ޖިބޯޓީ


ޖިބޯޓީގެ އިނގިރޭސި ނަމަކީ، (Djibouti) އެވެ. ޢަރަބި ނަމަކީ، ޖީބޫތީ (جيبوتي) އެވެ. ޖިބޯޓީގެ ރަސްމީ ނަމަކީ، ރިޕަބްލިކް އޮފް ޖިބޯޓީ (Republic of Djibouti) އެވެ. ޢަރަބި ބަހުން ޖުމްހޫރިއްޔަތު ޖިބޯޓީ (جمهورية جيبوتي) އެވެ. ފަރަންސޭސި ބަހުން ކިޔަނީ، (République de Djibouti) އެވެ.

ޖިބޯޓީ އަކީ، އެފްރިކާގެ ބައްރުގެ ދަޅު (Horn of Africa) ސަރަޙައްދުގައި އޮންނަ ގައުމެކެވެ. ޖިބޯޓީއާ އިންވެފައިވަނީ، އުތުރުން އެރިޓްރިއާ އެވެ. ހުޅަނގާއި ދެކުނުން އިތިއޮޕިއާ އެވެ. އިރު ދެކުނުން ސޯމާލިއާ އެވެ. އިރުމަތިފަރާތުގައި އޮންނަނީ ރަތް ކަނޑު (Red Sea) އާއި، ޢަދަނު ކަނޑުއޮޅި (Gulf of Aden) އެވެ. ކުރިމަތީގައިވާ ޢަރަބި ޝިބުހު ޖަޒީރާގެ ޔަމަނު އައްސޭރިއާއި ޖިބޯޓީ އާ ދެމެދުގައިވަނީ 20 ކިލޯމީޓަރެވެ.

ޖިބޯޓީ އަކީ، އަރަބް ލީގުގެ މެމްބަރެކެވެ. އެ ގައުމުގެ އާބާދީގެ ފަސްބައިކުޅަ އެއްބައި ދިރިއުޅެނީ ފަޤީރުކަމުގަ އެވެ. އެ ހާލަތުގައި އުޅޭ މީހަކަށް ދުވާލަކު ޖެހެނީ، 1.25 ޔޫއެސް ޑޮލަރެވެ.


ތާރީޚު

ޖިބޯޓީއާއެކު އެންމެ ފުރަތަމަ ގުޅުން ބަދަހިކުރިކަމަށް ތާރީޚުން އެނގެން އޮތީ، މިޞްރުގެ ފިރުޢައުނުންނެވެ. މީލާދުގެ ކުރީގެ ތިންވަނަ ސާސްކަފުގައި މިޞްރުގެ ވަފުދެއް ވަނީ ޖިބޯޓީގެ ބިމަށް ގޮސްފަ އެވެ. ނަމަވެސް ޖިބޯޓީ އާ، ޢަރަބި ޝިބުހު ޖަޒީރާގެ ދެކުނާ ދެމެދުގައި އޮންނަ ގުޅުން، މިޞްރާ އޮންނަ ގުޅުމަށްވުރެ މާ ހަރުދަނާ ގޮތެއްގައި ދެމިއޮންނަކަން ފާހަގަކުރެވެ އެވެ.

ޢަރަބި ޝިބުހު ޖަޒީރާގެ ދެކުނުން، ސާމީ ބައެއް ގަބީލާތަކުގެ މީހުން ވަނީ، އެކި ފަހަރުމަތިން ރަތްކަނޑު ހުރަސްކޮށް ޖިބޯޓީއަށް ހިޖުރަކޮށްފަ އެވެ. އެގޮތަށް ހިޖުރަކުރި މީހުންނާއި ތަނުގެ ރަށްވެހިންނާ އެމުނިއެކުލެވިގެން އާ ޙަޟާރަތެއް އުފެދުނެވެ.

ޖިބޯޓީގައި އޮތީ އިސްލާމްދީން އައުމުގެ ކުރިން ނަޞާރާދީނެވެ. ޖިބޯޓީ އިސްލާމްވެފައިވަނީ، މީލާދީން އަށްވަނަ ޤަރުނާއި ދިހަވަނަ ޤަރުނާ ދެމެދުގަ އެވެ. އެއީ ޢަރަބި ޖަޒީރާއިން ބޭރުގައި އިސްލާމްދީން އެންމެ ފުރަތަމަ ފެތުރުނު އެއް ތަނެވެ. ޖިބޯޓީގައި އިސްލާމްދީން ފެތުރުމާއެކު އިސްލާމީ ވެރިކަމުގެ ދައުލަތްތައް އެބިމުގައި އުފެދިފައިވެ އެވެ. އެއިން އެއް ދައުލަތަކީ، "އިމާރަތު ޢަދުލު" (إمارة عدل) އެވެ. އެ ދައުލަތަށްޓަކައި މިހާރުވެސް ޖިބޯޓީގެ މުސްލިމު ރައްޔިތުން ފަޚުރުވެރިވެ އެވެ.

އެތައް ޒަމާނެއްވަންދެން ދުނިޔޭގެ އެހެން ބަޔެއްގެ ނުފޫޒު ނުފޯރާ އޮތް ތަނެއްގެ ގޮތުގައި ޖިބޯޓީގެ ބިން އޮތެވެ. އެ ސަރަހައްދުގައި އިނގިރޭސީންގެ ނުފޫޒު ވަރުގަދަވާން ފެށުމުން، އެކަމަށް ފަރަންސޭސީންގެ ކަޅި ހުއްޓުނެވެ. ދެން ފަރަންސޭސީންގެ ބާރެއް އެ ސަރަހައްދުގައި ބޭއްވުމަށްޓަކައި މަސައްކަތްކުރި އެވެ. އެގޮތުން 1962 ވަނަ އަހަރު، ޖިބޯޓީގެ ގަބީލާތަކުގެ ވެރިންގެ އަތުން ފަރަންސޭސީން ބިމެއް ގަނެ އެމީހުންގެ ނުފޫޒު ފަތުރަން ފެށި އެވެ. ވެރިރަށް ޖިބޯޓީ އުފެދުނީ ފަރަންސޭސި އިސްތިޢުމާރުގަ އެވެ.

ފަރަންސޭސި އިސްތިޢުމާރުގެ ދަށުން މިނިވަންވުމަށްޓަކައި ޖިބޯޓީގެ ރައްޔިތުން އިންތިޒާމުކޮށްގެން މަސައްކަތް ފަށާފައިވަނީ، 1945 މ. ގަ އެވެ. މިނިވަންކަން ލިބުނީ 1977 ގަ އެވެ. ރަސްމީކޮށް މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ޖިބޯޓީ އުފެދުނީ، 27 ޖޫން 1977 މ. ގަ އެވެ.


އާބާދީ

ޖިބޯޓީގެ އާބާދީގައި މައިގަނޑު ދެ ނަސްލެއްގެ ބަޔަކު ވެ އެވެ. އެއީ ޢަފަރު މީހުންނާއި ސޯމާލިއާ މީހުންނެވެ. އޭގެ އިތުރުން ޖިބޯޓީގައި އުޅޭ އަޣުލަބިއްޔަތު ނެތް ނަސްލުތަކަކީ، ފަރަންސޭސީންނާއި އިޓަލީންނާއި ޢަރަބީންނާއި އިތިއޮޕިޔާ މީހުންނެވެ. ޢަފަރީންނާއި ޢީސާ ގަބީލާގެ މީހުންގެ ދެމެދުގައި 1990 މ. ވަނަ އަހަރު އަހުލީ ހަނގުރާމައެއް ފެށުނެވެ.

ޖިބޯޓީގެ ރަސްމީ ބަހަކީ ފަރަންސޭސި ބަހެވެ. ނަމަވެސް ފުޅާކޮށް ފެތުރިފައިވާ އެންމެން ދަނަން ބަހަކީ، ސޯމާލިއާ ބަހެވެ. ބައެއް މީހުން ޢަރަބި ބަހުން ވެސް ވާހަކަދައްކަ އެވެ.

ޖިބޯޓީގެ ރައްޔިތުންގެ މެދުމިން ޢުމުރަކީ، 43.1 އަހަރެވެ. ކުޑަކުދިން މަރުވާ މިންވަރަކީ، ކޮންމެ 1000 އަކުން 104.13 އެވެ. އޭޑްސް ޖެހިފައިވާ މީހުންގެ ނިސްބަތަކީ، 2.9 އިންސައްތަ އެވެ. މިއީ އެފްރިކާގެ އެހެން ގައުމުތަކުގައި އެބަލި ފެތުރިފައިވާ ވަރަށްވުރެ ދަށް މިންވަރެކެވެ. ލިޔަންކިޔަން ދަންނަ މީހުންގެ ނިސްބަތަކީ، 67.9 އިންސައްތަ އެވެ.


ސިޔާސަތު

ޖިބޯޓީއަކީ، ސެމި-ރިއާސީ ޖުމްހޫރިއްޔަތެކެވެ. ތަންފީޒީ ބާރު އޮންނަނީ ސަރުކާރުގަ އެވެ. ޤާނޫނު ހެދުމުގެ ބާރު އޮންނަނީ ބަރުލަމާނުގަ އެވެ.


އިޤުތިޞާދު

ލޮނު ފިޔަވައި، އެހެނިހެން ގުދުރަތީ ރޯމެޓީރިއަލްތައް ޖިބޯޓީގައި ވަނީ ވަރަށް މަދުންނެވެ. ދަނޑުވެރިކަން ކުރެވޭ ފަދަ މޮޅު ބިންތަކެއް ވެސް ނެތެވެ. އަނެއް މައްސަލައަކީ، ގުދުރަތީ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކުރަން ދަންނަ ފަންނީ ބަޔަކު ވެސް ގައުމުގެ ދަރީންގެ ތެރޭގައި ނެތް ކަމެވެ.

ޞިނާޢީ މަސައްކަތްތަކުގެ ގޮތުގައި ހިންގެނީ ކުދިކުދި މަޝްރޫޢުތަކެވެ. އޭގެތެރޭގައި ހިމެނެނީ، ކިރުގެ ބާވަތްތައް އުފެއްދުމާއި، މަޢުދަނީ ފެން ބަންދުކުރުމާއި ލޮނު އުފެއްދުމެވެ. ޞިނާޢީ މަސައްކަތުން ލިބޭ އާމުދަނީގެ މިންވަރަކީ، 21 އިންސައްތަ އެވެ.

ޖިބޯޓީގައި އެންމެ ގިނައިން ހެދެނީ މޭވާއާއި ތަރުކާރީ އެވެ. ޖަނަވާރު ގެންގުޅުމާއި ދަނޑުވެރިކަމުން ލިބޭ އާމުދަނީ އަކީ، 4 އިންސައްތަ އެވެ.

ޖިބޯޓީން އެކްސްޕޯޓްކުރާ ތަކެއްޗަކީ، ޖަނަވާރުގެ ކެހެރިއާއި ހަމާއި ކިރުގެ ބާވަތްތަކެވެ. ޖިބޯޓީއަށް އެންމެ ގިނައިން އިމްޕޯޓް ކުރާ ތަކެއްޗަކީ، ތެލުގެ ބާވަތްތަކާއި، ކެމިކަލާއި، ކާބޯތަކެއްޗާއި، ވެހިކަލާއި މެޝިނަރީ އެވެ.


ދީން

ޖިބޯޓީގައި ދިރިއުޅެނީ މުސްލިމުންނާއި ނަޞާރާއިންނެވެ. ބޮޑު އަޣުލަބިއްޔަތެއް ލިބިފައިވަނީ މުސްލިމުންނެވެ. މުސްލިމުންގެ ނިސްބަތަކީ، 94 އިންސައްތަ އެވެ.


ރަސްމީ ބަންދު ދުވަސްތައް

މީލާދީ އާ އަހަރު ފެށޭ ދުވަސް
1 މެއި: މަސައްކަތްތެރިންގެ ދުވަސް
27 ޖޫން: މިނިވަން ދުވަސް
25 ޑިސެމްބަރ: ޢީސާގެފާނުގެ ޢީދުމީލާދު
1 މުޙައްރަމް: ހިޖުރީ އާއަހަރު ފެށޭ ދުވަސް
12 ރަބީޢުލްއައްވަލް: އަލްމައުލިދުއްނަބަވީ ފާހަގަކުރާ ދުވަސް
27 ރަޖަބް: އިސްރާއާއި މިޢުރާޖުގެ ޒިކުރާ ފާހަގަކުރާ ދުވަސް
1 ޝައްވާލް: ފިޠުރު ޢީދު ދުވަސް
10 ޛުލްޙިއްޖާ: އަޟުޙާ ޢީދު ދުވަސް