އަންހެނަކު ނުވާ ކަމުގައި ހެކިވަން



1.
އަންހެނަކު ނުވާކަމުގައި ހެކިވަން،
ތިޔަ ނޫނީ!
ރަނގަޅަށް ގޭމު ކުޅެން އެނގިފައިވީ،
ކުޑަ ކުއްޖަކު ގެންގުޅެފައިވީ،
ޢަޤުދެއް ވަންދެން ފާއިތުވީ.
ނިޔަފަތި ކުރުކޮށްދިން،
ފޮތްތައް ގެންގުޅެދިން،
މީހަކު ނެތް ނާސަރީއަށް ގެންގޮސްދިން،
ތިޔަ ނޫނީ!

2.
އަންހެނަކު ނުވާކަމުގައި ހެކިވަން،
ލޯގަނޑުގައިވި ފޮޓޯއެއްފަދައިން،
އުޅުމާ، ގުޅުމާ، ވިސްނުން،
އަދި ޢަޤުލާއި ޖުނޫން،
އަހުރެންނާ އެއްގޮތްވީ،
ތިޔަ ނޫނީ!
އަހުރެން ފަދައިން،
އަވަހަށް ފޫހިވެދާ،
އަވަހަށް ރައްޓެހިވާ،
ތިޔަ ނޫނީ!
އަންހެނަކު ނުވާކަމުގައި ހެކިވަން،
އަހުރެންގެ ހިތުން އެއްބައި ލިބިގެންވީ،
ތިޔަހެން އަހުރެން އިސްތިޢުމާރުކުރާ،
ތިޔަހެން އަހުރެން މިނިވަންކޮށްދޭ،
ތިޔަ ނޫނީ!

3.
އަންހެނަކު ނުވާ ކަމުގައި ހެކިވަން،
ދެމަހުގެ ކުއްޖެއް ފަދައިން،
އަހުރެން ގެންގުޅެފައިވީ،
ތިޔަ ނޫނީ!
ދޫނީގެ ކިރުން ކިރުދިން،
މަލުގައިވާ އަރަގުން ފޮނިދިން،
ކުޅިވަރުގައިވި މަޖާ ރޫޙު ވެސް ދިން،
ތިޔަ ނޫނީ!
އަންހެނަކު ނުވާ ކަމުގައި ހެކިވަން،
އަހުރެންނަށް، ކަނޑު ފަދައިން ދީލަތިވީ،
ޅެންތައް ފަދައިން މަތިވެރިވީ،
އުފަލެއް ދީގެން ހެއްވީ،
ރުޅިއެއް އަރުވައި ރޮއްވީ،
ތިޔަ ނޫނީ!
އަންހެނަކު ނުވާ ކަމުގައި ހެކިވަން،
ޅަޢުމުރު ފަންސާހަށް ގެންގޮސްދިން،
ތިޔަ ނޫނީ!

4.
އަންހެނަކު ނުވާ ކަމުގައި ހެކިވަން،
ޖިންސު ލަޠީފުންނީ މީޔޭ،
ބުނުމަށް ކެރިގެންވީ،
ކައުނުގެ މަރުކަޒު ފޫޅުގަ ވީ،
ތިޔަ ނޫނީ!
އަންހެނަކު ނުވާ ކަމުގައި ހެކިވަން،
ގަސްތައް އޭނާ ފަހަތުން ހިނގަމުންދާ،
އަދި ދޫނިތައް އޭނާގެ އަތުން ފެން ބޯ،
އަދި ޅަ ބަކަރި އޭނާގެ އަތުން ހުއިކާ،
ތިޔަ ނޫނީ!
އަންހެނަކު ނުވާ ކަމުގައި ހެކިވަން،
އަންހެންވަންތަކަން ދެބަހުން ބުނެދީ،
ފިރިހެންވަންތަވުމަށް މަގު ދައްކައިދިން،
ތިޔަ ނޫނީ!

5.
އަންހެނަކު ނުވާ ކަމުގައި ހެކިވަން،
ކަނައަތު މޭގައި ވަގުތާއި ޒަމާން ހިފަހައްޓައި،
ވައަތު މެއިން ރިވޮލިއުޝަންތައް ގެނުވައިދިން،
ތިޔަ ނޫނީ!
އަންހެނަކު ނުވާ ކަމުގައި ހެކިވަން،
ދުނިޔެ ހިނގާ ހަމަތައް ކުރިއަރުވައިދީ،
ނުބަޔާ ހެޔޮ ވަކިކޮށްދިން،
ތިޔަ ނޫނީ!

6.
އަންހެނަކު ނުވާ ކަމުގައި ހެކިވަން،
ޢިޝްޤު ހިނގާ ހިނދު ގަދަވާ،
ޒިލްޒާލެއް ފަދައިން ވެރިވާ،
އަދި އަލިފާނުން އަންދާލާ،
ފުން ކަނޑުތެރެޔަށް ޣަރަޤުކުރާ،
ފަޅި ހަނދު ބުރަޔަށް ދެފަޅިކުރާ،
ތިޔަ ނޫނީ!
އަންހެނަކު ނުވާ ކަމުގައި ހެކިވަން،
އަބަދަށް އަހުރެން އިސްތިޢުމާރުކުރާ،
ތިޔަ ނޫނީ!
އެކަމަކު ހަންހާރަވި އިސްތިޢުމާރެއް،
މި ނަފުސުގައި ރުވަމުންދާ ބާރެއް،
ޝާމުގެ ފިނިފެންމާ،
ވަސްމީރުވި ނަޢުނާޢާ،
ރަހަމީރު އޮރެންޖާ!
އަހުރެންގެ ސުއާލާ ހާސަރުތައް،
އޭނާ ބޮލު އިސްތަށިގަނޑުގެ ދަށަށް ލަން،
ނަމަވެސް ނުދެޔެ ޖަވާބެއް ދުވަހަކު ވެސް،
ބަސްތައް މިވަނީ ވާހަކަ ދައްކަން،
ނަމަވެސް ފިރުމާލުން ވީ ބުއްދިން!

7.
އޭނާގެ ދެލޯ ކަނޑު ފަދަޔޭ،
ދީލަތިވި ދެއަތް އުއް ފަދަޔޭ،
އެކުގައިވުން ދުވަހަކު ވަކި ނުވެޔޭ،
ލިބިފައިވާ ދޮންކަން ރިހި ފަދަޔޭ،
ބިއްލޫރީގެ އޮމާންކަން ގައިގަ ވެޔޭ.
އަންހެނަކު ނުވާ ކަމުގައި ހެކިވަން،
އުނަގަނޑުގައި އެލިފަ ޒަމާންތައްވީ،
އެތަކެއް ތަރިއެއް އޭގެ ވަށައިގެން ދައުރުކުރާ،
ތިޔަ ނޫނީ!
އަންހެނަކު ނުވާ ކަމުގައި ހެކިވަން،
އޭނާ އުނގުގައި، ތަރުބިއްޔަތުވުން ވީ،
އިހު މީހާ ފަދައިން ފަހު މީހާ ވެސް ވީ،
ތިޔަ ނޫނީ!

8.
އޭނާ ފެންހެން ޝައްފާފޭ،
ރިވެތިކަމާ ޢަދުލުން ފުރިފައިވޭ،
ވިދުވަރުގެ އުޖާލާކަން މޫނުގަވޭ،
އަބަދަށް ޅަޢުމުރު ލިބިފައިވޭ.
އަންހެނަކު ނުވާ ކަމުގައި ހެކިވަން،
ހޮހަޅުގެ ޙުކުމުން މިނިވަންވީ،
ތިޔަ ނޫނީ!
އެއުރެން އަޅުކަންކުރި ބުދުތައް މުގުރައިލީ،
އެއުރެން އީމާންވި ވަހުމްތައް ނައްތައިލީ،
އަދި ހޮހަޅުގެ ވެރިކަން ވައްޓައިލީ،
ތިޔަ ނޫނީ!
އަނިޔާވެރި ޚަންޖަރުތައް އައިހިނދު،
ބައްދަލު ކުރުމަށް އޭނާ މޭ ދިއްކޮށްލީ.
އެކަމަށް މި ހިތުގެ ލޯބި ވެދުންކޮށްލީ،
އިޙުސާންތެރިކަން ލޯބިންނެ އަދާކޮށްލީ.

9.
އަންހެނަކު ނުވާ ކަމުގައި ހެކިވަން،
އެދި ހުރި ފަދައިން އައިކަމުގައިވީ،
ބޭނުންވި ވަރަށްވުރެ އިސްތަށިގަނޑު ދިގުވީ،
ފަރުމާކުރި ފަދައިން މޭމަތިވީ،
ތިޔަ ނޫނީ!
އަންހެނަކު ނުވާ ކަމުގައި ހެކިވަން،
ދުން އަރުވައިފިއްޔާ،
އޭގެ ވިލާތަކުގެ ތެރެއިން ބޭރަށްދާ،
އަދި އަހުރެން ވިސްނަން އިނދެފިއްޔާ،
ފިކުރު ތެރޭން ކޮތަރެއް ފަދައިން އުދުހިފަ ދާ،
ތިޔަ ނޫނީ!
ލިޔުނީމެ ތިބާއާ މެދު ޅެން ފަރިހީގެ ފޮތެއް،
އޭގައިވީ ނަލަ ރާގަށް ނެތް ނުލެނބޭނެ ހިތެއް،
ނަމަވެސް، ...
ވީމެ ތިބާ ހުރިހައި ޝިޢުރަށްވުރެ ރީތި ކަމަށް!

10.
އަންހެނަކު ނުވާ ކަމުގައި ހެކިވަން،
އަހުރެންނަށް ތަހުޒީބީ ލޯބި ނިކަން ދީ،
ތިންވަނަ ދުނިޔޭގެ ތެރޭން އަހުރެން ނެރެދިން،
ތިޔަ ނޫނީ!
އަންހެނަކު ނުވާ ކަމުގައި ހެކިވަން،
އަހުރެންނަށް ގޮށް މޮހެލައިދީ،
ހަށިގަނޑު އަހުރެންގެ ސަގާފަތްކޮށްދީ،
ރާގުފުމޭ އޮނަކާ އެކު ވާހަކަ ދައްކާހެން،
އަހުރެންނާ ވާހަކަ ދައްކައިދިން،
ތިޔަ ނޫނީ!
އަންހެނަކު ނުވާ ކަމުގައި ހެކިވަން،
ތިޔަ ނޫނީ!
ތިޔަ ނޫނީ!
ތިޔަ ނޫނީ!