ސާދާގަރުގެ ހަތަރު އަނބިން


އެއް ޒަމާނެއްގައި ވަރަށް މުއްސަނދި ސާދާގަރަކު އުޅުނެވެ. އޭނާ އުޅުނީ ހަތަރު މީހުނާ އިނދެގެންނެވެ. އެއީ އޭނާއާ އެންމެ ކައިރިން މުޢާމަލާތްކުރާ އޭނާގެ "ޙަޔާތުގެ ހަތަރު ބައިވެރިންނެވެ." އޭގެ ތެރެއިން އޭނާ އެންމެ ލޯބިވަނީ، ހަތަރުވަނަ ބައިވެރިޔާ ދެކެއެވެ. ހިސާބެއް ކިތާބެއް ނެތި، އެ ބައިވެރިޔާ އަށް ރީތި ފޭރާމާއި އަގުބޮޑު ގަހަނާ ގަނެދެއެވެ. ހަމައެފަދައިން، މި ދުނިޔޭގައިވާ އެންމެހައި މީރު ކާނާއާއި ޝަރުބަތް، އޭގެ އަގާމެދު ވިސްނުމެއް ފިކުރެއް ނެތި ހޯދައިދެއެވެ. އަދި އެ ބައިވެރިޔާ ގޮވައިގެން ދުނިޔޭގެ ކަންކޮޅުތަކަށް ދަތުރުކޮށް އަގުބޮޑު ހޮޓާތަކުގައި ދުވަސްތައް ހޭދަކުރެއެވެ. ސާދާގަރު އެ ބައިވެރިޔާ އަށް ހުރިހައި ކަމެއް ކޮށްދެނީ ނުހަނު ލޯބިންނެވެ.

ސާދާގަރު އޭނާގެ ޙަޔާތުގެ ތިންވަނަ ބައިވެރިޔާ ދެކެ ވެސް ލޯބިވެއެވެ. އެ ބައިވެރިޔާ އާ މެދު، އޭނާ އަބަދުވެސް ފަޚުރުވެރިވެއެވެ. އޭނާގެ ރަޙުމަތްތެރިންނަށް އެ ބައިވެރިޔާ ދެއްކުމަކީ، އޭނާ ވަރަށް ކުރާހިތްވާ ކަމެކެވެ. އެ ބައިވެރިޔާގެ ކުޅަދާނަކަމާއި މޮޅުކަމުގެ ވާހަކަ، ރަޙުމަތްތެރިންނާއި ރައްޓެހިންގެ ގާތުގައި ދެއްކުމަކީ ވެސް، ސާދާގަރު ނުހަނު ފަޚުރުވެރިކަމާއެކު ކުރާ ކަމެކެވެ. ނަމަވެސް، އެ ބައިވެރިޔާ، އޭނާގެ ގާތުން ވަރިވެގެން ގޮސް އެހެން މީހަކާ އިނދެފާނެތީ އޭނާ އަބަދުވެސް ކަންބޮޑުވެއެވެ.

ސާދާގަރު، އޭނާގެ ޙަޔާތުގެ ދެވަނަ ބައިވެރިޔާ ދެކެ ވެސް ލޯބިވެއެވެ. އެ ބައިވެރިޔާ އަކީ، ޤަދަރުވެރި ޝަޚުޞިއްޔަތެކެވެ. ކެތްތެރިކަމާއި ވަފާތެރިކަމާއި ހަރުދަނާކަމުގެ ރިވެތި މިސާލެކެވެ. ސާދާގަރު އެ ބައިވެރިޔާ އަށް ވަރަށް އިތުބާރުކުރެއެވެ. އަމިއްލައަށް ނުކުރެވޭ ވަރުގެ ކަމެއް ޖެހިއްޖެނަމަ، އަބަދުވެސް އެ ބައިވެރިޔާގެ އެހީތެރިކަން ހޯދައެވެ. ސާދާގަރާ ކުރިމަތިވާ އެންމެ ދަތި ވަގުތުތަކުގައި ވެސް، އެ ބައިވެރިޔާ އޭނާގެ މައްސަލަތައް ޙައްލުކޮށްދެއެވެ.

ސާދާގަރުގެ ޙަޔާތުގެ ހަތަރު ބައިވެރިންގެ ތެރެއިން ޙަޤީޤަތުގައި އޭނާއަށް އެންމެ ހެޔޮއެދެނީ އޭނާގެ ފުރަތަމަ ބައިވެރިޔާއެވެ. އޭނާގެ ތަނަވަސްކަމާއި މުދަލާއި ގެދޮރު ޙިމާޔަތްކޮށްދީ، އޭނާ ކުރަންޖެހޭ ހުރިހައި މަސައްކަތްތަކެއް ބަލަހައްޓައިދިނުމުގައި، މި ވަފާތެރި ބައިވެރިޔާ އަދާކުރާ ދައުރު ވަރަށްވެސް ބޮޑެވެ. ނަމަވެސް، ސާދާގަރު މި ބައިވެރިޔާއާ އަޅައެއް ނުލައެވެ. އަނެއް ތިން ބައިވެރިން ދެކެ ލޯބިވާ ފަދައިން މި ބައިވެރިޔާ ދެކެ ލޯތްބެއް ނުވެއެވެ. ސާދާގަރު ދެކެ މި ބައިވެރިޔާ އިންތިހާދަރަޖައަށް ލޯބިވާއިރު ވެސް އެކަން ސާދާގަރަށް ނޭނގޭ ކަހަލައެވެ.

ސާދާގަރުގެ ޙަޔާތުގެ ހަތަރު ބައިވެރިންގެ ކިބައިގައި ވަނީ، ތަފާތު ހަތަރު މިޒާޖެކެވެ. އެ ހަތަރު ބައިވެރިންނާއެކު، ސާދާގަރު ޢުމުރު ހޭދަކުރަމުން ގެންދިޔައީ ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމުގައެވެ. އެގޮތުގައި އެތައް އަހަރެއް ފާއިތުވެދިޔަ ފަހުން، އެއްދުވަހަކު އޭނާ ވަރަށް ބޮޑަށް ބަލިވެއްޖެއެވެ. ބޭސްވެރިންނާއި ޑަކުޓަރުންގެ ފަރުވާއަށް އެ ބަލި މަތަނުވުމުން، އެއީ މަރުބަލި ކަމަށް އޭނާއަށް ވިސްނުނެވެ. އަދި އޭނާގެ ހިތަށް އެރިއެވެ.

"ހަތަރު ބައިވެރިންނާއެކު ދިރިއުޅުމަށްފަހު، މަރުވެގެން ދާންވީ އެކަނި ހެއްޔެވެ؟ ދުނިޔޭގައި މިހައި އުފަލާއި އަރާމުގައި ދިރިއުޅެފައި، ކަށްވަޅަށް ގޮސް އެތަނުގައި އޮންނަންވީ ހަމަ އެކަނިމާއެކަނި ހެއްޔެވެ؟ އެހެންވިޔަކަ ނުދޭނަމެވެ. ޙަޔާތުގެ ހަތަރު ބައިވެރިންގެ ތެރެއިން ކޮންމެވެސް އެކަކު ގެންދެވޭތޯ ބަލާނަމެވެ."

މިހެން ހިތައި، ސާދާގަރު އޭނާ އެންމެ ލޯބިވާ ހަތަރުވަނަ ބައިވެރިޔާގެ ގާތުގައި ބުންޏެވެ.

"އަހަރެންގެ ޙަޔާތުގެ ބައިވެރިންގެ ތެރެއިން އެންމެ ބޮޑަށް ލޯބިވީ ތިބާދެކެއެވެ. އެންމެ ރިވެތި ފޭރާމާއި އަގުބޮޑު ތަކެތި ތިބާއަށް ހޯދައިދިނީމެވެ. ތިބާ ގޮވައިގެން ދުނިޔޭގެ ކަންކޮޅުތަކަށް ގޮސް، އުފާވެރި ވަގުތުތައް ހޭދަކުރީމެވެ. ދުނިޔޭގައިވާ އެންމެ މީރު ކާބޯތަކެތި ތިބާއަށް ކާންދިނީމެވެ. ނަމަވެސް މިއަދު އަހަރެން މިއޮތީ މަރުގެ ތުންފަތްމަތީގައެވެ. މިއަދު އަހަރެން މަރުވެގެން ދާން މިޖެހެނީ، އެކަނިމާއެކަންޏެވެ. އަހަރެންގެ އެކަނިވެރިކަން ފިލުވައިދޭން ތިބާ އަހަރެންނާއެކުގައި ގޮސްދީފާނަންހެއްޔެވެ؟"

ސާދާގަރުގެ ބަސްތައް އަޑުއެހުމަށްފަހު، ހަތަރުވަނަ ބައިވެރިޔާ މަލާމާތުގެ ރާގަކަށް ހީނގަތެވެ. އަދި ބުންޏެވެ.

"ތިޔައީ އަހަރެން ދުވަހަކުވެސް ކުރާނެ ކަމެއް ނޫނެވެ. ތިބާގެ ފުރާނައިގެ އެކަނިވެރިކަން ފިލުވައިދޭން އެއާއެކު އެ ދާތަނަކަށް ނުދާނަމެވެ. އެއާއެކު އަހަރެން ވާނީ ތިބާގެ ޙަޔާތުގައެވެ. ތިޔަ ވާހަކަ، އަހަރެންގެ ގާތުގައި ކިތަންމެ ވަރަކަށް ދެއްކިޔަސް، ތިބާއަށް ކުރާނެ އެއްވެސް މަންފާއެއް ނެތެވެ."

މިހެން ބުނަމުން ހަތަރުވަނަ ބައިވެރިޔާ، ސާދާގަރަށް ފުރަގަސް ދީފިއެވެ. އޭނާ ދިން ޖަވާބުގެ ހިތިކަމުން، ބަރުދާސްތުކުރަން ދަތި ވޭނާއި ކެކުޅުން، ސާދާގަރުގެ ހިތަށް ވެރިވިއެވެ.

ދެން އިރުކޮޅަކު ވިސްނާލަން އޮތުމަށްފަހު، ސާދާގަރު އޭނާގެ ތިންވަނަ ބައިވެރިޔާ ގެނެސް، އެ ބައިވެރިޔާގެ ގާތުގައި ބުންޏެވެ.

"އަހަރެންގެ މުޅި ޢުމުރުގައި ތިބާ ދެކެ ވަރަށް ބޮޑަށް ލޯބިވީމެވެ. ތިބާ ޙިމާޔަތްކުރުމަށްޓަކައި، އެތައް ޤުރުބާނީތަކެއްވީމެވެ. މިކަން ވަރަށް ރަނގަޅަށް ތިބާއަށް އެނގޭނެއެވެ. ނަމަވެސް މިއަދު އަހަރެން މިއޮތީ މަރުގެ ތުންފަތްމަތީގައެވެ. މިއަދު އަހަރެން މަރުވެގެން ދާން މިޖެހެނީ، އެކަނިމާއެކަންޏެވެ. އަހަރެންގެ އެކަނިވެރިކަން ފިލުވައިދޭން ތިބާ އަހަރެންނާއެކުގައި ގޮސްދީފާނަންހެއްޔެވެ؟"

ސާދާގަރު ދެއްކި ވާހަކަ އަޑުއެހުމަށްފަހު، ތިންވަނަ ބައިވެރިޔާ ހަރުކަށިކަމާއެކު ޖަވާބުދިނެވެ.

"ނޫނެކެވެ. ނުދާނަމެވެ. އުޚުރަވީ ޙަޔާތަށްވުރެ ދުންޔަވީ ޙަޔާތް، މާ ހިތްގައިމެވެ. ތިބާ ކަށްވަޅަށް ދާށެވެ! ތިބާ މަރުވުމުން، ތިބާއަށްވުރެ ހައިބަތުހުރި އެހެން މީހަކާ އަހަރެން އިންނާނަމެވެ. ތިބާޔާ އެކުގައި ހޭދަކުރި ދުވަސްތަކަށްވުރެ މާ އުފާވެރި ދުވަސްތަކެއް އޭނާޔާއެކުގައި ހޭދަކުރާނަމެވެ. އަހަރެން ޙިމާޔަތްކުރުމަށްޓަކައި ތިބާ މަސައްކަތްކުރި ވަރަށްވުރެ މާބޮޑަށް އޭނާ އެކަމުގައި މަސައްކަތްކުރާނެއެވެ. އަދި އަހަރެންނަށްޓަކައި އޭނާ މާބޮޑެތި ޤުރުބާނީތައް ވާނެއެވެ. މާފުކުރާށެވެ! މިއަދަކު ތިބާ އެދޭ އެއްވެސް ކަމެއް ކޮށްދޭކަށް ނެތީމެވެ. އަހަރެން މިދަނީ، ދުނިޔޭގެ އުފާވެރިކަމުގެ ތެރެއަށެވެ."

މިހެން ބުނަމުން ތިންވަނަ ބައިވެރިޔާ ސާދާގަރުގެ ގާތުން ދުރަށް ހިނގައްޖެއެވެ. އޭނާ ގޮސް އޮބާލަންދެން، އެސްފިޔަ ޖަހާނުލައި އޭނާއާ ދިމާއަށް ބަލަހައްޓައިގެން ފެންކަޅިވެފައި ސާދާގަރު އޮތެވެ.

ދެން އަނެއްކާވެސް އެތައް އިރަކު ވިސްނައި ފިކުރުކުރަން އޮތުމަށްފަހު، ސާދާގަރު އޭނާގެ ދެވަނަ ބައިވެރިޔާ ގެނެސް އޭނާގެ ގާތުގައި ބުންޏެވެ.

"އަހަރެންގެ ޙަޔާތުގައި ތިބާދެކެ ލޯބިވީމެވެ. އަދި ތިބާއަށް އިޚުލާޞްތެރިވެ ހެޔޮއެދުނީމެވެ. މީހެއްގެ އެހީއަކަށް ބޭނުންވާ ކޮންމެ ފަހަރަކު، ތިބާ އަހަރެންނަށް އެހީތެރިވެދިންކަން، ދުވަހަކު ވެސް ހަނދާން ނުނެތޭނެއެވެ. އަހަރެންނާ ކުރިމަތިވާ ކޮންމެ ބޮޑު ކަމެއްގައި ތިބާއާ މަޝްވަރާކުރީ، ތިބާގެ ހިތްހެޔޮކަމާއި އިޚުލާޞްތެރިކަން އެނގޭތީއެވެ. ތިބާ އަހަރެންނަށް ދީފައިވާ އިޚުލާޞްތެރި މަޝްވަރާތަކާއި އެހީއަށްޓަކައި ހިތުގެ ޢުމުޤުން ޝުކުރާއި ތަޢުރީފު ރައްދުކުރަމެވެ. މިއަދު، އަހަރެން ތިބާ މިގެނައީ ވަރަށް ބޮޑުކަމެއް ޖެހިގެންނެވެ. މިއަދު އަހަރެން މިއޮތީ މަރުގެ ތުންފަތްމަތީގައެވެ. މިއަދު އަހަރެން މަރުވެގެން ދާން މިޖެހެނީ، އެކަނިމާއެކަންޏެވެ. އަހަރެންގެ އެކަނިވެރިކަން ފިލުވައިދޭން ތިބާ އަހަރެންނާއެކުގައި ގޮސްދީފާނަންހެއްޔެވެ؟"

ސާދާގަރުގެ ވާހަކަ އަޑުއެހުމަށްފަހު، ދެވަނަ ބައިވެރިޔާ ހަމްދަރުދީއާއެކު، ޖަވާބު ދިނެވެ.

"މިދުނިޔޭގައި ތިބާ އަހަރެން ދެކެ ލޯބިވި ފަދައިން އަހަރެން ތިބާދެކެ އިޚުލާޞްތެރިކަމާއެކު ލޯބިވީމެވެ. ތިބާ އަހަރެންނަށް އެހީތެރިވެދިން ފަދައިން އަހަރެން ތިބާއަށް ހިތްހެޔޮކަމާއެކު އެހީތެރިވެދިނީމެވެ. ތިބާ އަހަރެންގެ މަޝްވަރާއަކަށް އެދޭ ކޮންމެ ފަހަރަކު، ތެދުވެރިކަމާއެކު އަހަރެންނަށް ފެންނަ އެންމެ ރަނގަޅު މަޝްވަރާ ދިނީމެވެ. ތިބާގެ މަޝްވަރާއަކަށް އަހަރެން އެދޭ ކޮންމެ ފަހަރަކު، ތިބާ އަހަރެންނަށް މަޝްވަރާ ދޭ ފަދައިންނެވެ. އަހަރެންނަކީ، ތިބާގެ ހަށިގަނޑުގެ އެއްބައިކަމަށް ތިބާ ބެލި ފަދައިން، ތިބާއަކީ އަހަރެންގެ ހަށިގަނޑުގެ އެއްބައި ކަމަށް ބެލީމެވެ. މިއީ، ދުންޔަވީ ޙަޔާތުން ފާއިތުވެގެން ދިޔަ ދުވަސްތަކުގައި ކަން އޮތް ގޮތެވެ. މިއަދު ތިބާ ތިޔަ އޮތީ، ކަށްވަޅަށް ދިއުމުގެ މަގުމަތީގައެވެ. މިއަދު ތިޔަ އެދޭ ކަންތައް ކޮށްދެވޭނެ އެއްވެސް ގޮތެއް ނެތެވެ. މިކަމާމެދު ހިތާމަކުރަމެވެ. މިއަދު ތިބާއަށްޓަކައި އަހަރެންނަށް ކުރެވެން އޮތް ކަމަކީ، ތިބާގެ ސަންދޯކާއެކު ކަށްވަޅާ ހަމައަށް ގޮސް، ޖަނާޒާގައި ބައިވެރިވުން އެކަންޏެވެ."

ދެވަނަ ބައިވެރިޔާ ދިން ޖަވާބު، ސާދާގަރަށް އަޑުއިވުނީ، އޭނާގެ ކަންފަތަށް އެޅި ހޮނުގުގުރިއެއް ފަދައިންނެވެ. އެ ޖަވާބު އަޑުއިވިފައި ސާދާގަރު މުޅިން ބޭޤަރާރުވިއެވެ. އެހިނދު، އޭނާގެ ކޮންޓުރޯލުން ބޭރުގައިވާ ހިތުގެ ވިންދުތައް ހުއްޓުވުމަށް، އޭނާގެ ހާސަރުތައް މަސައްކަތްކުރިއެވެ. ނަމަވެސް މަލަކުލްމައުތު މަރުހިއްޕަވަންދެން ދިރި އޮންނަން ޖެހޭތީ، އޭނާގެ ހިތުގެ ވިންދުތައް މުޅިން ހުއްޓުވާލެވޭނެ ގޮތެއް ނުވިއެވެ. އެހެންކަމުން، އެ ޙާލުގައި އޮވެ، އަނެއްކާވެސް އޭނާއާއެކުގައި ދާނެ މީހަކު ވޭތޯ ވިސްނައި ފިކުރުކުރަން ފެށިއެވެ. އެތައް އިރަކު އެކަމުގެ މައްޗަށް ނަޒަރު ހިންގި އިރު ވެސް، އެކަން ކޮށްދީފާނެ މީހަކު އޭނާގެ ޚިޔާލާއި ފިކުރުގެ ދުރުމީއަކަށް ނޭރިއެވެ.

ސާދާގަރު އެ ޙާލުގައި އޮއްވާ، ވަރަށް އޯގާތެރި އަޑެއް އޭނާއަށް އިވުނެވެ.

"ދެރަނުވާށެވެ! ތިބާ ދާންޖެހުނު ކޮންމެ ތަނަކަށް އަހަރެން ތިބާއާ އެކުގައި ދާނަމެވެ. ލޯތްބާއެކު އަބަދުމެ ތިބާއާ އެކުގައި ވާނަމެވެ. ތިބާއަށް ކުރިމަތިވާ ކޮންމެ މުޞީބާތަކުން ތިބާ ސަލާމަތްކޮށްދިނުމަށް މަސައްކަތްކުރާނަމެވެ."

މަރަށް ޙާޒިރުވެފައި އޮތް ސާދާގަރަށް މި އިވުނު އޯގާތެރި ބަސްތައް، އޭނާގެ ހަށިގަނޑާއި ފުރާނައަށް އައު ދިރުމެއް ދިން ކަހަލައެވެ. ދެން އޭނާ އެ ބަސްތައް އިވުނު ދިމާއަށް ބަލާލިއިރު، ފެނުނީ، އޭނާގެ ފުރަތަމަ ބައިވެރިޔާއެވެ. އެއީ ދުވަހަކުވެސް އޭނާ އަޅާނުލާ ބައިވެރިޔާއެވެ. ކާން ނުދީ ބެހެއްޓުމުގެ ސަބަބުން، އަނަރޫފަވެފައިވާ ބައިވެރިޔާއެވެ. ރީތި ހެދުމެއް ގަހަނާއެއް ނުދީ ބެހެއްޓުމުގެ ސަބަބުން، ރީތިކަމާއި ޗާލޫކަން ގެއްލިފައިވާ ބައިވެރިޔާއެވެ. އޭނާ ފެނުމުން ސާދާގަރު ޙައިރާންވެ އަންތަރީސްވިއެވެ. އަދި ކުއްލިއަކަށް ރަނގަޅު ގޮތް އެނގުނު މީހެއް ފަދައިން އޭނާއަށް ބުނެވުނެވެ.

"އަނެއް ތިން އަނބިން ދެކެ ލޯބިވުމުގެ ބަދަލުގައި އަހަރެން ލޯބިވާންވީ، ތިބާ ދެކެއެވެ. އަހަރެންގެ ބަލި ފަސޭހަވުމުން، އެހެން އަނބިން ދޫކޮށްލާފައި، ޢުމުރުގެ ބާކީ އޮތް ބައި ހޭދަކުރާނީ، ތިބާއާ އެކުގައެވެ. އަހަރެންގެ ހުރިހައި މުދަލަކާއި ތަނަވަސްކަމެއް ވެސް ހޭދަކުރާނީ ހަމަ ތިބާއަށްޓަކައެވެ."

ސާދާގަރު މިހެން ބުނުމުން، ފުރަތަމަ ބައިވެރިޔާ ހިނިތުންވެލާފައި ބުންޏެވެ.

"ތިބާއަށް ނޭނގުނެއް ކަމަކު، އަހަރެން އަބަދުވެސް ތިބާ ދެކެ ލޯބިވަމެވެ. އަދި މި ދުނިޔޭގައި ތިބާ ދެކެ ލޯބިވި ފަދައިން މަރުވުމަށް ފަހު އާޚިރަތުގައި ވެސް ތިބާ ދެކެ ލޯބިވާނަމެވެ."

ލޯބިވާންވީ، ކޮން އަތްނބަކު ދެކެ ކަން ސާދާގަރަށް އެނގުނު އިރު، ވަގުތު ވަނީ ފާއިތުވެފައެވެ. ފުރަތަމަ ބައިވެރިޔާގެ އޯގާތެރި ބަސްތައް އަޑުއަހަން އޮއްވާ އޭނާގެ ފުރާނަ ހަށިގަނޑާ ވަކިވެގެން ހިނގައްޖެއެވެ. އޭނާ ދާދި ދެންމެއަކު ބުނި ފަދައިން، ފުރަތަމަ ބައިވެރިޔާއަށް ލޯބި ދޭނެ ފުރުޞަތެއް އޭނާއަކަށް ނުލިބުނެވެ. ނަމަވެސް އެ އިޚުލާޞްތެރި ބައިވެރިޔާ، އޭނާދެކެ ފޫއްސެއް ނުވެއެވެ. ރުޅިއެއް ނާދެއެވެ. ކީއްތޯއެވެ. އޭނާއާއެކު، އުޚުރަވީ ޢާލަމަށް ދިޔައެވެ. މި ޢާލަމްގައި އޭނާއަށް ވަފާތެރިވި ފަދައިން އާޚިރަތުގައި ވެސް އޭނާގެ މަދަދުގާރެއް ކަމުގައި ވުމަށްޓަކައެވެ.

ސާދާގަރުގެ ވާހަކަ މިހިސާބަށް ނިމުނީއެވެ.

ދެން އޮތީ އަޅުގަނޑުމެންގެ ވާހަކައެވެ.

އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީ، ޙަޔާތުގެ ހަތަރު ބައިވެރިންނާ އިނދެގެން އުޅުނު ސާދާގަރު ފަދަ މީހެކެވެ. ހަތަރުވަނަ ބައިވެރިޔާ ތަމްސީލުކުރަނީ، އިންސާނާގެ ހަށިގަނޑެވެ. ތިންވަނަ ބައިވެރިޔާ ތަމްސީލުކުރަނީ، އޭނާގެ މުދަލެވެ. ދެވަނަ ބައިވެރިޔާ ތަމްސީލުކުރަނީ، އޭނާގެ ގާތްތިމާގެ މީހުންނެވެ. ފުރަތަމަ ބައިވެރިޔާ ތަމްސީލުކުރަނީ، މާތް ﷲ އާ، އޭނާއާ ދެމެދުގައިވާ ރޫޙާނީ ގުޅުމެވެ. މިދުނިޔޭގައި ވަރަށް ގިނަ ބަޔަކު ވަނީ، ސާދާގަރު ފަދައިން، ފުރަތަމަ ބައިވެރިޔާ ހަނދާން ނައްތާލާފައެވެ.

މިވާހަކަ ވިދާޅުވާ، އެންމެހައި އަޚުންނާއި އުޚުތުންނޭވެ! ޢުމުރަކީ ވަރަށް ކުރުކުރު މުއްދަތެކެވެ. މި މުއްދަތުގެ ތެރޭގައި ރޫޙާނީ ކަންތައްތަކާމެދު ދެއްވާ ސަމާލުކަން ދުވަހެއް ދުވަހަކަށްވުރެ އިތުރުކުރައްވަމުން ގެންދަވާށެވެ! ދުނިޔޭގެ މުދަލާއި އުފަލަށްވުރެ ކުރިޔަށް އާޚިރަތުގެ ދަރުމައާއި ސަވާބު އިސްކުރައްވާށެވެ! ސާދާގަރަށް ރަނގަޅު ގޮތް އެނގުނު ވަގުތު ޖެހެންދެން ލަސްނުކުރައްވާށެވެ!