އިސްބަސް


بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ
الْحَمْدُ للهِ رَبِّ اْلعَالَمِيْن، وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ اْلأَنْبِيَاءِ وَالْمُرْسَلِيْن، وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْن. أَمَّا بَعْدُ:

މިއީ، ބަޙުރު އީމަޖައްލާގެ 13 ވަނަ ޢަދަދުގެ ފުރަތަމަ އިޞްދާރެވެ. މި ޢަދަދު ޚާއްޞަކޮށްފައިވަނީ، ބައެއް ޤައުމުތަކުގެ މަޢުލޫމާތަށެވެ. މި ޢަދަދުގައި ގެނެސްދެވިފައިވާ ޤައުމުތަކުގެ މަޢުލޫމާތު ތައްޔާރުކުރެވުނީ، މަތީ ތަޢުލީމުގެ ދަރިވަރުންތަކެއްގެ އެދުމުގެ މަތިންނެވެ. އެ ދަރިވަރުންގެ ދިރާސީ މަސައްކަތްތަކެއް ފުރިހަމަކުރުމަށްޓަކައެވެ. އެހެންކަމުން، މަދުންނަމަވެސް އިމްލާކުށް ހުރެދާނެކަން ކިއުންތެރިންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.

އެ ޤައުމުތަކެއްގެ މަޢުލޫމާތު، މި ޢަދަދުގައި ގެނެސްދެވިފައިވާ ޤައުމުތަކަކީ، އަލްބޭނިޔާ އާއި، ބަންގާޅާއި، ބުރޫނާއީ ދާރުއްސަލާމާއި، ޗާޑާއި، ޗައިނާ އާއި، ޖިބޯޓީ އާއި، މިޞްރާއި، އީރާނާއި، ޢިރާޤާއި، ކޮސޯވޯ އާއި، މަޣުރިބުކަރަ އާއި، ނައިޖީރިއާ އާއި، ތުރުކީވިލާތެވެ. މި ޤައުމުތަކުގެ އިތުރުން، ސުމޭރިއަން ޙަޟާރަތާބެހޭ މަޢުލޫމާތުކޮޅެއް ވެސް ގެނެސްދެވިފައި ވާނެއެވެ.

އާދަކާދައިގެމަތިން، ތިން ވާހަކަ އާއި، ތިން ޅެމާއި، ފޫހިފިއްލިތައް މި ޢަދަދުގައި ވެސް ހިމަނާފައި ވާނެއެވެ. ޅެމުގެ ބައިގައި ވާނީ، ޙާފިޡުއްޝީރާޒީގެ ތިން ޣަޒަލެއްގެ ތަރުޖަމާއެވެ. ބުނެވޭ ގޮތުގައި، ޙާފިޡަކީ، ފާރިސްކަރައިގެ އެހާރާއި މިހާރާއި މުސްތަޤުބަލުގެ ޝާޢިރެވެ.

މި މަޖައްލާގެ މި ޢަދަދަކީ ވެސް، ދިވެހި ލިޔުންތެރިކަން ކުރިއެރުވުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ. މި މަގުގައި އެޅުނު ފިޔަވަޅުތަކަށްވުރެ އަޅަންހުރި ފިޔަވަޅުތަކުގެ ފެންވަރު ރަނގަޅުކުރެވޭތޯ މަސައްކަތްކުރުމުގެ ޢަޒުމު ވަނީ އުފެދިފައެވެ. މި ޢަޒުމު ޙަޤީޤަތަކަށް ހެދުމުގެ މަސައްކަތް ކުރާނީ، މާތް ﷲ ގެ ވާގިފުޅާއެކުގައެވެ.

މި ޢަދަދުގައި ގެނެސްދެވުނު މަޢުލޫމާތަކީ ވެސް، ތިޔަ ޢިއްޒަތްތެރި ކިޔުންތެރިންނަށް ފައިދާކުރަނިވި އެއްޗެއް ކަމުގައި މާތް ﷲ ލައްވާށިއެވެ! އާމީން!