ސުމުއްވުލް އަމީރު އިބްރާހިމް ނާޞިރު


އެމަނިކުފާނަކީ، ދިވެހިރާއްޖޭގެ ދެވަނަ ރައީސުލް ޖުމްހޫރިއްޔާއެވެ. އެމަނިކުފާނުގެ ރައީސްކަމުގެ ދައުރު ދެމިއޮތީ، 11 ނޮވެމްބަރ 1968 އިން 11 ނޮވެމްބަރ 1978 އަށެވެ. ތިރީގައި މިވަނީ، އެމަނިކުފާނާބެހޭ އެކިއެކި މަޢުލޫމާތެވެ.

ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ: 2 ސެޕްޓެމްބަރ 1926 މ.

ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ: ނޮވެމްބަރ 22 2008 މ. (82 އަހަރުގައި)

ކާވެނި ބައްލަވައިގަތް ބޭކަނބަލުން:
އައިޝާ ޒުބޭރު (ތުއްތު ދޮން ގޮމަ)
މަރިޔަމް ސައީދު ދީދީ
ނަސީމާ މުޙައްމަދު ކަލޭފާނު


ލިބިވަޑައިގެންނެވި ބޭފުޅުން:
އަހްމަދު ނާޞިރު
އަލީ ނާޞިރު
މުޙައްމަދު ނާޞިރު
އައިޝާ ނާޞިރު
އިސްމާއިލް ނާޞިރު


ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު އުފަންވެވަޑައިގަތީ 2 ސެޕްޓެމްބަރު 1926 ގައި ދިވެހިރާއްޖޭގެ ވެރިރަށް ފުރަމާލޭގައެވެ. އެ މަނިކުފާނަކީ، އިބްރާހީމް ދޮށިމޭނާ ކިލެގެފާނުންގެ ތުއްތު ދޮންދީދީގެ އަޙްމަދުދީދީގެ އިބްރާހީމް ނާޞިރެވެ. އެމަނިކުފާނަކީ ދިވެހިރާއްޖޭގެ ބޮޑުވަޒީރުކަމާއި ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ ސަރުކާރުގެ ވަރަށް ގިނަ މަޤާމުތަކެއް ފުރުއްވާފައެވެ.


ޙަޔާތްޕުޅުގެ ކުރީކޮޅު:

އިބްރާހީމް ނާޞިރަކީ، ތުއްޕުޅު އިރު ވަރަށް ދަތި ޙާލުކޮޅުގައި އުޅުއްވާން ޖެހިވަޑައިގަތް ބޭފުޅެކެވެ. ނަމަވެސް ފަހުން އައިސް އެމަނިކުފާނު ބަލަހައްޓަވައި ގެންގުޅުއްވީ އަދި ބޮޑުފުޅުވާންދެން ބެލެހެއްޓެވީ، ވެލާނާގޭ އަލްފާޟިލް މުޙައްމަދު އިބްރާހީމްދީދީއެވެ. އެއީ، އެމަނިކުފާނުގެ ބޮޑުބޭބެއެވެ. އިބްރާހީމް ނާޞިރަކީ، ވަރަށް ސާދާ ބޭފުޅެކެވެ. ކިޔަވަން އުޅުއްވީ އޮޅުދޫކަރައިގެ ސޯސަންވިލާގައެވެ. އެމަނިކުފާނުގެ މިޒާޖުގައިވާ ގޮތުގެ މަތީން އެމަނިކުފާނަކީ ތެދުވެރި، އިޚްލާޞްތެރި، މީހުނަށް އޯގާވެރި ބޭފުޅެކެވެ. ޚިޔާނާތްތެރިކަމާއި ދޮގުހެއްދެވުމަކީ އެމަނިކުފާނުގެ ކިބައިގައި މުޅިން ނެތް ކަމެއް ކަމަށް އެމަނިކުފާނު ދަންނަ ގިނަ މީހުން ބުނެ އުޅެއެވެ.


ބޮޑުވަޒީރުކަން ލިބިވަޑައިގަތުން:

އިބްރާހީމް ނާޞިރަށް ބޮޑުވަޒީރުކަން ލިބިވަޑައިގަތީ ދިވެހިރައްޖޭގެ ބޮޑުވަޒީރުކަމުގެ މަޤާމުގައި އޭރު ހުންނެވި ސުމުއްވުލްއަމީރު އިބްރާހީމް ފާމުދޭރި ކިލެގެފާނު އިސްތިއުފާދެއްވުމުންނެވެ. ކިލެގެފާނު އިސްތިއުފާ ދެއްވީ 11 ޑިސެމްބަރު 1957 މ. ގައެވެ. ހަމަ މިދުވަހު ހަވީރު ރަދުންގެ އަމުރުފުޅަށް ރައްޔިތުންގެ މަޖްލީހުގެ ޚާއްޞަ ޖަލްސާއެއް ބޭއްވުނެވެ. މިމަޖްލީހަށް ކިލެގެފާނުގެ އިސްތިއުފާގެ މައްސަލަ ހުށަހެޅިއްޖެއެވެ. މަޖްލީހުގެ އިއްތިފާގުން ފާސްވީ އިސްތިއުފާ ޤަބޫލުކުރުމަށެވެ. ހަމަ މި މަޖްލީހުގައި އިބްރާހީމް ނާޞިރު ހުށަހަޅުއްވައިގެން އިބްރާހީމް ޝިހާބު ތާއީދު ކުރައްވައިގެން ސުމުއްވުލްއަމީރު އިބްރާހީމް ފާމުދޭރި ކިލެގެފާނަށް "ޞާޙިބުއްރިފްޢާ" ގެ ލަޤަބު ލިބިވަޑައިގެންފިއެވެ. އަދި ސަރުކާރުގެ އެއްމެ މަތީ އެޑްވައިޒަރުގެ ޝަރަފުވެރިކަން ވެސް ދެއްވައިފިއެވެ. އަދި އޮތް މުސާރަފުޅުގައި (މަހަކަށް އެއްހާސް ފަސްސަތޭކަ ރުފިޔާ) ކާރުކޮޅު ވެސް ހަމަ އޮތް ގޮތަށް އޮވެގެން ޢިއްޒަތްތެރިކަމާއެކު ހުންނެވުމަށް ފާސްވެއްޖެއެވެ. އެހެންނަމަވެސް ކިލެގެފާނު ބޮޑުވަޒީރު ކަމުގައި ވެސް އޭގެފަހުގައި ވެސް ކާރުކޮޅަކަށް ނާރުއްވައެވެ. ދެންނެވި ދިޔަ ރައްޔިތުންގެ މަޖްލީހުގައި އޮނަރަބްލް އިބްރާހީމް ޝިހާބު ހުށަހަޅުއްވާ ކުނޑިގޭ އަލްފާޟިލް ޢަބްދުއްލަޠީފު ތާއީދު ކުރައްވައިގެން އަލްފާޟިލް އިބްރާހީމް ނާޞިރު ބޮޑުވަޒީރަކަށް ޢައްޔަން ކުރައްވައިފިއެވެ. އަދި އެކަމުގެ ޤާނޫނީ ލަފާ ކީރިތި މަހާރަދުންނަށް ދަންނަވައިފިއެވެ. ކީރިތި މަހާރަދުން މިކަން ޤަބޫލު ކުރެއްވުމުން ޞާޙިބުއްސަޢާދާ އަލްފާޟިލް އިބްރާހީމް ނާޞިރު ދިވެހިރާއްޖޭގެ ބޮޑުވަޒީރަކަށް ވެވަޑައިގަތީއެވެ. މިހާރު އެމަނިކުފާނުގެ ނަންފުޅަކީ ޞާޙިބުއްދައުލާ އަލްފާޟިލް އިބްރާހީމް ނާޞިރެވެ.

އޮނަރަބްލް ޝިހާބު ލިޔުއްވާ ގޮތުގައި އެމަނިކުފާނު ވަޒީރުލްއަޢުޡަމް (ބޮޑުވަޒީރު) ކަމުގެ ޤާނޫނީ ހުވާ ކުރެއްވީ މަތިގެއަށް އެއްކުރެވުނު ޚާއްޞަ މަޖްލީހެއްގައި ކީރިތި މަހާރަދުންގެ ކުރިމަތިފުޅުމަތީގައެވެ. އެ މަޖްލީހުގައި އެ މަނިކުފާނުންގެ ކެބިނެޓުގެ މެންބަރުންވެސް ހުވާ ކުރިއެވެ. ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވީ 12 ޑިސެމްބަރު 1957 މ. ގައެވެ.


އަންހެނުންނަށް ފުރިހަމަ މިނިވަންކަން ލިބުން:

އަންހެނުންނަށް އެއްވެސް ހިފެހެއްޓުމެއްނެތި މާފުޅާ ދާއިރާގައި އަޅާހިތްވާ ކޮންމެ ހެދުމެއް އަޅައިގެން އުޅުމުގެ ފުރިހަމަ މިނިވަންކަން ލިބުނީ އިބްރާހީމް ނާޞިރަށް ބޮޑުވަޒީރުކަން ލިބިވަޑައިގަތުމަށް ފަހުއެވެ. ނާޞިރު ބޮޑުވަޒީރުކަމަށް ވަޑައިގަތް އިރު ދިވެހި އަންހެނުން ތިބީ ފިކުރީ ގޮތުން ވަރަށް ދަށުގައެވެ. ތަޢުލީމީ ގޮތުން އެއަށްވުރެ މާދަށުގައެވެ. ދުނިޔޭގެ އެއްވެސް ތަނެއް ނުފެނެއެވެ. އަޑެއް ނީވެއެވެ. ޓީވީއެއް ނެތެވެ. މިފަދަ ދުވަސްވަރެއްގައި، ބޮޑުވަޒީރު ނާޞިރު ދިވެހި އަންހެނުންނަށް ސަރުކާރުންނާއި ޕްރައިވެޓް ސެކްޓަރުން އެމީހެއްގެ ލަޔާގަތާއި ޤާބިލިއްޔަތު ހުރި މިންވަރަކުން ވަޒީފާތައް ލިބުމުގެ ފުރުޞަތު ހުޅުވާލެއްވިއެވެ.


ދިވެހިރާއްޖެ މިނިވަންކުރެއްވުމުގައި:

މިއަދު މިދެކޭ މިނިވަންކަމުގެ ޙަޤީޤި ބާނީ އަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ނާޞިރެވެ. ދިވެހި ޤައުމަށް 1965 ގެ މިނިވަންކަން ލިބިފައިވަނީ ނާޞިރު ކުރެއްވި ބުރަ މަސަތްކަތްޕުޅުންނެވެ.

މިނިވަންކަމުގެ އުފާވެރި ހިނިތުންވުންތަކުގައި މިއަދު ދިވެހިރާއްޖެ އޮތް ނަމަވެސް އެ މިނިވަންކަން ހޯއްދެވުމަށް ނާޞިރު މަސައްކަތްޕުޅު ކުރެއްވީ ވަރަށް ގޮތްދޫ ނުކުރައްވާ ސިޔާސަތެއްގައެވެ.

އިނގިރޭސި ދައުލަތާއި ދިވެހި ސަރުރާކާރާ ދެމެދު ދެކެވުނު މިނިވަންކަމުގެ ވާހަކަތަކުގެ މެދުވެރިއަކަށް އުޅުއްވި އަންނަބީލު ޢަބްދުއްސައްތާރު މޫސާދީދީ ހަވީރު ނޫހަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވެފައިވަނީ "ނާޞިރު އެދުވަސްވަރު އެވަރުން މަސައްކަތް ނުކުރެއްވި ނަމަ 1965 ގެ މިނިވަން ކަމެއް އެހާއަވަހަކަށް ރާއްޖެއަކަށް ނުލިބުނީސް" އެވެ.

އަންނަބީލު ޢަބްދުއްސައްތާރު، އެ ދުވަސްވަރުގެ ކަންތައް ހިގައިދިޔަ ގޮތް ސިފަކުރައްވަމުން ވިދާޅުވީ "އަޅުގަނޑާ ސީދާ ނާޞިރުވެސް ގުޅުއްވާނެ. އަޅުގަނޑަށް ޖެހޭނެ އެދުވަހެއްގަ އެދެކެވުނު ވާހަކަތައް ނާޞިރަށް ދަންނަވަން. ދެން ނާޞިރު ދެއްވާ ޖަވާބު ދެން އޮންނަ ޖަލްސާއެއްގައި އަޅުގަނޑު ދަންނަވަނީ. އޭރަކު މިހާރު މިހުންނަހެން މުއާޞަލާތީ ފަސޭހަތަކެއް ނުހުރޭ އަޅުގަނޑުމެން މެސެޖްތައް ފޮނުވަނީ ވަޔަރލެސްގެ ޒަރީޢާއިން" ނެވެ.


ވެރިކަން ނިމުން:

ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމަށް ފަހު ދިވެހިރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތީ އަލްއުސްތާޛު މައުމޫނު އަބްދުލްޤައްޔޫމެވެ. އޭރު އަލްއުސްތާޛު މައުމޫނު އަބްދުލްޤައްޔޫމު ހުންނެވީ ޓްރާންސްޕޯރޓް މިނިސްޓަރުގެ މަޤާމުގައެވެ.


މަޢުލޫމާތުގެ މަޞްދަރު:
http://dv.wikipedia.org/wiki/Ibrahim_Nasir