ޗާޑް


ޗާޑްގެ އިނގިރޭސި ނަމަކީ، (Chad) އެވެ. ފަރަންސޭސި ނަމަކީ، (Tchad) އެވެ. ޢަރަބި ނަމަކީ، (تشاد) އެވެ. ތާއާއި ޝީނު ވަކިން، ތަޝާދު މިގޮތަށް ކިޔަ އެވެ. އަދި ތާއާއި ޝީނު އެއްކޮށްގެން ޗަވިޔަންޏަށްވުރެ ބޮޑަށް ޝީނާ ގާތްކުރާ އަޑަކުން ވެސް ކިޔަ އެވެ. ޗާޑްގެ ރަސްމީ ނަމަކީ، ރިޕަބްލިކް އޮފް ޗާޑް (Republic of Chad) އެވެ. ޢަރަބި ބަހުން ޖުމްހޫރިއްޔަތު ތަޝާދު (جمهورية تشاد) އެވެ.

ޗާޑަކީ، މެދުތެރޭ އެފްރިކާ (Central Africa) ގައި، އޮންނަ ގައުމެކެވެ. ޗާޑަށް ކަނޑުގެ އައްސޭރިން އިމެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް ޗާޑް ލޭކްގެ އައްސޭރިން ބަޔެއް ލިބިފައިވެ އެވެ. ޗާޑާ އިންވެގެން ހަ ގައުމު އޮވެ އެވެ. އުތުރުގައި ވަނީ ލީބިޔާ އެވެ. އިރުމަތީގައި ވަނީ ސޫދާނެވެ. ދެކުނުގައިވަނީ، ސެންޓްރަލް އެފްރިކަން ރިޕަބްލިކެވެ. ހުޅަނގު ދެކުނުގައި ވަނީ، ކެމެރޫނާއި ނައިޖީރިއާ އެވެ. ހުޅަނގުގައި ވަނީ ނައިޖަރ އެވެ.


ތާރީޚު

މީލާދުގެ ކުރީގެ ހަތްވަނަ ޤަރުނުގައި މީހުން ދިރިއުޅެފައިވާ ކަމުގެ އާސާރީ ހެކިތައް ޗާޑްގެ ދެކުނު ސަރަހައްދުގައި ވެ އެވެ. އެ ސަރަހައްދުގެ އާބާދީ ވަރަށް ބޮޑަށް އިތުރުވެގެން ދިޔަކަން އެނގެ އެވެ. ބައެއް މުއައްރިޚުން ދެކޭ ގޮތުގައި އެ ސަރަހައްދުގައި ވަނީ، މީލާދުގެ 2000 އަހަރު ކުރިއްސުރެ މީހުން ވަޒަންވެރިވެފަ އެވެ. އެފްރިކާ ބައްރުގައިވާ އާސާރީ ގޮތުން އެންމެ މުހިންމު ތަންތަން ވަނީ، ޗާޑްގެ ބިމުގަ އެވެ. އެއިން ބައެއް ތަންތަނުގެ ކާބަން ޑޭޓިން ހެދުމުން، އެތަންތަނަކީ، މީލާދުގެ 2000 އަހަރަށްވުރެ ކުރިން ޢިމާރާތްކުރެވިފައިވާ ތަންތަން ކަން އެނގިފައިވެ އެވެ.

ޗާޑްގެ ފަހުގެ ތާރީޚު ފެށިފައިވަނީ، ހިޖުރައިން ދެވަނަ ޤަރުނުގައި އިސްލާމީ ވެރިކަމެއް އެގައުމުގައި ފެށުނު ހިސާބުންނެވެ. އެއީ މީލާދީން އަށްވަނަ ޤަރުނެވެ. ކާނިމް އެމްޕަޔަރ (Kanem Empire) ގެ ނަން ދެވިފައިވާ އެ ވެރިކަން ގާއިމުވީ، ޗާޑް ލޭކްގެ އިރު އުތުރު ސަރަހައްދުގަ އެވެ. އެއަށްފަހު، އެ ވެރިކަމުގެ ނުފޫޒު ގަދަވެ، ސޫދާނުގެ މެދުތެރެ އެއްކޮށް އެ ވެރިކަމުގެ ބާރުގެ ދަށަށް އައެވެ. 1920 މ. ވަނަ އަހަރު، ފަރަންސޭސި އިސްތިޢުމާރު ވެރިވެއްޖައުމަށްދާންދެން އެގޮތުގައި ދެމިއޮތެވެ.

ޗާޑަށް ފަރަންސޭސި އިސްތިޢުމާރު ވެރިވުމަށްފަހު، ފަރަންސޭސިވިލާތުން ހަދާފައިވަނީ، ޗާޑަކީ ފަރަންސޭސީންގެ ފުރިހަމަ ވެރިކަން ހިނގާ ސަރަޙައްދެއް ކަމަށެވެ. އަދި ޗާޑް ހިންގާފައިވަނީ، ފްރެންޗް އިކުއެޓޯރިއަލް އެފްރިކާގެ ބައެއްގެ ގޮތުގަ އެވެ. ނަމަވެސް ފަރަންސޭސީންގެ މާބޮޑު އަޅާލުމެއް ޗާޑަކަށް ނުލިބެ އެވެ. ތަޢުލީމު ދީ ހޭލުންތެރިކުރުވުމުގެ ގޮތުންނާއި އެހެނިހެން ގޮތް ގޮތުން ވެސް ޗާޑް ކުރިއެރުވުމަށްޓަކައި ފަރަންސޭސީން މާ ބޮޑު ކަމެއް ކޮށްފައެއް ނެތެވެ.
1962 މ. ވަނަ އަހަރު ޗާޑްގެ ދެކުނުގައި އިންގިލާބީ ހަރަކާތެއް އުފެދުނެވެ. އެމީހުން އަމާޒުކުރީ ޗާޑް މިނިވަންކުރުމަށެވެ. އެ ހަރަކާތުގެ ގިނަ ލީޑަރުންނަކީ މުސްލިމުންނެވެ. ވިހިވަނަ ގަރުނުގެ ފަސްދޮޅަހުގެ އަހަރުތަކުގައި، އެ ހަރަކާތާއި ސަރުކާރާ ދެމެދު ހަނގުރާމަ ފެށުނެވެ.

11 އޯގަސްޓް 1960 މ. ގައި ޗާޑަށް މިނިވަންކަން ލިބުނެވެ. 1971 މ. ވަނަ އަހަރު، ޗާޑްގެ ސަރުކާރާ އިދިކޮޅު ހަރަކާތަށް ލީބިޔާއިން އަސްކަރީ އެހީ ލިބެންފެށި އެވެ. ދެން ޗާޑް ސަރުކާރުން ފަރަންސޭސިވިލާތުގެ އަސްކަރީ އެހީއަށް އެދުނެވެ. 1973 މ. ވަނަ އަހަރު ޗާޑްގެ އުތުރުގައިވާ ޔޫރޭނިއަމް ހުރި ކަމަށް ބުނެވޭ ސަރަހައްދަކަށް ލީބިޔާގެ އަސްކަރިއްޔާއިން ވެރިވެގަތެވެ.

1975 މ. ވަނަ އަހަރު، ޗާޑްގެ ރައީސް އަވަހާރަކޮށްލެވުނެވެ. އެއަށްފަހު ޢަސްކަރީ ވެރިކަމެއް ގާއިމުކުރެވުނެވެ. 1978 މ. ވަނަ އަހަރު، އިންގިލާބީންނަށް ޗާޑް ލަޝްކަރުގެ ދެބައިކުޅަ އެއްބައިގެ މައްޗަށް ވެރިވެވެންދެން ހަނގުރާމަ ދެމިއޮތެވެ. އެއަށްފަހު ޗާޑްގެ އުތުރާއި ދެކުނުގެ މީހުން ހަމަހަމައަށް ހިމެނޭ ގޮތަށް ހިމަނައިގެން އާ ސަރުކާރެއް އެކުލަވާލެވުނެވެ. ނަމަވެސް އެ ސަރުކާރަކަށް ޗާޑްގެ މައްސަލަތަކެއް ޙައްލެއް ނުކުރެވުނެވެ.

1979 މ. ވަނަ އަހަރު، ޗާޑްގެ ރައީސް ގައުމު ދޫކުރައްވައި ފިއްލަވައިވަޑައިގަތެވެ. ދެން ޗާޑްގައި އަހުލީ ހަނގުރާމައެއް ފެށުނެވެ. އެ ހަނގުރާމަ ކުރެވުނީ ލީބިޔާއިން އަސްކަރީ އެހީ ލިބެމުން ދިޔަ ބަޔަކާއި، ގައުމީ ބަޔެއްގެ ދެމެދުގަ އެވެ. 1980 މ. ވަނަ އަހަރު ގައުމީ މީހުން ބަލިވެ، ލީބިޔާއިން އެހީ ލިބޭ މީހުން ގަދަވި އެވެ. ލީބިޔާއިން ޗާޑަށް ފޮނުވި އަސްކަރީ ބާރުތައް، ޗާޑުން ފޭބީ 1981 މ. ވަނަ އަހަރު އެވެ. އެއަށްފަހު، ޗާޑްގައި އަމަންއަމާންކަން ބަލަހައްޓަމުން ގެންދިޔައީ، އެފްރިކާގެ އިއްތިޙާދުގެ ބާރުތަކުންނެވެ.
1982 މ. ވަނަ އަހަރު، އެފްރިކާ އިއްތިޙާދުގެ އަސްކަރީ ބާރުތަކުގެ މައްޗަށް، ޗާޑްގެ ގައުމީ އިންގިލާބީންގެ ބާރު ގަދަވެ، އިންގިލާބީން ވެރިކަމަށް އަތްގަދަކުރި އެވެ. ނަމަވެސް އިދިކޮޅު ފަރާތުން ލީބިޔާގެ އެހީ ހޯދި އެވެ.

1983 މ. ވަނަ އަހަރު، ފަރަންސޭސިވިލާތުން އަސްކަރީ ސާމާނާއި އެހީތެރިކަން، ގައުމީ އިންގިލާބީންގެ ސަރުކާރަށް ދިނެވެ. ނަމަވެސް އިދިކޮޅު ފަރާތުން ލީބިޔާގެ އެހީއާއެކު ޗާޑްގެ އުތުރު ސަރަހައްދަށް އަތްގަދަކޮށްގެން އުޅުނެވެ.

1986 ވަނަ އަހަރު ލީބިޔާއާ ޗާޑާ ދެމެދު ހަނގުރާމައެއް ފެށުނެވެ. މި ހަނގުރާމައިގައި ޗާޑުން ލީބިޔާއާ ދެކޮޅަށް ނުކުތީ، ކުރިން ލީބިޔާއިން އެހީދެމުން ގެންދިޔަ ފަރާތުގެ މީހުންނެވެ. އެންމެ ފަހުން އެމީހުން ލީބިޔާގެ ބާރުތައް ގިއްގަޅުވާލުމަށްފަހު، ޗާޑްގެ މައިސަރުކާރާ ގުޅުނެވެ. އެއަށްފަހު ޗާޑްގެ އުތުރު ސަރަހައްދުގެ ބަޔަކަށް ލީބިޔާއިން އަތްގަދަކޮށްގެން އުޅުނެވެ. އެތަން ޗާޑަށް އަނބުރާ ލިބުނީ، 1994 މ. ވަނަ އަހަރުގަ އެވެ.

1990 މ. ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި ޗާޑްގެ އިންގިލާބީންގެ ބަޔަކު ސަރުކާރު ވައްޓާލި އެވެ. އިންގިލާބީން އުފެއްދި ސަރުކާރުގެ ރައީސަކީ، އިދުރީސް ޑެބީ އެވެ.

1993 މ. ވަނަ އަހަރު، ޗާޑްގެ ހުރިހާ ޕާޓީތަކާއި ސިޔާސީ ހަރަކާތްތައް ހިމަނައިގެން މަހާސިންތާއެއް ބޭއްވުނެވެ. އެ މަހާސިންތާގައި ވަގުތީ ސަރުކާރެއް އެކުލަވާލެވުނެވެ.

1996 މ. ވަނަ އަހަރު ޗާޑްގެ އައު ދުސްތޫރު ފާސްކުރެވުނެވެ. އަދި އާންމު އިންތިޚާބަކުން ރައީސަކު އިންތިޚާބުކުރެވުނެވެ. އިންތިޚާބު ކާމިޔާބުކުރެއްވީ، އިދުރީސް ޑެބީ އެވެ.
1997 މ. ވަނަ އަހަރު، ޕާލަމެންޓް އިންތިޚާބު ކުރެވުނެވެ.

2004 މ. ވަނަ އަހަރު، ޗާޑުގެ ބިމުން ތެޔޮ ނަގަން ފެށުމާއެކު، އަނެއްކާވެސް ހަމަނުޖެހުން ހިނގަން ފެށި އެވެ.

2006 މ. ވަނަ އަހަރުގެ އޭޕްރީލް މަހު ޗާޑްގެ ވެރިރަށަށް އަތްގަދަ ކުރުމަށްޓަކައި، ސަރުކާރާ އިދިކޮޅު ފަރާތްތަކުން ހަތިޔާރު އަޅައިގެން ކުރިމަތިލި އެވެ. އެ ކުރިމަތިލުމުގައި އެތައް ސަތޭކަ ބަޔަކު މަރުވި އެވެ.


ދީން

1993 މ. ވަނަ އަހަރުގެ ބޯހިމެނުމުން ދައްކާ ގޮތުގައި، ޗާޑްގެ އާބާދީގެ 54 އިންސައްތައަކީ މުސްލިމުންނެވެ. 44 އިންސައްތަ އަކީ، ނަޞާރާއިންނެވެ. ބާކީ އަކީ ވަކި ދީނެއް ގަބޫލުނުކުރާ މީހުންނެވެ. ޗާޑްގައި މުސްލިމުން ގިނައީ އުތުރާއި އިރުމަތީގެ ރަށްތަކުގަ އެވެ. ދެކުނުގެ ރަށްތަކުގައި ގިނައީ ނަޞާރާއިންނެވެ.

މުސްލިމުންނާއި ނަޞާރާއިންގެ އިތުރުން ތަފާތު ދީންތަކުގެ މީހުން ޗާޑްގައި އުޅެ އެވެ. އޭގެތެރޭގައި ގިނައީ އެފްރިކާގެ ބޯދާ ދީންތަކުގެ އަހުލުންނެވެ.

ޗާޑްގައި ތައުލީމާއި ތަރައްގީއާއި ހޭލުންތެރިކަން ފެތުރިފައިވަނީ ނަޞާރާ ދީނުގެ މީހުންގެ ތެރޭގަ އެވެ.


ދަތުރުފަތުރާއި މުވާޞަލާތު

ޗާޑް އޮތް ތަނަކީ އެފްރިކާގެ ބައްރުގައިވާ ހަތަރު އަނގޮޅި އެކެވެ. އެހެންކަމުން ޗާޑަކީ، އެފްރިކާގެ ބައްރުގައި އެއްގަމު މަގުން ދަތުރުކުރާ ފަތުރުވެރިންގެ ޒަމާންވީ މަންޒިލެކެވެ. އެތައް ޙަޟާރަތްތަކެއްގެ އަހުލުވެރިން ޗާޑްގެ ބިމުގައި ބައްދަލުވެފައިވެ އެވެ.

ޗާޑްގެ ވެރިރަށް ވަނީ ފަރަންސޭސި ވިލާތުގެ ޕެރިހާ، އިންޓަނޭޝަނަލް އެއަރޕޯޓަކުން ގުޅާލެވިފަ އެވެ. ޕެރިހުގެ އިތުރުން، އެ އެއަރޕޯޓް ވަނީ އެފްރިކާގެ ބައެއް ގައުމުތަކުގެ ރަށްތަކާ ވެސް ގުޅާލެވިފަ އެވެ.

ޗާޑްގައި ރޭލުދަގަނޑު އަޅާފައެއް ނެތެވެ. މަގުތަކުގެ ޖުމުލަ ދިގުމިނަކީ، 31322 ކިލޯމީޓަރެވެ. އެއިން 19463 ކިލޯމީޓަރަކީ ހަދާފައިނުވާ މަގުތަކެވެ.

ޗާޑްގައި މުވާސަލާތުގެ ޚިދުމަތް ލިބުން ދަތިވެފައި އޭގެ އަގު ބޮޑެވެ. ޗާޑާއި ބޭރުދުނިޔެއާ ގުޅުވާދެނީ ޓެލެފޯނާއި ޓެލެގްރާފާއި ޓެލެކްސް އާއި އިންޓަރނެޓްގެ ޒަރީއާއިންނެވެ.

ޗާޑްގައި 6 ބޭންކު ހުރެ އެވެ. ބޭރު ފައިސާގެ އަގު ކޮންޓްރޯލެއް ނުކުރެ އެވެ.


އިޤުތިޞާދު

ޗާޑަކީ ދަނޑުވެރި ގައުމެކެވެ. އެ ގައުމުގައި ޖަނަވާރު ގެންގުޅެ އެވެ. އެ ގައުމަށް އާމުދަނީ ލިބެނީ، މި ދެ ކަމުންނާއި، ޓެކްސް ނަގައިގެންނާއި ތެޔޮ އެކްސްޕޯޓްކޮށްގެންނެވެ.

ޗާޑްގެ އާބާދީގެ 73 އިންސައްތައަށް ސާފު ބޯފެން ނުލިބެ އެވެ. 71 އިންސައްތައަށް ޞިއްޙީ ނަރުދަމާ ނިޒާމެއް ނެތެވެ. 64 އިންސައްތަ އަކީ ފަޤީރުންނެވެ. ޗާޑަކީ، ދުނިޔޭގައި އޮތް ފަސްވަނައަށް އެންމެ ފަޤީރު ޤައުމެވެ.

ސޫދާނުން ޗާޑަށް ހިޖުރަކުރާ ރެފިއުޖީންގެ ސަބަބުން ޗާޑްގެ އިޤުތިޞާދު ހީނަރުވެ އެވެ. ގާތްގަނޑަކަށް ދެ ލައްކައަށްވުރެ ސޫދާނު ރެފިއުޖީން ޗާޑުގައި ދިރިއުޅެ އެވެ.

ކުރީގެ ތާރީޚުގައި 2000 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޝާދުގެ އަހުލުވެރީންގެ ތެރެއިން ގިނަ ބަޔަކު ދަނޑުވެރިކަން ކޮށްފައިވެ އެވެ. އޭރު ބައެއް މީހުން ޝިކާރަކުރުމުގެ މަސައްކަތް ވެސް ކޮށްފައިވެ އެވެ.

ޗާޑްގެ ގިނަ ފެކްޓްރީތައް ވަނީ ދެކުނު ސަރަހައްދުގައިވާ ރަށްތަކުގަ އެވެ.


އާބާދީ

ޗާޑުގެ އާބާދީގެ 74.8% މީހުން ދިރިއުޅެނީ ރަށްފުށުގަ އެވެ. އާބާދީގެ ބޮޑު ބަޔަކީ ކުޑަކުދިންނާއި ޒުވާނުންނެވެ. މެދުމިން ޢުމުރަކީ 47.2 އަހަރެވެ.

ތަފާތު ގަބީލާތަކުގެ މީހުން ޗާޑްގައި އުޅެ އެވެ. އެފްރިކާގެ ތަފާތު ބަސްތަކުން އެމީހުން ވާހަކަދައްކަ އެވެ. އެހެންކަމުން އެއީ ސަގާފީ ގޮތުން ވަރަށް ބޮޑު މުއްސަނދިކަމެއް ލިބިފައިވާ ގައުމެކެވެ.


ތަޢުލީމު

ޗާޑުގެ އާބާދީގެ 15 އަހަރުން މަތީގެ 54.2 އިންސައްތައަކީ ލިޔަންކިޔަން ނުދަންނަ މީހުންނެވެ. ޗާޑްގެ ސްކޫލްތަކުގެ 80 އިންސައްތަ ވަނީ ދެކުނުގަ އެވެ. އެހެންކަމުން ސަރުކާރުގެ ގިނަ މުވައްޒަފުންނާއި، ޗާޑްގެ ގިނަ ޓީޗަރުންނަކީ ދެކުނު ސަރަޙައްދުގެ މީހުންނެވެ. މުސްލިމުން ގިނަ އުތުރު ސަރަހައްދަކީ ޖާހިލުކަން ފެތުރިފައިވާ ނާތަހުޒީބު ވެށްޓެކެވެ.