އަބުލްބަރަކާތި - އަބުއްރިކާބި - އަބުއްތަރިކާތި


ދިވެހިރާއްޖެ އިސްލާމްކުރެއްވި ޔޫސުފުގެ ނަންފުޅުގެ ކުރީގައި ޢަރަބި އަކުރުން ލިޔެވިފައިވާ އަބުލްބަރަކާތި (أبو البركات) އަކީ އެއް ގޮތަށްވުރެ ގިނަ ގޮތަށް ކިޔޭ ޢިބާރާތެކެވެ. މާލޭ ހުކުރު މިސްކިތުގައި ޝިހާބުއްދީނު ރަދުންގެ އަމުރުފުޅަށް ބެހެއްޓުނު ފިލާގައި އެ ޢިބާރާތް ލިޔެވިފައި ވަނީ، ނުކުތާޖެހުމެއް ނެތިއެވެ. އެއް ގޮތަށްވުރެ ގިނަ ގޮތަށް އެ ޢިބާރާތް ކިޔެނީ އެ ސަބަބަށް ޓަކައެވެ. އެ ޢިބާރާތް ކިޔޭ ދެވަނަ ގޮތަކީ އަބުއްރިކާބި (أبو الركاب) އެވެ. އެ ޢިބާރާތް ކިޔޭ ތިންވަނަ ގޮތަކީ އަބުއްތަރިކާތި (أبو التركات) އެވެ.

ޔޫސުފުގެ ނަންފުޅުގެ ކުރީގައި ވަނީ އަބުލްބަރަކާތި (أبو البركات) ކަމުގައި ބަލައިފިނަމަ، މި ޢިބާރާތުގެ މާނައަކީ، "ބަރަކާތުގެ ސާހިބާ" އެވެ. ނުވަތަ "ބަރަކާތުގެ ބާނީ" އެވެ. ނުވަތަ "ބަރަކާތުގެ ބައްޕަ" އެވެ. މި އިން ކޮންމެ ގޮތަކަށް ތަރުޖަމާކުރިޔަސް އެއީ އަބުލްބަރަކާތި (أبو البركات) އެވެ. މީހެއްގެ ނަމުގެ ކުރިއަށް އަބުލްބަރަކާތި (أبو البركات) އިތުރުކުރެވެނީ، ބަރަކާތްތެރި މަސައްކަތެއް އޭނާ ކުރުމުންނެވެ. ނުވަތަ އިސްލާމްދީނަށް އަގުހުރި ޚިދުމަތެއް އޭނާ ކުރުމުންނެވެ. މި ނަޒަރުން ބަލާއިރު، ޔޫސުފު ކުރެއްވި މަސައްކަތްޕުޅަކީ ދިވެހިރާއްޖޭގައި އިސްލާމްދީން ފެތުރުއްވެވުމެވެ. އެއީ ބަރަކާތްތެރި މަސައްކަތްޕުޅެކެވެ. އެހެންކަމުން، އެ ކަލޭގެފާނަށް އަބުލްބަރަކާތި (أبو البركات) ގެ ލަޤަބު ޙައްޤުވެއެވެ.

ޔޫސުފުގެ ނަންފުޅުގެ ކުރީގައި ވަނީ އަބުއްރިކާބި (أبو الركاب) ކަމުގައި ބަލައިފިނަމަ، މި ޢިބާރާތުގެ މާނައަކީ، "ދަތުރުތަކުގެ ވެރިޔާ" އެވެ. ނުވަތަ "ދަތުރުތަކުގެ ސާހިބާ" އެވެ. ނުވަތަ "ދަތުރުތަކުގެ ބައްޕަ" އެވެ. މީހެއްގެ ނަމުގެ ކުރިއަށް އަބުއްރިކާބި (أبو الركاب) އިތުރުކުރެވެނީ، އޭނާ އަކީ ގިނަގިނައިން ދަތުރުކުރާ މީހެއް ކަމުގައި ވާނަމައެވެ. ޚާއްޞަކޮށް ދަތުރުގެ ވެރިއެއްގެ ގޮތުގައި ނުވަތަ މާލިމީއެއްގެ ގޮތުގައި އެ ކަން ކުރުމުންނެވެ. މި ނަޒަރުން ބަލާއިރު، ދިވެހިރާއްޖެ އިސްލާމްކުރެއްވި ޔޫސުފަކީ، ގިނަގުނަ ދަތުރުތައް ކުރެއްވި ބޭކަލެކެވެ. އޭނާ ވަނީ ދިވެހިރާއްޖޭގެ ރަށްތަކަށް ދަތުރުތައް ކުރައްވާފައެވެ. އަދި ދިވެހިރާއްޖެއާއި ޢަރަބިކަރައާ ދެމެދުގައި ވެސް ދަތުރުތައް ކުރައްވާފައެވެ. އެހެންކަމުން، އެ ކަލޭގެފާނަށް އަބުއްރިކާބި (أبو الركاب) ގެ ލަޤަބު ޙައްޤުވެއެވެ.

ޔޫސުފުގެ ނަންފުޅުގެ ކުރީގައި ވަނީ އަބުއްތަރިކާތި (أبو التركات) ކަމުގައި ބަލައިފިނަމަ، މި ޢިބާރާތުގެ މާނައަކީ، "ތަރިކަތަކުގެ ވެރިޔާ" އެވެ. ނުވަތަ "ތަރިކަތަކުގެ ސާހިބާ" އެވެ. ނުވަތަ "ތަރިކަތަކުގެ ބައްޕަ" އެވެ. މީހެއްގެ ނަމުގެ ކުރިއަށް އަބުއްތަރިކާތި (أبو التركات) އިތުރުކުރެވެނީ، އޭނާ އަކީ ފާހަގަކުރެވޭ ފަދަ ބޮޑު ތަރިކައެއް ދޫކޮށްފައިވާ މީހެއް ނަމައެވެ. މި ނަޒަރުން ބަލާއިރު، ދިވެހިރާއްޖެ އިސްލާމްކުރެއްވި ޔޫސުފަކީ، ވަރަށް ބޮޑު ތަރިކައެއް ދޫކުރައްވާފައިވާ ބޭކަލެކެވެ. ދިވެހިރާއްޖެއަށް އެކަލޭގެފާނު ދޫކުރެއްވި ބޮޑު ތަރިކައަކީ އިސްލާމްދީނާ ގުޅިފައިވާ ކަންކަމެވެ. ރާއްޖޭގައި އިސްލާމްދީން ފެތުރުއްވެވީ އެކަލޭގެފާނެވެ. ދިވެހިރާއްޖޭގައި މުސްލިމު އެދުރުން އުފެއްދެވީ އެކަލޭގެފާނެވެ. ދިވެހިރާއްޖޭގެ އިސްލާމީ ސަގާފަތުގެ ބަސްކޮށާރަކީ އެކަލޭގެފާނު ދޫކުރެއްވި ތަރިކައެކެވެ. ދިވެހިރާއްޖޭގެ އިސްލާމީ ސަގާފަތުގައި ހިމެނޭ ހަރުދަނާ ކަންކަމަކީ، އެކަލޭގެފާނު ދޫކުރެއްވާފައިވާ ތަރިކަތަކެކެވެ. އެހެންކަމުން، އެ ކަލޭގެފާނަށް އަބުއްތަރިކާތި (أبو التركات) ގެ ލަޤަބު ޙައްޤުވެއެވެ.

އާދޭހެވެ. ދިވެހިރާއްޖެ އިސްލާމްކުރެއްވީ އަބުލްބަރަކާތި (أبو البركات) އަބުއްރިކާބި (أبو الركاب) އަބުއްތަރިކާތި (أبو التركات) ޔޫސުފު އެވެ. ޔޫސުފުގެ ނަންފުޅުގެ ފަހަތުގައި ވާ އަލްބަރްބަރީ އަކީ އެކަލޭގެފާނު ނިސްބަތްވެވަޑައިގަންނަވާ ސަގާފަތު ބަޔާންކޮށްދޭ ލަފުޒެކެވެ. އެ ލަފުޒަކީ، އައްތަބްރީޒީ ކަމުގައި ބެއްޔަސް، އެއީ އެކަލޭގެފާނު ނިސްބަތްވެވަޑައިގަންނަވާ ސަގާފަތު ބަޔާންކޮށްދޭ ލަފުޒެކެވެ. އަލްބަރްބަރީ އިން އަންގައިދެނީ، އެކަލޭގެފާނަކީ ރޫމީއެއް ނޫން ކަމެވެ. އައްތަބްރީޒީ އިން އަންގައިދެނީ، އެކަލޭގެފާނަކީ ތުރުކީވިލާތަށް ނިސްބަތްވެވަޑައިގަންނަވާ ބޭކަލެއް ކަމެވެ. އެހެނީ، ތަބްރީޒަކީ، ޖިއޮގްރަފީ ގޮތުންނާއި ސަގާފީ ގޮތުން ތުރުކީވިލާތުގެ ބައެކެވެ. އީރާނުން އެ ސަހަރު އިސްތިޢުމާރުކުރީ މާފަހުންނެވެ. ދިވެހިބަހުގެ ދީނީ ބަސްކޮށާރުގައި ހިމެނޭ ނަމާދު އާއި ރޯދަ ފަދަ ބަސްތައް ނިސްބަތްވަނީ، ތަބްރީޒުގެ ބަހަށެވެ.

މަޞްދަރު

ދިވެހިރާއްޖޭގެ ތާރީޚު