ބަންގާޅު


ބަންގާޅުގެ އިނގިރޭސި ނަމަކީ، (Bangladesh) އެވެ. ޢަރަބި ނަމަކީ، ބަންގްލާދޭޝް (بنجلاديش) އެވެ. ބަންގާޅުގެ ރަސްމީ ނަމަކީ، ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލާދޭޝް (People's Republic of Bangladesh) އެވެ. ޢަރަބި ބަހުން ޖުމްހޫރިއްޔަތު ބަންގްލާދޭޝް އައްޝަޢުބިއްޔާ (جمهورية بنجلاديش الشعبية) އެވެ. ބަންގާޅު ބަހުން ކިޔަނީ، গণপ্রজাতন্ত্রী বাংলাদেশ Gônoprojatontri Bangladesh އެވެ.

ބަންގާޅަކީ، އޭޝިއާ ބައްރުގެ ދެކުނުގައިވާ ގައުމެކެވެ. ބަންގާޅާ އިންވެގެން އިރު އުތުރުން ތަންކޮޅަކާއި ދެކުނު ފިޔަވައި ހުރިހާ ފަރާތަކުން އޮންނަނީ އިންޑިއާ އެވެ. އިރު އުތުރުގައި އޮންނަނީ، މިޔަންމާ އެވެ. ދެކުނުގައި ވަނީ، ބަންގާޅު ކަނޑުއޮޅި އެވެ.

ބަންގާޅުގެ އިން ކަނޑައެޅިފައިވަނީ، 1947 މ. ވަނަ އަހަރު، އިންޑިއާއިން ބަންގާޅު ވަކިވެ، އިރުމަތީ ޕާކިސްތާނުގެ ގޮތުގައި އުފެދުނު އިރުގަ އެވެ. އެއަށްފަހު، ޕާކިސްތާނުގެ ހުޅަނގު ބައިން ވަކިވެ، ބަންގާޅު މުސްތަގިއްލު ގައުމަކަށް ވި އެވެ. ބަންގާޅަކީ ޕާކިސްތާނުގެ ބަޔެއްގެ ގޮތުގައި އޮތް އިރުވެސް، ބަންގާޅުވަނީ ޕާކިސްތާނާ ވަކިވެފަ އެވެ. ހުޅަނގު ޕާކިސްތާނާއި އިރުމަތީ ޕާކިސްތާނާ ދެމެދުގައި ގާތްގަނޑަކަށް ހަސަތޭކަ ކިލޯމީޓަރ (އެއްހާސް މޭލު) ވެ އެވެ.

ޕާކިސްތާނުގެ ބަޔެއްގެ ގޮތުގައި ނޯވެ، ބަންގާޅު މިނިވަންވާން ޖެހުނީ، ޕާކިސްތާނުން ބަންގާޅާމެދު އިހުމާލުވުމުންނެވެ. ސިޔާސީ ގޮތުން ބާކީކޮށް، އިގުތިޞާދީ ގޮތުން ބަންގާޅާމެދު ޕާކިސްތާނުން ފަރުވާކުޑަކުރި އެވެ. އަދި ވާހަކަ ދައްކާ ބަހާއި އުޅުމާ ގުޅުމަށް ބަލާއިރު، ޕާކިސްތާނު މީހުންނާއި، ބަންގާޅު މީހުން ގެ މެދުގައި ތަފާތުތަކެއް ވެ އެވެ. މިހެންވެ، މިނިވަންވުމަށްޓަކައި، ބަންގާޅުން ހަނގުރާމަކޮށް، 1971 މ. ވަނަ އަހަރު މިނިވަންކަން ލިބުނެވެ.

މިނިވަންވުމަށްފަހު ވެސް، ބަންގާޅުގައި ބަލިމަޑުކަމާއި، ފަޤީރުކަމާއި، ގުދުރަތީ ކާރިސާތަކާ ކުރިމަތިލާން ޖެހުން ދެމި އޮތެވެ. އޭގެ އިތުރުން ސިޔާސީ ގަނޑުބަޑުތަކާއި ޢަސްކަރީ އިންޤިލާބުތައް ދެމިއޮތެވެ. ބަންގާޅަށް ޑިމޮކްރެސީގެ ހިޔާވަހިކަން ލިބުނީ، 1991 މ. ގަ އެވެ. އެއަށްފަހު، ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބި، އިޤުތިޞާދީ މައިދާނުގައި މަޑުމަޑުން ގައުމު ކުރިޔަށް ދާން ފެށި އެވެ.


ތާރީޚު

މީގެ ހަތަރުހާސް އަހަރު ކުރިއްސުރެ، ބަންގާޅު ސަރަހައްދުގައި ތާރީޚީ މުހިންމު ހާދިސާތައް ހިނގާފައިވެ އެވެ. ދިރާވަރުންނާއި، ޓިބެޓޯބަރުމާ މީހުންނާއި، އޮސްޓްރޯއޭޝިއެޓިކް މީހުން، ބަންގާޅު ސަރަހައްދުގައި ވަޒަންވެރިވެފައިވެ އެވވެ. އަދި އިންޑޯ-އާރިއަނުން ވެސް މި ސަރަހައްދުގައި ވަޒަންވެރިވެފައިވެ އެވެ.

ޢީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ 1000 އަހަރު ކުރިން، ބަންގާޅު ސަރަޙައްދުގައި "ބަންގް" ގަބީލާގެ މީހުން ވަޒަންވެރިވެފައިވެ އެވެ. ބަންގާޅުގެ ނަން އައިސްފައިވަނީ މި ގަބީލާގެ ނަމުން ކަމަށް ބެލެވެ އެވެ.

މީލާދު 700 އަހަރުކުރިން، ބަންގާޅު ސަރަހައްދުގައި ގަންގާރިދާއީ ރަސްކަން ފެށުނެވެ. އޭގެފަހުން، އެއްވެރިކަމެއްގެ ދަށުގައި ބިހާރާއެކު ވެސް ބަންގާޅު ސަރަހައްދު އޮތެވެ. އެއަށްފަހު، ބަންގާޅު އޮތީ ގުޕްތާއިންގެ ވެރިކަމުގެ ދަށުގަ އެވެ. އެއަށްފަހު، ޙަރުޝާއިންގެ ވެރިކަމުގެ ދަށުގަ އެވެ. އެއަށްފަހު، ބަންގާޅުގައި އަމިއްލަ ވެރިކަމެއް ފެށުނެވެ. ވެރިއަކީ ޝަޝަންކާ އެވެ. އޭނާއަކީ ބަންގާޅުގެ ތާރީޚުގައި ނަން ހިނގާ މަޝްހޫރު ބަޠަލެކެވެ. ނަމަވެސް އޭނާގެ ވެރިކަން ދެމިއޮތީ ކުޑަ ދުވަސްކޮޅެއްގެ މުއްދަތަށެވެ. ޝަޝަންކާގެ ވެރިކަމަށްފަހު، ޕާލާއިންނާއި، ސޭނާއިން، ބަންގާޅުގެ މައްޗަށް ވެރިވެގަތެވެ.

މީލާދީން 12 ވަނަ ގަރުނުގައި ބަންގާޅަށް އިސްލާމްދީން ފޯރި އެވެ. މީލާދީން 16 ވަނަ ގަރުނުއްސުރެ މުޣޫލުންގެ ވެރިކަމުގެ ދަށަށް ބަންގާޅު ދިޔަ އެވެ. އޭރުއްސުރެ ޑާކާ އަކީ މުހިންމު ރަށެއް ކަމަށް ވެފައިވެ އެވެ. މީލާދީން 15 ވަނަ ގަރުނުގައި ޔޫރަޕުގެ ސާދާގަރުން ބަންގާޅު ސަރަހައްދަށް އައިސްފައިވެ އެވެ.

އިސްތިޢުމާރީ ޒަމާނުގައި ބަންގާޅު އޮތީ އިނގިރޭސީންގެ ބާރުގެ ދަށުގައިވާ އިންޑިއާގެ ބަޔެއްގެ ގޮތުގަ އެވެ. 1947 މ. ވަނަ އަހަރު، އިންޑިއާއަށް މިނިވަންކަން ލިބުނުއިރު، ބަންގާޅު އޮތީ ޕާކިސްތާނުގެ ބަޔެއްގެ ގޮތުގަ އެވެ. ނަމަވެސް ޕާކިސްތާނުން ބަންގާޅަށް ވަރަށް ބޮޑެތި ފިއްތުންތައް ކުރިމަތިކޮށް، އިންތިހާ ދަރަޖައަށް އަނިޔާވެރިވި އެވެ. ބަންގާޅު ބަސް ނެއްތައިލަން ވެސް ޕާކިސްތާނުން ވަރަށް ބޮޑަށް މަސައްކަތްކޮށްފައި ވެ އެވެ. މިކަމުގެ ނަތީޖާއަކަށްވީ، ބަންގާޅުގައި ގައުމީ ހަރަކާތެއް އުފެދުމެވެ.

1952 މ. ވަނަ އަހަރު އުފެދުނު، ބަންގާޅު ބަހުގެ ޙަރަކާތަށް ޕާކިސްތާނުގެ ނުރުހުން ވަރަށް ބޮޑަށް އަމާޒުވި އެވެ. އެ ހަރަކާތުގެ ސަބަނުން ބަންގާޅާ ޕާކިސްތާނުގެ ގުޅުން އިތުރަށް ގޯސްވެގެން ދިޔަ އެވެ. ބަންގާޅު މީހުން ބޭނުންވީ، ބަންގާޅު ބަހަކީ ރަސްމީ ބަހެއް ކަމަށް ހެދުމަށެވެ. ޕާކިސްތާނުން ކަނޑައަޅާފައިވަނީ، ރަސްމީ ބަހަކީ ހަމައެކަނި އުރުދޫ ބަސް ކަމަށެވެ. ބަސް ދިރުވުމަށްޓަކައި، ބަންގާޅީން މަސައްކަތްކޮށް މުޒާހަރާކުރަން ފެށުމުން، ޕާކިސްތާނު ސަރުކާރުން އެކަން މަނާކުރި އެވެ. އަދި އާއްމު ތަންތަނަށް މީހުން އެއްވުން ވެސް މަނާކުރި އެވެ. މިހިސާބަށް ކަންތައް ދިއުމުން، ޑާކާ ޔުނިވަރސިޓީގެ ދަރިވަރުން ސިޔާސީ އެކްޓިވިސްޓުންނާ ބައިވެރިވި އެވެ. ދެން އެ ދެބައިމީހުން ނުކުމެ، ސަރުކާރުގެ އަމުރަށް ނުކިޔަމަންތެރިވެ، 21 ފެބްރުއަރީ 1952 މ. ގައި މުޒާހަރާކުރަން ފެށި އެވެ. ޕާކިސްތާނުގެ ފުލުހުން ދިން ހަމަލަތަކުގެ ޝިކާރައަކަށްވެ، ބައެއް ދަރިވަރުން ދުނިޔެއާ ވަކިވާން ޖެހުނެވެ. ނަމަވެސް އެކަން ވެގެން ދިޔައީ، މުޒާހަރާތަކާއި ކުރިމަތިލުންތަކުގެ އަލިފާންގަނޑު ގަދަޔަށް އަންދައި ދަމަހައްޓާދޭނެ އާރުލާ ދަރެއް ކަމަށެވެ. ލަސްތަކެއް ނުވެ މުޅި ބަންގާޅުގެ އެންމެން އެއްކޮށް މަދަނީ ބަސްނޭހުމަކަށް ނުކުތެވެ. އެންމެފަހުން، ބަންގާޅު ބަހަކީ، ރަސްމީ ބަހެއް ކަމަށް ހަމަޖެއްސުމަށް، 1956 މ. ވަނަ އަހަރު، ޕާކިސްތާނުގެ މަރުކަޒީ ސަރުކާރަށް މަޖުބޫރުވި އެވެ.

ދުނިޔޭގެ މާދަރީ ބަހަކީ، މާދަރީ ބަސް ޙިމާޔަތްކުރުމަށްޓަކައި ބަންގާޅުގެ ރައްޔިތުން ނުކުތް ތާރީޚީ ދުވަހެވެ. 21 ފެބްރުއަރީ އަކީ މާދަރީ ބަހުގެ ދުވަސް ކަމަށް އދ ގެ ތަޢުލީމާއި ސައިންސާއި ސަގާފަތާ ބެހޭ ޖަމްޢިއްޔާ (ޔުނެސްކޯ) އިން ހަމަޖެއްސެވީ 2000 މ. ވަނަ އަހަރު އެވެ. އެއީ، ބަންގާޅުގައި ރަސްމީ ބަންދު ދުވަހެކެވެ. ބަންގާޅުގައިވާ "ޝަހީދު މިނާރު" އަކީ، މާދަރީ ބަހަށްޓަކައި ޝަހީދުވި ބަޠަލުންގެ ޒިކުރާގައި ބިނާކުރެވުނު މޮނިއުމަންޓެކެވެ.


ދީން

ބަންގާޅުގެ ރަސްމީ ދީނަކީ އިސްލާމް ދީނެވެ. ބަންގާޅުގެ މުސްލިމުންގެ ތެރެއިން ސުންނީ މުސްލިމުންގެ ނިސްބަތަކީ، 96 އިންސައްތަ އެވެ. ޝީޢީ މުސްލިމުންގެ ނިސްބަތަކީ، 3 އިންސައްތަ އެވެ. ބާކީވާ 1 އިންސައްތަ އަކީ، ގާދިޔާނީންނެވެ.

ބަންގާޅުގެ އާބާދީގެ 89.7 އިންސައްތައަކީ މުސްލިމުންނެވެ. 9.2 އިންސައްތައަކީ ހިންދީންނެވެ. ބާކީ އަކީ އެހެނިހެން ދީންތަކުގެ އަހުލުންނެވެ. ބަންގާޅު ރައްޔިތުންގެ 0.7 އިންސައްތައަކީ، ބުޑިސްޓުންނެވެ. 0.3 އިންސައްތައަކީ ނަޞާރާ އިންނެވެ. 0.1 އިންސައްތަ އަކީ ރޫޙާނީން ނެވެ.

އިންޑޮނީޝިއާ އާއި ޕާކިސްތާނަށްފަހު، ދުނިޔޭގައިވާ އެންމެ މުސްލިމުންގެ އަދަދު ގިނަ ގައުމަކީ ބަންގާޅެވެ. ބަންގާޅުގެ މުސްލިމުންގެ އަދަދަކީ، 130 މިލިއަނެވެ.

އިސްލާމްދީނަކީ، ބަންގާޅުގެ މައިދީނެވެ. ނަމަވެސް އެހެން ދީންތަކުގެ އަހުލުންނަށް މިނިވަންކަމާއި ސުލްހަވެރިކަމާ އެކު ދީނީ ޝިޢާރު ފާޅުކުރުމުގެ މަގު ވަނީ ތަނަވަސްވެފަ އެވެ. އދ އިން ބަންގާޅު ތަސްނީފުކުރައްވާފައިވަނީ، ޑިމޮކްރެސީއަށް ކަމޭހިތާ އެއްވަނަ ދަރަޖައިގެ މުސްލިމު ގައުމެއް ކަމަށެވެ.


ތަޢުލީމު

ބަންގާޅުގައި ތަފާތު ފެންވަރުގެ ސްކޫލްތަކާއި މަދުރަސާތައް ވެ އެވެ. އޭގެތެރޭގައި ޕްރައިމަރީ (primary) އާއި، ސާނަވީ (secondary) އާއި، މަތީ ސާނަވީ (higher secondary) ހިމެނެ އެވެ. މައިގަނޑު ގޮތެއްގައި ތަޢުލީމު ދެވެނީ ބަންގާޅު ބަހުންނެވެ. އެއާއެކު އިނގިރޭސި ބަސް އާއްމުކޮށް ބޭނުންކުރެވެ އެވެ.

ބަންގާޅުގެ މުސްލިމުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު، އެމީހުންގެ ދަރީންނަށް ދީނީ ތަޢުލީމު ދެ އެވެ. ބައެއް ޢާއިލާތަކުން އެކަން ކުރަނީ، ޕާރޓް ޓައިމްކޮށް ހިންގާ ކޯސްތަކުގައި ކުދިން ބައިވެރިކޮށްގެންނެވެ. ބައެއް ޢާއިލާތަކުން އެމީހުންގެ ދަރިން ފޮނުވަނީ ފުލްޓައިމް ކޮށް ހިންގާ ޢަރަބި ބަހުން ކިޔަވާދޭ ސްކޫލްތަކަށެވެ.

ބަންގާޅުގައި މަތީ ތަޢުލީމުދޭ މައި މަރުކަޒަކީ، ޑާކާ ޔުނިވަރސިޓީ އެވެ. އެ ޔުނިވަރސިޓީ ތައުސީސްކުރެވުނީ، 1921 ވަނަ އަހަރު އެވެ. އެއީ ބަންގާޅުގައިވާ އެންމެ ދުވަސްވީ ޔުނިވަރސިޓީ އެވެ. އޭގެ އިތުން އާންމު 30 ޔުނިވަރސިޓީ ބަންގާޅުގައި ވެ އެވެ.


އިޤުތިޞާދު

ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ބަންގާޅުގެ އިޤުތިޞާދު ކުރިއަރާފައިވަނީ، އަހަރަކު 6 ނުވަތަ 7 އިންސައްތައިގެ ރޭޓުންނެވެ. ގައުމީ އުފެއްދުމުގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑުބައި ހިއްސާކުރަނީ، ޚިދުމަތުގެ ސެކްޓަރ އެވެ. ބަންގާޅު މަސައްކަތްތެރިންގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މަސައްކަތްކުރަނީ، ދަނޑުވެރިކަމުގަ އެވެ. ރެޑީމޭޑް ހެދުމާއި، މަހާއި، ތަރުކާރީއާއި، ޖަނަވާރުގެ ހަމާއި، ޖަނަވާރުގެ ހަމުން ހަދާ ތަކެއްޗާއި، ސެރަމިކާއި، ހަނޑުލަކީ، ބަންގާޅުގައި އުފައްދާ އެންމެ މުހިންމު ބާވަތްތަކެވެ.

ބަންގާޅުގެ ގިނަބަޔަކު ގައުމުން ބޭރުގައި މަސައްކަތްކުރެ އެވެ. އެއިން ގިނަ ބަޔަކު މަސައްކަތްކުރަނީ، މެދުއިރުމަތީގަ އެވެ. ބަންގާޅަށް ވަންނަ ބޭރުފައިސާގެ މައިގަނޑު މަސްދަރަކީ، ބޭރު ގައުމުތަކުގައި މަސައްކަތްކުރާ ބަންގާޅު މީހުންނެވެ. އެއަށްފަހު، ރެޑީމޭޑް ހެދުން (garments) އާއި ޓެކްސްޓައިލްސް ފަދަ އެކްސްޕޯޓްކުރެވޭ އެހެނިހެން ތަކެއްޗެވެ.

އިގުތިޞާދީ ގޮތުން ބަންގާޅަށް ކުރިއެރުން ލިބެން ފެށީ، މާލީ ކަންތައްތައް ރަނގަޅަށް ބަލަހައްޓައި މެނޭޖުކުރަން ފެށުމާއި، ސީދާ ގޮތެއްގައި ބޭރުގެ ފަރާތްތަކުގެ އިންވެސްޓްމަންޓަށް ގައުމު ހުޅުވާލުމުންނެވެ.

ދަނޑުވެރިކަމުގެ ޞިނާޢަތާ ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ފެންބޮޑުވުމުގެ ކާރިސާތަކެވެ. ބަންގާޅުގެ ތަރައްގީއަށް ކުރިން އެޅިފައި އޮތް އެންމެ ބޮޑު ހުރަހަކީ، ސަރުކާރުގެ މުއައްސަސާތައް ބަލިކަށިވުމާއި، ސިޔާސީ ހަމަނުޖެހުންތައް ކަމުގައިވި އެވެ.