ރަށްފުށު މީހާގެ ދަބަސް


ރަށްފުށު މީހަކު އޭނާގެ ޤައުމުގެ ވެރިރަށަށް ގޮސް އުޅެނިކޮށް އޭނާގެ ދަބަސް ގެއްލުނެވެ. ދެން އެކަން ފުލުހުންނަށް ރިޕޯޓްކުރުމުން، ފުލުހުން އޭނާއާމެދު ވަރަށް ބޮޑަށް ސަހަރޯވެރިވިއެވެ. އަދި އެ ދަބަސް ވީތަނަކުން ހޯދައިދޭނެ ވާހަކަ ބުނުމުގެ ގޮތުން ފުލުހަކު ބުންޏެވެ.

"ތިޔަ ދަބަސް މިރަށުގެ ބިމު އަޑީގައި އޮތަސް ހޯދައިދޭނަމުއެވެ."

ދެން ރަށްފުށު މީހާ ރަށުތެރޭގައި އުޅެނިކޮށް، ފާޚާނާ ހޮޅި ވަލުމަށްޓަކައި މަގު ކޮންނަންތިބި ބަޔަކާ ދިމާވިއެވެ. އެހިނދު އޭނާ އެމީހުންނަށް ޝުކުރު އަދާކުރަމުން، އެމީހުންގެ ގާތުގައި ބުންޏެވެ.

"ތިޔަ ހޯދާ ދަބަހުގެ ކުލައަކީ، ކަޅުކުލައެވެ. އޭގައި ވާނީ ރަންކުލައިގެ ޒިބެކެވެ."