ފިޤުހީ ޙުކުމުތައް


ސޫރަތުއް ޝަރްޙުގައިވާ ފިޤުހީ ޙުކުމް ލިބޭ އެއް އާޔަތަކީ، އެ ސޫރަތުގެ ހަތްވަނަ އާޔަތެވެ. ހެޔޮކަންކަމުގައި ފޫހިކަމެއް ނެތި އުޅުމަށް އެ އާޔަތުން ދަލީލުލިބެ އެވެ. އެ އާޔަތަކީ، (فَإِذَا فَرَغْتَ فَٱنصَبْ) މިއެވެ. މިއާޔަތުން ދަލީލު ލިބޭ ގޮތަށް ބަލާއިރު، ދެ މައްސަލައަކަށް ނަޒަރުހިންގާލަން ޖެހެ އެވެ.


ފުރަތަމަ މައްސަލަ

މުފައްސިރުން އިއްތިފާގުވެ ވަޑައިގަންނަވާ ގޮތުގައި، މިއާޔަތުގެ ދޭހައަކީ، "ކަލޭގެފާނު އެއްކަމަކުން އަވަދިވެ ވަޑައިގެންފިނަމަ، ކަންނެތްކަމެއް، ފޫހިފުޅުކަމެއް ނެތި އަނެއް ކަމަކަށް ކުރިމަތިލައްވާށެވެ!" ނަމަވެސް އެ ދެ ކަންތައް ކަނޑައަޅާ ހަތަރު ރައުޔެއް ވެ އެވެ. އެއީ:

1. ފަރުޟު ފަސްނަމާދު ކޮށް އަވަދިވެވަޑައިގަތުމަށްފަހު، ރޭގަނޑު އަޅުކަންކުރެއްވުމަށް ކުރިމަތިލައްވާށެވެ!
2. ނަމާދުކޮށް އަވަދިވެވަޑައިގެންފިނަމަ، ދުޢާފުޅުކުރެއްވުމަށް ކުރިމަތިލައްވާށެވެ!
3. ޖިހާދުކޮށް އަވަދިވެވަޑައިގެންފިނަމަ، އަޅުކަންކުރެއްވުމަށް ކުރިމަތިލައްވާށެވެ!
4. ދުންޔަވީ ކަންތައްތަކުން އަވަދިވެވަޑައިގެންފިނަމަ، އުޚުރަވީ ކަންތައްތަކަށް ކުރިމަތިލައްވާށެވެ!

މިއާޔަތުގެ ޞާދުގައި އިބިފިލި ޖަހައިގެން ކިޔަވަނީ، ބިދުޢަވެރީންނެވެ. އެމީހުން އެގޮތަށް ފިލިޖަހައިގެން އާޔަތް މާނަކުރަނީ އެހެން ގޮތަކަށެވެ. އެމީހުން ބުނާގޮތުގައި އެގޮތަށް ފިލިޖެހުމުން އެކަލިމައިން ދޭހަވާ މާނައަކީ، "ކަލޭގެފާނަށް ފަހުގައި ހުންނަވާނޭ އިމާމަކު ދައްކަވާށެވެ!" އެމީހުންގެ މިރައުޔުގައި ބާޠިލު ދެކަމެއް ވެއެވެ. އެއްކަމަކީ، އެ ޤިރާއަތް ބާޠިލުކަމެވެ. އަނެއް ކަމަކީ، އެ މާނަ ބާޠިލުކަމެވެ. އެހެނީ، ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ)، އެއްވެސް ބޭކަލަކު އިމާމެއް ކަމުގައި އުންމަތަށް ނުދައްކަވަ އެވެ.

ބައެއް ޖާހިލުން މިއާޔަތުގެ ބާގައި ތަޝްދީދު ޖަހައިގެން ވެސް ކިޔަ އެވެ. މިގޮތަށް ކިއުމުން ދޭހަވާ މާނައަކީ، ކަލޭގެފާނު ހަނގުރާމައިން އަވަދިވެވަޑައިގެންފިނަމަ، އަވަހަށް ރަށަށް އެނބުރި ވަޑައިގަންނަވާށެވެ!

މިއީ، އިޖުމާޢާ ޚިލާފު ބާޠިލު ޤިރާއަތެކެވެ. ނަމަވެސް މީގެ މާނަ ޞައްޙަ އެވެ. ދަތުރުކުރުމަކީ ވަރުބަލިވާ ކަމެއް ކަމަށާއި، ދަތުރު ނިމުމުން އަވަހަށް ރަށަށް އެނބުރި ދިއުމަށް އިތުރުއެކަލޭގެފާނު ވަނީ އިރުޝާދުދެއްވާފަ އެވެ. މިކަން މިހެން އޮތަސް، ބާޠިލު ކިއުމެއްގެ މައްޗަށް ޞައްޙަ މާނައެއް ބިނާކުރުމަކީ އެކަންކުރި މީހަކު ނުވަތަ ބަޔަކު ވަރަށް ބޮޑަށް ފާފަވެރިވާނެ ކަމެކެވެ. އެހެނީ އެއީ މާތް ﷲ އާއި އެކަލާނގެ ރަސޫލާ ގެ މައްޗަށް ހަދާ ވަރަށް ބޮޑު ދޮގެކެވެ.


ދެވަނަ މައްސަލަ

މިއާޔަތުގެ މައްޗަށް ބުރަވެ، މީހަކު، އަބަދާ އަބަދު ނަމާދުކުރުމާއި ދުޢާކުރުން ފަދަ އަޅުކަމުގައި މަޝްޣޫލުވެގެން އުޅެފާނެ އެވެ. ނަމަވެސް އެގޮތަށް ޢަމަލުކުރުމަކީ، މިއާޔަތުގެ ޞައްޙަ މަފުހޫމެއް ނޫނެވެ. ދުންޔަވީ މަސައްކަތްތައް ކުރުމާއި، އަޅުކަންކުރުމަކީ ވެސް މާތްވެގެންވާ އިސްލާމްދީނުގައި ހުއްދަކުރައްވާފައިވާ ކަމެކެވެ. ޢީދު ދުވަހަކު ކީރިތި ރަސޫލާގެ މިސްކިތުގައި ބަޔަކުމީހުން ކުޅިވަރު ކުޅެނިކޮށް އިތުރުއެކަލޭގެފާނު އެމީހުން ކުޅޭ ކުޅިވަރު ބައްލަވަން ހުންނެވި އެވެ. އިތުރުއެކަލޭގެފާނު އެކަން މަނާ ނުކުރައްވަ އެވެ. އަދި އިތުރުއެކަލޭގެފާނުގެ ގެކޮޅުގައި ޢީދު ދުވަހެއްގައި ދެ އަންހެން ކުއްޖަކު ލަވަކިޔުމުން އެކަން ވެސް މަނާ ނުކުރައްވަ އެވެ.

މިއާޔަތުން ދަލީލު ލިބެނީ، ހެޔޮކަންތައް ކުރުމުގައި ފޫހިކަމެއް ނެތި ޝައުޤުވެރިކަމާއެކު އުޅުމަށެވެ. މެދުކެނޑުމެއްނެތި ތާއަބަދު މަސައްކަތްކުރުމަކަށް މިއާޔަތުން ދަލީލެއް ނުލިބެ އެވެ.