ޖާސޫސެއްގެ ދަރިފުޅު މަރުވި ގޮތް


އެއްދުވަހަކު ޖާސޫސަކު، ދުޝްމަނުންނަށް ވަރަށް މުހިންމު މަޢުލޫމާތެއް ފޯރުކޮށްދިނެވެ. އެއީ ޤައުމީ ބަޠަލުންތަކެއް އޭނާގެ ގެއަށް ޒިޔާރަތްކުރާ ޚަބަރެވެ.

އޭނާގެ ގެޔަށް އެމީހުން ދާއިރު، ވައިގެމަގުން ހަމަލައެއްދީ އެމީހުން މަރާލުމަށް ދުޝްމަނުން ތައްޔާރުވިއެވެ.

ކޮންމެވެސް ކަހަލަ ނުރައްކަލެއް ކުރިމަތިވާ ކަމުގެ އިޝާރާތެއް، ޤައުމީ ބަޠަލުންނަށް ލިބުނެވެ. އެކަމުގެ މައްޗަށް ރިޢާޔަތްކޮށް، ޤައުމީ ބަޠަލުން ޖާސޫސުގެ ގެޔަށް ދިއުމަށް ހަމަޖެހިފައިވާ ގަޑި ފަސްކުރިއެވެ. އެކަން ދުޝަމަނުންނަކަށް ނޭނގެއެވެ.

ދުޝްމަނުން ދޭން ނިންމާފައިވާ ހަމަލަ، ކަނޑައެޅިފައިވާ ގަޑީގައި ދިނެވެ. ވައިގެ މަގުން ދެވުނު ރޮކެޓް ހަމަލައެއްގައި މީހަކު މަރުވި ޚަބަރު އެސާހިތަކު ފެތުރުނެވެ. މަރުވި މީހާގެ ޖަނާޒާގައި ބައިވެރިވުމަށް ޖާސޫސު ވެސް ދިޔައެވެ. އެހިނދު އެއީ، އޭނާގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ފިޔަވައި އެހެން މީހެއް ނޫންކަން އޭނާއަށް އެނގުނެވެ!