އިސްލާމީ ގެއަކީ އުފާވެރިކަމުގެ މަންޒިލެކެވެ.


މާތްﷲ ޥަޙީކުރައްވާފައި ވެއެވެ. وَاللَّهُ جَعَلَ لَكُم مِّن بُيُوتِكُمْ سَكَنًا (އަންނަޙުލު: 80) މާނައީ، "އަދި ﷲ، ތިޔަބައިމީހުން ހިމޭންވެތިބޭ ތަންތަން ކަމުގައި، ތިޔަބައިމީހުންނަށް، ތިޔަބައިމީހުންގެ ގެތައް ލެއްވިއެވެ." އެހެންވީމާ، މުސްލިމުންގެ ގެދޮރު ވާންޖެހޭނީ، ހަމަޖެހިގެން ދިރިއުޅެވޭ ތަނެއް ކަމަށެވެ. އެތަނުގައި ދިރިއުޅޭއިރު އުފަލާއި އަރާމާއި ހިތްހަމަޖެހުން ލިއްބައިދޭ ތަނެއް ކަމަށެވެ. ހީވާގިކަމާއެކު އެކިއެކި ވަޒީފާތައް އަދާކުރުމަށްފަހު، އެނބުރި އައިސް، އަމާންކަމާއެކު އަރާމުކުރުމުގެ ވަގުތުތައް ހޭދަކުރެވޭ ތަނެއް ކަމަށެވެ.

ބިތްތަކަކުން ނިވާކޮށް، ފުރާޅަކުން ހިޔާކޮށް އަދި ތަޅުމެއްގެ މަތީގައި ފަރުނީޗަރު އަތުރާލިޔަސް، ފުރިހަމަ ގެއެއް ނުއުފެދެއެވެ. ހަމައެކަނި އެގޮތަށް އުފެދިފައިވާ ގެއަކަށް ފުރިހަމަ ގެއެކޭ ނުކިޔޭނެއެވެ. މިހެނީ، މާތްވެގެންވާ އިސްލާމްދީނުގައި ގެއަކީ އީމާންކަމާއި ރޫޙާނިއްޔަތުގެ މިޙުރާބެކެވެ. ތަޢުލީމާއި ތަރުބިއްޔަތުގެ ކޮލެޖެކެވެ. މުނިއަވަސްފިލުވުމާއި އަރާމުކުރުމުގެ ބަގީޗާއެކެވެ. އެތަން އާރާސްތުކުރެވޭނީ ނިކަން ލޯބިން ދިރިއުޅޭ ދެމަފިރިއަކަށެވެ. އެ ދެމަފިރިން އެތަން އާރާސްތުކުރާނީ، މަޥައްދަތާއި ލޯބިންނެވެ. ތެދުވެރިކަމާއި ވަފާތެރިކަމުންނެވެ. އިޙުތިރާމުކުރުމާއި އިޙުތިރާމު ލިބިގަތުމުންނެވެ. މިކަންކަމުގެ ގައުތަކުން ބިނާކުރެވޭ ގެއެއްގައި އުފާފާގަތިކަމާއެކު ހަމަޖެހިގެން ދިރިއުޅެވޭނެއެވެ. ހަމަހިމޭންކަމާއެކު އިސްތިޤުރާރުވެގެން ދެމިތިބެވޭނެއެވެ.

އިސްލާމީ ގެއެއްގެ އެންމެ މުހިންމު އެއް ސިފައަކީ، އެ ގޭގައިވާ މާއްދީ ތަކެއްޗާއެކު ދިރިއުޅުމުގެ ރޫޙާނިއްޔަތު އެމުނިއެކުލެވުމެވެ. ޙިއްސުކުރެވޭ ތަކެއްޗާއެކު ނަފުސުގެ ހިތްހަމަޖެހުން ގުޅިލާމެހުމެވެ. އެ ގޭގައިވާ މާއްދީ ބަޔާއި މަޢުނަވީ ބައިގެ ދެމެދުގައި މިފަދަ ގުޅުންތައް ދެމިއޮވެއެވެ. އޭގެ ސަބަބުން، މާއްދީ ބިންގާ ވަރުގަދަވެ، މަޢުނަވީ ބިންގާ ހަރުދަނާވެއެވެ. އަދި އޭގެ މަތީގައި ދިރިއުޅުން އާރާސްތުވެއެވެ.

ދެމަފިރިންނަށްޓަކައި، ގެއަކީ ހަމަޖެހިގެން ދިރިއުޅެން އޮތް ތަނެއް ކަމުގައި މާތްﷲ ލެއްވި ފަދައިން، ދެމަފިރިންކުރެ ކޮންމެ މީހަކީ، އަނެކަކަށް އިސްތިޤުރާރުވުމެއް ކަމުގައި އެކަލާނގެ ލެއްވިއެވެ. އެކަލާނގެ ޥަޙީކުރައްވާފައި ވެއެވެ. وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً إِنَّ فِي ذَلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ (އައްރޫމް: 21) މާނައީ، "ތިޔަބައިމީހުންނަށްޓަކައި ހަމަ ތިޔަބައިމީހުންގެ ނަފުސުތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ، ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރުހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއް ވާކަން ކަށަވަރެވެ."

އެހެންވީމާ، ގެދޮރުގައި ދިރިއުޅުން ޤާއިމްކުރާ ފަދައިން، ކާވެނީގެ ގުޅުމުގައި ދިރިއުޅުން އިސްތިޤުރާރު ކުރަން ޖެހެއެވެ. އެ ގުޅުމަކީ، މާތްﷲ މީސްތަކުންނަށް ދެއްވާފައިވާ ނިޢުމަތެކެވެ. އެ ނިޢުމަތަށް ޝުކުރުކޮށް، އެ ނިޢުމަތް ދަމަހައްޓަން މަސައްކަތް ކުރުމަކީ، ހަމަ ކޮންމެ މުސްލިމަކުމެ ކުރަންޖެހޭނެ ކަމެކެވެ.