އެވެ. މީލާދުގެ 21000 (އެކާވީސް ހާސް) އަހަރު ކުރިން އިބްރުމުރިޒީ ޙަޟާރަތު (الحضارة الإيبروموريزية) އެވެ. މި ޙަޟާރަތްތަކަށް ކިޔަނީ، ތާރީޚުގެ ކުރީގެ ޙަޟާރަތްތަކެވެ.

މީލާދުގެ ކުރީގެ ބާރަ ވަނަ ޤަރުނުގައި ކްލެސިކަލް ޒަމާނުގެ ޙަޟާރަތްތައް މަޣުރިބުކަރައިގައި އޮތެވެ. އެއީ މކ. 12 ވަނަ ގަރުނުގައި ފީނީޤީ ޙަޟާރަތާއި (الحضارة الفينيقية)، މކ. 5 ވަނަ ގަރުނުގައި ބޫނީޤީ ޙަޟާރަތާއި (الحضارة البونيقية)، މކ. 2 ވަނަ ގަރުނުގައި މޮރިތާނީ ޙަޟާރަތާއި (الحضارة الموريطانية)، މީލާދީން ފުރަތަމ ގަރުނުގައި ރޫމީ ޙަޟާރަތު (الحضارة الرومانية) އެވެ.

އިސްލާމީ ޒަމާންތަކުގައި އެންމެ ފުރަތަމަ އުމަވީ ދައުލަތާ ވަކިން މުސްތަޤިއްލު އިސްލާމީ ދައުލަތެއް ގާއިމުކުރެވުނީ މަޣުރިބުކަރައިގަ އެވެ. އެ ދައުލަތުގެ ނަމަކީ، މަމްލަކަތުލް މަޣުރިބިލް އަޤުޞާ (مملكة المغرب الأقصى) އެވެ. މުއައްސިސަކީ، އިދްރީސް ބްނު ޢަބްދު ﷲ (إدريس بن عبد الله) އެވެ. އެދައުލަތް އުފެދުނީ، ބަރުބަރީން ގެނައި އިންގިލާބެއްގެ ނަތީޖާއެއްގެ ގޮތުންނެވެ.... އިސްލާމީ ދުނިޔޭގެ ހުޅަނގު ބިތުގައި އުފެދުނު އަންދަލުސް ފަދަ ގައުމުތަކަށް، މަޣުރިބުކަރައިގެ އަސަރު ކޮށްފައި ވެ އެވެ. އަދި މަޣުރިބުކަރައަކީ، އުސްމާނީ ދައުލަތުގެ ދިދައިގެ ދަށުގައި ނުހިމެނޭ އުތުރު އެފްރިކާގެ ހަމައެކަނި ގައުމުކަން ވެސް ފާހަގަކޮށްލެވެ އެވެ.

ވިހިވަނަ ޤަރުނުގެ ކުރީ ކޮޅުގައި މަޣުރިބުކަރައިގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ޔޫރަޕުގެ ގައުމުތަކުން ވަދެފައިވެ އެވެ. 44 އަހަރުގެ މުއްދަތަށް ޙިމާޔަތުގެ އިސްތިޢުމާރެއްގެ ދަށުގައި މަޣުރިބުކަރަ އޮތެވެ. އެއަށްފަހު، ސްޕެއިންގެ އަތްދަށުން ފުރިހަމަ މިނިވަންކަން ލިބުނީ، 1956 ވަނަ އަހަރުގަ އެވެ.


ދީން

މަޣުރިބުކަރައަކީ އިސްލާމީ ޤައުމެކެވެ. އެހެން ދީންތަކުގެ މީހުން ވެސް އެ ގައުމުގައި ދިރިއުޅެ އެވެ.


ދަތުރުފަތުރާއި މުވާސަލާތު

މަޣުރިބުކަރައިގެ ދަތުރުފަތުރުކުރުމާއި މުވާޞަލާތުގެ ނިޒާމު ދަނީ ތަރައްގީވަމުންނެވެ. އެގައުމުގެ އެއްގަމު މަގުން ދަތުރުފަތުރުކުރުމަށް ހަދާފައިވާ މަގުތަކުގެ ދިގުމިނަކީ، 95000 ކިލޯމީޓަރެވެ. އެގައުމުގައި އަޅާފައިވާ ރޭލްދަގަނޑުގެ ދިގުމިނަކީ، 1907 ކިލޯމީޓަރެވެ. އުތުރު އެފްރިކާގައިވާ ކާރު ދުއްވާ މަގުތަކުގެ އެންމެ ބޮޑު މަގުތަކުގެ ވިއުގައެއް ވަނީ އެގައުމުގަ އެވެ. އެ ވިއުގައިގެ ދިގުމިނަކީ، ގާތްގަޑަކަށް 56986 ކިލޯމީޓަރެވެ. އެ ގައުމުގައިވާ ހައިވޭތަކުގެ ދިގުމިނަކީ، 610.5 ކިލޯމީޓަރެވެ.

މަޣުރިބުކަރައިގެ އެންމެ މުހިންމު އެއަރޕޯޓްތައް ވަނީ ޠަންޖާ ގަ އެވެ. އިބްނު ބަޠޫޠާ އިންޓަނޭޝަނަލް އެއަރޕޯޓް ވެސް ވަނީ އެ ސަހަރުގަ އެވެ. އެ ސަހަރު ނޫން އެހެން ސަހަރުތަކުގައި ވެސް އެއަރޕޯޓްތައް ވަނީ އާރާސްތުކުރެވިފަ އެވެ. މަޣުރިބު ކަރައިގައި އެންމެ ބޮޑު ޖެޓީއެއް ވެސް ވަނީ ޠަންޖާ ގަ އެވެ.


އިޤުތިޞާދު

މަޣުރިބުކަރަ އަކީ، ތަރައްގީވަމުން އަންނަ މިނިވަން އިގުތިސާދުގެ ގައުމެކެވެ. ޔޫއެސްއޭ އާއި، ޔޫރަޕްގެ އިއްތިޙާދާއި، ތުރުކީވިލާތާއި، މިޞްރާއި، ޔޫއޭއީ ފަދަ ގައުމުތަކާއެކު މަޣުރިބުކަރަ ވަނީ ވިޔަފާރީގެ ގުޅުން ބަދަހިކޮށްފަ އެވެ.

2007 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މަޣުރިބުކަރަ އިން ޔޫރަޕާއެކު ކުރާ ވިޔަފާރީގެ މިންވަރަކީ، 68.5 އިންސައްތަ އެވެ. އޭޝިއާގެ ގައުމުތަކާއެކު، 17.1 އިންސައްތަ އެވެވ. ޔޫއެސްއޭ އާ އެކު، 7.9 އިންސައްތަ އެވެ. އެފްރިކާގެ ގައުމުތަކާއެކު 6.2 އިންސައްތަ އެވެ.

މަޣުރިބުކަރަ އަކީ ގުދުރަތީ ގޮތުން ބިމުގެ މުއްސަނދިކަން ލިބިފައިވާ ގައުމެކެވެ. އެގައުމުގެ ބިމުގައި ވަރަށް ގިނަ މައުދަންތައް މަތީ ދަރަޖައަކަށް އެކުލެވިފައިވެ އެވެ. މުޅި ދުނިޔޭގެ ބިމުގައިވާ ފޮސްފަރަސްގެ ހަތަރުބައިކުޅަ ތިންބައި ވަނީ މަޣުރިބުކަރައިގެ ބިމުގަ އެވެ. އޭގެ އިތުރުން ރަނާއި ރިއްސާއި ލޮޔާއި ދަގަނޑާއި މެންގަނީޒް ފަދަ މާއްދާތައް ވެސް ކޮންމެވެސް ވަރަކަށް އެގައުމުގެ ބިމުގައި ވެ އެވެ.

ދަނޑުވެރިކަން ކުރަން އެކަށީގެންވާ ބިމުގެ އޭރިއާއަކީ، 95000 (ނުވަދިހަ ފަސްހާސް) އަކަ ކިލޯމީޓަރެވެ. އެއިން ދަނޑުވެރިކަމަށް ބޭނުންކުރެވިފައިވާ މިންވަރަކީ، 14450 އަކަ ކިލޯމީޓަރެވެ. މަޣުރިބުކަރައިގެ ދަނޑުބިންތަކުން ލިބޭ މުހިންމު ގޮވާމަކީ، ގޮދަނާއި، ޒުވާރިއާއި، ތޮޅި ފަދަ ތަކެއްޗެވެ. އެންމެ ގިނައިން ލިބޭ މޭވާއަކީ ޒައިތޫނި އެވެ.


ފައިސާ

މަޣުރިބުކަރައިގެ ފައިސާ އަކީ، މަޣުރިބު ދިރުހަމް (Moroccan dirham) އެވެ.