ސުވަރުގޭގެ ނަންފުޅުތައް


ސުވަރުގޭގެ ދޮރުކޮޅުތަކުގެ ޢަދަދަކީ، އަށެއްކަމަށް ދަލީލު ލިބޭ ޙަދީޘްފުޅުތައް ވެއެވެ.

ޠާޢަތާއި ނަމާދާއި ރޯދައާއި ޖިހާދާއި އެނޫން ހެޔޮކަންކަމުގެ ނަމުން ނަންދެއްވާފައިވާ ސުވަރުގޭގެ ދޮރުކޮޅުތައް ހިމެނޭ ޙަދީޘްފުޅުތަކެއް ބަޔާންކުރެއްވުމަށްފަހު، ޤުރުޠުބީ ވިދާޅުވެފައި ވެއެވެ. "މިއިން ދަލީލު ލިބޭ ގޮތުގައި، ސުވަރުގޭގެ ދޮރުކޮޅުތަކުގެ ޢަދަދު، އަށަކަށްވުރެ ގިނައެވެ. އެހެނީ، އެ ދޮރުކޮޅުތަކުގެ ޢަދަދު ތޭރައަށް އެބަ އަރައެވެ."

ސުއާލަކީ، އެ ދޮރުކޮޅުތައް ވަނީ، އެއް ސުވަރުގޭގައިތޯއެވެ؟ ނުވަތަ އެއީ އެތައް ސުވަރުގެއެއްތޯއެވެ؟

އެއީ ދަރަޖައިގެ ގޮތުން ތަން ތަފާތުވާ ޙާލު، އެއް ލެވެލެއްގައިވާ ސުވަރުގެތަކެއް ތޯއެވެ؟ ނުވަތަ އެއީ، ފަންގިފިލާތަކެއްގެ ސިފައިގައިވާ ސުވަރުގެތަކެއްތޯއެވެ؟

ޙަދީޘްފުޅެއްގައި ވެއެވެ. (إِذَا سَأَلْتُمُ اللَّهَ فَاسْأَلُوهُ الْفِرْدَوْسَ الأعْلَى) މާނައީ، "ތިޔަބައިމީހުން، ﷲ ގެ ޙަޟުރަތުގައި ސުވަރުގެއަށް އެދޭ ހިނދު، މަތިވެރިވެގެންވާ ފިރުދައުސް ދެއްވުމަށް، އެކަލާނގެ ޙަޟުރަތުގައި ދަންނަވާހުށިކަމެވެ." މި ޙަދީޘްފުޅުގައި މިވާ، މަތިވެރިކަމަކީ، ތަނުގެ ގޮތުން މަތިވެރިވުންތޯއެވެ؟ ނުވަތަ އެއީ، ދަރަޖައިގެ ގޮތުން މަތިވެރިވުންތޯއެވެ؟
މި ސުއާލުތަކުގެ ޖަވާބުތައް ދެނެވޮޑިގެންވަނީ ގަދަ ކީރިތި ވަންތަ މާތް ﷲ އެވެ. އަޅުގަނޑުމެންނަކަށް އެޔެއް ނޭގެއެވެ.

އެއް ސުވަރުގެއަށްވުރެ ގިނަ ސުވަރުގެ ވާކަމަށް ދަލީލު ލިބޭ އާޔަތްތައް ކީރިތި ޤުރުއާނުގައި ވެއެވެ. ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވަނީ، (جَنَّات) މިފަދައިންނެވެ. މާނައީ ސުވަރުގެތަކެވެ. މާތ ްﷲ ޥަޙީކުރައްވާފައި ވެއެވެ. (وَلِمَنْ خَافَ مَقَامَ رَبِّهِ جَنَّتَانِ) (އައްރަޙުމާން: 46) މާނައީ، "އެމީހާގެ ވެރިރަސްކަލާނގެ ޙަޟުރަތުގައި ހުންނަންޖެހޭ ހުރުމާމެދު، ބިރުވެތިވެއްޖެ މީހާއަށް ދެ ސުވަރުގެ ހުށްޓެވެ." އަދި އެހެން އާޔަތެއްގައި ވެއެވެ. (وَمِن دُونِهِمَا جَنَّتَانِ) (އައްރަޙުމާން: 62) މާނައީ، "އަދި އެ ދެ ސުވަރުގެ ފިޔަވައި ދެ ސުވަރުގެ ވެއެވެ."

ކީރިތި ޤުރުއާނާއި ޙަދީޘްފުޅުތަކުގައި، ސުވަރުގޭގެ ސިފަފުޅުތައް ބަޔާންކުރައްވާފައި ވެއެވެ. އެއް ސުވަރުގޭގެ ގޮތުގައްޔާއި ގިނަ ސުވަރުގެ ތަކުގެ ގޮތުގައެވެ. ގިނަ ސުވަރުގެތަކުގެ ގޮތުގައި ބަޔާންކުރައްވާއިރު، ސުވަރުގެތަކަށް ނަންތައް ވެއެވެ. އެގޮތުން ހަތް ނަންފުޅެއް ވާރިދުވެފައި ވެއެވެ. އެއީ، ޖަންނާތު ޢަދުން، ދާރުއްސަލާމް، ދާރުލްޚުލްދި، އަލްފިރުދައުސް، ޖަންނަތުލްމައުވާ، ޖަންނަތުއްނަޢީމް، ދާރުލްއިޖުލާލި މިއެވެ. އިބްނު ޢައްބާސްގެފާނާއި އެކަލޭގެފާނުގެ އިތުރުން ބައެއް ޢިލްމުވެރިން އިޚުތިޔާރުކުރައްވާފައިވަނީ މިނަންފުޅުތަކެވެ.

ޢިލްމުވެރިންގެ ތެރެއިން ގިނަ ބޭކަލުން ދެކެވަޑައިގަންނަވާ ގޮތުގައި، ސުވަރުގެތަކުގެ ޢަދަދު ހަތަރެކެވެ. އެ ބޭކަލުން ދަލީލު ދައްކަވަނީ، އައްރަޙުމާން ސޫރަތުގެ ނަންގަނެވިދިޔަ ދެ އާޔަތުންނެވެ. މާތް ﷲ ގެ ޙަޟުރަތަށް ބިރުވެތިވެއްޖެ މީހަކަށް ދެ ސުވަރުގެ ލައްވާފައި ވެއެވެ. އެއީ، ޖަންނަތުއްނަޢީމާއި ޖަންނަތުލްމައުވާ އެވެ. އަނެއް ދެ ސުވަރުގެއަކީ، ޖަންނަތު ޢަދުނާއި ޖަންނަތުލްފިރުދައުސް އެވެ.

ދެންފަހެ، އަޅުގަނޑުމެން އީންވުން ވާޖިބުވެގެންވަނީ، މާތް ﷲ ގެ އަޅުތަކުންގެ ތެރެއިން މުއުމިނުންނަށް ދަރުމައާއި ޘަޥާބު ދެއްވުމަށްޓަކައި، ސުވަރުގޭގެ ނަމުގައި ތަނެއް ތައްޔާރުކުރައްވާފައިވާ ކަމަށެވެ. ދުވަހަކު ވެސް މީހެއްގެ ލޮލަށް ނުފެންނަ، އަދި ކަންފަތަށް އަޑު ނީވޭ، އަދިކިއެއްތަ، ދުވަހަކު ވެސް މީހެއްގެ ހިތަށް ވެސް ނާރާ ތަކެތި ސުވަރުގޭގައި ލައްވާފައި ވެއެވެ. އެތަކެތި ލިބިގަތުމަށް ހިތްތައް ޝައުޤުވެރިވާނެއެވެ. އަދި އެތަކެތި ފެނުމުން ލޯތަކަށް އެއިން އަރާމާއި ލައްޒަތު ލިބޭނެއެވެ.

އައުލާކަން ބޮޑީ، އެއީ އެއް ސުވަރުގެ ކަމަށްވިޔަސް، އަދި ގިނަ ސުވަރުގެތަކެއް ކަމަށް ވިޔަސް، އެކަން މާތް ﷲ ގެ ޢިލްމުފުޅަށް ދޫކޮށްލުމެވެ. އެތަން މޮޅަށް ދެނެވޮޑިގެންވާނީ އެކަލާނގެއެވެ. އަދި އީމާންކަންމަތީގައި އަޅުގަނޑުމެން މިދުނިޔެއާ ވަކިވެއްޖެނަމަ، އެކަލާނގެ އިޒުނަފުޅާއެކު، އެތަން ފެނިއްޖައުމަށްދާންދެން ތިބުމެވެ.


މަޞްދަރު: ދާރުލް އިފުތާއިލް މިޞްރިއްޔާ