ޖާހިލަކު ޖަމްރާއަށް ހިލަ އުކި ގޮތް


ޙައްޖަށް ދިޔަ މީހަކު، ޖަމްރާއަށް ހިލަ އުކުމަށްފަހު، ދުޢާއެއް ކުރަން ހުއްޓެވެ.

"ހައްދަވައިބޮޑުކުރެއްވި ރަސްކަލާކޮ! އަނިޔާވެރިޔަކާމެދު މިއަޅާގެ ދުލުން ޙައްޤުނޫން ބަހެއް ބުނެވިފައިވާނަމަ، މިއަޅާއަށް ޢަފޫކުރައްވައިފާންދޭވެ!"

އޭނާ މިދުޢާކޮށްކޮށް ހުއްޓައި، ފަހަތުގައި ހުރި މީހަކު އޭނާގެ ގައިގައި ހިލައިން ތަޅައިގަތެވެ! މިކަމާމެދު އަޖައިބުވެގެން ފަހަތް ބަލައިލިއިރު، ޖާހިލަކު އޭނާގެ ގައިގައި ހިލައިން ތަޅަނީއެވެ! އެމީހާ އެއުޅެނީ ހިލަ އުކަންވީ ފަރާތް ނޭނގިގެން ކަމަށް ހިތައި ބުންޏެވެ.

"ޖަމްރާއަށް ހިލައުކާނީ އަނެއް ކޮޅަށެވެ. މިކޮޅަށް ހިލައުކީމާ ޖެހޭނީ މީހުންގެ ގައިގައެވެ."

އެހިނދު، ހިލަ އުކަމުންދިޔަ މީހާ ބުންޏެވެ.

"މިއުޅެނީ، ހިލައުކަންވީ ފަރާތް ނޭނގިގެނެއް ނޫނެވެ. މިތާނގައި ވެސް އަނިޔާވެރިންނޭ ކިޔައިގެން ދުޢާކުރަންޏާ ހިލައިންވެސް ތަޅާނަމެވެ."