މިޞްރު


މިޞްރުގެ ރަސްމީ ނަމަކީ، ޖުމްހޫރިއްޔަތު މިޞްރު އަލްޢަރަބިއްޔާ (جمهورية مصر العربية) އެވެ. އިނގިރޭސި ބަހުން ކިޔަނީ، އަރަބު ރިޕަބްލިކް އޮފް އިޖިޕްޓް (Arab Republic of Egypt) އެވެ. މިޞްރު އޮންނަނީ، އެފްރިކާ ބައްރުގެ އެންމެ އިރު އުތުރު ކޮޅު، އޭޝިއާގެ ބައްރާ ގުޅޭ ތަނުގަ އެވެ. މިޞްރުގެ އުތުރު އައްސޭރި އޮންނަނީ (Mediterranean Sea) މެދުތެރޭ ކަނޑަށެވެ. އިރުމަތިފަރާތު އައްސޭރި އޮންނަނީ (Red Sea) ރަތް ކަނޑަށެވެ. ދެކުނު ފަރާތުން މިޞްރާ ބޯޑަރުވެފައިވަނީ ސޫދާނެވެ. ހުޅަނގުފަރާތުން ލީބިޔާ އެވެ. އިރު އުތުރުން އިސްރާއީލާއި ޤިޠާޢު ޣައްޒާ (Gaza Strip) އެވެ.

މިޞްރުގެ އޭރިއާއަކީ، 1002450 އަކަ ކިލޯމީޓަރެވެ. (އެއީ 387048 އަކަ މޭލެވެ.)

މިޞްރުގެ ބިމުގެ ބޮޑުބައި އޮންނަނީ، އެފްރިކާ ބައްރުގަ އެވެ. އޭޝިއާ ބައްރުގައި ހިމެނެނީ، ޝިބުހު ޖަޒީރާ ސައިނާ (شبه جزيرة سيناء) ނުވަތަ ސިނާއީ ޕެނިންސޫލާ (Sinai Peninsula) އެވެ. އެފްރިކާ ބައްރުގައި ހިމެނޭ ބަޔަށްވުރެ މިބައި ކުޑަ އެވެ. ސުއޭޒް ކެނަލް އޮންނަނީ މި ދެ ބައިގެ ދެމެދުގަ އެވެ. މި ކެނަލް ހުޅުވުނީ، 1956 ގަ އެވެ. މިއީ، ރަތް ކަނޑާއި މެދުތެރޭ ކަނޑު ގުޅުވާލުމަށްޓަކައި ބިން ކޮނެގެން ހަދާފައިވާ ކެނަލެކެވެ. ސިނާއީ ޕެނިންސޫލާ، އިސްރާއީލުގެ އަތްދަށުން މިޞްރަށް ލިބުނީ، 6 އޮކްޓޯބަރ 1973 ވަނަ އަހަރު ކުރި މަޝްހޫރު ހަނގުރާމައިގަ އެވެ. އިސްރާއީލަށް އެބިމުގެ މާބޮޑު ބޭނުމެއް ނެތިގެން ދޫކޮށްލީ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ. މިޞްރުގައި މީހުން ދިރިއުޅޭ ގިނަ ރަށްތައް ވަނީ އެފްރިކާ ބައްރުގައިވާ ބައިގަ އެވެ.

މިޞްރަކީ، ދުނިޔޭގެ އެންމެ ބޮޑު ދެ ބައްރުގައި ހިމެނޭ ހަމައެކަނި ގައުމެވެ. މިޞްރަކީ، ސަމާވީ މަޝްހޫރު ތިން ދީނުގައި ކުލަގަދަ ގޮތަކަށް ނަންގަނެވިފައިވާ ހަމައެކަނި ގައުމެވެ. މިޞްރަކީ، އެތައް ޒަމާނެއްވަންދެން ނަމަށް ބަދަލެއް ނައިސް އޮތް ހަމައެކަނި ގައުމެވެ. މިޞްރަކީ، ނީލަކޯރުގެ ދެއްވުމެއް ކަމަށް ބުނެވޭ ހަމައެކަނި ގައުމެވެ. މިޞްރަކީ، އެ ގައުމެއްގެ ރައްޔިތުން އެ ގައުމަކަށް ދުނިޔޭގެ މަންމަ އެވެ ކިޔާ ހަމައެކަނި ގައުމެވެ.

މިޞްރުގެ އާބާދީގެ ބޮޑުބައި ދިރިއުޅެނީ ނީލަކޯރުގެ ވާދީގަ އެވެ. ޚާއްޞަކޮށް (القاهرة الكبرى) ބޮޑު ގާހިރާ އާއި އިސްކަންދަރިއްޔާގަ އެވެ. ބޮޑު ގާހިރާގައި ގާތްގަނޑަކަށް މުޅި މިޞްރުގެ އާބާދީގެ ހަތަރުބައިކުޅަ އެއްބައި ދިރިއުޅެ އެވެ. ބޮޑު ގާހިރާގެ ނަން ދެވިފައިވަނީ، ވެރިރަށް ގާހިރާ އާއި، އެރަށުގެ ހުޅަނގުފަރާތުގައި އޮންނަ ޖީޒާ އާއި، އުތުރު ފަރާތުގައި އޮންނަ ގަލްޔޫބިއްޔާ އަށެވެ. ގާހިރާ އަކި، މެދު އިރުމައްޗާއި އެފްރިކާއާއި ޢަރަބިކަރާގައި އޮތް އެންމެ އާބާދީ ބޮޑު ސަހަރެވެ. މީހުން ދިރިއުޅޭ އެހެން ސަރަޙައްދުތަކަކީ، ނީލަ ކޯރުގެ ޑެލްޓާ އާއި، މެދުތެރޭ ކަނޑާއި ރަތް ކަނޑުގެ އައްސޭރިއާއި، ސްވޭސް ކެނަލްގެ ކައިރީގައިވާ ރަށްތަކެވެ. މިތަންތަނުގެ އޭރިއާއަކީ ގާތްގަނޑަކަށް 40000 އަކަ ކިލޯ މީޓަރެވެ. މިޞްރުގެ ބިމުގެ ބޮޑުބައިގައިވަނީ، ހަނަފަސް ސަހަރާ އެވެ.

މީލާދުގެ ކުރިން މިޞްރުގައި އޮތް ފިރުޢައުނީ ޙަޟާރަތަކީ، މަޝްހޫރު ޙަޟާރަތެކެވެ. އެ ޙަޟާރަތުން ވާރުތަވެފައިވާ ބައެއް ތަންތަނަކީ، މުޅި ދުނިޔެއިން ފާހަގަކޮށްލެވޭ ވަރަށް ޚާއްޞަ ތަންތަނެވެ. އޭގެ ތެރޭގައި މިޞްރުގެ ޖީޒާގައި ވާ ޕިރަމިޑްތަކާއި ސްފިންކްސް ބުދު ހިމެނެ އެވެ. އަދި އުޤުޞުރުގައި ވާ ކަރުނަކު ފައްޅި އެވެ.

މިޒަމާނުގައި މިޞްރު ފާހަގަކުރެވިފައިވަނީ، މެދުއިރުމަތީގެ ސަގާފަތާއި ސިޔާސަތުގެ މައި މަރުކަޒުގެ ގޮތުގަ އެވެ. މިޞްރަކީ، ތިން ޖީމުގެ ރަށް ކަމަށް އާންމުން ބުނެއުޅެ އެވެ. އެ ތިންޖީމަކީ، ޖާސޫސްކުރުމުގެ ޖީމާއި، ޖަރީމާ ހިންގުމުގެ ޖީމާއި، ޖިންސީ ކަންތަކުގެ ޖީމެވެ. ބައިނަލްއަޤުވާމީ ފެންވަރުގައި ޖާސޫސްކުރުމާއި، ޖަރީމާހިންގުމާއި، ޖިންސީގުޅުންތަކަށް މިޞްރުވަނީ ހުޅުވާލެވިފަ އެވެ.

ޢަރަބި ދުނިޔޭގައި އޮތް އެންމެ އާބާދީ ބޮޑު ގައުމަކީ މިޞްރެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު، މިޞްރަކީ އެންމެ އާބާދީ ބޮޑު 15 ވަނަ ގައުމެވެ. އަދި އެފްރިކާގެ ބައްރުގައި، ނައިޖީރިއާއަށްފަހު އެންމެ އާބާދީ ބޮޑު ގައުމަކީ ވެސް މިޞްރެވެ. މިޞްރުގެ އަބާދީގެ ބޮޑު ބައި ދިރިއުޅެނީ، ނީލަ ކޯރުގެ ވާދީގަ އެވެ. ގެދޮރު އެޅިފައިވަނީ، ބިމުގެ އޭރިއާގެ 5 އިންސައްތައިގަ އެވެ. އެނޫން ބިންތަކުގައި ވަނީ ދަނޑުފަގުތަކާއި ހަނަފަސް ސަހަރާ އެވެ.


ނަން

ޢަރަބި ބަހާއި ސާމީ އެހެން ބަސްތަކުގައި މިޞްރުގެ ނަމުގެ އަސްލަކީ، ސާމީ ލަފުޒެއްގެ މުލެކެވެ. އޭގެ މާނަތަކުގެ ތެރޭގައި، "ރަށް" އާއި "ބިން" އާއި "ފެތުރިފައިވާ ބައްރު" ހިމެނެ އެވެ. އަދި އޭގެ މާނަތަކުގައި، "ކިއްލާ" އާއި "ޙިމާޔަތްކުރެވިފައިވާ ރަށް" ވެސް ހިމެނެ އެވެ.

ޢަރަބިން ކިޔަނީ މިޞްރެވެ. މިޞްރު ގެ ނަން ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވެ އެވެ. މާތް ﷲ ވަޙީކުރައްވާފައި ވެ އެވެ.

(وَقَالَ الَّذِي اشْتَرَاهُ مِن مِّصْرَ لاِمْرَأَتِهِ أَكْرِمِي مَثْوَاهُ)
ޔޫސުފު: 21

މާނައީ، "މިޞްރުން އެކަލޭގެފާނު ގަތް މީހާ، އޭނާގެ އަންހެނުންނަށް ބުންޏެވެ. ކަނބުލޭގެ، އެކަލޭގެފާނުގެ ހުންނެވުން ރަނގަޅު ގޮތަކަށް ހަމަޖައްސަވާށެވެ!"

ޢަރަބި ބަހުގައި މިޞްރުގެ މާނައަކީ، ރަށެވެ. ނުވަތަ ގައުމެވެ.

ގަދީމީ ޒަމާނުގައި ފިރުޢައުނުން ކިޔާފައިވާ ނަމަކީ، "ކިމިތު" އެވެ. ކިމިތު ގެ މާނައަކީ، "ކަޅު ބިން" އެވެ. އެމީހުން މިޞްރުގެ ބިމަށް މިނަންކީ، ނީލަކޯރުގެ ވާދީގެ ބިމުގެ ވެލީގެ ކުލައަކީ ކަޅުކުލަ ކަމަށްވާތީ އެވެ. އެއީ ހަނަފަސް ސަހަރާގެ ބިމުގައިވާ ރަތް ފާޑުގެ "ދިޝްރިތު" ކުލައާ ތަފާތު ކުލައެކެވެ.

ބައިބްލް (التوراة) ގެ އޯލްޑް ޓެސްޓްމެންޓް (العهد القديم) ގައިވާ ހިބްރޫ ނަމަކީ، מִצְרַיִם އެވެ. މިނަން ކިޔާ ގޮތަކީ، މިޞްރާޔިމް (مصرايم) އެވެ. މީގެ މާނައަކީ، ގައުމެވެ. ނުވަތަ ސަހަރެވެ. ތައުރާތު ނުވަތަ ބައިބްލްގެ މިތޮލޮޖީ ބުނާ ގޮތުގައި، މިޞްރު މީހުންގެ ދުރު ކާފައަކީ، ނޫޙުގެފާނުގެ ދަރިކަލުން "ޙާމު" އެވެ. މިވާހަކަ، ތައުރާތުގެ ސިފުރުއްތަކުވީނުގެ 10 ވަނަ އިޞްޙާޙުގައި ބަޔާންވެފައިވެ އެވެ.

ޔޫރަޕްގެ ގިނަ ބަސްތަކުގައިވާ މިޞްރުގެ ނަން ނެގިފައިވަނީ، ލެޓިން ބަހުގެ، އިޖީޕްޓޫސް (Aegyptus) އިންނެވެ. މި ލަފުޒު ނެގިފައިވަނީ، ގަދީމީ ގްރީކު (ޔޫނާނީ) ބަހުގެ އައިޖީޕްޓޯސް (Αίγυπτος) އިންނެވެ. މި ލަފުޒުގެ އަސްލަކީ، ޙުޠު ކާ ބިތާޙު (حط كا بتاح) ކަމަށް ބައެއް މުޙައްޤިޤުން ބުނެ އެވެ. ޙުޠު ކާ ބިތާޙު ގެ މާނައަކީ، "ބިތާޙުގެ ފުރާނައިގެ މަންޒިލް" އެވެ. މިއީ، ގަދީމީ މިޞްރުގެ ވެރިރަށް މަނަފު (منف) ގައިވާ ބިތާޙު ފައްޅީގެ ނަމެވެ. އެފައްޅީގެ މަޝްހޫރުކަމުން، އެތަނުގެ ނަން، ގައުމުގެ ނަމަކަށްވެ އާންމުވީ އެވެ.

"އިޖިޕްޓް" އާ ގާތް ނަމެއް ކީރިތި ޤުރުއާނުގައި ވެސް ވާރިދުވެފައިވެ އެވެ. އެއީ އަލްޖިބްތު (الجبت) އެވެ. މާތް ﷲ ވަޙީކުރައްވާފައިވެ އެވެ.

(يُؤْمِنُونَ بِالْجِبْتِ وَالطَّاغُوتِ)
އައްނިސާ: 51

މާނައީ، " އެއުރެން ބުދަށާއި، ޝައިޠާނާއަށް އީމާންވެ އެވެ."

ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާގައި "އަލްޖިބްތު" މާނަކޮށްފައިވަނީ ބުދު ކަމަށެވެ. ނަމަވެސް އޭގައި އެނޫން މާނަތައް ހިމެނެ އެވެ.

ޢުމަރުގެފާނު ވިދާޅުވެފައިވެ އެވެ. "އަލްޖިބްތަކީ ސިޙުރެވެ."
ބައެއް ތަފުސީރު ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ. "އަލްޖިބްތަކީ، މާތް ﷲ ފިޔަވައި އަޅުކަންކުރެވޭ ކޮންމެ އެއްޗެކެވެ."
ބައެއް ތަފުސީރު ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ. "އަލްޖިބްތަކީ، ޝައިޠާނާ އެވެ."
ބައެއް ތަފުސީރު ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ. "އަލްޖިބްތަކީ، ބުދެވެ."
ބައެއް ތަފުސީރު ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ. "އަލްޖިބްތަކީ، ކާހިނުންނެވެ."
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވެފައިވެ އެވެ. "އަލްޖިބްތުގެ މާނަތަކުގެ ތެރޭގައި، މުފައްސިރުން ވިދާޅުވެފައިވާ ހުރިހާ އެއްޗެއް ހިމެނެ އެވެ."


ތާރީޚު

މީލާދުގެ 250000 (ދުއިސައްތަ ފަންސާސް ހާސް) އަހަރު ކުރިން، މިޞްރުގައި މީހުން ދިރިއުޅެފައިވާކަން އެނގެ އެވެ. މީލާދުގެ 35000 (ތިރީސް ފަސް ހާސް) އަހަރު ކުރިއްސުރެ، މިޞްރު އޮންނަ ސަރަޙައްދަށް ވާރޭވެހުން ހުއްޓި، އެ ސަރަޙައްދު ހަނަފަސް ޞަޙަރާއަކަށް ބަދަލުވާން ފެށި އެވެ.

އިންސާނީ ތާރީޚުގައި، ތާރީޚު އެނގެން އޮތް އެންމެ ދިގު ޢުމުރެއް ލިބިފައިވާ އެއް ޤައުމަކީ މިޞްރެވެ. މިޞްރުގެ އެނގެން އޮތް ތާރީޚުގެ ޢުމުރު ފެށިފައިވަނީ، މީގެ 7000 (ހަތް ހާސް) އަހަރު ކުރިންނެވެ. ތިރީގައި މިވަނީ، އެހިސާބުން ފެށިގެން މިއަދާ ހަމައަށް، މިޞްރުގެ ތާރީޚުގެ ވަރަށް ކުރު ކުރު ޚުލާޞާއެކެވެ. ތަފާތު މަޞްދަރުތަކަށް ރުޖޫޢަވެ ބަލާއިރު، ބައެއް ޙާދިސާތައް ހިނގާފައިވާ އަހަރުތަކުގައި ތަފާތެއް ހުރުމަކީ، އެކަށީގެންވާ ކަމެކެވެ.
(މ.ކ. ގެ މާނައަކީ، މީލާދުގެ ކުރި އެވެ. މ. ގެ މާނައަކީ، މީލާދުގެ ފަހެވެ.)

5000 މ.ކ. މިޞްރުގެ ދެކުނުގައިވާ ޞަޙަރާގައި ތަރިގާ ޖަހައިގެން، އިރު، ހަނދާއި، ތަރިތަކުގެ ދައުރުކުރުން ބެލުމުގެ މަސައްކަތް ފެށުނެވެ.
4000 މ.ކ. މިޞްރުގައި ޤަބީލާގެ ވެރިކަން ފާޅުވެ، ދަނޑުވެރިކަމުގެ މަސައްކަތް އިންތިޒާމުން ކުރެވެން ފެށުނެވެ.
3200 މ.ކ. މިޞްރުގެ ބައިބައިވެފައިވާ ވެރިކަން، އެއްކޮށް، އެއްވެރިކަމެއް ޤާއިމުކުރެވުނެވެ.
2772 މ.ކ. އަހަރު ދުވަހުގެ ދިގުމިނަކީ، 365 ދުވަސްކަން މިޞްރު މީހުން ކަޝްފުކުރި އެވެ.
2700 ވަނަ އަހަރު، ފިރުޢައުނު ޒޮސަރު (Zoser) ޞައްޤާރާގައި، މަޝްހޫރު ސިޑި ޕިރަމިޑް (step pyramid) ބިނާކުރި އެވެ.
2560 މ.ކ. ފިރުޢައުނު ޚޫފޫ (Khufu) މިޞްރުގެ ބޮޑު ޕިރަމިޑު ބިނާކުރި އެވެ. 13 ވަނަ ޤަރުނާ ހަމައަށް ދުނިޔޭގައި ހުރި އެންމެ އުސް ބިނާއަކީ އެތަން ކަމުގައިވި އެވެ.
2050 މ.ކ. އުޤުޞުރަކީ، މިޞްރުގެ ވެރިރަށް ކަމުގައި ހަމަޖެއްސުނެވެ.
2000 މ.ކ. މިޞްރު މީހުން، ބުޅަލަށް، ހަރުފަ ހިފަން ދަސްކޮށްދިނެވެ. އަދި އެބައިމީހުން ފަލަކީ ޢިލްމުގައި ކުރިއަރައި، ނީލަކޯރުގެ ފެންގަނޑު ބަންޑުންވާނެ ތާރީޚު ދެނެގަތެވެ.
1786 މ.ކ. ބަދަވި ޤަބީލާތަކުގެ މީހުން މިޞްރުގެ އުތުރު ސަރަޙައްދަށް ވެރިވެގަތެވެ.
1600 މ.ކ. ބަދަވިންނާ ދެކޮޅަށް މުޅި މިޞްރުގައި އިންޤިލާބެއް ފެތުރުނެވެ.
1560 މ.ކ. ފިރުޢައުނު އަޙްމުސް (1) (Ahmose I) މިޞްރުގެ ބިމުން ބަދަވި ޤަބީލާތަކުގެ މީހުން ފައްސައި ބޭރުކުރި އެވެ. އަދި އޭނާ، މިޞްރުގައި ވަރުގަދަ ދައުލަތެއް ޤާއިމްކުރި އެވެ. އެއީ، ދުނިޔޭގެ ކަންކޮޅުތަކަށް ނުފޫޒު ހިންގި އިސްތިޢުމާރީ ދައުލަތެއް ކަމުގައިވި އެވެ. 1500 މ.ކ. މައްޗަށް ފެންއުފުލާ އާލަތް (ޝާދޫފު) ހަދައިގެން އޭގެ ބޭނުންކުރެވުނެވެ. މި އާލަތް ބޭނުންކުރަނީ، ދަނޑުބިންތަކަށް ބޭނުންވާ ފެން، އެ ބިންތަކަށް ފޯރުކޮށްދިނުމަށްޓަކަ އެވެ.
1425 މ.ކ. ފިރުޢައުނު ތަޙްތަމުސް (3) (Thutmose III) މިޞްރުގެ ވެރިކަމަށް އިސްވި އެވެ.
1375 މ.ކ. ކަލާނގެ އެއްކައުވަންތަކަމަށް، އަޚްނާތޫން (Akhnaton) ގޮވާލި އެވެ. މިކަމުގެ ސަބަބުން މިޞްރު މީހުންގެ މެދުގައި ބައިބައިވުން އުފެދި، ދައުލަތް ރޫޅުނެވެ.
1271 މ.ކ. ސަރުކާރާ ދެކޮޅަށް ތެދުވި އިންޤިލާބީންނާ ދެކޮޅަށް ހަނގުރާމަކޮށް، ފިރުޢައުނު ރެމްސީސް (2) (Ramses II) ނަޞްރު ހޯދި އެވެ.
1285 މ.ކ. ޙައިޘީންގެ ރަސްގެފާނާއި ފިރުޢައުނު ރެމްސީސް (2) (Ramses II) އާ ދެމެދު ޞުލްޙައިގެ އެއްބަސްވުމެއް ޤާއިމުކުރެވުނެވެ. އެއީ ތާރީޚުން އެނގެން އޮތް، ލިޔެވިފައިވާ ޞުލްޙައިގެ ފުރަތަމަ އެއްބަސްވުމެވެ.
1236 މ.ކ. ކަނޑުމަގުންނާއި ލީބިޔާއިން އައި ހަނގުރާމަވެރިންނާ ހަނގުރާމަކޮށް މިޞްރުގެ ފިރުޢައުނު، މިރިންބްތާޙް، (Merenptah) ނަޞްރު ހޯދި އެވެ. އޭނާގެ ފަތްފުށްތަކުގައި ލިޔެފައިވަނީ، ޔިސްރާއީލާ ހަނގުރާކޮށް، 1231 ވަނަ އަހަރު، އެބައިމީހުން ނެއްތާލެވުނު ކަމަށެވެ.
1167 މ.ކ. ފިރުޢައުނު ރެމްސީސް (3) (Ramses III) މަރުވި އެވެ. އެއަށްފަހު، މިޞްރުގެ މަރުކަޒީ ސަރުކާރާއި ކަހީނުންގެ އާރާއި ބާރު ދަށްވި އެވެ. އަދި ތިންވަނަ ފަހަރަށް، މިޞްރުގެ ފިރުޢައުނީ ޙަޟާރަތު ނެތިދިއުމުގެ މަރްޙަލާއަކާ ކުރިމަތިވި އެވެ.
750 މ.ކ. ނޫބާގެ ރާޖާ، މިޞްރަށް ވެރިވި އެވެ. އަދި އޭނާއަކީ، އާމޫން އިލާހުގެ ދަރި، ފިރުޢައުނު ކަމަށް އިޢުލާންކުރި އެވެ.
671 މ.ކ. އާޝޫރީންގެ ޢަސްކަރީ ބާރުތައް، މިޞްރަށް ވެރިވެ، ނޫބާ ދަރިކޮޅު މީހުންގެ ވެރިކަން ނައްތާލި އެވެ.
671 މ.ކ. މިޞްރު މީހުން، އާޝޫރީންނާ ދެކޮޅަށް ނުކުމެ، އެބައިމީހުން މިޞްރުން ފައްސާ ބޭރުކޮށްލި އެވެ.
601 މ.ކ. މިޞްރާ ހަނގުރާމަކުރަން އައި ބާބިލީންނާ ދެކޮޅަށް، ފިރުޢައުނު ނިކާއު (2) (Nekau II) ނުކުމެ، ބާބިލީން ގިއްގަޅުވާލި އެވެ.
525 މ.ކ. ފާރިސީން މިޞްރަށް ވެރިވެ، 405 މ.ކ. އާ ހަމައަށް މިޞްރުގައި ވެރިކަންކުރި އެވެ.
405 މ.ކ. މިޞްރު މީހުން، ފާރިސީންނާ ދެކޮޅަށް ނުކުމެ، މިޞްރުގެ ބިމުން ފާރިސީން ބޭރުކުރި އެވެ.
343 މ.ކ. ފާރިސީން ދެވަނަ ފަހަރަށް މިޞްރަށް ވެރިވެ، 332 މ.ކ. އާ ހަމައަށް ވެރިކަން ކުރި އެވެ.
332 މ.ކ. އެލެގްޒަންޑަރ ދި ގްރޭޓް، މިޞްރާ ހަނގުރާމަކުރި އެވެ. އަދި މިޞްރުގެ މަޝްހޫރު ރަށް އިސްކަންދަރިއްޔާ ބިނާކުރި އެވެ.
305 މ.ކ. މިޞްރުގައި ބަޠާލިމުން ގެ ވެރިކަން ފެށުނެވެ.
30 މ.ކ. ކްލިއޮޕެޓްރާ ދަންޖެހި މަރުވުމުން، ބަޠާލިމުންގެ ވެރިކަން ނިމުނެވެ. ދެން ރޫމީންގެ ވެރިކަން ފެށުނެވެ.
330 މ. ރޫމީންގެ ވެރިކަން މިޞްރުގައި އޮތެވެ.
1 މ. ނަޞާރާދީން މިޞްރަށް ވާޞިލުވި އެވެ.
މިޞްރުގައި ބިނާކުރެވުނު ފުރަތަމަ މިސްކިތް
639 މ. އިސްލާމްދީން މިޞްރަށް ވާޞިލުވި އެވެ.
1805 މ. މުޙައްމަދު ޢަލީ ބާޝާގެ ވެރިކަން ފެށުނެވެ. އޭނާއަކީ، މިޒަމާނުގެ މިޞްރުގެ ބާނީ އެވެ.
1922 މ. އިނގިރޭސީންގެ ޙިމާޔަތުގެ ދަށުގައި އޮތުމަށްފަހު، މިޞްރަށް މިނިވަންކަން ލިބުނެވެ.
1923 މ. ބަރުލަމާނީ ނިޒާމަށް ފެތޭގޮތަށް މިޞްރުގެ ގާނޫނު އަސާސީ ތަންފީޒުކުރެވުނެވެ.
1924 މ. މިޞްރުގެ ބޮޑު ވަޒީރުގެ މަޤާމަށް ސަޢުދު ޒަޣުލޫލު އިސްކުރެވުނެވެ.
1952 މ. ޖުލައި އިންގިލާބު ގެނެވުނެވެ. މި އިންޤިލާބުގެ ޤާއިދުންނަކީ، މުޙައްމަދު ނަޖީބާއި ޖަމާލު ޢަބްދުއްނާޞިރެވެ. މިއިންގިލާބަށްފަހު، މިޞްރުގައި އޮތް ޒަމާންވީ ރަސްކަން ނިމި ޖުމްހޫރިއްޔަތަކަށް ބަދަލުވުމުގެ މަގު ފަހިވި އެވެ.
1953 މ. މިޞްރުގެ ފުރަތަމަ ރައީސަކަށް (18 ޖޫން 1953 ގައި) ޖެނެރަލް މުހައްމަދު ނަޖީބް އިސްކޮށް، މިޞްރުގެ ފުރަތަމ ޖުމްހޫރިއްޔަތު އިޢުލާންކުރި އެވެ.
1954 މ. ޖަމާލު ޢަބުދުއް ނާޞިރު އަޑީގައި ހުންނަވައިގެން ޖެނެރަލް މުޙައްމަދު ނަޖީބު ރައީސްކަމުން އިސްތިއުފާ ދެއްވުމަށް ޕްރެޝަރކުރެއްވި އެވެ.
1956 މ. އިގިރޭސިން އަތްދަށުން މިޞްރު މިނިވަންވެ، ފުރިހަމަ ޖުމްހޫރިއްޔާ އަކަށްވީ 18 ޖޫން 1956 ގަ އެވެ. ޖަމާލު ޢަބުދުއް ނާޞިރު މިޞްރުގެ ރައީސްކަމަށް އިސްވެ ވަޑައިގަތީ އެދުވަހު އެވެ.
1956 މ. ގައި ސުއޭޒް ކެނަލް ރަސްމީކޮށް ހުޅުވުނީ 26 ޖުލައި 1956 ގަ އެވެ.
1967 މ. މިޞްރާއި އިސްރާއީލާ ދެމެދުގައި 6 ދުވަހުގެ ހަނގުރާމައެއް ކުރެވުނެވެ.
1970 މ. 28 ސެޕްޓެމްބަރ 1970 ގައި ޖަމާލު ޢަބްދުއްނާޞިރު އަވަހާރަވި އެވެ. އޭނާ އަވަހަރަވީ ހަކުރުބަލީގައި އުޅުއްވުމަށްފަހު، ހިތުގެ އާލާސްކަންފުޅެއްގައި ކަމަށް ޢާއިލާއިން ކަށަވަރުކޮށްދެ އެވެ. ނަމަވެސް އޭނާ އަވަހާރަވީ ޒަހަރެއްގެ ސަބަބުން ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެ އެވެ.

ދޫދޫ މަތިން ދެކެވޭ ވާހަކައެއްގައި ވެ އެވެ.... ޒަޢީމު ޖަމާލު ޢަބްދުއްނާޞިރު އަވަހާރަވުމުން ބޮޑު ރަސްމިއްޔާތެއްގައި އޭނާ ވަޅުފުޅު ލެއްވުމަށް އަންވަރުއްސާދާތު ނިންމެވި އެވެ. އެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގެންނެވުމަށް ގައުމުތަކުގެ ވެރިން ވަޑައިގަންނަވަންދެން އައިސް އަލަމާރިއަކަށް ލާފައި އޭނާގެ ހަށިކޮޅު ބޭއްވުނެވެ. އެ އައިސްއަލަމާރި ހުރީ، ޤަޞްރުލް ޤުއްބާ ގަ އެވެ. އެއީ މިޞްރުގެ ކުރީގެ ރަސްގެފާނު ފާރޫޤުގެ ގަނޑުވަރެވެ.... ކަންދިމާވި ގޮތުން، ޖަމާލު ޢަބްދުއްނާޞިރުގެ ހަށިކޮޅު އައިސްއަލަމާރިއަށް ލާފައިވަނިކޮށް، އެއިން ކަރަންޓް ކެނޑިއްޖެ އެވެ. އެކަން އެއްވެސް މީހަކަށް ނޭނގެ އެވެ. ހަތަރު ފަސް ދުވަސް ފަހުން، ރަސްމިއްޔާތު ބޭއްވުމަށްޓަކައި، އޭނާގެ ހަށިކޮޅު ނަގަން ދިޔަ މީހުން، އައިސް އަލަމާރި ހުޅުވާލުމުން އެއިން އެތައް ބައިވަރު ފަނިފަކުސަތައް އުތުރިއަރަން ފެށި އެވެ. ދެން އެމީހުން އެ ފަނިފަކުސަ މެރުމަށްޓަކައި އަލިފާން ނިއްވާ ފުޅިތަކާއި އެނޫން ކެމިކަލް ބޭނުންކުރި އެވެ. ހަށިކޮޅު ވަނީ ފައިފަކުސަ ކައި ހުސްކޮށްފަ އެވެ. އެހެންކަމުން ރަސްމިއްޔާތަށް ގެންދިޔައީ، ޖަމާލު ޢަބްދުއްނާޞިރުގެ ހަށިކޮޅު ނެތް ހުސް ސަންދޯކެކެވެ.... މިވާހަކައިގައި ވަނީ ކިހާވަރެއްގެ ޙަޤީޤަތެއް ކަމެއް ނޭނގެ އެވެ.

1971 މ. އަންވަރުއް ސާދާތުގެ ވެރިކަން ފެށުނެވެ.
1973 މ. މިޞްރާއި ސޫރިޔާ ގުޅިގެން އިޒްރޭލާ ދެކޮޅަށް ހަގުރާމަ ކުރި އެވެ. މިހަނގުރާމަ ފެށުނީ، 6 އޮކްޓޯބަރ 1973 މ. (10 ރަމަޟާން 1393 ހ.) ގަ އެވެ. މިހަނގުރާމަ ކާމިޔާބުކުރީ މިޞްރާއި ސޫރިޔާ އެވެ. މިހަނގުރާމަ ކުރެވުނީ، ސައިނާއާއި ގޯލާންގެ އުސްބިންތައް ހޯދުމަށްޓަކަ އެވެ. މިހަނގުރާމައިގެ ސަބަބުން، މިޞްރުގައި އޭރު ހުންނެވި ރައީސް، އަންވަރުއްސާދާތުގެ މަޤުބޫލުކަން އިތުރުވެގެން ދިޔަ އެވެ. މި ހަނގުރާމައިގައި ކާމިޔާބު ލިބުނީ، މިޞްރުގައި ތިބި ސޮވިއެޓް ޔޫނިއަންގެ ޢަސްކަރީ ތަޖުރިބާކާރުންގެ ރޭވުންތެރިކަމުންނެވެ. އެއަށްފަހު، އެމީހުނަށް މި ކާމިޔާބު ނިސްބަތްވެދާނެތީ، އަންވަރުއްސާދާތު އެމީހުން މިޞްރުން ބޭރުކުރެއްވި އެވެ. މިއީ ރަޝިއާ އާ ދުރަށް ޖެހިވަޑައިގެންނެވުމަށާއި، ޔޫއެސްއޭ އާ ކައިރިވެ ވަޑައިގެންނެވުމަށްޓަކައި އެޅުއްވި ފިޔަވަޅެއްވެސްމެ އެވެ.
1977 މ. މިޞްރުގެ ރައީސް އަންވަރުއްސާދާތު، އިސްރާއީލަށް ތާރީޚީ ދަތުރުފުޅެއް ކުރެއްވި އެވެ.
1978 މ. 1977 ވަނަ އަހަރު އަންވަރުއްސާދާތު، އިސްރާއީލަށް ކުރެއްވި ޒިޔާރަތަށްފަހު، މިޞްރާ އިޒްރޭލާ ދެމެދު ޞުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. މިއެއްބަސްވުމާމެދު ޢަރަބި ގައުމުތަކުން ދެކޮޅުހެދި އެވެ. ނަތީޖާއަކަށްވީ، 1989 ވަނަ އަހަރާއި ހަމައަށް އަރަބް ލީގުން މިޞްރު ވަކިކޮށްފައި އޮތުމެވެ.
1981 މ. އަންވަރުއްސާދާތުގެ ހަށިކޮޅަށް ބަޑިޖަހައި، އޭނާ އަވަހާރަކޮށްލެވުނެވެ. މިކަމުގެ ސަބަބަކީ، އިސްރާއީލާ އެކު ސޮއިކުރެއްވި އެއްބަސްވުމާ ދެކޮޅުހަދާކަން ފާޅުކުރާ މީހުން ހިފައި ހައްޔަރުކޮށް ޖަލަށް ލުމެވެ. އެގޮތުން ހިފައި ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި، އިސްލާމީ ޖަމާޢަތްތަކުގެ މެމްބަރުންނާއި، ފައްޅިތަކުގެ މަސްއޫލުވެރިންނާއި، ލިއުންތެރިންނާއި، ނޫސްވެރިންނާއި، ވާތުފިޔާގެ މުފައްކިރުންނާއި، ލިބަރަލް ފިކުރުގެ އަހުލުވެރިން ހިމެނެ އެވެ. ޖަލަށް ލެވުނު މީހުންގެ ޢަދަދު 1536 އަށް އެރި އެވެ. އަންވަރުއްސާދާތު އަވަހާރަކޮށްލެވުނީ، 6 އޮކްޓޫބަރ 1981 ގަ އެވެ. އޭނާ އަވަހާރަކޮށްލެވުނީ، ހަނގުރާމައިގައި ކާމިޔާބު ލިބުނު 6 އޮކްޓޫބަރ ގެ މުނާސަބަތު ފާހަގަކުރެވުނު އަސްކަރީ އިޙުތިފާލެއްގައި އިންނަވަނިކޮށެވެ. އެކަމުގައި އިސްވެ ޙަރަކާތްތެރިވި މީހަކީ، ޚާލިދުލް އިސްލާމްބޫލީ އެވެ. ޚާލިދަކީ، އިސްލާމީ ޖިހާދު ޖަމާޢަތުގެ މެމްބަރެކެވެ.
1981 މ. މުޙައްމަދު ޙުސްނީ މުބާރަކުގެ ވެރިކަން ފެށުނެވެ. އޭނާ ރައީސްކަމަށް އިސްވެވަޑައިގަތީ 14 އޮކްޓޯބަރ 1981 ގަ އެވެ.
2003 މ. ކިފާޔާ މޫވްމެންޓް އުފެދި، އެ ޙަރަކާތުން މިޞްރަށް ޒަމާނީ ޑިމޮކްރެސީ ގެނައުމުގެ އަޑު އުފުލި އެވެ.


ވިލާޔަތްތައް

ވިލާޔަތަށް ޢަރަބިބަހުން ކިޔަނީ محافظة (މުޙާފަޡާ) އެވެ. އިނގިރޭސި ނަމަކީ، State ނުވަތަ Province ނުވަތަ Colonie އެވެ. މުޙާފަޡާ ނުވަތަ މުހާފަޒާ، ޢަރަބި ބަހުން އިނގިރޭސިބަހަށް ތަރުޖަމާކުރަނީ، Governorate ކަމަށެވެ.

އިދާރީ ގޮތުން މިޞްރުވަނީ 29 ވިލާޔަތަށް ބަހާލެވިފަ އެވެ. އެ ވިލާޔަތްތަކަކީ:

1. އިސްކަންދަރިއްޔާ
2. އަސްވާން
3. އަސްޔޫޠު
4. ބުޙައިރާ
5. ބަނީ ސުވައިފު
6. ޤާހިރާ
7. ދަޤަހަލިއްޔާ
8. ދިމްޔާޠު
9. ފައްޔޫމު
10. ޣަރުބިއްޔާ
11. ޖީޒާ
12. އިސްމާޢީލިއްޔާ
13. ކަފްރުއްޝައިޚު
14. މަޠުރޫޙު
15. އަލްމީނިޔާ
16. އަލްމުނޫފިއްޔާ
17. ވާދިލްޖަދީދު
18. އުތުރު ސައިނާ
19. ޕޯރޓް ސައިޑް
20. ޤަލްޔޫބިއްޔާ
21. ޤިނާ
22. ބަޙުރުލްއަޙުމަރު
23. ޝަރުޤިއްޔާ
24. ސޯހާޖު
25. ދެކުނު ސައިނާ
26. ސުއޭޒް
27. އުޤުޞުރު
28. ޙިލްވާން
29. 6 އޮކްޓޯބަރ


އިގްތިޞާދު

މިޞްރުގެ އިޤުތިޞާދުގެ މައިބަދަ ބިނާވެފައިވަނީ، ދަނޑުވެރިކަމާއި، ފަތުރުވެރިކަމާއި، ތެޔޮ އެކްސްޕޯޓްކުރުމާއި، މީޑިއާގެ މައްޗަށެވެ. ތެލުގެ އިތުރުން ބޯޓްދެއްޔާއި ގުދުރަތީ ގޭހަކީވެސް ވިޔަފާރީގެ ގޮތުގައި މިޞްރުގެ ބިމުން ބޭރުކުރެވޭ ތަކެއްޗެވެ. މިޞްރަށް އެންމެ ގިނައިން ފައިސާ ވަންނަނީ، ފަތުރުވެރިކަމުންނާއި، ސުއޭޒް ކެނަލް ހުރަސްކުރާ ބޯޓްފަހަރުން ދައްކާ ޗާޖުންނެވެ. އެމެރިކާއިން އެހީގެ ގޮތުގައި 2.2 މިލިއަން ޑޮލަރ ކޮންމެ އަހަރަކު ދޭން ފަށާފައިވަނީ، 1979 ވަނަ އަހަރުން ފެށިގެންނެވެ.

މިޞްރުގެ ބިމުން، އެންމެ ގިނައިން ތެލާއި ގުދުރަތީ ގޭސް ނަގަނީ، ހުޅަނގު ސަހަރާއިންނާއި، ނީލަކޯރުގެ ޑެލްޓާ ސަރަހައްދުންނާއި، ސުއޭޒް ކަނޑުއޮޅީގެ ސަރަހައްދުންނެވެ.

މިޞްރަކީ މަސައްކަތްތެރިން ވެސް ފޮނުވާ ގައުމެކެވެ. މިޞްރުގެ 3 މިލިއަނަށްވުރެ ގިނަ މީހުން އެހެން ގައުމުތަކުގައި މަސައްކަތްކުރަމުން ގެންދެ އެވެ. އެންމެ ގިނަ ބަޔަކު މަސައްކަތްކުރަމުން ގެންދަނީ ސުޢޫދީ ޢަރަބިއްޔާ ގަ އެވެ. އަދި ގަލްފުގެ އެހެން ގައުމުތަކާއި، ޔޫރަޕުގެ ގައުމުތަކާއި އެމެރިކާގައި ވެސް މިޞްރު މީހުން މަސައްކަތް ކުރެ އެވެ.


ސިޔާސަތު

މިޞްރުގައި ޖުމްހޫރީ ސަރުކާރެއް އުފެދުނީ، 23 ޖުލައި 1952 ގަ އެވެ. ފުރަތަމަ ރައީސަކީ މުޙައްމަދު ނަޖީބެވެ. ދެވަނަ ރައީސަކީ ޖަމާލު ޢަބްދުއްނާޞިރެވެ. އޭނާ ވެރިކަމަށް ވަޑައިގަތީ، އިންގިލާބީ މަޖިލީހުގެ ވެރިކަމުން ފުރަތަމަ ރައީސް ޢަޒުލުކުރެއްވުމަށްފަހު، ވެރިކަމަށް އަތްގަދަ ކުރައްވައިގެންނެވެ. ބޮޑުވަޒީރަކު ޢައްޔަންކުރުމުގެ ބާރު އޮންނަނީ ރައީސްގެ އަތްޕުޅުގަ އެވެ. ތިންވަނަ ރައީސަކީ، އަންވަރުއްސާދާތު އެވެ. ހަތަރުވަނަ ރައީސަކީ، މުޙައްމަދު ޙުސްނީ މުބާރަކު އެވެ.

ނަޒަރީ ގޮތުން ބަލާއިރު، މިޞްރަކީ، މަލްޓި ޕާޓީ ނިޒާމު އޮންނަ ގައުމެކެވެ. ތިންބާރުވަނީ ވަކިކުރެވިފަ އެވެ. ނަމަވެސް ޢަމަލީ ގޮތުން ފެންނަނީ، ހުރިހާ ބާރެއް ރައީސްގެ އަތްޕުޅުގައިވާ ތަނެވެ.

2005 ވަނަ އަހަރުގެ އިންތިޚާބުގައި ރައީސް ޙުސްނީ މުބާރަކާ ވާދަކުރެއްވީ އައިމަން ނޫރެވެ. ބޮޑު ތަފާތަކުން ހޮވިވަޑައިގަތީ ޙުސްނީ މުބާރަކެވެ.

އެތައް އަހަރެއް ވަންދެން ވެރިކަން ކުރަމުން ގެންދިޔަ ސިޔާސީ ޕާރޓީ އަކީ، ނޭޝަނަލް ޑިމޮކްރަޓިކް ޕާޓީ އެވެ. އެޕާޓީގެ ރައީސަކީ ވެސް ޙުސްނީ މުބާރަކެވެ. މިޞްރުގައި ޑިމޮކްރެސީ ގާއިމުނުކުރާތީ، ރަސްމީ އަދި ނުރަސްމީ އެތައް ޖަމްއިއްޔާތަކަކާއި ޖަމާއަތްތަކަކުން ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ދީނީ މިނިވަންކަން މިޞްރުގައި ނޯވެ އެވެ. އަޣުލަބިއްޔަތު ނެތް ދީންތަކުގެ އަހުލުވެރިން ވަނީ، ގިއްގަޅުވާލެވިފަ އެވެ. ނަމަވެސް ނަޞާރާދީނުގެ ޕޯޕް، ބާބާ ޝަންނޫދާއާއެކު ގާތް ގުޅުމެއް ޙުސްނީ މުބާރަކު ބާއްވަވާކަން ފާހަގަކުރެވެ އެވެ. އެއީ ނަޞާރާދީނުގެ މީހުންގެ ތާއީދާއި ވޯޓް ހޯއްދެވުމަށްޓަކައި ކުރައްވާ ކަމެއް ކަމަށް ބެލެވެ އެވެ.

މިޞްރަށް އެންމެ ފަހުން އައި އިންގިލާބު ފެށުނީ، 25 ޖެނުއަރީ 2011 ގަ އެވެ. އެ އިންގިލާބުގައި ރައްޔިތުން މަގުތަކަށާއި މައިދާންތަކަށް ނިކުމެ ގޮވާލީ، މުޙައްމަދު ޙުސްނީ މުބާރަކު، ރައީސްކަމުން އިސްތިޢުފާ ދެއްވުމަށެވެ. މިޞްރުގެ ރައްޔިތުން މިގޮތަށް ޢަމަލުކުރަން ޖެހުނު ސަބަބުތަކަކީ:

1. ރައީސް ޙުސްނީ މުބާރަކް ދެން އިތުރު ދައުރަކަށް ކުރިމަތި ނުލެއްވުމަށް އެދުމުން އެކަމަށް އޭނާ އިޖާބަ ނުދެއްވުން.

2. އޭނާގެ ވެރިކަން އޭނާގެ ދަރިއަކަށް ވާރުތަނުކުރުމަށް ގޮވާލުމުން އެއަޑު ނޭއްސެވުން.

3. ވެރިކަން ފަސާދަވެފައިވާ މަންޒަރު ރޯމާދުވާލުގައި ފެންނަމުންދާއިރު ވެސް އިޞްލާޙީ ފިޔަވަޅުތަކެއް އެދެވޭ ގޮތެއްގައި ނޭޅުއްވުން.

މިފަދަ މިފަދަ އެތައް ސަބަބުތަކަކަށްޓަކައި، 25 ޖެނުއަރީގެ އިންޤިލާބު ފެށުނެވެ. މިއިންޤިލާބުގެ އެންމެ ކުރީ ސަފުގައި ތިބީ، ޒުވާނުންނާއި އަންހެނުންނާއި ކުޑަކުދީންނެވެ. ރައްޔިތުން ނުކުމެ ގޮވާލީ ޙުސްނީ މުބާރަކުގެ ވެރިކަން ވައްޓާލުމަށެވެ. ނަމަވެސް ރައްޔިތުންނާ ދެކޮޅަށް ވެރިކަމުގައި ހުންނަވަން އެތައް މަސައްކަތްތަކެއް ކުރެއްވި އެވެ. އެގޮތުން އޭނާކުރެއްވި ބައެއް ކަންތައްތަކަކީ:

1. ސަރުކާރު އުވާލި ކަމަށް އިޢުލާންކޮށް، އެހެން ސަރުކާރެއް އުފެއްދެވުން، އަޙުމަދު ޝަފީޤާ ޙަވާލުކުރެއްވި އެވެ.

2. ދެވަނަ ދައުރަކަށް ކުރިމަތިނުލައްވާނޭ ކަމަށް ވިދާޅުވެ، ނަމަވެސް ވެރިކަމުން އިސްތިޢުފާ ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.

3. އޭނާގެ ވެރިކަން، އޭނާގެ ދަރިފުޅު ޖަމާލު މުބާރަކަށް ވާރުތަ ނުކުރައްވާނޭ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ޖަމާލު މުބާރަކަށް ވަނީ، ނޭޝަނަލް ޑިމޮކްރަޓިކް ޕާޓީ ގެ ވެރިކަން ދެއްވާފަ އެވެ. މިއީ، ވެރިކަން ވާރުތަކުރުމުގެ ބޮޑު ޢަލާމާތެއްކަން ރައްޔިތުންނަށް އެނގެ އެވެ.

4. ޙުސްނީ މުބާރަކުގެ ވެރިކަމުގައި ފުރަތަމަ ފަހަރަށް ނާއިބު ރައީސަކު ޢައްޔަންކުރެއްވި އެވެ. އެއީ، ޢުމަރު ސުލައިމާނެވެ. ނަމަވެސް ޢުމަރު ސުލައިމާނާ ޙަވާލުކުރެއްވީ، ދުސްތޫރުގެ ބައެއް މާއްދާތަކަށް އިޞްލާޙުތައް ގެނައުމަށް ރައްޔިތުން އެދޭ އެދުން ދިރާސާކުރެއްވުމެވެ. އެކަމުގެ ސަބަބުން ރައްޔިތުން ވަރަށް ބޮޑަށް މާޔޫސްވި އެވެ. ނަތީޖާއަކަށްވީ، ހުކުރު ނަމާދުން ފައިބައިގެން އެތައް މިލިޔަން ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާކުރަން ފެށުމެވެ.

ޙުސްނީ މުބާރަކްގެ މިލްކިއްޔާތުގެ މިންވަރު، 40 ބިލިޔަން ޑޮލަރާއި، 70 ބިލިޔަން ޑޮލަރާ ދެމެދުގެ ޢަދަދަކަށް އަރާކަން މީޑިއާގައި ހާމަވުމުން ރައްޔިތުންގެ ގާތަށް އައިސްފައިވާ ރުޅި، އިތުރަށް ކެކިއަރައިގަތެވެ. ފަޤީރުންނާއި މުއްސަނދީން އެ ރުޅިވެރިކަމުގައި ބައިވެރިވި އެވެ.

ދެން ޙުސްނީ މުބާރަކަށް ކުރެއްވުނީ މުޅިން ވެސް ރައްޔިތުން ރުޅިގަދަވާނެ ކަންތައްތަކެވެ. އެއިން އެއްކަމަކީ، ދުސްތޫރުގައިވާ ރައީސުލް ޖުމްހޫރިއްޔާ ގެ މަސްއޫލިއްޔަތުތައް އުފުލުން ޢުމަރު ސުލައިމާނާ ޙަވާލުކުރެއްވުމެވެ. ރައްޔިތުންނަށް މިކަން މޭރުންވީ، ރައްޔިތުންނާ ދެކޮޅަށް އެޅުއްވި އަނިޔާވެރި ފިޔަވަޅެއް ކަމަށެވެ. އެއީ އަދިވެސް އިތުރަށް ވެރިކަމުގައި ދެމިހުންނެވުމަށްޓަކައި ކުރެއްވި ކަމެއް ކަމަށެވެ.

މެދުކެނޑުމެއްނެތި، ހުއްޓާނުލައި، ރައްޔިތުން އަޑުއުފުލުމުގެ ނަތީޖާއަކަށްވީ އެންމެފަހުން އިސްތިޢުފާ ދެއްވަން ޙުސްނީ މުބާރަކަށް މަޖުބޫރުވެވަޑައިގަތުމެވެ. އޭނާ ރައީސްކަމުން އިސްތިޢުފާ ދެއްވީ، 11 ފެބްރުއަރީ 2011 ވީ ހުކުރު ދުވަހު ހަވީރު 6.00 ގަ އެވެ. އެއަށްފަހު ގައުމާ ޙަވާލުވީ ސިފައިންނެވެ. އިސްވެ ހުންނެވީ، ޑިފެންސް މިނިސްޓަރ މުޙައްމަދު ޙުސައިން ޠަންޠާވީ އެވެ. އެހިސާބުން އާ ދައުރެއް ފެށުމަށްޓަކައި، ރައްޔިތުންގެ މަޖިލިސް ވެސް އުވާލެވުނެވެ.


މިއީ މިހާތަނަށް މިޞްރާ ބެހޭ ގޮތުން ތައްޔާރުކުރެވިފައިވާ ލިއުމުގެ ދެލިކޮޕީ އެކެވެ. މިލިއުމަށް މަޢުލޫމާތު އިތުރުކޮށް އާކުރެވޭނެ އެވެ. މިލިއުމުގައި ޓައިޕްކުރުމުގެ ކުށް ހުރުމަކީ އެކަށީގެންވާ ކަމެކެވެ.