ޢަރަބީންގެ ޙާލަތު


އެއްދުވަހަކު ފަލަސްޠީނު އަންހެނަކު ޝަކުވާގެ އަޑުއުފުލަމުންދިޔައެވެ.

އޭ! އެންމެހައި ޢަރަބީންނޭވެ!
ތިޔަބައިމީހުން ވީ ކޮންތާކު ހެއްޔެވެ؟
އަހަރެމެންގެ ގެތައް ތަޅައި ސުންނާފަތިކޮށްފިއެވެ.
އަހަރެމެންގެ ދަރީންގެ ކުޅޭ އެއްޗެހިތައް ވެސް މުގުރާލައިފިއެވެ.
އެ ކުދިންގެ މުސްތަޤުބަލު ވެސް ހަލާކުކޮށްލައިފިއެވެ.
އޭ! އެންމެހައި ޢަރަބީންނޭވެ!
އަހަރެންގެ މި ޝަކުވާތަކަށް ނިކަން އިޖާބަދީބަލާށެވެ!

ފަލަސްޠީނު އަންހެންމީހާ މި ޝަކުވާތަކުގެ އަޑު އުފުލަމުންދިޔައިރު، އެތާނގައި އިސްރާއީލުގެ ސިފައިންގެ މީހަކު އިނެވެ. އެހެނަސް އޭނާ އެ އަންހެންމީހާ ކިޔާ އެއްޗަކާމެދު އަޅައެއް ނުލައެވެ. އޭނާ އިނީ އެ އަންހެންމީހާގެ ގެ ތަޅައި ސުންނާފަތިކުރިއިރު، ހަލާކުނުވެހުރި އެއްޗެހިތައް ހަލާކުކުރުމުގެ މަސައްކަތުގައެވެ.

އަންހެންމީހާގެ ގޭ ކައިރީގައި އޮތް ރޭޑިޔޯއެއް ނަގައިގެން، ސިފައިންގެމީހާ އެއާ ކުޅެންފެށިއެވެ. އާ ގޮތަކަށް އެ ވެސް ހަލާކުކޮށްލެވޭތޯއެވެ. އެހިނދު އެ ރޭޑިޔޯއިން ޚަބަރެއްގެ އަޑު އިވެންފެށިއެވެ. އެ ޚަބަރަށް އަންހެންމީހާގެ ސަމާލުކަން ހުއްޓުނެވެ.

"މިވެނި ޢަރަބި ޤައުމަކުން އެވެނި ޢަރަބި ޤައުމަކާ ގުޅުން ކަނޑާލައިފިއެވެ. ސަބަބަކީ، ދެ ޤައުމުގެ ދެ ފުޓްބޯޅަޓީމަކުން ކުޅުނު މެޗެކެވެ."

އެ ޚަބަރު އަޑުއިވުމުން، ފަލަސްޠީނު އަންހެންމީހާއަށް ޢަރަބީންގެ ޙާލަތު މޭރުންވިއެވެ. އަދި އޭނާގެ ޝަކުވާގެ ހާސަރުތައް ގޮވުން ވެސް ހުއްޓާލިއެވެ!