(كَذَّاب) ވާރިދުވެފައިވާ އާޔަތްތައް
ކީރިތި ޤުރްއާނުގެ 5 އާޔަތެއްގައި (كَذَّاب) މި ކަލިމަ
ވާރިދުވެފައި ވެއެވެ. ކީރިތި ޤުރްއާނުގައި މި ކަލިމަ
ވާރިދުވެފައިވަނީ، "ގިނަގިނައިން ދޮގުހަދާ މީހާ" ގެ
މާނައިގައެވެ. މުފައްސިރުން ވިދާޅުވެފައި ވެއެވެ. ދޮގަކީ،
ޙަޤީޤަތާ ޚިލާފު ވާހަކައެވެ.
ތިރީގައި މި ވަނީ، ކީރިތި
ޤުރްއާނުގައި (كَذَّاب) ވާރިދުވެފައި ވާ 5 އާޔަތެވެ.
ފުރަތަމަ އާޔަތް
﴿وَعَجِبُوا أَنْ جَاءَهُمْ مُنْذِرٌ مِنْهُمْ وَقَالَ
الْكَافِرُونَ هَذَا سَاحِرٌ كَذَّابٌ﴾
ޞާދު: 4
މާނައީ "އަދި އެއުރެންގެ ތެރެއިން އިންޛާރު ކުރައްވާ
ބޭކަލަކު، އެއުރެންގެ ގާތަށް ވަޑައިގަތުމުން، އެކަމާ
އެއުރެން ޢަޖާއިބު ވޫއެވެ. އަދި އެ ކާފިރު ވިމީހުން
ބުނޫއެވެ. މިއީ ބޮޑު ދޮގުވެރި ޖާދޫގަރެކެވެ."
މި
އާޔަތުގައި ވާ (كَذَّاب) އަކީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި
ވަސައްލަމައާ ދިމާއަށް، މައްކާގެ މުޝްރިކުން ގޮވި
(كَذَّاب) އެވެ.
ދެވަނަ އާޔަތް
﴿إِلَى فِرْعَوْنَ وَهَامَانَ وَقَارُونَ فَقَالُوا
سَاحِرٌ كَذَّابٌ﴾
ޣާފިރް: 24
މާނައީ "ފިރްޢައުނާއި،
ހާމާނާއި، ޤާރޫނުގެ ގާތަށެވެ. ފަހެ، އެއުރެން ބުނޫއެވެ.
(މިއީ) ބޮޑު ދޮގުވެރި ޖާދޫގަރެކެވެ."
މި އާޔަތުގައި ވާ
(كَذَّاب) އަކީ، ސަލާމްލެއްވި މޫސާގެފާނާ ދިމާއަށް،
ފިރްޢައުނާއި ހާމާނާއި ޤާރޫނާއި އެ މީހުންގެ އަޢުވާނުން
ގޮވި (كَذَّاب) އެވެ.
ތިންވަނަ އާޔަތް
﴿وَقَالَ رَجُلٌ مُؤْمِنٌ مِنْ آلِ فِرْعَوْنَ يَكْتُمُ
إِيمَانَهُ أَتَقْتُلُونَ رَجُلًا أَنْ يَقُولَ رَبِّيَ
اللَّهُ وَقَدْ جَاءَكُمْ بِالْبَيِّنَاتِ مِنْ رَبِّكُمْ
وَإِنْ يَكُ كَاذِبًا فَعَلَيْهِ كَذِبُهُ وَإِنْ يَكُ
صَادِقًا يُصِبْكُمْ بَعْضُ الَّذِي يَعِدُكُمْ إِنَّ
اللَّهَ لَا يَهْدِي مَنْ هُوَ مُسْرِفٌ كَذَّابٌ﴾
ޣާފިރް: 25
މާނައީ "ފިރްޢައުނުގެ ޚާންދާނުގެ މީހުންކުރެ
އީމާންކަން ވަންހަނާކޮށްގެންހުރި މުއުމިނު ފިރިހެނަކު
ބުންޏެވެ. ތިޔަބައިމީހުން ފިރިހެނަކު (އެބަހީ: މޫސާގެފާނު)
ތިޔަ ޤަތުލު ކުރަން އުޅެނީ ތިމަންގެ ވެރިރަސްކަލާނގެއީ،
ﷲއޭ އެކަލޭގެފާނު ވިދާޅުވާތީ ހެއްޔެވެ؟ ހަމަކަށަވަރުން،
އެކަލޭގެފާނު ތިޔަބައިމީހުންގެގާތަށް ވަޑައިގަތީ،
ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފާޅުވެގެންވާ
ހެކިތަކާއިގެންނެވެ. އަދި އެކަލޭގެފާނު ދޮގުވެރިޔެއް
ކަމުގައިވާނަމަ، އެކަލޭގެފާނުގެ ދޮގުގެ ގެއްލުންހުރީ
ހަމައެކަލޭގެފާނަށެވެ. އަދި އެކަލޭގެފާނީ
ތެދުވެރިޔެއްކަމުގައިވާނަމަ، އެކަލޭގެފާނު
ތިޔަބައިމީހުންނަށް އެ ވަޢުދު ކުރައްވާ ކަންތަކުން ބައެއް
ތިޔަބައިމީހުންނަށް ޖެހޭނެތެވެ. ހަމަކަށަވަރުން،
އިސްރާފުކުރާ ބޮޑުދޮގުވެރިޔެއްކަމުގައިވާ މީހަކަށް، ﷲ
ތެދުމަގެއް ނުދައްކަވާނެތެވެ."
މި އާޔަތުގައި މި ވަނީ،
ސަލާމްލެއްވި މޫސާގެފާނު، ދޮގުވެރިކަމުން
ބަރީއަކުރައްވާފައެވެ. އެކަލޭގެފާނަކީ (كَذَّاب) އެއް
ނޫންކަން ބަޔާންކުރައްވާފައެވެ.
ހަތަރުވަނަ އާޔަތް
﴿أَأُلْقِيَ الذِّكْرُ عَلَيْهِ مِنْ بَيْنِنَا بَلْ
هُوَ كَذَّابٌ أَشِرٌ﴾
އަލްޤަމަރް: 25
މާނައީ
"ތިމަންމެންގެ ތެރެއިން، ހަމަ އޭނާޔަށް ވަޙީ
ބާވައިލެއްވީހެއްޔެވެ؟ އަދި ކިއެއްތަ! އޭނާޔަކީ ބޮޑު
ދޮގުވެރި، ބޮޑާ މީހެކެވެ."
މި އާޔަތުގައި ވާ (كَذَّاب)
އަކީ، ސަލާމްލެއްވި ޞާލިޙްގެފާނާ ދިމާއަށް އެކަލޭގެފާނުގެ
ޤައުމުގެ ކާފިރުން ގޮވި (كَذَّاب) އެވެ.
ފަސްވަނަ އާޔަތް
﴿سَيَعْلَمُونَ غَدًا مَنِ الْكَذَّابُ الْأَشِرُ﴾
އަލްޤަމަރް: 26
މާނައީ "ބޮޑު ދޮގުވެރި، ބޮޑާ މީހަކީ
ކާކުކަން މާދަމާ (އެބަހީ: ޢަޛާބު އަންނަ ދުވަހު)
އެއުރެންނަށް ނިކަންހުރެ އެނގޭނެތެވެ."
މި އާޔަތުގައި
ބަޔާންކުރައްވާފައި މި ވަނީ، މާތްﷲ ގެ ޙަޟުރަތުން ޢަޛާބު
އަންނަ ދުވަހު (كَذَّاب) އަކީ ކާކުކަން އެނގޭނެ ކަމަށެވެ.
(كَذَّاب) އަކީ އެކަލާނގެ ފޮނުއްވެވި ރަސޫލުބޭކަލެއް ނޫން
ކަމާއި، (كَذَّاب) އަކީ، އެ ކަލޭގެފާނާ ދިމާއަށް (كَذَّاب)
އޭ ގޮވި މީހާ ކަމުގައި ވާނެ ކަމެވެ.
މި ފަދަ އާޔަތްތަކާމެދު، ފުންކޮށް ވިސްނައި ފިކުރުކުރުމަކީ، ކީރިތި ޤުރްއާން ތަދައްބުރުކުރުމުގެ ތެރެއިން ވާ ކަމެކެވެ. މި އާޔަތްތަކުގައި (كَذَّاب) މި ކަލިމަ ބޭރުވެފައިވަނީ ކޮން ބަޔެއްގެ ދުލުން ކަމާމެދު ނަޒަރު ހިންގައިލަންޖެހެއެވެ. އަދި މާތްﷲ ގެ ޙަޟްރަތުން ޢަޛާބު އަންނަ ހިނދު، (كَذَّاب) ކަމުގައި ވާނީ ކާކު ކަމާމެދު ފިކުރު ހިންގައިލަންޖެހެއެވެ. އެއަށްފަހު، ކާފިރުންގެ މަގުން އެއްކިބާވެގަތުން، މުސްލިމުންނަށް މޮޅު އިތުރުވެގެން ވޭމެއެވެ. ކީރިތި ޤުރްއާނުގެ މޫރިތި އާޔަތްތަކުން ޢިބްރަތް ލިބިގަތުމަކީ އެއީއެވެ.
މަޞްދަރު
ކީރިތި ޤުރްއާން