މުސްލިމުންގެ އަބުރާބެހުމުގެ ނުބައިކަން
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ
ޙަދީޘްކުރެއްވިއެވެ.
(سِبَابُ المُسْلِمِ فُسُوقٌ،
وقِتَالُهُ كُفْرٌ)
މާނައީ "މުސްލިމާގެ އަބުރާބެހުމަކީ
ފުސޫޤެކެވެ. އަދި އޭނާއާ ހަނގުރާމަކުރުމަކީ ކުފުރެކެވެ."
ރިވާކުރެއްވީ: ޢަބްދުﷲ ބްނު މަސްޢޫދު، މުޙައްދިޘް:
އަލްބުޚާރީ، މަޞްދަރު: ޞަޙީޙުލްބުޚާރީ، ނަންބަރު: 48،
ޙުކުމް: ޞަޙީޙު.
މި ޙަދީޘް ބަސްފުޅުގެ ޝަރަޙައިގައި
ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. މާތްވެގެންވާ
އިސްލާމްދީނުގައި އަންގަވާފައި ވަނީ، މުސްލިމުންގެ
އަބުރާއި މުސްލިމުންގެ ލޭ ޙިމާޔަތްކުރުމަށެވެ.
މުސްލިމުންނަކީ، އެއް ބަޔަކު އަނެއް ބަޔަކަށް ރަޙުމުކޮށް،
އުޚުއްވަތްތެރިކަމުގެ ގުޅުން ދަމަހައްޓާނެ ބަޔަކަށް
ވުމަށެވެ. މުސްލިމުންނަކީ، އެއް ބަޔަކު އަނެއް ބަޔެއްގެ
އަބުރާއި ޢިއްޒަތުގެ ޙުރުމަތްތެރިކަން ކަނޑައިނުލާނެ
ބަޔަކަށް ވުމަށެވެ.
ބަޔާންވެދިޔަ ޙަދީޘް
ބަސްފުޅުގައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ،
ނަހީކުރައްވާ ފައި ވަނީ، އެއް މުސްލިމަކު އަނެއް
މުސްލިމެއްގެ އަބުރާބެހުމެވެ. އެއް މުސްލިމަކު އަނެއް
މުސްލިމެއްގެ އަގުވައްޓައިލުމަށް މަސައްކަތްކުރުމެވެ.
އިތުރުއެކަލޭގެފާނު ބަޔާންކުރައްވާފައި އެ ވަނީ، އެއް
މުސްލިމެއްގެ އަގުވައްޓައިލުމަށް ޓަކައި، އަނެއް
މުސްލިމަކު ވާހަކަދެއްކުމަކީ، ފުސޫޤުގެ ޢަމަލެއް ކަމަށެވެ.
ފުސޫޤަކީ މާތްﷲ އަށާއި އެކަލާނގެ ރަސޫލާ ޞައްލަﷲ
ޢަލައިހި ވަސައްލަމައަށް އުރެދުމުގެ ތެރެއިން ވާ ކަމެކެވެ.
ފުސޫޤުވުމަކީ، އިތުރުއެކަލޭގެފާނު ނަހީކުރައްވާފައިވާ،
ނުބައިކަން ބޮޑު ޢަމަލެކެވެ. އިސްލާމީ ޝަރުޢުގައި ވަނީ
އެއީ (އެބަހީ: ފުސޫޤަކީ) އުރެދުމަށްވުރެ ނުބައިކަން ބޮޑު
ކަމެއް ކަމަށެވެ. މުސްލިމެއްގެ އަބުރާބެހޭ މީހާއަކީ
ފާސިޤެކެވެ. އަދި މުސްލިމެއްގެ އަގުވައްޓައިލުމަށް
މަސައްކަތްކުރާ މީހާއަކީ ވެސް ފާސިޤެކެވެ.
ބަޔާންވެދިޔަ ޙަދީޘް ބަސްފުޅުގައި ވާ (وقِتَالُهُ كُفْرٌ)
ގެ މާނައަކީ، "އަދި އޭނާއާ (އެބަހީ: މުސްލިމަކާ)
ހަނގުރާމަކުރުމަކީ ކުފުރެކެވެ." ޢިލްމުވެރިން ވިދާޅުވެފައި
ވެއެވެ. މުސްލިމަކާ ހަނގުރާމަކުރުމަކީ ކާފިރުންގެ
ޢަމަލެކެވެ. މުސްލިމަކު މުސްލިމަކާ ހަނގުރާމަކުރީ، އެއީ
ހުއްދަކަމެއް ކަމުގައި ޤަބޫލުކުރާ ޙާލުގައި ނަމަ،
ހަނގުރާމަކުރި މީހާ ކާފިރުވާނެއެވެ.
ހަނގުރާމައިގެ
އެތައް ވައްތަރެއް ވެއެވެ. އޭގެ ތެރޭގައި ހަތިޔާރުން ކުރާ
ހަނގުރާމައާއި، ދުލުން ކުރާ ހަނގުރާމައާއި، ޤަލަމުން ކުރާ
ހަނގުރާމަ ވެއެވެ. މުސްލިމެއްގެ އަގުވައްޓައިލުމަށް ނުވަތަ
މުސްލިމަކު ނިކަމެތިކޮށްލުމަށް، އެއިން އެއްވެސް
ވަސީލަތަކުން ހަނގުރާމައެއް ކުރުމަކީ، އިސްލާމްދީނުގައި
ހުއްދަކަމެއް ނޫނެވެ. އެ ކަން ކޮށްފި މީހާ
ފާފަވެރިވާނެއެވެ. އޭނާ އެ ކަންކުރީ، އެއީ ހުއްދަ ކަމެއް
ކަމުގައި ޤަބޫލުކޮށްގެން ނަމަ، އޭނާ އިސްލާމްދީނުން
ބޭރުވެ، ކާފިރުވާނެއެވެ. އަދި އެ ކަމުގެ ނުބައި ޖަޒާ،
ދުނިޔެއާއި އާޚިރަތުގައި، މާތްﷲ، އޭނާއަށް ދެއްވާނެއެވެ.
މި ޒަމާނުގެ ސޯޝަލް މީޑިއާގައި، މުސްލިމުންގެ
އަބުރާބެހުމާއި، މުސްލިމުންނާ ހަނގުރާމަކުރުމަކީ، ބައެއް
މީހުން ކުރާ ކަމެކެވެ. އެ ދެ ކަމަކީ ބޮޑުވެގެންވާ ދެ
ފާފައެކެވެ. ޝައިޠާގެ ވަސްވާހަށް ހެއްލި، އެ ދެ ކަމުންކުރެ
ކަމެއް ކޮށްފި މީހާއަކީ ފާފަވެރިއެކެވެ. އޭނާއަށް
ޙައްޤުވެގެންވާ ނުބައި ޖަޒާ، ދުނިޔެ އާއި އާޚިރަތުގައި،
މާތްﷲ، އޭނާއަށް ދެއްވާނެއެވެ.
އަޅަމެންނީ،
މުސްލިމުންގެ އަބުރަށް ޙުރުމަތްތެރިކޮށް ހިތައި،
މުސްލިމުންނާ ހަނގުރާމަނުކުރާނެ ބަޔަކު ކަމުގައި، މާތްﷲ
ލައްވާށިއެވެ! އާމީން.
މަޞްދަރު
https://dorar.net/hadith/sharh/1412