ބުޅާ މަރުވި ގޮތް


އެއްދުވަހަކު ދެ ކުއްޖަކު ހިނގާފައި ދަނިކޮށް މަގުމަތިން ކުޑަ ބުޅަލެއް ފެނުނެވެ. އެއިން އެއްކުއްޖަކު ބުންޏެވެ.

"މިއީ ވަރަށް ރީތި ބުޅަލެކެވެ. އަހަރެން މި ބުޅާ ގެޔަށް ގެންގޮސްގެން މިސޮރަށް ކާންދީ ބަލަހައްޓާނަމެވެ."

އެހިނދު އަނެއް ކުއްޖާ ބުންޏެވެ.

"ބުޅަލަކީ ވަރަށް ގިނަ ބަލިތައް ޖައްސާ އެއްޗެކެވެ. ރަނގަޅަށް ދޮވެލައިގެން ގެންގުޅެވޭތޯ ބަލާށެވެ!"

ޖެހިގެން އައި ދުވަހު، ބުޅާ ގެންދިޔަ ކުއްޖާގެ ގެޔަށް އަނެއް ކުއްޖާ ދިޔައިރު، ބުޅާ ގެންދިޔަ ކުއްޖާ ރޯންއިނެވެ. ރޮނީ ކީއްވެތޯ އެހީމާ ބުނީ ބުޅާ މަރުވެގެން ރޮނީ ކަމަށެވެ.

ބުޅާ މަރުވީ ކީއްވެތޯ އެހީމާ ބުންޏެވެ.

"ސައިބޯނި ލައިގެން ރަނގަޅަށް ދޮވެލާފައި، ފެން ހިއްކަން ފެލާލީމާ، އެސޮރު މަރުވީއެވެ."