ކޯސޯވޯ


ކޮސޯވޯ ގެ އިނގިރޭސި ނަމަކީ Kosovo އެވެ. އަލްބޭނިއާ ބަހުން ކިޔަނީ Kosova އެވެ. ސަރބިއާ ބަހުން ކިޔަނީ Косово އެވެ. ޢަރަބި ބަހުން ކިޔަނީ، كوسوفو އެވެ. ކޮސޯވޯ އަކީ، ކުރީގެ ޔޯގޮސްލޭވިއާގެ ބަޔެކެވެ. ކޮސޯވޯގެ މައްޗަށް ގަދަވެގަތުމަށް ސަރބިޔާއާއި އަލްބޭނިއާއިން މަސައްކަތްކޮށްފައިވެ އެވެ. މިކަމުގެ ސަބަބަކީ، ކޮސޯވޯގައި އަލްބޭނިއާ މީހުން ގިނަ ކަމެވެ. އެތަކެއް އަހަރެއް ވަންދެން ވަކިގޮތެއް ނުނިމި އޮތުމަށްފަހު، ކޮސޯވޯއަށް މިނިވަންކަން ލިބުނީ، 17 ފެބްރުއަރީ 2008 ގައެވެ.

ކޮސޯވޯއަކީ، ވަށައިގެން ބަންދުވެފައިވާ ޤައުމެކެވެ. އެޤައުމުގެ އިރު ދެކުނު އިމާ ގުޅިފައިވަނީ، މެސިޑޯނިއާ އެވެ. އިރު އުތުރު އިމާ ގުޅިފައިވަނީ ސަރބިއާ އެވެ. ހުޅަނގު ދެކުނު އިމާ ގުޅިފައިވަނީ، މޮންޓިނީގްރޯ އެވެ. ދެކުނު އިމާ ގުޅިފައިވަނީ، އަލްބޭނިއާ އެވެ. ކޮސޯވޯގެ ވެރިރަށަކީ، ޕްރިޝްޓީނާ އެވެ.

ކޮސޯވޯގެ ޕޮޕިއުލޭޝަނަކީ، (2300000) ދެމިލިއަން ތިންސަތޭކަހާހަށް އަރަ އެވެ. އެ ޤައުމުގެ އޭރިއާއަކީ، 10577 އަކަ ކިލޯމީޓަރެވެ. މުސްލިމުންގެ ނިސްބަތަކީ، 90 އިންސައްތަ އެވެ. އެއީ އަސްލު އަލްބާނިޔާ ދަރިކޮޅު މީހުންނެވެ. 5 އިންސައްތަ ހިއްސާކުރަނީ ސަރބު ދަރިކޮޅު މީހުންނެވެ. ބާކީވާ 5 އިންސައްތައަކީ އެހެން ގައުމިއްޔަތުތަކަށް ނިސްބަތްވާ މީހުންނެވެ.

ކޮސޯވޯގެ ބިމަކީ ޖުމްލަގޮތެއްގައި ފެހިކަން ފެތުރިފައިވާ ބިމެކެވެ. ވަށައިގެންވަނީ އުސްބިންތަކާއި ފަރުބަދަތަކެވެ. އެ ޤައުމުގެ ތެރޭންލާފައި ހަތަރު ކޯރު ދެމެ އެވެ. އެ ޤައުމުގައި 17 ލޭކް އޮވެ އެވެ. މީގެ އިތުރުން އެޤައުމުގައ ބިމަކީ ތަފާތު މަޢުދަންތަކުން މުއްސަނދިވެފައިވާ އަގުހުރި ބިމެކެވެ. އެ ބިމުގައި، ލެޑާއި، ޒިންކާއި، ރިއްސާއި، ކްރޯމާއި، ދަގަނޑާއި، ނިކަލް އާއި، ބޯޓްދެލި ވެ އެވެ. ނަމަވެސް އެއީ އިޤުތިޞާދީ ގޮތުން ވަރަށް ފަޤީރު ޤައުމެކެވެ. މިކަމުގެ ސަބަބަކީ ދިގުމުއްދަތެއް ވަންދެން ހިންގުނު ނަސްލީ އިމްތިޔާޒެވެ. އޭގެ ސަބަބުން އެ ޤައުމު ވެފައިވަނީ، ކުރީގެ ޔޫގޮސްލޭވިއާ އާއި، މިހާރު ޔޫރަޕުގެ އިއްތިޙާދުގައި އޮތް އެންމެ ފަޤީރު ޤައުމު ކަމަށެވެ. އެ ޤައުމުގެ އާބާދީގެ 50 އިންސައްތައަކީ ވަޒީފާއެއް ނެތް މީހުންނެވެ. ކޮސޯވޯ ގެ ދެބައިކުޅަ އެއްބައި މީހުންގެ އެވްރެޖް ޢުމުރު 35 އަހަރަށްވުރެ ދަށެވެ. ކަނޑުގެ އައްސޭރިން އައްސޭރިފަށެއް އެ ޤައުމަކަށް ލިބިފައެއް ނުވެ އެވެ. މިހެންވެ، ބެދިފައިވާ ޤައުމު، ނުވަތަ ބަންދުވެފައިވާ ޤައުމުގެ ނަމުން އެ ޤައުމަށް ދެވިފައިވެ އެވެ.


ކޮސޯވޯގެ ނަން

ކޮސޯވޯގެ ނަމުގެ އަޞްލަކީ، (кос) އެވެ. މިއީ ސަރބިއާ ބަހެކެވެ. މިބަހުގެ މާނައަކީ، "ކަޅު ދޫނި" އެވެ.


ތާރީޚީ ނަޒަރެއް

އުސްމާނީ ދައުލަތުގެ ޒަމާނުގައި ކޮސޯވޯ އޮތީ އަލްބޭނިއާގެ ބަޔެއްގެ ގޮތުގަ އެވެ. 1389 މ. ވަނަ އަހަރު، އުސްމާނީ ސުލްޠާނު މުރާދުލް އައްވަލު އެ ޤައުމު ފަތަޙަކުރެއްވީއްސުރެ، ފަސް ޤަރުނު ވަންދެން، އެގޮތުގައި ކޯސޯވޯ އޮތެވެ. އެއަށްފަހު، ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، ހަނގުރާމައިގައި އުސްމާނީ ދައުލަތް (ތުރުކީވިލާތް) ބަލިވި އެވެ. އެއާއެކު، ކޮސޯވޯ ދެވުނީ ސަރބިއާ އަށެވެ. 1912 މ. ވަނަ އަހަރު މިކަންކުރެވުނީ، އަލްބޭނިއާ ބައިބަޔަށް ބަހާލިއިރު އެވެ. މިކަންކުރެވުނީ ޔޫރަޕްގައި އިސްލާމީ ދައުލަތެއް އުފެދުނަ ނުދިނުމަށްޓަކަ އެވެ. ދުނިޔޭގެ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު، އަނެއްކާވެސް ކޮސޯވޯ އޮތީ އަލްބޭނިއާގެ ބައެއްގެ ގޮތުގަ އެވެ. އަލްބޭނިއާ އޮތީ އިޓަލީވިލާތުގެ ބާރުގެ ދަށުގަ އެވެ.

ދެވަނަ ބޮޑު ހަނގުރާމައަށް ފަހު، 1946 މ. ވަނަ އަހަރު، ޔޫގޮސްލޭވިއާގެ އިއްތިޙާދުގެ ބައެއްގެ ގޮތުގައި ކޮސޯވޯ ހަމަޖެއްސުނެވެ. ޖޯޒިފް ޓީޓޯގެ ރައީސްކަމުގެ ދުވަސްވަރު، 1947 ގައި ކޮސޯވޯއަށް ދާޚިލީ މިނިވަންކަމާއި ދާޚިލީ ގޮތުން އަމިއްލަ ވެރިކަމެއް ކުރުމުގެ ބާރު ލިބުނެވެ. ވިހިވަނަ ޤަރުނުގެ ހަތްދިހައިގެ އަހަރުތަކުގެ ފަހުކޮޅާ ޖެހެންދެން ޔޫގޮސްލޭވިއާގެ އިއްތިޙާދުގައި ކޮސޯވޯ އޮތީ އެގޮތަށެވެ. އެއަށްފަހު، 1989 ވަނަ އަހަރު، ސަރބިއާގެ ރައީސް ސްލޮބޮޑާން މިލޮސޮވިޗް، ކޮސޯވޯގެ އަލްބޭނިއާ މުސްލިމުންގެ އަތުން މިނިވަންކަން ނިގުޅައިގަތެވެ. އޭނާ އެ މީހުންގެ މައްޗަށް ވެރިކަން ހިންގީ ވަރަށް ހަރުކަށި ގޮތެއްގައި، ގޮށްމުށުގެ ބާރު ބޭނުންކޮށްގެން، ދަނގަނޑާއި އަލިފާނުންނެވެ. އެމީހުން ގިއްގެޅުވުމާއި، އެމީހުންގެ ޙައްޤުތައް ނިގުޅައިގަތުމުގައި އޭނާވަނީ ހައްދުފަހަނަޅާފަ އެވެ. އެމީހުންގެ މައްޗަށް ބިރުވެރިކަމާއި އަނިޔާވެރިކަމާއި މިނިކަތިލުން އޭނާ އޮއްސާލީ އެއްވެސް އިންސާނިއްޔަތުކަމެއް ނެތި އެވެ.

ކޮސޯވޯގެ މުސްލިމު ރައްޔިތުންނާ ކުރިމަތިވި ފިއްތުންތަކާ ކުރިމަތިލުމަށް އެމީހުން ތައްޔާރުވެ، އެކަން އިންތިޒާމުކުރި އެވެ. މިކަމުގައި އެމީހުން އިސްކުރީ ދީނީ ހައިސިއްޔަތެއް ނޫނެވެ. އެކަމަކު ޤައުމީ ހައިސިއްޔަތެވެ. އެމީހުން ގޮވައިގެން މިކަމުގައި ކުރިޔަށް ވަޑައިގެންނެވީ، ޑރ. އިބްރާހީމް ރުގޯވާ (2 ޑިސެމްބަރ 1944 - 21 ޖެނުއަރީ 2006) އެވެ. އޭރު އޭނާ ހުންނެވީ ޑިމޮކްރެޓިކް ލީގް އޮފް ކޮސޯވޯގެ (Democratic League of Kosovo) ރައިސް ގެ މަޤާމުގަ އެވެ. ފަހުން އޭނާއަކީ، ކޮސޯވޯގެ ރައީސްކަމަށް ވި އެވެ. ސިޔާސީ ގޮތުން އޭނާ ގެންގުޅުއްވީ، ސުލްހަމަސަލަސްކަމުގެ މަންހަޖެކެވެ. އޭނާގެ ފުށުން ހަނގުރާމަކުރުމެއް ލޭއޮހޮރުވުމެއް ނެތި އަމާންކަން ހޯއްދެވުމަށްޓަކައި ސުލްހަވެރިކަމާއެކު މަސައްކަތްކުރެއްވި އެވެ.

1990 ވަނަ އަހަރު ކޮސޯވޯގެ ރައްޔިތުން ސަރބިއާ އިން ވަކިވުމަށްޓަކައި ރައްޔިތުންގެ އާންމު ވޯޓެއް ނެގި އެވެ. އެ ވޯޓްގައި، ސަރބިއާއިން ވަކިވުމަށް ގިނަ ބަޔަކު ވޯޓްދިނެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ކޮސޯވޯ މުސްތަޤިއްލު ޖުމްހޫރިއްޔާއަކަށް ވި އެވެ. ހަމައެހަރު ސެޕްޓެމްބަރ މަހު ކޮސޯވޯގެ އަލްބޭނިއާ ދަރިކޮޅު ރައްޔިތުން ސަރބިއާ އާ ދެކޮޅަށް މަދނީ ބަސްނޭހުމެއް އިންތިޒާމުކޮށް ތަންފީޒުކުރި އެވެ.

24 މެއި 1992 ގައި، ކޮސޯވޯގެ އަލްބޭނިއާ ދަރިކޮޅު މީހުން، އެމީހުންގެ ރައީސަކަށް ޑރ. އިބްރާހީމު ރުގޯވާ އިންތިޚާބުކުރި އެވެ. އަދި އެމީހުންގެ ޤައުމަށް، ރިޕަބްލިކް އޮފް ކޮސޯވޯ ގެ ނަމުން ނަންދިނެވެ. ނަމަވެސް ސަރބިއާއިން އެއީ ޤައުމެއް ކަކަމަކަށް އެއްބަހެއް ނުވި އެވެ.

އިބްރާހީމު ރުގޯވާ އޭނާގެ އާދައިގެ މަތިން، މި މައްސަލަ ވެސް ސުލްހަވެރިކަމާއެކު ހައްލުކުރައްވަން މަސައްކަތްކުރެއްވި އެވެ. ދުނިޔޭގެ އެހެން ގައުމުތަކުން އޭނާގެ ގައުމާމެދު އެއްބަސްވޭތޯ ގަދައަޅުއްވައި މަސައްކަތްކުރެއްވި އެވެ. ނަމަވެސް ބައިނަލްއަގުވާމީ މުޖުތަމައުން އޭނާއަށް ލިބިވަޑައިގަތީ ބީރު ކަންފަތެކެވެ. އެހެންކަމުން، ކޮސޯވޯގެ ޒުވާނުން އަސްކަރީ ދިރުތަކެއް އުފެއްދި އެވެ. އަދި އެހުރިހާ ދިރުތައް އެއްކުޑައެއްގެ ދަށަށް ގެނެސް އެއީ، ކޮސޯވޯ މިނިވަންކުރާ ލަޝްކަރު ކަމަށް ހަމަޖެއްސި އެވެ.

1998 މ. ވަނަ އަހަރު ވެގެންދިޔައީ ކޮސޯވޯ އާ މެދު ބައިނަލްއަގުވާމީ މުޖުތަމައުގެ ނަޒަރު ހުއްޓުނު އަހަރެއް ކަމަށެވެ. މިކަމުގެ ސަބަބެއް ކަމުގައިވީ، ކޮސޯވޯ މިނިވަންކުރާ ލަޝްކަރު، ސަރބިއާގެ ލަޝްކަރާ ކުރިމަތިލުމަށް ނުކުތުމެވެ. އެ ދަނޑިވަޅުގައި ސަރބިއާގެ ލަޝްކަރުން މަދަނީ ރައްޔިތުންނާ ދެކޮޅަށް ސިލްސިލާކޮށް މިނިކަތިލުމުގެ އަނިޔާވެރި ޢަމަލުތަކެއް ހިންގަންފެށި އެވެ. ސަރބިއާ އިން ހިންގަންފެށި އެ ނުބައި ޢަމަލުގެ ވަޙުޝީކަމުންނާއި ލާއިންސާނީކަމުން، އެ ޢަމަލުތައް ހުއްޓުވުމަށްޓަކައި ހަރަކާތްތެރިވުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް މަޖުބޫރުވި އެވެ.

1999 ވަނަ އަހަރު، ނޯތު އެޓްލާންޓިކް ޓްރީޓީ (ނޭޓޯ) ގެ ބާރުތަކުން ސަރބިއާއަށް ވައިގެ ހަމަލަތަކެއް ދިނެވެ. އޭގެ ސަބަބުން ސަރބިއާގެ އަސްކަރީ ބާރުތައް ބަލިވެ، ކޮސޯވޯ އިން އެމީހުން ފައިބަން ޖެހުނެވެ. އޭރު ސަރބިއާގެ ރައީސަކީ ސްލޮބޮޑާން މިލޮސޮވިޗް އެވެ. އެހިސާބުން ފެށިގެން ބެލްގްރޭޑްގެ ނުފޫޒެއް ކޮސޯވޯގެ މައްޗަކަށް ނުހިންގުނެވެ. ދެން ކޮސޯވޯ އޮތީ، އަލިފުދާލާއި ނޭޓޯގެ ޙިމާޔަތުގެ ދަށުގަ އެވެ. އެދެފަރާތުން ސަތާރަ ހާސް ސިފައިން ކޮސޯވޯގައި ބޭތިއްބި އެވެ. އެއަށްފަހު ކޮސޯވޯއާ މެދު ގޮތެއް ނިންމުމަށް، ކޮސޯވޯގެ އަލްބޭނިއާ ދަރިކޮޅު މީހުންނާއި، ސަރބިއާ ދަރިކޮޅު މީހުންގެ މެދުގައި ވާހަކަ ދެކެވެން ފެށުނެވެ. އެވާހަކަތަކުގެ ނަތީޖާއަކަށްވީ، ބައިނަލްއަގުވާމީ ފަރާތްތަކުގެ ބެލުމުގެ ދަށުން ކޮސޯވޯ މިނިވަންވާނެ ޗާޓެއް އެކުލަވާލުމެވެ. އެކަމުގައި އެންމެ އިސް ދައުރެއް އަދާކުރީ ޔޫއެސްއޭ (ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ) އެވެ. އެކަމަށް ޔޫރަޕްގެ ގިނަ ޤައުމުތަކެއްގެ ތާއީދާއި އެއްބާރުލުން ވެސް ލިބުނެވެ.


ކޮސޯވޯ މިނިވަންވުން

ކޮސޯވޯގެ މަދަނީ ރައްޔިތުންނާ ދެކޮޅަށް ސަރބިއާގެ އަސްކަރީ ބާރުތަކުން ހިންގި މިނިކަތިލުމުގެ އަނިޔާވެރި ޖަރީމާތަކަށްފަހު، ކޮސޯވޯ އަށް ވަނީ ދާޚިލީ މިނިވަންކަމެއް ލިބިފަ އެވެ. އޭރު ކޮސޯވޯއޮތީ ސަރބިއާގެ ދަށުގަ އެވެ. ނަމަވެސް 17 ފެބްރުއަރީ 2008 ގައި ކޮސޯވޯ ވަނީ، ބެލްގްރޭޑް ސަރުކާރުގެ ދަށުން ވަކިވެ، މުސްތަގިއްލު ގައުމެއްކަމަށް އިޢުލާންކޮށްފަ އެވެ. ބެލްގްރޭޑްގެ މަރުކަޒީ ސަރުކާރުން މިކަމާ ދެކޮޅުހެދި އެވެ. ނަމަވެސް ކޮސޯވޯ ގެ ނިންމުމަށް ޔޫއެސްއޭ އިން ތާއީދުކުރި އެވެ. އެއާއެކު ޔޫރަޕުގެ އިއްތިހާދުގެ އެތައް ގައުމަކުންނާއި، ސުޢޫދީ އަރަބިއްޔާއާއި، ބަޙުރައިނާއި، ޔަމަނާއި، ޔޫއޭއީ އިން ވެސް ކޮސޯވޯ އަށް ތާއީދުކުރި އެވެ.

ކޮސޯވޯ މިނިވަންވުމާމެދު އެންމެ ބޮޑަށް ދެކޮޅުހެދީ ރަޝިއާ އިންނެވެ. އދ. ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް ރަޝިއާއިން ގޮވާލި އެވެ. ނަމަވެސް ކޮސޯވޯއަކީ މިނިވަން މުސްތަޤިއްލު ގައުމެއް ކަމަށް ދުނިޔޭގެ 52 ގައުމުން ގަބޫލުކުރި އެވެ. އެއީ އދ. މެމްބަރަކަށް ވުމަށްޓަކައި ކޮސޯވޯއަށް ބޭނުންވާ ވަރަށްވުރެ މަދު ޢަދަދެކެވެ. އދ. ގެ މެމްބަރަކަށް ކޮސޯވޯއަށް ވެވޭނީ، 97 ގައުމުން އެއީ މުސްތަގިއްލު ދައުލަތެއް ކަމަށް ގަބޫލުކުރީމަ އެވެ. ދިވެހިރާއްޖެއިން ކޮސޯވޯގެ މިނިވަންކަން ގަބޫލުކޮށްފައިވަނީ، 55 ވަނައަށެވެ.