އިޖުމާލީ މާނަ


މުޙައްމަދުގެފާނެވެ! ކަލޭގެފާނު ނަބީކަމަށް އަހުލުވެރިވެވަޑައިގަތުމަށްޓަކައި، ކަލޭގެފާނުގެ މޭފުޅު، ތިމަންރަސްކަލާނގެ ތަނަވަސްކޮށްދެއްވީމެވެ. ކަލޭގެފާނު ނަބީކަމާއިގެން ފޮނުއްވުމުގެ ކުރިން، ކަލޭގެފާނުގެ ކިބައިގައިވާ ޖާހިލިއްޔަ ޒަމާނުގެ ފާފަ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ފުއްސަވައިފީމެވެ. އަދި ދުނިޔެއާއި އާޚިރަތުގައި ކަލޭގެފާނުގެ ނަންފުޅު މަތިވެރިކުރެއްވީމެވެ. އެހެންކަމުން، ޝަހާދަތާއި ބަންގިއާއި ޤަމަތުގައި ވެސް ކަލޭގެފާނުގެ ނަންފުޅު ނަންގަނެވެ އެވެ. ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަން ވެ އެވެ. މިއީ ކަލޭގެފާނާއި ކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނާ ކުރިމަތިވެވަޑައިގެންފައިވާ އުނދަގޫކަން ފިލައިގެން ދިއުމަށް އޮތް އުފާވެރިކަމުގެ ޚަބަރެކެވެ. ކަލޭގެފާނު ނަމާދުފުޅުކުރައްވައި އަވަދިވެވަޑައިގަންނަވާ ހިނދު، ފަހެ، ކަލޭގެފާނު ދުޢާކުރެއްވުން ގިނަކުރައްވާށެވެ! އަދި މާތް ﷲ ގެ ޙަޟުރަތަށް ކުއްތަންވެވަޑައިގެން އެކަލާނގެ ޙަޟުރަތުން ދަރުމައާއި ބަރަކާތަށް އެދިވަޑައިގަންނަވާށެވެ!