ތުރުކީވިލާތް


ތުރުކީވިލާތުގެ އިނގިރޭސި ނަމަކީ، ޓަރކީ (Turkey) އެވެ. ޢަރަބި ނަމަކީ، ތުރުކިޔާ (تركيا) އެވެ. ތުރުކީވިލާތުގެ ރަސްމީ ނަމަކީ، ރިޕްބްލިކް އޮފް ޓަރކީ (Republic of Turkey) އެވެ. ޢަރަބި ބަހުން ޖުމްހޫރިއްޔަތު ތުރުކިޔާ (جمهورية تركيا) އެވެ. ތުރުކީ ބަހުން ކިޔަނީ، ތުރުކިޔާ ޖުމްހޫރިއްޔަތު (Türkiye Cumhuriyeti) އެވެ.

ތުރުކީވިލާތަކީ، ޔޫރޭޝިއަން (Eurasian) ގައުމެކެވެ. އެ ގައުމުގެ ބޮޑުބައި ވަނީ އޭޝިއާގަ އެވެ. އެބައިވަނީ، އެނެޓޯލިއަން ޝިބުހު ޖަޒީރާ (Anatolian peninsula) ގަ އެވެ. އަނެއް ބައިވަނީ، ޔޫރަޕުގެ ޔޫރަޕުގެ އިރު ދެކުނުގައިވާ ބަލްކަން ސަރަޙައްދު (Balkan region) ގަ އެވެ.

ތުރުކީވިލާތާ އިންވެގެން 8 ގައުމު ވެ އެވެ. އެއީ، ހުޅަނގު ދެކުނުން ބަލްގޭރިއާ (Bulgaria) އާއި، ހުޅަނގުން ޔޫނާން (Greece) އި، އިރު އުތުރުން ޖޯޖިއާ (Georgia) އާއި، އިރުން އަރުމީނިއާ (Armenia) އާއި، އާޒަރުބައިޖާން (Azerbaijan) އި، އީރާން (Iran) ވެ. އިރު ދެކުނުން ޢިރާޤު (Iraq) އާއި، ސީރިއާ (Syria) އެވެ. ދެކުނުފަރާތުގައި ވަނީ މެޑިޓެރޭނިއަން ކަނޑު (Mediterranean Sea) އާއި ސައިޕްރަސް (Cyprus) އެވެ. ހުޅަނގު ފަރާތުގައިވަނީ އޭގިއަން (Aegean Sea) ކަނޑެވެ. އުތުރުގައިވަނީ، ކަޅު ކަނޑު (Black Sea) އެވެ. އިރުމަތިފަރާތުން އަނަޓޯލިއާ (Anatolia) އާއި ތްރޭސް (Thrace) އާ ދެމެދުގެ އިން ވަކިކޮށްދެނީ، މަރމަރާ ކަނޑު (Sea of Marmara) އާއި ބޮސްފޯރަސް (Bosphorus) އާއި ޑަރޑަނަލްސް (Dardanelles) އެވެ. އޭޝިއާގެ ބައްރާއި ޔޫރަޕުގެ ބައްރު ވަކިކޮށްދެނީ ވެސް މި ތަންތަނެވެ.

ތުރުކީވިލާތް އޮންނަނީ، އޭޝިއާ އާއި ޔޫރަޕް ބައްދަލުވާ ހަތަރުއަނގޮޅި ބައްދަލުވާ ތަނުގަ އެވެ. އެހެންކަމުން ތުރުކީވިލާތް ވެފައިވަނީ ޖިއޮސްޓްރޭޓެޖިކް (geostrategic) ގޮތުން ވަރަށް މުހިންމު ގައުމެއް ކަމަށެވެ.


ނަން

ތުރުކީވިލާތުގެ ނަން އުފެދިފައިވަނީ، ބޯދާ ތުރުކީ ބަހުގެ ދެ ލަފުޒަކުންނެވެ. އެއީ "ތުރުކު" (Türk) އާއި "އިޔެ" (iye) އެވެ. ތުރުކުގެ މާނައަކީ، ބާރުގަދަ އެވެ. އިޔެގެ އަޞްލަކީ، ޢަރަބި ބަހުގެ ـية (iyya) އެވެ. ޢަރަބި ބަހުގައި ـية ބޭނުންކުރަނީ ނިސްބަތްކުރުމަށެވެ. މި ބައި އަންނާނީ ކޮންމެވެސް އެހެން ލަފުޒަކާ ގުޅިގެންނެވެ.

ތުރުކީވިލާތުގެ ނަން ޝަރަޙަކޮށްދޭ މިނޫން ރައުޔެއް ވެސް ވެ އެވެ. އެ ރައުޔުގެ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ތުރުކީވިލާތުގެ ނަން ނެގިފައިވަނީ، "ތޫ-ކިން" (Tu–kin) އިންނެވެ. ތޫ-ކިން އަކީ، މެދުތެރޭ އޭޝިއާގައިވާ އަލްޓޭ ފަރުބަދައިގެ ދެކުނުގައި ދިރިއުޅޭ މީހުންނަށް ޗައިނާ ބަހުން ކިޔާ ނަމެކެވެ.

ދިވެހިބަހުން ކިޔާ "ތުރުކީވިލާތް" މި ނަން އުފެދިފައިވަނީ ދެ ލަފުޒަކުންނެވެ. އެއީ، ތުރުކީ އާއި ވިލާތެވެ. ތުރުކީގެ މާނަ އިސްވެދިޔައީ އެވެ. "ވިލާތު" ގެ އަޞްލަކީ ޢަރަބި ބަހުގެ "ވިލާޔަތު" އެވެ. ވިލާޔަތު (ولاية) ނުވަތަ ވިލާޔާގެ ލަފުޒީ މާނައަކީ، ސްޓޭޓް (State) އެވެ. ނަމަވެސް ވިލާތުން ކުރެވޭ މާނައަކީ، އާރާއި ބާރުގަދަ ހައިބަތުހުރި ބިޔަ ގައުމެވެ.


ތާރީޚު

ތުރުކީވިލާތުގެ ބިމަކީ، ގަދީމީ ޒަމާނުއްސުރެ އިންސާނުން ދިރިއުޅެފައިވާ ބިމެކެވެ. އެއީ ދުނިޔޭގައި އާބަދުވި އެންމެ ދޮށި ބިންތަކުގެ ތެރެއިން ބިމެކެވެ. ތުރުކީވިލާތުގެ ބިމަކީ، އޭޝިއާގެ ބައްރާއި، ޔޫރަޕުގެ ބައްރު ގުޅުވާދޭ ފާލަމެކެވެ. އެހެންކަމުން ޒަމާނުއްސުރެ ތުރުކީވިލާތުގެ ބިމަކީ މީހުން އެއްވާ ތަނަކަށްވެފައިވި އެވެ. އެއީ އެއްބައްރުން އަނެއް ބައްރަށް މީހުން ދަތުރުކުރާ މަގެކެވެ.

ތުރުކީވިލާތުގައި ހިމެނޭ އެންމެ މުހިންމު ބިމަކީ، އެނެޓޯލިއަން ޝިބުހު ޖަޒީރާ (Anatolian peninsula) އެވެ. އިންޑޯ-ޔޫރަޕިއަން ގިންތީގެ ބަސްތައް ދުނިޔޭގެ އެހެން ސަރަހައްދުތަކަށް ފެތުރިފައިވަނީ، އެނެޓޯލިއާ އިން ކަމަށް ބެލެވެ އެވެ.

ތުރުކީވިލާތުގެ ބިމުގައި ވަރަށް ގިނަ ތާރީޚީ ހާދިސާތައް ހިނގާފައިވެ އެވެ. އިހުޒަމާނުގައި ހިނގާފައިވާ އެންމެ މުހިންމު އެއް ހާދިސާއަކީ، ރޫމު ރާޖާ، ގުސްތަންތީން (ފުރަތަމަ) އޭނާގެ ދައުލަތުގެ އައު ވެރިރަށަކީ، ބައިޒަންޓައިން (Byzantine) ކަމުގައި ހަމަޖެއްސެވުމެވެ. އޭނާ އެތަނަށް ދެއްވި ނަމަކީ "އައު ރޫމު" އެވެ. ފަހުން އެރަށަށް ގުސްތަންތީނިއްޔާ (Constantinople) ގެ ނަން ދެވުނެވެ. މިހާރު އެރަށަށް ކިޔަނީ "އިސްތަންބޫލް" (Istanbul) އެވެ. އިސްތަންބޫލަކީ، ބައިޒަންޓައިން އެމްޕަޔަރ (Byzantine Empire) ގެ ވެރިރަށް ކަމުގައި ވެގެންދިޔައީ، ހުޅަނގު ރޫމީ އެމްޕަޔަރ ވެއްޓުމާ ވިދިގެންނެވެ. ބައިޒަންޓައިން އެމްޕަޔަރ އަށް ކިޔޭ އަނެއް ނަމަކީ، އިރުމަތީ ރޫމީ އެމްޕަޔަރ އެވެ.

ތުރުކީ ތާރީޚުގައި އުސްމާނީ ދައުލަތަކީ، ފާހަގަކޮށްލެވޭ ވަރުގަދަ ދައުލަތެކެވެ. 623 އަހަރު ވަންދެން އުސްމާނީ ދައުލަތް ދެމިއޮތެވެ. 1922 މ. ވަނަ އަހަރަށް ދާންދެން ތުރުކީވިލާތަކީ، އުސްމާނީ ޚިލާފަތުގެ (الخلافة العثمانية) މައި މަރުކަޒެވެ. އުސްމާނީ ދައުލަތް އުފެދުނީ، ސަލްޖޫގީ ދައުލަތް ރޫޅިގެން ދިއުމާއެކު، މީލާދީން ސާދަވަނަ ޤަރުނާއި ސޯޅަވަނަ ޤަރުނާ ދެމެދުގަ އެވެ. އެދައުލަތް ފުޅާވަމުން ގޮސް، ބައިޒަންޓީ އެމްޕަޔަރގެ މައްޗަށް ގަދަވެގަތެވެ. އުސްމާނީ ދައުލަތުގެ އިމުގެ ތެރޭގައި ބަލްގޭރިއާ އާއި ސަރބިއާ ހިމެނުނެވެ. އެގޮތުގައި ފުޅާވަމުން ދަނިކޮށް 1402 މ. ގައި، ބާޔަޒީދު (ފުރަތަމަ) ބަލިވުމާއެކު، ދައުލަތުގެ ސަރަހައްދު ފުޅާވުން ހުއްޓުނެވެ. އެއާއެކު ސިޔާސީ ގޮތުން އައީ ހަމަނުޖެހުން ބޮޑު ދުވަސްވަރެކެވެ.

އެއަށްފަހު، އުސްމާނީ ދައުލަތުގެ ދުޅަހެޔޮކަން ލިބިގަނެ، އަލުން ފުޅާކުރުމުގެ މަސައްކަތް ފެށީ، އައްސުލްޠާން މުރާދު (ދެވަނަ) އެވެ. ދެން އައްސުލްޠާން މުޙައްމަދުލް ފާތިޙު އެވެ. 1453 މ. ވަނަ އަހަރު، އުސްމާނީ ދައުލަތުގެ ދަށަށް ގުސްތަންތީނިއްޔާ ގެންނެވީ ވެސް އޭނާ އެވެ. އެއާއެކު، ބައިޒަންޓައިން ބާރުތައް އެ ސަރަހައްދުން ފިލުވާލި އެވެ. އެއަށްފަހު، އުސްމާނީ ދައުލަތަށް އައީ މިލާމޯޅިވަމުން ދިޔަ ޒަމާންތަކެކެވެ. ދޭތެރެ ދޭތެރޭން ހިސާބެއްގެ އާރޯކަމެއް ފެނުނަސް އެކަމެއް ގިނަ ދުވަސްތަކަކަށް ދެމިގެނެއް ނުދެ އެވެ. މަޑުމަޑުން ދިޔައީ އާރާއި ބާރު ދަށްވެ ބަލިކަށިވަމުންނެވެ.

1839 މ. ވަނަ އަހަރު، ޔޫރަޕުގެ ވައްޓަފާޅިއަށް ބަދަލުވުމަށްޓަކައި، އިސްލާހީ ފިޔަވަޅުތަކެއް އިޢުލާންކުރެވުނެވެ. އެ އިސްލާހީ ފިޔަވަޅުތައް ނިމުމަކަށް ގެންނެވީ، އައްސުލްޠާން ޢަބްދުލްޙަމީދު (ދެވަނަ) އެވެ. އޭނާ އެކަން ކުރެއްވީ، ވަރަށް ޚުދުމުޚުތާރު ގޮތެއްގަ އެވެ. ތުރުކީވިލާތުގެ ގައުމީ ހުރިހާ ބާރުތަކެއް އޭނާގެ މުށުތެރެއަށް ލެއްވި އެވެ.

1922 މ. ވަނަ އަހަރު، ތުރުކީވިލާތުގެ އެންމެ ފަހު ސުލްޠާން، މުޙައްމަދު (ހަވަނަ) އަޒުލުކޮށް، ސުލްޠާނުންގެ ވެރިކަން އުވާލެވުނެވެ. އެއަށްފަހު، މުޞްޠަފާ ކަމާލު އަތާތުރުކު، 1924 މ. ގައި، އިސްލާމީ ޚިލާފަތު މުޅިން އުވާލެއްވި އެވެ.

ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމައިގެ ތެރޭގައި، މުޞްޠަފާ ކަމާލަކީ، ގައުމީ ހަރަކާތެއް ހިންގެވި ބަޠަލެކެވެ. ތުރުކީވިލާތް ޖުމްހޫރިއްޔަތަކަށް ބަދަލުކުރައްވައި، 1923 މ. ވަނަ އަހަރު، އޭނާ އެ ޖުމްހޫރިއްޔަތުގެ ރައީސްކަމަށް އިސްވެވަޑައިގަތެވެ. “ލޯ އޮން ފެމިލީ ނޭމްސް” ގެ ދަށުން، މުޞްޠަފާ ކަމާލު ބާޝާ ގެ ފަހު ނަމަކީ، "އަތާތުރްކު" ކަމުގައި ތުރުކީގެ ބަރުލަމާނުން ހަމަޖެއްސީ، 1934 ވަނަ އަހަރު އެވެ. އަތާތުރުކު ގެ މާނައަކީ، "ތުރުކީންގެ ބައްޕަ" އެވެ. މިއީ، ތުރުކީގެ ބަރުލަމާނުން އޭނާއަށް އެރުވި ވަރަށް މަތީ ޝަރަފެކެވެ. 1938 މ. ވަނަ އަހަރު އޭނާ އަވަހާރަވެއްޖައުމަށްދާންދެން، ރައީސްގެ މަޤާމުގައި ހުންނެވި އެވެ. ތުރުކީވިލާތަކީ، ޢަލްމާނީ ދައުލަތަކަށް ބަދަލުކުރެއްވީ އޭނާ އެވެ. ކުރިން ލިޔަން ބޭނުންކުރި ޢަރަބި އަކުރު ދޫކޮށް، ތުރުކީ ބަސް، ލެޓިން އަކުރުން ލިޔާ ގޮތަށް ހަމަޖެއްސެވީ ވެސް އޭނާ އެވެ. އޭނާއަށްފަހު، 1950 މ. ވަނަ އަހަރާ ހަމައަށް ރައީސްކަން ކުރެއްވީ، ޢިޞްމަތު އަނީނޫ އެވެ.

1934 ވަނަ އަހަރުގައި “ލޯ އޮން ފެމިލީ ނޭމްސް” އާ އެއްގޮތް ވާ ގޮތުގެ މަތީން ތުރުކީގެ ބަރުލަމާނުން މުޞްޠަފާ ކަމާލް ބާޝާގެ ފަހަތުނަމަކީ އަތާތުރްކު ނުވަތަ “ތުރުކީންގެ ބައްޕަ” ކަމުގައި ހަމަޖައްސައި، އެ ޝަރަފު އޭނާއަށް އެރުވިއެވެ. ތުރުކީގެ ޖުމްހޫރިއްޔާ އިޢުލާން ކުރެވުނީ 29 އޮކްޓޯބަރު 1923 ގައެވެ.

1973 ވަނަ އަހަރާ ހަމައަށް، ތުރުކީވިލާތުގައި އޮތީ މަދަނީ ވެރިކަމެކެވެ. އެއަށްފަހު، އެ ގައުމަށް އަސްކަރީ ވެރިކަމެއް އައެވެ. އެކަމުގެ ސަބަބުން ގައުމުގައި ވަރަށް ބޮޑެތި ހަމަނުޖެހުންތައް އުފެދުނެވެ. 1980 މ. ވަނަ އަހަރު، މުޒާހަރާތައް ކުރެވި، ހަރުކަށި ޢަމަލުތަކެއް ހިންގައި، މުޅި ގައުމު ގަޑުބަޑުވި އެވެ.

ކުރުދީންނާއި އަރުމަނު މީހުން ތުރުކީވިލާތުގެ ވެރިކަމާ ދެކޮޅުހަދަ އެވެ. ކުރުދީންގެ އަދަދު 25 މިލިއަނަށް އަރަ އެވެ. ތުރުކީވިލާތުގެ ބިމަށް ވަނުމަށް އެމީހުނަށް ހުއްދަދެވުނީ، 1991 މ. ގަ އެވެ. އެއީ، އެމީހުން ޢިރާޤުގެ މައި ސަރުކާރާ ދެކޮޅަށް ނުކުތުމުންނެވެ. އެކަމުގެ ސަބަބުން ޢިރާޤުގެ ބިމުގައި އެމީހުނަށް ނުރައްކާވި އެވެ. މިހެންވެ، އެމީހުންގެ ސަލާމަތަށްޓަކައި، ތުރުކީގެ ބިންތަކަށް ވަނުމަށް ހުއްދަ ދިނީ އެވެ.


ޑެމޮގްރަފިކްސް

ތުރުކީވިލާތުގެ އާބާދީ 77 މިލިއަނަށްވުރެ އިތުރެވެ. 2009 ވަނަ އަހަރުގެ އަންދާސީ ހިސާބުތަކުން ދައްކާ ގޮތުގައި، ކޮންމެ އަހަރަކު އާބާދީ އިތުރުވާ މިންވަރަކީ، 1.5 އިންސައްތަ އެވެ. ފިރިހެނުންގެ މެދުމިން ޢުމުރަކީ، 71.1 އަހަރެވެ. އަންހެނުންގެ މެދުމިން ޢުމުރަކީ 75.3 އަހަރެވެ. ލިޔަންކިޔަން ދަތުމުގެ ނިސްބަތަކީ، 96 އިންސައްތަ އެވެ. ތަޢުލީމު ދިނުމަކީ މަޖުބޫރު ކަމެކެވެ.

ތުރުކީވިލާތުގައި އެންމެ ގިނައީ، ތުރުކީ ނަސްލުގެ މީހުންނެވެ. ދެން އެންމެ ގިނައީ ކުރުދީންނާއި ޢަރަބީންނެވެ. ސަލްޖޫގީންނާއި އުސްމާނީންގެ ޒަމާނުން ފެށިގެން ތުރުކީވިލާތުގައި އެތައް ދަރިކޮޅެއްގެ ބަޔަކު ވަޒަންވެރިވި އެވެ. އޭގެތެރޭގައި، އަބުޚާޒީންނާއި، އަލްބޭނީންނާއި، ޢަރަބީންނާއި، އަސީރީންނާއި، މިނޫނަސް މެދުތެރޭ އޭޝިއާއާއި، ޔޫރަޕުގެ ނަސްލުތަކުގެ މީހުން ހިމެނެ އެވެ.


ސަގާފަތު

ތުރުކީ ސަގާފަތަކީ، ވަރަށް މުއްސަނދި ސަގާފަތެކެވެ. މިކަމުގެ ސަބަބަކީ، ގިނަ ދަރިކޮޅުތަކެއްގެ ބަޔަކު އެކުވެގެން އެ ސަގާފަތު އުފެދުނު ކަމެވެ. އަދި އޭޝިއާ އާއި ޔޫރަޕާ ދެމެދު ގުޅުވާދޭ ފާލަމަކަށް ވެފައި، ގިނަ ސަގާފަތްތަކެއް ބައްދަލުވާ މަސްރަޙެއް ކަމަށް ވީ ކަމެވެ.