ޝޫރާ ތަންފީޛުކުރެވުނު ގޮތުގެ ބައެއް ނަމޫނާތައް


މިއީ، ލީބިޔާގެ އަލްޤިޔާދަތުއްޝަޢުބިއްޔާ އަލްއިސްލާމިއްޔާ އަލްޢާލަމިއްޔާ އިން، ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައި، 19 ނޮވެމްބަރ 2007 އިން 20 ނޮވެމްބަރ 2007 މ. އަށް ބޭއްވި ސެމިނާރ އަށް ހުށަހެޅުނު ކަރުދާހެކެވެ. މިކަރުދާހުގެ އަޞްލު، ޢަރަބި ބަހުން ތައްޔާރުކުރެއްވީ، އަލްއުސްތާޛާ ޠަލްސޫމާ އަޙުމަދެވެ. މި ކަރުދާހުގެ އަޞްލު ނަމަކީ، "އިސްލާމްދީނުގެ ކުރީކޮޅުގައި، ޝޫރާ ތަންފީޛުކުރެވުނު ގޮތުގެ ބައެއް ނަމޫނާތައް" އެވެ. މިކަރުދާސް ދިވެހިބަހަށް ތަރުޖަމާކޮށް އެ ސެމިނާރއަށް ހުށަހެޅުމުގެ ފުރުޞަތު ދެއްވިކަމަށްޓަކައި، ސެމިނާ އިންތިޒާމުކުރެއްވި ފަރާތްތަކަށް އިޚުލާޞްތެރި ޝުކުރު ދަންނަވަމެވެ.
ޢަބްދުލްމުޢީދު ޙަސަން


މާތްﷲގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ހުއްޓެވެ. އެކަލާނގެއީ، މީސްތަކުންނަށްޓަކައި ނެރެވުނު އެންމެ ހެޔޮ އުންމަތްކަމުގައި އިސްލާމީ އުންމަތް ލެއްވި ރަސްކަލާނގެ އެވެ. މި އުންމަތުގެ މީހުން ހެޔޮކަންތައްތަކަށް އަމުރުކޮށް ނުބައި ކަންތައްތައް ނަހީކުރާހާ ހިނދަކު އެންމެ ހެޔޮ އުންމަތުގެ ގޮތުގައި ދެމި އޮންނާނެއެވެ.

މާތްﷲގެ އަޅާ އަދި އެކަލާނގެ ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) މުޙަންމަދުގެފާނު (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ މައްޗަށް ޞަލަޥާތާއި ސަލާމްލެއްވުން އެދި ދުޢާކުރަމެވެ. މީސްތަކުންގެ ތެރެއިން އެންމެ ޚުލްޤުހެޔޮ އިންސާނަކީ އިތުރު އެކަލޭގެފާނެވެ. އަދި ސިޔާސަތާއި ޙިކުމަތުގެ ގޮތުން ވެސް އެންމެ މޮޅު އިންސާނަކީ އިތުރު އެކަލޭގެފާނެވެ. އިތުރު އެކަލޭގެފާނު، ޢަދުލުވެރިކަމާއި އޯގާތެރިކަމާއެކު ވެރިކަން ކުރެއްވިއެވެ. މީސްތަކުންނާ މަޝްޥަރާ ކުރުމުގައި އިތުރު އެކަލޭގެފާނަށްވުރެ އަރާހުރި އެހެން އިންސާނަކު މި ދުނިޔޭގައި ފާޅުވެފައެއް ނެތެވެ. އެހެންކަމުން އިތުރު އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންގެ ހިތްޕުޅުތައް އިތުރު އެކަލޭގެފާނާ ގާތްވެ އެމުނިއެކުލެވިގެން ދިޔައެވެ.


1. މުސްލިމުންގެ ޙަޔާތުގައި ޝޫރާ

ޝޫރާއަކީ، މާތްވެގެންވާ އިސްލާމްދީން ގެނެސްދެއްވާފައިވާ އިޖުތިމާޢީ އަގުތަކުގެ ތެރެއިން އަގެކެވެ. އެއާމެދު މާތްވެގެންވާ އިސްލާމްދީނުގައި ވަރަށް ބޮޑު އަހަންމިއްޔަތެއް ދެވިފައި ވެއެވެ. އިސްލާމް ދީނަށް ގޮވާލުމުގެ ދަޢުވަތަށް ފަތިހުގެ އަލިކަން ފާއްދާލުމާއެކު، މައްކާގެ މުސްލިމުންނީ އެރަށުގައި ނިކަމެތި ކުރެވި އަނިޔާދެވޭ އަދި އެރަށުން ފައްސާލެވޭ ބަޔަކު ކަމުގައި ވިއެވެ. މާތުރަ، ކީރިތި ޤުރުއާން ވަނީ، އެބައިމީހުންނަކީ، އެއްބައެއްވަންތަ އެކުވެރި މުޖުތަމަޢެއްކަމުގައި ހަދައި ދީފައެވެ. ކީރިތި ޤުރުއާން އެބައިމީހުންގެ މެދުގައި އުފެއްދީ އުޚުއްޥަތްތެރިކަމާއި ތަޟާމުނާއި ތަކާފުލުގެ ގުޅުމެވެ. އޭގެތެރޭގައި މިދަންނަވާ ކަންތައްތައް ހިމެނެއެވެ.

1. މާތްﷲގެ ޙަޟްރަތަށް އީމާންވެ އެކަލާނގެއަށް އަޅުކަންކޮށް ނަމާދު ޤާއިމްކުރުން.
2. އެކުވެރިކަމާއެކު މަޝްޥަރާކުރުން.
3. ފަޤީރުންނަށް އެހީވުން.

އައްޝޫރާ ސޫރަތުގެ 38 ވަނަ އާޔަތުގައި މިކަންކަން ބަޔާންކުރައްވާފައި ވެއެވެ. އެއާޔަތުގައި ވެއެވެ. (وَالَّذِينَ اسْتَجَابُوا لِرَبِّهِمْ وَأَقَامُوا الصَّلاةَ وَأَمْرُهُمْ شُورَى بَيْنَهُمْ وَمِمَّا رَزَقْنَاهُمْ يُنفِقُونَ) މާނައީ، ''އަދި އެބައިމީހުންނަކީ، އެބައިމީހުންގެ ވެރި ރަސްކަލާނގެއަށް އިޖާބަދީ އަދި ނަމާދު ޤާއިމްކުރި މީހުންނެވެ. އަދި އެބައިމީހުންގެ ކަންތައްތައް އެބައިމީހުންގެ މެދުގައިވަނީ މަޝްޥަރާގެ މަތިންނެވެ. އަދި ތިމަންރަސްކަލާނގެ އެބައިމީހުންނަށް ދެއްވި ތަކެތީން އެބައިމީހުން ހޭދަކުރެއެވެ.'' މިއާޔަތުން އެނގޭ ގޮތުގައި ޝޫރާއަކީ، އިޖުތިމާޢީ އެއްބައިވަންތަކަމުގެ އެއްރުކުނެވެ. މި ރުކުނުގެ ނަމުން ކީރިތި ޤުރުއާނުގެ އައްޝޫރާ ސޫރަތަކަށް ނަންދެއްވާފައިވާކަމީ، މާތްﷲ މިރުކުން މަތިވެރި ކުރައްވާފައިވާ ކަމުގެ ދަލީލެކެވެ.

މާތްވެގެންވާ އިސްލާމްދީނުގައި ޝޫރާގެ ނިޒާމު ޝަރުޢުކުރައްވާފައިވާ ކަމުގެ އަނެއް ދަލީލަކީ، އާލުޢިމްރާން ސޫރަތުގެ 159 ވަނަ އާޔަތެވެ. އެއާޔަތުގައި ވެއެވެ. (فَبِمَا رَحْمَةٍ مِّنَ اللَّهِ لِنتَ لَهُمْ وَلَوْ كُنتَ فَظًّا غَلِيظَ الْقَلْبِ لاَنفَضُّواْ مِنْ حَوْلِكَ فَاعْفُ عَنْهُمْ وَاسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِي الأَمْرِ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللَّهِ إِنَّ اللَّهَ يُحِبُّ الْمُتَوَكِّلِينَ) މާނައީ، ''ފަހެ، އެބައިމީހުންނަށް ކަލޭގެފާނު އޯގާތެރިވެވަޑައިގަތީ، ﷲގެ ޙަޟްރަތުން ލެއްވި ރަޙުމަތެއްގެ ސަބަބުންނެވެ. އަދި ހިތްޕުޅު ހަރުކަށި، ޚުލްޤުފުޅު ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނު ވިނަމަ، ކަލޭގެފާނުގެ އަރިހުން އެބައިމީހުން ވަކިވެގެން ހިނގައްޖައީހެވެ. ފަހެ، އެބައިމީހުންނަށް ކަލޭގެފާނު ޢަފޫކުރައްވާށެވެ. އަދި އެބައިމީހުންނަށް ފާފަފުއްސެން އެދި ދަންނަވާށެވެ. އަދި ކަންތަކުގައި ކަލޭގެފާނު އެމީހުންނާ މަޝްޥަރާ ކުރައްވާށެވެ. ފަހެ، ކަލޭގެފާނު ކަމަކާމެދު ކަލޭގެފާނު ޢަޒުމު ކަނޑައަޅުއްވައިފިނަމަ، ފަހެ، ކަލޭގެފާނު ﷲގެ ޙަޟްރަތަށް ޥަކީލުކުރައްވާށެވެ. ހަމަކަށަވަރުން، ޥަކީލުކުރާ މީހުންދެކެ ﷲ ލޯބިވެ ވޮޑިގެންވެއެވެ.''

މައްކާގައި އިސްލާމްދީނަށް ގޮވާލުމުގެ ދަޢުވަތު ފެށުނީއްސުރެ، ކިރިތި ޤުރުއާނުގައި ޝޫރާގެ ނިޒާމަށް ދެއްވާފައިވާ އަހަންމިއްޔަތުގެ މިންވަރު، މިދެންނެވި ދެ އާޔަތުން ވަރަށް ބޮޑަށް އެބަ ފާޅުވެއެވެ. މިހެނީ، އެއީ އިސްލާމީ މުޖުތަމަޢު ބިނާކުރުމުގެ މަންހަޖެވެ. އަދި އިސްލާމްދީނުގެ އިޖުތިމާޢީ ނިޒާމުގެ ތަރަހައެވެ. މައްކާއަށްފަހު، މަދީނާގައި އިސްލާމީ ދައުލަތުގެ ބިންގާ އެޅުނީއްސުރެ، ވެރިކަމުގެ ނިޒާމު ނުވަތަ ދުސްތޫރީ ނިޒާމުގެ އަސާސަކީ ޝޫރާއެވެ.


2. ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ ސުންނަތުގައި

ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އެއްވެސް ކަމެއްގައި މަޝްޥަރާ ކުރުން ދޫކޮށް ނުލައްވާކަން ސާބިތުވާ ނައްޞުތައް، އިތުރު އެކަލޭގެފާނުގެ ސުންނަތުގައި ބަޔާންވެފައި ވެއެވެ. އޭގެ ތެރެއިން އެއްނައްޞުގައި އަބޫހުރައިރަތުގެފާނު ވިދާޅުވެފައިވެއެވެ. ''ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ)، އިތުރު އެކަލޭގެފާނުގެ އަޞްޙާބުބޭކަލުންނާ މަޝްޥަރާ ކުރެއްވި ވަރަށް، އެއްވެސް މީހަކު އެމީހެއްގެ އެކުވެރިންނާ މަޝްޥަރާ ކުރެއްވިތަން ތިމަންކަލޭގެފާނު ދެކެވަޑައި ނުގަންނަވަމެވެ.''

އަދިވެސް ރިވާވެފައިވެއެވެ. ދެ ޝޭޚުންނާ މަޝްޥަރާ ކުރެއްވުމަށް، ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އަބަދުވެސް ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވިއެވެ. ދެ ޝޭޚުންނަކީ، އަބޫބަކުރުގެފާނާއި ޢުމަރުގެފާނެވެ. އަލްއިމާމު އަޙުމަދު ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ. (لو اجتمعتما على رأي ما خالفتكما) މާނައީ، ''ތިޔަ ދެ ބޭކަލުން (އެބަހީ: އަބޫބަކުރުގެފާނާއި ޢުމަރުގެފާނު) ކަމަކާމެދު އެއްބަސްވެވަޑައިގެންފިނަމަ، ތިމަންކަލޭގެފާނު ތިޔަ ބޭކަލުންނާ ޚިލާފުވެވަޑައި ނުގަންނަވާނަމެވެ.'' އެހެންވީމާ، ޝޫރާގެ ހަމަތަކުގެ މަތިން ޢަމަލުކުރުން ކަށަވަރުކޮށްދެއްވާފައިވާ ކަމާއި އަދި އެއާ ތަބާވުމަކީ ޥާޖިބެއްކަމާއި ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ މި ޙަދީޘުން އެބަ އެނގެއެވެ.


3. ޝޫރާގެ މަފުހޫމް

ޝޫރާއަކީ، އެހެން މީހަކާ ނުވަތަ އެހެން ބަޔަކާ މަޝްޥަރާކޮށްގެން ކުރަންޖެހޭ ކަންކަމުގައި، ތިމާގެ އަމިއްލަ ރައުޔުގެ މައްޗަށް ޢަމަލު ނުކުރުމެވެ. އެކެއްގެ ރައުޔުން ކަމެއް އޮޅުންފިލާވަރަށްވުރެ ބޮޑަށް ދެމީހެއް ނުވަތަ އެއަށްވުރެ ގިނަ ބަޔެއްގެ ރައުޔުން އޮޅުންފިލާނެއެވެ. އަދި ކަމަކާމެދު މަޝްޥަރާ ކުރުމަކީ، އެކަމުގައިވާ އޮޅުންތައް ފިލުވާދޭ ކަމެކެވެ. ތަފާތު އޭންގަލްތަކުން އެކަމާމެދު ނަޒަރު ހިންގުމުގެ މަގުވެސް ފަހިކޮށްދޭ ކަމެކެވެ. އެއީ މަޝްޥަރާގައި ބައިވެރިވާ ތަފާތު މީހުން ސަމާލުކަންދޭ ތަފާތު ދާއިރާތަކުގެ ތެރެއިން އެ ކަމެއް ފުރޭނިގެން އަންނައިރުގައެވެ. ތަފާތު މީހުންގެ ޚިޔާލާއި ވިސްނުމާއި މަޢުލޫމާތާއި ސަގާފީ ފިކުރު ތަފާތުވާނެއެވެ. އެހެންވީމާ، ގިނަބަޔަކު ކަމަކާމެދު މަޝްޥަރާކޮށް ގޮތެއް ނިންމައިފިނަމަ، އެ ނިންމި ގޮތް ބިނާވެފައިވާނީ، އެކެއްގެ ވިސްނުމުން ނިންމާ ނިންމުމަށްވުރެ ޝާމިލުކަން ބޮޑު ތަޞައްވުރެއްގެ މައްޗަށެވެ. ފަހެ، މަޝްޥަރާކުރުމަކީ، އިންސާނާ އޭނާގެ ބުއްދިއަށް އެހެން މީހުންގެ އެހެން މީހުންގެ ބުއްދިތައް އިތުރުކުރުމެވެ. އަދި އޭނާއަށް ލިބިފައިވާ މަޢުލޫމާތާއި ޢިލްމުގެ ތެރެއަށް އެހެން މީހުންގެ މަޢުލޫމާތާއި ޢިލްމު އިތުރުކުރުމެވެ.

ޝޫރާއަކީ، ކަންކަމާމެދު ގޮތެއް ނިންމުމުގެ އިދާރީ މަންހަޖެވެ. ޝޫރާއަކީ، ޚުދުމުޚުތާރު ރައުޔުގެ އިދިކޮޅެވެ. ޝޫރާގެ ހަމަތަކުގެ މަތިން މަޝްޥަރާކުރުމުން، ކަމަކާމެދު ގޮތެއް ނިންމުމުގެ ކުރިން ޚިޔާލުތައް މުއްސަނދިވެގެން ދެއެވެ. ޝޫރާއަކީ، ވަކިވަކި ފަރުދުންނަށާއި މުޅި މުޖުތަމަޢަށާއި ދައުލަތަށް އެންމެ ފައިދާހުރި ގޮތެއް ހޯދުމަށްޓަކައި ދެވޭ ދަޢުވަތެކެވެ. ފަހެ، އެއީ ވަކިވަކި ފަރުދުންނަށް ތަރުބިއްޔަތެކެވެ. ޖަމާޢަތްތަކަށް މަންހަޖެކެވެ. ޝޫރާއަކީ، އިސްލާމް ދީން ގެނެސްދީފައިވާ ސިޔާސީ ނިޒާމުގެ އަސާސީ ރުކުނެކެވެ.


4. އިސްލާމްދީނުގައި ޝޫރާގެ އިންތައް

ޝޫރާގެ އިންތައް، ކީރިތި ޤުރުއާނާއި ޠާހިރު ސުންނަތުގައި ވާރިދުވެފައި ވެއެވެ. ނައްޞަކުން ބަޔާންކުރައްވާފައިވާ ކަމަކާމެދު އިޖުތިހާދު ކުރުމާއި މަޝްޥަރާކުރުމެއް ނެތެވެ. ނައްޞަކުން ބަޔާންކުރައްވާފައިވާ ކަމެއްގައި އިޖުތިހާދުކުރެވޭނީ، ހަމައެކަނި އެ ނައްޞުގެ މަފުހޫމާއި އޭގެ ތަފުސީރާ މެދުގައެވެ. އަޞްޙާބު ބޭކަލުންނާ ކުރިމަތިވެވަޑައިގަންނަވާ މައްސަލަތަކާމެދު، އެބޭކަލުންވަނީ ސީދާ ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ އަރިހަށް ސުއާލު ހުށަހަޅުއްވާފައެވެ. އެކަލޭގެފާނު ދެއްވާ ޖަވާބަކީ މާތްﷲގެ އެންގެވުން ކަމަށްވަނީނަމަ، އިތުރު ސުއާލެއްނެތި އެއާ އެއްގޮތަށް އެބޭކަލުން ޢަމަލުކުރެއްވިއެވެ. އެ ޖަވާބަކީ، ރައުޔެއް ކަމަށް ވަނީނަމަ، އެއާމެދު މަޝްޥަރާ ކުރެވެއެވެ. އެއީ ހަނގުރާމައިގެ އުކުޅެއްކަމަށްވަނީނަމަ، އެއާމެދު ވާހަކަދެކެވި، އެއާ އެއްބަސްވާ ރައުޔާއި އެއާ އިދިކޮޅުހަދާ ރައުޔު ހުށަހެޅި އެއަށް ކަނުލާ އަޑުއެހެއެވެ. މުސްލިމުން އެއިން ރައުޔަކާ އެއްބަސް ވެއްޖެނަމަ، ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އެކަން ޤަބޫލުފުޅުކުރައްވައެވެ. މުސްލިމުން އެއާ އިދިކޮޅު ހަދައިފިނަމަ، ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އެކަން ޤަބޫލުފުޅު ކުރައްވައެވެ.

އަޅުކަމުގެ ކަންތައްތަކަކީ، އެއާމެދު ޚިޔާލުފާޅުކޮށް މަޝްވަރާކުރުން އޮތް ކަންތައްތަކެއް ނޫނެވެ. އަޅުކަމުގެ ތެރޭގައި ހިމެނޭކަމެއް ނައްޞަކުން ނޫން ގޮތަކަށް ސާބިތުކޮށްދިނުމަކީ، ހުއްދަ ކަމެއް ނޫނެވެ. މިހެނީ، މާތްﷲގެ ޙަޟްރަތަށް އަޅުކަން ކުރެވޭނީ އެކަލާނގެ ޝަރުޢުކުރައްވާފައިވާ ގޮތަށެވެ. ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ބަޔާންކޮށްދެއްވާފައި ނުވާ ކަމެއް، އަޅުކަމުގެ ތެރޭގައި ކޮށްފިމީހަކަށް އެކަމުން ޘަޥާބެއް ނުލިބޭނެއެވެ. އިތުރު އެކަލޭގެފާނުގެ ޙަދީޘެއްގައި ވެއެވެ. (من عمل عملا ليس عليه أمرنا فهو رد) މާނައީ، ''ތިމަންކަލޭގެފާނު ކުރެއްވި ކަންތައްތަކުގެ ތެރޭގައި ނުހިމެނޭ ކަމެއް ކޮށްފި މީހާއެވެ. ފަހެ، އޭނާއަށް އެ ރައްދުކުރެވިއްޖެއެވެ.''

މަޝްޥަރާކުރުން އޮތީ، އެކަމަކާމެދު ކަނޑައެޅިގެން ވަކި ނައްޞެއް ބަޔާންކުރައްވާފައި ނުވާ ކަންކަމުގައެވެ. އެފަދަ ކަންކަމުގެ ތެރޭގައި، މުސްލިމުންގެ ޢާއްމު އަދި ޚާއްޞަ މަޞްލަޙަތާ ގުޅުންހުރި ކަންކަމާއި އެބައިމީހުންނާއި އެހެން މީހުންނާ ދެމެދުގައިވާ ގުޅުމުގެ ކަންތައްތައް ހިމެނެއެވެ. އޭގެ މިސާލަކީ، އިސްލާމީ ދައުލަތް ނުވަތަ އިސްލާމީ ޖަމާޢަތްތަކާއި އެހެން މީހުންނާ ދެމެދުގައި އޮންނަ ގުޅުން ހަމަޖައްސައިދޭ ސިޔާސީ ކަންތައްތަކެވެ. ސުލްޙަވެރިކަމުގައި ތިބޭއިރާއި އެއްބައިވެގެން ތިބޭއިރާއި އަދި ހަނގުރާމަކުރާއިރު އޮންނަ ގުޅުންތައް މީގެ ތެރޭގައި ހިމެނެއެވެ. ހަމައެފަދައިން އިދާރީ ކަންކަމާއި އިޤުތިޞާދީ ކަންކަމާއި ސަރުކާރު ހިންގޭގޮތް ބެލެހެއްޓުމުގެ ކަންކަމާއި އަދި އިސްލާމްދީން ފެތުރުމަށްޓަކައި ބޭނުންކުރާނެ ވަސީލަތްތަކާ ބެހޭ ކަންކަން ވެސް މި ދެންނެވި މިސާލުގެ ތެރޭގައި ޝާމިލުވެއެވެ. މިހެނީ، މިފަދަ ކަންތައްތައް ކުރަންވީ ގޮތް ބަޔާންކޮށްދެއްވާފައިވާ ނައްޞެއް ނެތެވެ. އެހެންވީމާ، މިފަދަ ކަންތައް ކުރަންވީ ގޮތެއް އީޖާދުކުރެވޭނީ ޝޫރާގެ ހިޔަލުގައެވެ. ޢުމަރުގެފާނު ވިދާޅުވާ ކަމަށް ވާރިދުވެފައިވެއެވެ. (لاَ خَيْرَ فِي أمْرٍ أُبْرِمَ مِنْ غَيْرِ شُورَى) މި ބަސްފުޅުގެ ދޭހައަކީ، ''މަޝްޥަރާކުރުމެއްނެތި ކޮށްފި ކަމެއް މޮޅެއް ނުވާނެއެވެ.''


5. ޝޫރާގެ މުހިންމުކަން

ފަހެ، ޝޫރާއަކީ، ކޮންމެ މީހަކަށްވެސް އޭނާގެ ޙަޔާތުގައި ކޮންމެހެން އެއަށް ބޭނުންޖެހޭ އެއްޗެކެވެ. ފިރިއަކަށް އޭނާގެ ގޭގައި ޝޫރާއަށް ބޭނުންވެއެވެ. ޞުލްޙަ މަސަލަސްކަން ޤާއިމުކުރަން އުޅޭ މީހަކަށް ވެސް އެއީ ނުހަނު ބޭނުންތެރި އެއްޗެކެވެ. މީހަކަށް އޭނާގެ ޙަޔާތުގައި ޙައްލުކުރަންޖެހޭ މައްސަލައެއް ދިމާވެއްޖެނަމަ، ދެކަމަކުން އޭނާ އެހީތެރިކަން ލިބިގަންނަން ޖެހެއެވެ. އެދެކަމަކީ:

1. މާތްﷲގެ ޙަޟްރަތަށް އިސްތިޚާރާކުރުން.
2. ތަޖުރިބާލިބިފައިވާ އިތުބާރުހުރި މީހުންނާ މަޝްޥަރާކުރުން.

ދިރިއުޅުމުގެ މައިދާނުގައި ޢާއިލާގެ ކަންތައްތައް ރޭވުމަށް އިސްލާމްދީން ގޮވަލަނީ، މަޝްޥަރާކުރުމާއި ރުހިޤަބޫލުވުމުގެ މައްޗަށެވެ. މަޝްޥަރާކުރުމަކީ، އިސްލާމީ މުޖުތަމަޢާއި އިސްލާމީ ދައުލަތުގައި ރައްޔިތުންނަށާއި ސަރުކާރަށް ނުހަނު ބޭނުންތެރި އެއްޗެއްކަމަށް ކީރިތި ޤުރުއާނުގައިވަނީ ކަނޑައަޅުއްވާފައެވެ.


6. އިސްލާމްދީނުގެ ކުރީކޮޅުގައި ޝޫރާ ތަންފީޛުކުރެވުނު ގޮތް

ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ވަނީ، އިތުރު އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނާ މަޝްޥަރާ ކުރައްވާފައެވެ. އިތުރު އެކަލޭގެފާނު ކުރައްވާފައިވާ މަޝްޥަރާތަކުގެ ތެރޭގައި އަންނަނިވި ކަންތައް ހިމެނެއެވެ.


6.1. ބަދުރު ހަނގުރާމަ

- ބަދުރު ހަނގުރާމައަށް ނުކުތުމާމެދު އަޞްޙާބު ބޭކަލުންނާ، ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) މަޝްޥަރާ ކުރެއްވިއެވެ.
- އަދި ހަނގުރާމައަށް ނުކުމެވަޑައިގެންނެވުމަށްފަހުގައި ވެސް އެކިއެކި ކަންކަމާމެދު އިތުރު އެކަލޭގެފާނު އެބޭކަލުންނާ މަޝްޥަރާ ކުރެއްވިއެވެ. އެގޮތުން ހަނގުރާމަ ކުރުމަށް ފައިބާނެ ތަނަކާމެދު އެބޭކަލުންނާ މަޝްޥަރާކުރައްވައި އަލްޙުބާބު ބިން މުންޛިރުގެ ރައުޔާ އެއްގޮތަށް ޢަމަލުކުރެއްވިއެވެ.

6.2. އުޙުދު ހަނގުރާމައިގައި

- ޢަދުއްވުންނާ ހަނގުރާމަކުރާނެ ގޮތަކާމެދު އަޞްޙާބުބޭކަލުންނާ މަޝްޥަރާކުރެއްވިއެވެ.
- އަދި ހަނގުރާމައަށް ނުކުތުމާ ނުވަތަ މަދީނާގައި ރައްކާތެރިވެގެން ތިބުމާ، މި ދެގޮތުންކުރެ ގޮތެއް ނިންމެވުމަށް އެބޭކަލުންނާ މަޝްޥަރާކުރެއްވިއެވެ.


6.3. އަޙުޒާބު ހަނގުރާމައިގައި

- ސަލްމާނުލްފާރިސީ ދެންނެވި ލަފާފުޅުގެ މައްޗަށް ބުރަވެވަޑައިގެން، ޚަންދަޤު ކޮންނެވިއެވެ.
- އަދި ޣަޠްފާންގެ މީހުންނާއެކު ޞުލްޙަ ޤާއިމްކުރެއްވުމަށްޓަކައި މަދީނާގެ މޭވާގެ ތިންބައިކުޅަ އެއްބައި އެމީހުންނަށް ދިނުމާމެދު މަޝްޥަރާކުރެއްވިއެވެ.


6.4. ހަވާޒިންގެ މީހުން އަސީރުކުރުމުގައި

- އެބައިމީހުން އިސްލާމްވުމުން، އެބައިމީހުން ދޫކޮށްލުމާމެދު އަޞްޙާބުބޭކަލުންނާ މަޝްޥަރާކުރެއްވިއެވެ.


6.5. ޙުދައިބިއްޔާގައި

- މުޝްރިކުންނާ ހަނގުރާމަކުރުމާމެދު ގޮތެއް ނިންމެވުމަށްޓަކައި އަޞްޙާބު ބޭކަލުންނާ މަޝްޥަރާކުރެއްވިއެވެ.


6.6. ޠާއިފު ޙިޞާރުކުރުމުގައި

- ޙިޞާރުކުރުން ދެމެހެއްޓުމާއި ނުވަތަ ދޫކޮށްލާފައި ދިއުމާ، މިދެ ގޮތުންކުރެ ގޮތެއް ނިންމެވުމަށް މަޝްޥަރާ ކުރެއްވިއެވެ.


މިދެންނެވި ކަންކަމުގެ އިތުރުން، އިތުރު އެކަލޭގެފާނުގެ އަމިއްލަފުޅު ކަންކަމުގައި ވެސް އަޞްޙާބު ބޭކަލުންނާ މަޝްޥަރާކުރައްވާފައިވެއެވެ. އޭގެތެރެއިން އެއްކަމަކީ، ޙާދިޘުލްއިފްކް ގެ މައްސަލައެވެ.


7. ހަތަރު ޚަލީފާއިންނާއި އެބޭކަލުންނަށްފަހުގައި

އަޞްޙާބުބޭކަލުން، ޝޫރާ ތަންފީޒުކުރެއްވުމުގައި ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އާ އިޤުތިދާވެވަޑައިގެންނެވިއެވެ.

7.1. ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ސުވަރުގެވަޑައިގެންނެވުމުން، އިތުރު އެކަލޭގެފާނުގެ ޚަލީފާކަމަށް އިސްކުރާނެ ބޭކަލަކާމެދު ޚިލާފު އުފެދުނެވެ. މިކަމުގެ ސަބަބަކީ، ކީރިތި ޤުރުއާނުގައި މިކަންކުރާނެ ގޮތެއް ނައްޞުން ބަޔާންކުރައްވާފައި ނުވާކަމެވެ. އަދި ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ވެސް އިތުރު އެކަލޭގެފާނަށްފަހުގައި އިސްކުރަންވީ ޚަލީފާއަކީ ކޮން ބޭކަލެއްކަން ބަޔާންކޮށްދެއްވާފައެއް ނެތެވެ. ކީއްތޯއެވެ. ޚަލީފާއަކު އިޚުތިޔާރުކުރާނެ ވަކި ގޮތެއްވެސް ބަޔާންކޮށްދެއްވާފައެއް ނެތެވެ. އެހެންކަމުން، މުހާޖިރިއްޔަ ބޭކަލުންގެ ތެރެއިން ބަޔަކު އެއްތަނަކަށް އެއްވެ ކަންކުރަންވީ ގޮތަކާމެދު މަޝްޥަރާކުރެއްވިއެވެ. އެމަޝްޥަރާއިން ޚަލީފާކަމަށް އިޚުތިޔާރުކުރެވުނީ، އަބޫބަކުރުގެފާނެވެ. އަދި އަބޫބަކުރުގެފާނުވަނީ، އަޞްޙާބުބޭކަލުންނާ މަޝްޥަރާކުރައްވައި އެކަލޭގެފާނަށްފަހު ޢުމަރުގެފާނު ޚަލީފާކަމަށް އިސްކުރެއްވުމަށް ނިންމަވާފައެވެ. އަދި ޢުމަރުގެފާނު ވެސް ކަންކުރެއްވީ އެގޮތަށެވެ. ޚަލީފާކަމަށް އިސްކުރެއްވުމަށް ފެނިވަޑައިގަންނަވާ ހަބޭކަލަކު އެކަލޭގެފާނު ހުށަހެޅުއްވިއެވެ. އޭގެ ތެރެއިން އިޚުތިޔާރުކުރެވުނީ، ޢުޘްމާނުގެފާނެވެ.

އަބޫބަކުރުގެފާނުގެ ޚިލާފަތުގައި، މުރުތައްދުވީ މީހުންނާ ހަނގުރާމަކުރެއްވުމަށް އެކަލޭގެފާނު ނިންމެވީ ވަރަށް ފުޅާ ދާއިރާއެއްގައި އަޞްޙާބުބޭކަލުންނާ މަޝްޥަރާކުރެއްވުމަށްފަހުގައެވެ.

ފަހެ، އަބޫބަކުރުގެފާނު، ޝޫރާގެ މަޖިލިސް އުފެއްދެވިއެވެ. އެމަޖިލީހުގައި ހިމެނިވަޑައިގެންނެވީ މުހާޖިރިއްޔަ ބޭކަލުންނާއި އަންޞާރިއްޔަ ބޭކަލުންގެތެރޭގައި އިސްކޮށް ތިއްބެވި ބޭކަލުންނެވެ. މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް ހަމަޖެހިފައި އޮތް ގޮތަކީ، ނަމާދަށްފަހު، ޢުމަރުގެފާނު މިންބަރަށް އަރާވަޑައިގެން، އެތަނުގައި ހުންނަވައިގެން މަޝްޥަރާކުރަންވީ މައްސަލަ ހުށަހެޅުއްވުމެވެ. ދެން އެމައްސަލައާމެދު ބަޙުޘްކޮށް މަޝްޥަރާކުރުމެވެ.

7.2. ޢުމަރުގެފާނުގެ ޚިލާފަތުގައި، އެކަލޭގެފާނު، ޥާލީންނާއި ލަޝްކަރުގެ ޤާއިދުން އިޚުތިޔާރުކުރައްވާފައިވަނީ، ޝޫރާގެ މަޖިލީހަށް ހުށަހަޅުއްވައިގެން އެމަޖިލީހުގެ މަޝްޥަރާގެމަތިންނެވެ. އަދި ދައުލަތުގެ އެކިއެކި ކަންކަމަށް ވެރިން ޢައްޔަން ކުރައްވާފައިވަނީ ވެސް ހަމަ އެއުޞޫލުންނެވެ.

7.3. ޢުޘްމާނުގެފާނާއި ޢަލީގެފާނު ވެސް ވަނީ، ޝޫރާގެ އުޞޫލާ ތަބާވެވަޑައިގެންފައެވެ. އަދި އަޞްޙާބުބޭކަލުންވަނީ، އެކިއެކި ކަންކަމުގައި އެބޭކަލުންނަށް ފެނިވަޑައިގަންނަވާ ގޮތްތައް ހުށަހެޅުއްވުމަށް ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވާފައެވެ. ދައުލަތުގައި ހިނގާ ކަންކަމާމެދު ޚިޔާލުފާޅުކުރައްވައި ބައެއް ކަންކަމާމެދު އެބޭކަލުން އިދިކޮޅު ހައްދަވާފައި ވެއެވެ. އެގޮތުގެމަތިން އެބޭކަލުންވަނީ އެކިއެކި ކަންކަމާމެދު މަޝްޥަރާކުރައްވައި އެކަންކަން މުރާޖަޢާކުރައްވާފައެވެ.

7.4. މިސާލެއްގެ ގޮތުން ޢުމަރުބިން ޢަބްދުލް ޢަޒީޒު ކަންކުރެއްވިގޮތް ފުދެއެވެ. އެކަލޭގެފާނުގެ ޚަލީފާކަމުގެ ދުވަސްވަރު، ދައުލަތުގެ އެންމެހައި ކަންކަމެއް ހިންގެވުމުގައި ޝޫރާއަކީ އަސާސީ އުޞޫލެއްކަމުގައި ހަމަޖެއްސެވިއެވެ.


8. ޤަރާރެއް ފާސްކުރުމުގައި ޝޫރާގެ އަހަންމިއްޔަތު

މިޒަމާނުގެ މުނައްޒަމާތަކުގައި ޤަރާރުތައް ފާސްކުރުމުގެ އެންމެ މުހިންމު އެއް މީޒާއަކީ ކަންކަމުގެ އަހުލުވެރިންގެ ޚިޔާލާއި ލަފާ ހޯދުމާއި އެމީހުންނާ މަޝްޥަރާކުރުމެވެ. މާތްވެގެންވާ އިސްލާމްދީނުގައި ވަނީ މި އުޞޫލު މާކުރިން ގެނެސް ދެއްވާފައެވެ. އުންމަތުގެ ހުރިހައި ކަމެއް ރާވައި އިންތިޒާމުކޮށް ހިންގުމުގައި ޝޫރާގެ މަތިވެރި އުޞޫލާ ތަބާވުމަށް އިސްލާމްދީނުގައިވަނީ އަންގަވާފައެވެ.

ޝޫރާގެ ހަމަތަކުގެ މަތިން ކަންކުރުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމުގައި ނުވިނަމަ، ކީރިތި ޤުރުއާނުގައި ނަމާދު ޤާއިމްކުރުމާއި ޒަކާތްދިނުމާ އެކަން ގުޅުވާލައްވާފައެއް ނުވާނެއެވެ. މި ބަޙުޘްގައި އިސްވެ ބަޔާންވެދިޔަ، އައްޝޫރާ ސޫރަތުގެ 38 ވަނަ އާޔަތުގައި ވަނީ، ނަމާދު ޤާއިމްކުރުމާއި ޒަކާތް ދިނުމާ، ޝޫރާއާ ގުޅުވާލައްވާފައެވެ.

ބުއްދިއާއި ތަޖުރިބާއާއި ޢިލްމުގެ ގޮތުން އެންމެހައި މީސްތަކުންނީ ހަމަހަމަ ބަޔެއް ނޫނެވެ. އެހެންކަމުން އެއްބަޔަކު އަނެއް ބަޔެއްގެ ވިސްނުމާއި ފިކުރާއި ތަޖުރިބާއާއި ޢިލްމު، އަނެއް ބަޔަކާ ޙިއްޞާކުރުމަށްޓަކައި ޝޫރާގެ އުޞޫލާ ތަބާވާން ޖެހެއެވެ. ތަރުބަވީ މުއައްސަސާއެއްގައި ޝޫރާގެ އުޞޫލާ ތަބާވެއްޖެނަމަ މިދަންނަވާ ކަންތައްތައް ކާމިޔާބުކުރެވެއެވެ.

1. މާތްﷲގެ އެންގެވުމަކަށް ބޯލަނބައި ކިޔަމަންގަތުން. (އައްޝޫރާ ސޫރަތުގެ 38 ވަނަ އާޔަތުގައިވާ އެންގެވުން)
2. ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ ސުންނަތުގައިވާ ގޮތާ ތަބާވެ، ސުންނަތުގައިވާ ގޮތަށް ޝޫރާ ތަންފީޛުކުރުން.
3. ފާސްކުރާ ޤަރާރުގެ ފުރިހަމަކަމާއި ސާބިތުކަމާއި މަޤުބޫލުކަން އިތުރުވެގެން ދިއުން.
4. ވެރިންނާއި ވެރިންނާއެކު މަސައްކަތްކުރާ މުއައްޒަފުންގެ ދެމެދުގައްޔާއި މުޖުތަމަޢާއި ސްކޫލާ ދެމެދުގައި އޮންނަ
އިތުބާރު ބޮޑުވުން.
5. އިސްވެ ޙަރަކާތްތެރިވާނެ ޤާއިދުންގެ މައުހިބާތައް ފާޅުވުމާއި ތަރުބަޥީ މުއައްސަސާތައް ހިންގުމުގައި އެމީހުންގެ
ބޭނުން ހިފުމުގެ މަގު ތަނަވަސްވުން.
6. ފާސްކުރެވޭ ޤަރާރުތައް ކާމިޔާބުކަމާއެކު ތަންފީޛުކުރުމުގެ މަގު ތަނަވަސްވުން.
7. ތަރުބަޥީ މުއައްސަސާގައި މަސައްކަތްކުރާ މުއައްޒަފުންގެ މަޢުނަވީ ރޫޙު އިތުރުވެ، އިންސާނީ ގުޅުންތައް
ބަދަހިވުން.
8. މަޝްޥަރާގެ މައްޗަށް ބިނާވެފައިވާ ޤަރާރަކީ، މުއައްސަސާގައި މަސައްކަތްކުރާ މުއައްޒަފުން ފަޚުރުވެރިކަމާއި
އުފަލާއެކު ބަލައިގަންނާނެ އެއްޗެއްކަމުގައިވުން. އަދި އެންމެ އެދެވޭގޮތަށް އެ ތަންފީޒުކުރުމަށްޓަކައި އެބައިމީހުން
މަސައްކަތްކުރުން.


9. ނިންމުން

މި ކަރުދާހުގައި ބަޔާންވެދިޔަ ކަންކަމުގެ އަލީގައި ބުނެވޭނީ، ޝޫރާއަކީ، ޤަރާރުތައް ފާސްކުރުމާއި އިދާރާތައް ހިންގުމުގެ މަންހަޖު ކަމުގައެވެ. ޝޫރާއަކީ، އެންމެ މީހެއްގެ ރައުޔަށް ޢަމަލުކުރުމާއި ޚުދު މުޚުތާރުކަމާ އިދިކޮޅެވެ. ޝޫރާގެ ހިޔަލުގައި ޚިޔާލުތައް ތަނަވަސްވެ، މައްސަލަތަކަށް މުނާސިބުވެގެންވާ ޙައްލުތައް ފެނެއެވެ.

ޝޫރާއަކީ ހަމައެކަނި ގައުމުތަކުގެ ވެރިން، ޤައުމުތައް ހިންގުމުގައި ބޭނުންކުރަން އޮތް އެއްޗެއް ނޫނެވެ. ކީއްތޯއެވެ. ޝޫރާއަކީ، ކޮންމެ ފަރުދަކަށް ވެސް ނުހަނު ބޭނުންތެރި އެއްޗެކެވެ. ޢާއިލާތައް ބިނާކުރަންވީ، ޝޫރާގެ ބިންގަލުގެ މަތީގައެވެ. އާދޭހެވެ. ޝޫރާއަކީ، އިސްލާމީ މުޖުތަމަޢާއި އިސްލާމީ ދައުލަތުގެ ޙަޔާތުގެ ބިންގަލެވެ. އެއީ އިސްލާމީ މުޖުތަމަޢުގެ ހައިބަވެތި ބިނާ އާރާސްތުކުރުމަށް ކީރިތި ޤުރުއާނުގައި ކަނޑައަޅުއްވާފައިވާ އަސާސީ ޢުންޞުރެކެވެ.

ޥައްސަލާމު ޢަލައިކުމް ޥަރަޙުމަތުﷲ.