ޒުވާންކޮށްދޭ ބޭސް


ޒުވާންކަމަށް ލޯބިކުރާ މުސްކުޅި އަންހެނަކު އޭނާގެ ފިރިހެން ދަރިފުޅުގެ ގާތުގައި ބުންޏެވެ.

"ދަރިފުޅާ އެވެ! މި އަވަށުގައި އަލަށް ހުޅުވި ބޭސް ފިހާރައިން، މުސްކުޅިން ޒުވާންކޮށްދޭ ބޭހެއް އެބަވިއްކައެވެ. ދަރިފުޅު މިއަދު ސްކޫލަށް ދިއުމުގެ ކުރިން، އޭގެ ބޭސްފުޅިއެއް މަންމައަށް ގަނެދެއްޗެވެ!"

މިހެން ބުނަމުން، ދަރިފުޅުގެ އަތަށް ފައިސާކޮޅެއް ދިނެވެ. ދެން އެ ކުއްޖާ ގޮސް އެ ބޭސް ފިހާރައިން، މަންމަ ބުނި ކަހަލަ ބޭސްފުޅިއެއް ގަނެގެންގޮސް މަންމަގެ އަތަށް ދީފައި، އެދުވަހު ސްކޫލަށް ދިޔައެވެ. އެދުވަހު އޭނާ ސްކޫލުން ނިމިގެން ގެއަށް ދިޔައިރު، އޭނާގެ މަންމަ ވަނީ ވަރަށް ބޮޑަށް ޒުވާންވެފަ އެވެ. އެހިނދު އޭނާގެ މަންމައާ މުޚާޠަބުކޮށް ބުންޏެވެ.

"މަންމާއެވެ! މަންމަގެ އަސްލު ޢުމުރު ކަމަށްވާ 60 އަހަރުގެ ތެރެއިން 40 އަހަރު ފަހަތަށްޖެހި، ވިއްސަކަށް އަހަރުގެ ޒުވާނަކަށް މަންމަ ބަދަލުވެފައިވާ މަންޒަރު ފެނުމުން ވަރަށް ބޮޑަށް ޙައިރާންވެއްޖައީމެވެ! މަންމަގެ އުނގުގައިވާ ތުއްތު ކުއްޖަކީ، އެ ޢުމުރުގައި މަންމައަށް ލިބުނު ކުއްޖެއް ހެއްޔެވެ؟"

ދަރިފުޅު މި ސުވާލުކުރުމުން މަންމަ ވަރަށް ބޮޑަށް ރުޅިގަދަވިއެވެ. ދެލޯ އަނގުރު އަލިފާންކޮޅަކަށް ހަދާލަމުން ބުންޏެވެ.

"ދަރިފުޅާ އެވެ! ދަރިފުޅު ގެނެސްދިން ބޭސްފުޅީގެ ރަހަ ބަލާލާފައި މަންމަ އެ ފުޅި ބެހެއްޓިތަނާ، ދަރިފުޅުގެ ބައްޕަ އައިސް، އެ ބޭސްފުޅި އެއްކޮށް ބޯލިއެވެ. ހަމައެހިނދު، އޭނާގެ ޢުމުރު މިވަނީ މާބޮޑަށް ފަހަތަށް ޖެހިލާފައެވެ."