ނަހީކުރައްވާފައިވާ ލަވަ ކިއުމާމެދު


އެއްދުވަހަކު އިބްނު ޢައްބާސްގެފާނުގެ އަރިހަށް ގޮސް މީހަކު ދެންނެވިއެވެ.

"ލަވަކިއުމާމެދު ކަލޭގެފާނު ވިދާޅުވަނީ ކީކޭތޯއެވެ؟"

ސުވާލުގެ މުރާދަކީ، "ލަވަކިއުމަކީ ޙަރާމް ކަމެއްތޯއެވެ؟ ނުވަތަ އެއީ ޙަލާލު ކަމެއްތޯއެވެ؟"

އިބްނު ޢައްބާސްގެފާނު ވިދާޅުވިއެވެ.

"މާތް ﷲ ގެ ކަލާމްފުޅުގައި ޙަރާމް ކަމެއް ކަމަށް ބަޔާންކުރައްވާފައި ނެތް ކަމެއް، ޙަރާމް ކަމެއް ކަމަކަށް ތިމަންކަލޭގެފާނު ވިދާޅެއްނުވާނަމެވެ."

އެމީހާ ދެންނެވިއެވެ.

"އެހެންކަމަށްވަނީނަމަ، އެއީ ޙަލާލު ކަމެއްތޯއެވެ؟"

އިބްނު ޢައްބާސްގެފާނު ވިދާޅުވިއެވެ.

"މާތް ﷲ ގެ ކަލާމްފުޅުގައި ޙަލާލު ކަމެއް ކަމަށް ބަޔާންކުރައްވާފައި ނެތް ކަމެއް، ޙަލާލު ކަމެއް ކަމަކަށް ތިމަންކަލޭގެފާނު ވިދާޅެއްނުވާނަމެވެ."

އެކަލޭގެފާނު މިހެން ވިދާޅުވުމުން، އެމީހާ ވަރަށް ބޮޑަށް ޙައިރާންވިއެވެ. އެހިނދު، އޭނާއަށް ކަން އޮތްގޮތް ސާފުކޮށްދެއްވުމަށް ހިއްތަވައި އެކަލޭގެފާނު ވިދާޅުވިއެވެ.

"ޤިޔާމަތްދުވަހު ތިބާއަށް ޙައްޤާއި ބާޠިލު ފެނިއްޖެނަމަ، ތިބާގެ ނަޒަރުގައި ލަވަކިއުން ވާނީ އެ ދޭތިންކުރެ ކޮން އެއްޗަކާ އެކުގައި ހެއްޔެވެ؟"

އެހިނދު އެމީހާ ދެންނެވިއެވެ.

"ބާޠިލާއެކުގައެވެ."

އެކަލޭގެފާނު ވިދާޅުވިއެވެ.

"ފަހެ، ތިބާ، ތިބާގެ އަމިއްލަ ނަފުސަށް، ކަން އޮތްގޮތް ބުނެދީފިކަން ކަށަވަރެވެ!"


ނޯޓް:
މިވާހަކައިގައި މިވަނީ، ނަހީކުރައްވާފައިވާ ލަވަ ކިއުމުގެ ވާހަކައެވެ. މަދަޙަ ފަދަ ހުއްދަކުރައްވާފައިވާ ލަވަތައް ކިއުމުގެ ވާހަކައެއް ނޫނެވެ.